ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)
އާ ޓާމިނަލްގެ %85 ނިމިއްޖެ؛ ޖުލައިގައި ހުޅުވޭނެ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތުގެ %85 މިހާރު ނިމިފައިވާ ކަމަށާއި އަންނަ ޖުލައި މަހު ހުޅުވޭނެ ކަމަށް އެ އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްއިން މިއަދު ބުނެފި އެވެ.
ވީ ކީހިނެއް؟ - އެ ކުންފުނިން އެގޮތަށް ބުނީ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ އެސްއޯއީ ކޮމިޓީގެ ސަބްކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ތަފްސީލު - ޓާމިނަލް ނިމޭނެ ދުވަހަކާ ގުޅޭ ގޮތުން މެންބަރު ކުރެއްވި ސުވާލަށް އެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ޓާމިނަލްގެ މަސައްކަތް ވަރަށް ބާރަށް ޝެޑިއުލްއަށް ވުރެ ވެސް އަވަސްކޮށް ކުރިއަށްދާ ކަމަށެވެ.
"ޓާމިނަލްގެ މަސައްކަތްތައް ރާވާފައި އޮތް ވަރާ އެއްވަރަށް ނުވަތަ ގާތްގަނޑަކަށް މިހާރު ޕްލޭންޑް ލެވެލްއަކީ މިއަދާ ހަމައަށް %82. އަޅުގަނޑުމެންނަށް އެޗީވް ވެއްޖެ ގާތްގަނޑަކަށް %85. އޭގެ މާނަ އަކީ އަޅުގަނޑުމެންނަށް ޝެޑިއުލްއާ އެއްވަރަށް މަސައްކަތްތައް އެބަދޭ ކުރިއަށް... މިހާރުގެ ޝެޑިއުލްއަށް ބަލާ ނަމަ، މިއަންނަ އަހަރު ޖޫން، ޖުލައިގައި އަޅުގަނޑުމެންނަށް ޓާމިނަލް ހުޅުވޭނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން، މި އަހަރުގެ ފަހުކޮޅު ޓާމިނަލްގެ ބައެއް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ. ޝަރީފް ވިދާޅުވި ގޮތުގައި، ޓެކްނިކަލީ މިއަހަރު ވެސް ސަރުކާރުން ބުނެފައިވާ ގޮތަށް އެކަން ކުރެވެން އެބަ އޮތް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި:
-
މިއަހަރުގެ ފަހުކޮޅަކީ ރާއްޖޭގެ ފަތުވެރިވެރިކަމުގެ ހައި ސީޒަނަށް ވެފައި، އެއާލައިންތައް ތަމްސީލު ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ)އިން ޓާމިނަލްގެ ބައެއް އެ ދުވަސްވަރާ ދިމާކޮށް ހުޅުވުމަށް ކަންބޮޑުވުންތަކެއް އެބަހުރި
-
އެ ކޮމިޓީގެ ކުންފުންޏަށް ދިން ލަފައަކީ އެ ދުވަސްވަރު ޓާމިނަލްގެ ބައެއް ނުހުޅުވައި ލޯ ސީޒަންއާ ދިމާކޮށް ހުޅުވުމަށް
"މި ބޭފުޅުން [އޭއޯސީއިން] މިހެން ވިދާޅުވާ އެއް ސަބަބަކީ، މިސާލަކަށް މައްސަލައެއް ދިމާވެގެން މިކޮޅުން [ވީއައިއޭ އިން] ދޮޅު ގަޑިއިރު ޑިލޭވީ، ދުބާއީން ޔޫރަޕަށް ހުރި ހުރިހާ ކަނެކްޝަން ފްލައިޓުތައް އެ ބޭފުޅުންނަށް އޭގެން މައްސަލަ ދިމާވާނެ. އެހެންވެ، އެކަން ވެސް އަޑުއައްސަވައި ރައީސުލްޖުމްހޫރިއްޔާ ވެސް ހުއްދަ ދެއްވީ، މި އަންނަ އަހަރަށް ހުޅުވަން،" އޭނާ ވިދާޅުވި އެވެ.
މިއަދު ވެސް އެ މަޝްރޫއުގެ ކޮންޓްރެކްޓަރާ އެކު ބައްދަލުވުމެއް އެބަ އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި އޮތީ ޓާމިނަލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ފަރާތުން އެކީގައި މަޝްވަރާކޮށްގެން ނިންމަން ޖެހޭ ކަންކަން ނިންމުން ކަމަށެވެ.
"އަޅުގަނޑުމެން [އާ މެނޭޖްމަންޓުން] އެމްއޭސީއެލް ހިންގުން ހަވާލުވުމަށް ފަހު، އަޅުގަނޑުމެންގެ ފަރާތުން [ޓާމިނަލްގެ މަޝްރޫއޫގެ މަސައްކަތް] ޑިލޭވާނެ އެއްވެސް ކަމެއް މިއަދާ ހަމައަށް ނޯންނާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
ކޮމެންޓް (2)
ޣިމް
ދެއްތޯ