މި ތޮއްޖެހުމުގެ ހާސްކަން ފިލުވަން 600 މިލިއަން ޑޮލަރު، އަދިވެސް އޮތީ އިންތިޒާރު
މުހިންމު ނުކުތާތައް
ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ފުރަތަމަ ކަނޑައެޅީ 2018އަށް. މަސައްކަތް ފެށިތާ މިހާރު ހަތް އަހަރު ވެއްޖެ
ފުރަތަމަ ބެލީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް، ނަމަވެސް މިހާރު ވަނީ 600 މިލިއަން ޑޮލަަރާ ކައިރިކޮށްފައި
އާ ޓާމިނަލް ހުޅުވޭނެ ކަމަށް އެމްއޭސީއެލްއިން މިހާރު ބުނަނީ އަންނަ ޖުލައި މަހު
ދުނިޔޭގެ ޓޫރިޒަމްގެ މުހިންމު މަންޒިލަކަށް ވެ، ރާއްޖެ މަޝްހޫރުކަން މުޅި ދުނިޔެއަށް ފެތުރުނުތާ އެތައް އަހަރެއް ވީ އިރު ވެސް މިއަދާ ހަމައަށް ވެސް ނުކުރެވުނު ކަމަކީ މެހެމާނުންނަށް ހަމަޖެހިލާނެ ޓާމިނަލެއް ނުދެއްކުމެވެ.
އަހަރަކު އަންނަ ޓޫރިސްޓުންގެ އަަދަދު 2 މިލިއަނަށް އަރައިފި އެވެ. އެ ހުރިހާ އެންމެންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭނުންހިފާ އެންމެންނަށް ވެސް (ސީއައިޕީއަށް ވަންނަ މީހުން ފިޔަވައި) ލިބޭނީ ހާސްކަމެވެ. ބައެއް ދުވަސް ދުވަހު އެ ހާސްކަން އެތައް ތަނެއް ބޮޑުވެ، ރާއްޖެ އައުމާ މެދު ސުވާލު އުފެދޭ ހިސާބަށް ވެސް ކަންކަން ދެ އެވެ.
އެކަމަކު އެ ތޮއްޖެހުމުގެ ހާސްކަން ފިލުވުމުގެ އަގުހުރި މުދަލެއްގެ ގޮތުގައި އާ އިންޓަނޭޝަނަލް ޓާމިނަލް ހަދަން ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުންތަކުގައި ސޮއި ވެސް ކޮށްފި އެވެ. މަޝްރޫއު ފެށިތާ ހަތް އަހަރު ވެ، މި ހިނގަނީ އަށް ވަނަ އަހަރެވެ. ދެ ސަރުކާރު މާޒީވެ، ތިން ވަނަ ސަރުކާރުގެ އަތްމައްޗަށް އެ ޒިންމާ އަރައިފި އެވެ.
ދެން ވެސް އޮތީ އިންތިޒާރެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ބުނީ މިދިއަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ޓާމިނަލް ހުޅުވޭނެ ކަމަށެވެ. އެ ތާރީހު މިހާރު އޮތީ އަަންނަ ޖުލައި މަހަށެވެ.
މިދިއަ މަހު 27 ގައި ވީއައިއޭގެ ޑިޕާޗާ ޓާމިނަލްއަށް ވަދެވުމާ އެކު ކުރީގެ މަންޒަރުތަކުގެ ތެރޭގައި އަޅުގަނޑު ވެސް 'ތާށިވީ' އެވެ. އެ ތޮއްޖެހުމެވެ. މަތިންދާބޯޓުގެ ތާށި ގޮނޑިތަކުގައި އިށީންނަން ވެސް، ޓާމިނަލްގެ އެ ބޮޑު ތޮއްޖެހުމަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅެވެ.
އެތައް ފްލައިޓަކަށް އަރަން ތިބި އެތައް ސަތޭކަ ބަޔަކު ކޮޅަށާއި ގޮނޑިތަކުގަ އާއި ކިއޫތަކުގަ އެވެ. ހަތަރު އުދަރެސް ފެންނަ، ވަށައިގެން އޮތް ހުސްކަމެއްގެ ތެރޭގައި ޗުއްޓީ ހޭދަކޮށްގެން ސިކުނޑިއަށް ލިބުނު ތާޒާކަން ވެސް، ޓާމިނަލްއާ ހަމައިން ނިމުނީ އެވެ. ޝަކުވާތައް އުފެދުނީ އެވެ. 'މިއީ ދުނިޔެ މަތީގެ ސުވަރުގެތޯ' ސުވާލުކުރަން ފެށީ އެވެ.
އެދުވަހު ޗެކިން ކައުންޓަރުގައި ހުއްޓާ ވީއައިއޭގެ އިސް ބޭފުޅަކާ ދިމާވި އެވެ. ނުރަސްމީ ބައްދަލުވުމަކާއި ނުރަސްމީ ސަލާންކުރުމެކެވެ. ކުރި ސުވާލެއް ކުރީ ވެސް އަދި ލިބުނު ޖަވާބެއް ލިބުނީ ވެސް ނުރަސްމީކޮށެވެ. އެ ވާހަކަތަކުގެ ތެރޭގައި އެ ބޭފުޅާ ވެސް ވިދާޅުވީ އެމްއޭސީއެލްއިން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ބުނި ވާހަކަ އެވެ. ޖުލައި މަހު ޓާމިނަލް ހުޅުވޭވަރުވާނެ ކަމަށެވެ.
އެ ބޭފުޅާ ރަނގަޅެވެ. އެހާ މަތީ މަގާމެއްގައި ހުންނެވިޔަސް، ފުރާ މީހުންގެ ހާލަތު ބައްލަވާ، ޝަކުވާ އަޑުއެއްސެވުމަކީ ޒިންމާ ނެންގެވުމުގެ ނަމޫނާއެކެވެ.
އުއްމީދު ހަ އަހަރު ފަހަތަށް އެކަމަކު ލޯނުތައް ވީ ގިނަ
ވީއައިއޭގެ ތަރައްގީއަށް މިހާތަނަށް އެންމެ ބޮޑު މަޝްރޫއުތައް ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ. އާ ރަންވޭ އާއި އާ ޓާމިނަލް އާއި އާ ސީޕްލޭން ޓާމިނަލް އާއި އާންމު ބަހުރުވައިން ކިޔާ ނަމަ ވީއައިޕީ، ވިޔަފާރީގެ އުސޫލަށް ބިނާކުރާ ނަމަ، ސީއައިޕީ (ކޮމާޝަލީ އިމްޕޯޓަންޓް ޕާސަން)ގެ އާ އިމާރާތަކީ ދަތުރުވެރިންނާ ސީދާ ގުޅުން ހުންނަ ތަންތަނެވެ. އެއާޕޯޓް ހިންގަން ބޭނުންވާ އެހެން ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ފިއުލް ފާމް އާއި ކާގޯ ޓާމިނަލްގެ ވެސް އާ މަޝްރޫއުތަކެއް އެ ވެރިކަމުގައި ފަށައި މިހާރު ވަނީ ނިމިފަ އެވެ.
މިހާރުގެ ތޮއްޖެހުމާއި ހާސްކަމުން ދަތުރުވެރިން ސަލާމަތްކޮށްދީ، ކުރިއަށް އޮތް އެތައް އަހަރަކަށް ބޭނުންވާނެ ޖާގަ ހިމަނައިގެން އާ ޓާމިނަލްގެ މަޝްރޫއު ފެށުމުގެ މުހިންމު ބައިތައް ނިމުނީ 2016ގަ އެވެ. އޭރު ލަފާކޮށްފައި އޮތީ އެ މަޝްރޫއުއަށް ހޭދަވާނީ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ކަމަށެވެ. އޭގެ ތެރެއިން ސައުދީ ފަންޑުން ދޭ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)ގެ އެއްބަސްވުމުގައި ސޮއިކުރަން 25 ސެޕްޓެމްބަރު 2016ގައި، ކުރުނބާ މޯލްޑިވްސްގައި، އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ 2018ގައި އާ ޓާމިނަލް ހުޅުވޭނެ ކަމަށެވެ.
އެކަމަކު އެ އުއްމީދު އަދިވެސް ފުރިހަމައެއް ނުވެ އެވެ. ކުރިން ކަނޑައެޅި 300 މިލިއަން ޑޮލަރަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު އިތުރުވެއްޖެ އެވެ. އެހެންކަމުން ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ)އާ އެކު މިއީ މިހާތަނަށް ރާއްޖޭގައި އެއް ކަމަކަށް ހިންގާ އެންމެ އަގުބޮޑު މަޝްރޫއު އެވެ.
މިދިއަ ސަރުކާރުގެ ފަހު އަހަރު ސައުދީ ފަަންޑާ އެކު 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ)ގެ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. އޭގެ ފަހުން މިދިއަ އަހަރު މޭ މަހު މި ސަރުކާރުން ސައުދީ ފަންޑުން އިތުރު 100 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ހެދި އެވެ.
އެންމެ ފަހުން ސޮއިކުރީ 25 ޑިސެމްބަރު 2024ގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 40 މިލިއަން ޑޮލަރު ހޯދުމުގެ އެއްބަސްވުމެއްގަ އެވެ. އެހެންކަމުން އެމްޑީޕީ ސަރުކާރާއި މި ސަރުކާރުން އާ ޓާމިނަލްއާ ގުޅޭ ޖުމްލަ 290 މިލިއަން ޑޮލަރު (4.4 ބިލިއަން ރުފިޔާ)ގެ އާ ލޯން އެއްބަސްވުންތަކެއް ވަނީ ހަދައިފަ އެވެ.
އާ ޓާމިނަލްއާ ބެހޭ އިތުރު ލިއުންތައް
ބައެއް މީހުންގެ ހިތުގައި އުފެދޭނެ ސުވާލަކީ މިހާ ބޮޑެތި ލޯންތައް އެކި ސަރުކާރުތަކުން ނަގާ އިރު ވެސް އެ މަޝްރޫއު ނުނިމި ދިގުލަނީ ކީއްވެތޯ އެވެ. ކޮވިޑް-19 ލައްވާލީ ޓާމިނަލްގެ އަމަލީ މަސައްކަތް ހަމަ ފެށިތަނާ އެވެ. އެކަމަކު އޭގެ ފަހުން ވެސް ތިން އަހަރު ނިމުނީ އެވެ. އެހެންކަމުން މުޅި މަޝްރޫއުގައި، ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ އެކަމަކު ސަރުކާރުތަކުން ޖަވާބުދާރީނުވާ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ.
މިއީ މަޝްރޫއު ހަވާލުކުރި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕްގެ ލަސްކަން ހެއްޔެވެ؟ ނުވަތަ ބިން ލާދިން ގްރޫޕުން އެ މަސައްކަތަށް ނެގި ސަބް ކޮންޓްރެކްޓަރު، ޗައިނާގެ ކުންފުނީގެ މައްސަލަ ހެއްޔެވެ؟ ލޯނުތައް ހަމަޖެހުނަސް ފައިސާ ލިބުމުގެ ދަތިކަން ހެއްޔެވެ؟ އެއް ބަޔަކު އަނެއް ބަޔަކަށް ބިލްތައް ދެއްކުމުގައި ދިމާވާ ހުރަސްތައް ހެއްޔެވެ؟ ބޭނުންވާ ސާމާނު ގެންނަން އުނދަގޫވީ ހެއްޔެވެ؟
މިއިން އެއްވެސް ސުވާލަކަށް އެއްވެސް ސަރުކާރަކުން ޖަވާބެއް ނުދެ އެވެ. ފެންނަނީ ލޯނަކަށް ފަހު ލޯނެއް ނަގަން އެއްބަސްވެ ސޮއިކުރާތަނެވެ. މަޝްރޫއުގެ އަސްލު އަގަށް އެހާ ބޮޑެތި ބަދަލުތަކެއް އެ އަންނަނީ މައިގަނޑު ޑިޒައިނަށް ކޮން ބަދަލެއް ގެނެސްގެން ކަމެއް ބުނެދިނުމެއް ނެތެވެ.
ބޭރަށް ކުރި ދަތުރު ނިންމާފައި މިދިއަ ހުކުރުދުވަހު އައިސް ފޮށިތަކުގެ އިންތިޒާރުގައި ހުއްޓާ ފުރި ދުވަހު ދިމާވި އެމްއޭސީއެލްގެ އިސް ވެރިޔާއާ، ޓާމިނަލްގެ ތެރެއިން އަނެއްކާވެސް ބައްދަލުވި އެވެ. ފޮށިތައް ގެނެސްދޭ ތިން ބެލްޓުގެ ދޮށުގައި މީހުންތައް އޮތީ ފުރިފަ އެވެ. އާ ޓާމިނަލްއާ އެކު މި ކަމަށް ވެސް ލުއިތަކެއް އަންނާނެ ދޯއޭ އަހާލެވުނެވެ. ހިނިތުންވެލައްވާފައި ވިދާޅުވީ 'މިއަށް ވުރެ ހަމަގައިމު ވެސް ޖާގަ ތަނަވަސްވާނެ' ކަމަށެވެ.
އަންނަ ޖުލައި މަހު މި ހުރިހާ އުނދަގުލަކުން ސަލާމަތްވާނެ ކަމަށް ބަލަމާ ހިނގާށެވެ. ޔަގީނުން ވެސް އެ ދުވަސް ގެނެވޭނެ ވަރުގެ ހޭދަ މިހާތަނަށް ކޮށްފި އެވެ.
ކޮމެންޓް (5)
އާލަމް
ނޫސްމީހާ
މީނަ
ސައީދު
އަލީބެ