ޖޭއެސްސީގެ ބައްދަލުވުމުގައި، މަހާޒު އާއި އަޒްމިރަލްދާ ވަކިކުރަން ނެގި ވޯޓުގައި އެ ކަމާ ދެކޮޅަށް ވޯޓު ދެއްވި ފަނޑިޔާރުން ކަމަށްވާ ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (ކ) އަދި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު
މަހާޒާއި އަޒްމިރަލްދާ ވަކިނުކުރަން ވޯޓު ދެއްވީ 2 ފަނޑިޔާރުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް އިއްޔެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ނެގި ވޯޓުގައި ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް ކޮމިޝަނުގައި ތިއްބަވާ ދެ ފަނޑިޔާރަކު ވޯޓު ދެއްވައިފި އެވެ.
ވީކިހިނެއް؟ - އަޒްމިރަލްދާއާއި މަހާޒު ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގަ އެވެ.
ފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ މެދު ގޮތެއް ނިންމަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ މެންބަރުން ވޯޓު ދިން ގޮތުގެ ތަފުސީލް 'ދައުރު'އަށް ވަނީ ލިބިފަ އެވެ.
ތަފްސީލް - އެ ގޮތުން މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ:
-
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
-
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު
-
ގާނޫނީ ވަކީލުން ތަމްސީލްކުރައްވާ މެންބަރު އަލީ އަބްދުއްލަތީފް
-
ރައީސް މުހައްމަދު މުއިއްޒު ކޮމިޝަނަށް އައްޔަންކުރެއްވި މެންބަރު ޔަޒްމީދު މުހައްމަދު
-
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ނާސިހު
މަހާޒާއި އަޒްމިރަލްދާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ:
-
ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު
-
ދަށު ކޯޓުތައް ތަމްސީލްކުރައްވާ މެންބަރު، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު
ދެން ތިއްބެވި މެންބަރުން ކަން ކުރެއްވި ގޮތް:
-
ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް، ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވުމުން ވޯޓުގައި ބައިވެރިއެއް ނުވޭ
-
ބަންޑާރަ ނައިބު އަހުމަދު އުޝާމް އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައެއް ނުވޭ
-
އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކޮމިޝަނަށް ކަނޑައެޅުއްވި މެންބަރު، ޑރ. އާމިނަތު އުލްމުކުލްސޫމް ވޯޓު ދެއްވީ، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ ކަމަށް
ފަނޑިޔާރު ކަމުން ވަކިކުރުމަށް އިޖުރާއަތް އޮންނަ ގޮތަކީ:
-
ފަނޑިޔާރަކު ވަކިކުރަން ޖެހޭ ކަމަށް ޖޭއެސްސީގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
-
ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން ނިންމީ، ކޮމިޝަނުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުތޯ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބަލައި ދިރާސާކުރުން
-
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފަނޑިޔާރު ވަކިކުރަން ފާސްކުރުން
-
ފަނޑިޔާރު ކަމުގެ މަގާމުން ވަކިވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން:
-
މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް
-
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި
-
ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް
އަޒްމިރަލްދާގެ ފިރިކަލުންނަށް ތުހުމަތުކުރި މައްސަލަ ހިނގި ގޮތް
އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ބަލަން ފެށި އެވެ. އެ މައްސަލަތަކަކީ:
-
ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
-
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
އެނގުން މުހިންމު - އަޒްމިރަލްދާ އާއި މަހާޒުގެ އިތުރުން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ 26 ފެބްރުއަރީގަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މިއަދަށް ދެ މަހަށް ވުރެ ގިނަ ދުވަސް ވީ އެވެ. އެއީ:
-
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
-
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
-
ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައެއްގެ ބެންޗު ވެސް ބަދަލުކުރެވެނީ އޭގައި ހިމެނޭ ފަނޑިޔާރަކު ދުރުވާން ބޭނުންވުމުން ނޫނީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުން ނޫނީ މަގާމުން ވަކިވުމުން
ކޮމެންޓް (4)
ހހގފފ
ސިކުނޑި
އަމީ
ބޯހަލާކު