ހޮޓެލް ޖެންގައި މަސީ އާއި އެންއެފްއެމްއީއިން ބޭއްވި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)

އެއާޕޯޓުގެ އާ ޓާމިނަލް 2025އަށް މާ ލަސް؛ އަންނަ ސެޕްޓެމްބަރަށް ނިންމޭނެ: މުއިއްޒު

މުއިއްޒު ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލް ނިންމަން މިހާރު ޝެޑިއުލްގައި އޮތް ޖުލައި 2025 އަކީ މާ ލަސް ތާރީހެއް ކަމަށާއި އޭގެ 8 މަސް ކުރިން ނިންމަން އަމާޒު ހިފައި މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށް
29 އޮކްޓޯބަރު 2023
1

މަޑުޖެހި، ތާރީހުތައް ކައްސާލައިގެން ގޮސްފައިި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު، އެންމެ ލަސްވެގެން އަންނަ ސެޕްޓެމްބަރަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މިރޭ މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) ގުޅިގެން އިންތިހާބީ ރައީސަށް މަރުހަބާ ދެންނެވުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހިސާބުން ކުރިއަށް ގެންދަން ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

އެކަމުގައި އެންމެ މުހިންމު ކަމަކީ، މުއިއްޒު ވިދާޅުވި ގޮތުގައި، ވީއައިއޭ ތަރައްގީކުރާ މަޝްރޫއު ނިންމުމެވެ.

ބުނީ ކީކޭ؟ - މުއިއްޒު ވިދާޅުވި ގޮތުގައި، އިންތިގާލީ މަރުހަލާގައި އެ މަނިކުފާނުގެ ޓީމުތަކުން ހޯދި ހޯދުންތަކުގައި އެނގުނީ، އެއާޕޯޓު މަޝްރޫއު އަވަހަށް ނިމެން ނެތް ކަމެވެ.

"މި އަންނަ އަހަރު ވެސް ނިމި، ދެން އަންނަ އަހަރުގެ ޖުލައިއަށް، 2025ގެ ޖުލައިއަށް ކަމަށް ވަނީ ނިމޭނީ. އެއީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

ހޮޓެލް ޖެންގައި މަސީ އާއި އެންއެފްއެމްއީއިން ބޭއްވި ރަސްމިއްޔާތުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)

ގުޅުންހުރި ކަމެއް - އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމުމަކީ އަމާޒެއް ކަމަށް، މި މަހުގެ 19ގައި ބޭއްވި ހޮޓެލިއާ މޯލްޑިވްސް ޖީއެމް ފޯރަމްގައި ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، ވަކި ތާރީހެއް އޭރު އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.

ތަފްސީލު - އެ މަޝްރޫއު ނިންމަވާނެ ތާރީހެއްގެ ގޮތުގައި މުއިއްޒު މިރޭ ވިދާޅުވީ، މިހާރު އޮތް ޝެޑިއުލަށް ވުރެ އަށް މަސް ކުރިން، އެންމެ ލަސްވެގެން މި ފެށޭ އަހަރުގެ ސެޕްޓެމްބަރަށް އެ މަޝްރޫއު ނިންމުމަށް އަމާޒުކޮށް މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެކަން ކުރުމުގައި މިހާރުު ވެސް އަޅުގަނޑުމެން މި ވަނީ މަސައްކަތްތަކެއް ފަށާފައި. ޔަގީންކަން އެބައޮތް އަޅުގަނޑުމެންނަށް މިކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އަދި ތިޔަބޭފުޅުން އެކަމުގައި ދެއްވާ ތަރުހީބާ އެކީގައި އެކަން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

އެނގުން މުހިންމު - ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. އެ ޓާމިނަލް އަވަހަށް ނިންމަން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ސައުދީއިން ވަނީ މިފަހުން ނިންމާފަ އެވެ.

ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެއާޕޯޓްގެ އާ ޓާމިނަލް:

  • ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި

  • 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ

  • 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް

  • 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު

  • ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ

ކޮމެންޓް (1)

ހުސްނު އައްޒުވީ

30 އޮކްޓޯބަރު 2023
ގުޅީފަޅުގައި ތަރައްގީކުރަން ފަށާފައިވާ، ދިވެހިރާއްޖޭގެ މައި ބަނދަރު، އެމްޕީއެލް ޕޯރޓްގެ މެނޭޖްމެންޓް، އިންޑިއާގެ ކުންފުންޏަކަށް 50 އަހަރަށް ދޭން، އެމްޑީޕީގެ ސަރުކާރުން ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުން ސިއްރު ކޮށްފައިވަނީ ޕަބްލިކު ޕްރެޝަރ ބޮޑުވާނެތީއެވެ. ޚާއްސަކޮށް އުތުރުތިލަފަޅުގައި ގާއިމުކުރާ އިންޑިއާގެ އަސްކަރީ ބަނދަރު ޕްރޮޖެކްޓާ އެކު އިޢުލާންކޮށްފި ނަމަ ޕަބްލިކު ޕްރެޝަރ އިތުރަށް ބޮޑުވާނެތީއެވެ. ތިލަ-މާލެ ބުރިޖް އެގްރީމެންޓް ހާމަނުކުރި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ، ބުރިޖު ޕްރޮޖެކްޓްގައި ގުޅިފަޅު ބަނދަރު ދިނުން ޝަރުތުކޮށްފައިވާތީއެވެ. ގުޅިފަޅާ ހަމައަށް ގުޅާލާ ގޮތަށް އަޅާ ތިލަ-މާލެ ބުރިޖްގެ އެންމެ ބޮޑު ސްކޯޕަކީ ވެސް މި މައި ޕޯރޓެވެ. މިއީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވުރެން ވެސް ފައިދާވާ ތަނެއް. އެހެންވީމާ ، އިންޑިއާގެ އަތްދަށުން މިތަން ސަލާމަތްކުރަންޖެހޭނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް