ޖީއެމް ފޯރަމް 2023 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)

އެއާޕޯޓްގެ އާ ޓާމިނަލް އަންނަ އަހަރަށް ނިންމުމަކީ އަމާޒެއް: އިންތިހާބީ ރައީސް

އަންނަ އަހަރުގެ ޕީކް ސީޒަން ކަމަށްވާ ނޮވެމްބަރު، ޑިސެމްބަރަށް އާ ޓާމިނަލް ނިންމައި ހިދުމަތް ދެވޭވަރު ކުރުމަށް ކޮންޓްރެކްޓަރުންނާ ވާހަކަ ދައްކަވާނޭ ކަމަށް އިންތިހާބީ ރައީސް ވިދާޅުވި
19 އޮކްޓޯބަރު 2023

މަޑުޖެހިފައި ތާރީހުތައް ކައްސާލައިގެން ގޮސްފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީ ކުރާ އާ ޓާމިނަލްގެ މަޝްރޫއު އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމުމަށް މަސައްކަތް ކޮށްދެއްވާނޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - މުއިއްޒު އެކަމަށް އެދިވަޑައިގެންނެވީ މިހާރު ބަނޑޮސް ރިސޯޓްގައި ކުރިއަށްދާ  ރިސޯޓްތަކުގެ ޖީއެމް ފޯރަމް ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - އެ ފޯރަމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ވީއައިއޭ ތަރައްގީ ކުރަން ހިންގާ މަޝްރޫއު ވީހާ ވެސް އަވަހަކަށް ނިންމުން ކަމަށެވެ.

ޖީއެމް ފޯރަމް 2023 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. (ދައުރު ފޮޓޯ/ހުސެން ސުނޭން)

"ކޮންޓްރެކްޓަރުންނާއި ފައިނޭންސަރުންގެ ފަރާތުން އަޅުގަނޑު ކުރާ އުންމީދަކީ އަދި އެދުމަކީ، 2024ގެ ޕީކް ސީޒަނުގެ ފައިދާ، ޓޫރިޒަމާއި އޭވިއޭޝަން އިންޑަސްޓްރީއަށް ލިބޭނެ ގޮތަށް، މި މަޝްރޫއު އޭރަށް ވާއިރަށް ނިންމައިދިނުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އެކަމަށް މަގު ފަހިކުރުމަށް ކޮންޓްރެކްޓަރުންނާ ވާހަކަ ދައްކަވާނޭ ކަމަށެވެ.

އެނގުން މުހިންމު - ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން ހަވާލުކުރީ ސައުދި އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. އެ ޓާމިނަލް އަވަހަށް ނިންމަން އިތުރު 100 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ސައުދީއިން ވަނީ މިފަހުން ނިންމައިފި އެވެ.

އެއާޕޯޓްގެ އާ ޓާމިނަލް:

  • ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި

  • 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ

  • 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް

  • 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު

  • ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ

މުއިއްޒު އިތުރަށް ވިދާޅުވީ ވީއައިއޭގެ ތަރައްގީއާ އެކު އިތުރު 13 ޑޮމެސްޓިކް އެއާޕޯޓް ހުޅުވައި، ދެކުނުގައި ސީޕްލޭން ހަބެއް ގާއިމުކުރާނޭ ކަމަށެވެ. އަދި އެއާ އެކު ރިސޯޓްތަކާއި ގެސްޓުހައުސްތަކުގެ ބެޑް ކެޕޭސިޓީއަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ވެލާނާ އިންޓަނަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް ޓޫރިސްޓުން އިތުރުކުރަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ފުޅާކޮށް، ފަތުރުވެރިންގެ އަދަދު އިތުރުކުރަން ރާވާފައިވާ ބައެއް މަސައްކަތްތައް ވެސް މުއިއްޒުގެ ވާހަކަފުޅުގައި ހިއްސާކުރެއްވި އެވެ. އެގޮތުން ގައުމީ އެއާލައިންގެ ފްލީޓް ނުވަތަ ބޯޓްތައް އިތުރުކޮށް ތަރައްގީ ކުރުމަށް އޮތް ޕްލޭންގެ ކުޑަވަރެއް އޭނާ ވިދާޅުވެ ދެއްވި އެވެ. 

"އަންނަ މަހު ގައުމީ އެއާލައިނަށް ވައިޑް ބޮޑީ އެއާކްރާފްޓްތަކެއް ސަރުކާރުން ގަންނާނެ. މީގެ މަގްސަދަކީ މިފަހުން ހުޅުވި ޗައިނާ މާކެޓާއި ބައެއް އެހެން ސޯސް މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި އިންވެސްޓުމަންޓާ އެކު މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް އިތުރު ދިރުމެއް ލިބި، އެމްއޭސީއެލްއަށް ވެސް ފައިދާވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް