ވީއައިއޭގައި ތަރައްގީކުރާ އާ ޓާމިނަލް ކުރިމަތީ މަތިންދާބޯޓުތައް ޕާކުކޮށްފައި. އެތަނުން ހިދުމަތް ދެވެން ފެށޭނީ އަންނަ އަހަރު ކަމަށް ފޮރިން މިނިސްޓަރު ޒަމީރު ވިދާޅުވި (ފޮޓޯ/އެމްއޭސީއެލް)

'އެއާޕޯޓުގެ އާ ޓާމިނަލް އެއްކޮށް ހުޅުވޭނީ އަންނަ އަހަރު'

އެއާޕޯޓުގެ އާ ޓާމިނަލްގެ ބައެއް މިއަހަރުގެ ޓޫރިޒަމް ސީޒަނަށް ހުޅުވަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އިން އެންމެ ފުރިހަމަ ހިދުމަތްތަކާ އެކު ހިދުމަތް ދޭން ފެށޭނީ އަންނަ އަހަރު ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށްގެން ނެރޭ މަޖައްލާ، ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ޖީއެމް ފޯރަމްގެ ތެރެއިން ކުރިއަށް ދިޔަ ޕެނަލް ޑިސްކަޝަންއެއްގައި  ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ކުރިއެރުމަށް އެންމެ މުހިއްމީ ރާއްޖެ އަށް ފަތުރުވެރިން އެތެރެވާ ދޮރާށިތައް؛ އެއާޕޯޓުތައް ތަރައްގީކޮށް ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

ތަފްސީލް - ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަށް މިވަގުތު އެންމެ މުހިންމީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމައި ހިދުމަތް ދޭން ފެށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"2013- 2018 އަށް އޮތް ސަރުކާރުން ފެށި އެ މަސައްކަތް ކޮވިޑުގެ ތެރޭ ވެސް ކުރިއަށް ގޮސް މިހާރު އަޅުގަނޑުމެން އަމާޒު ހިފާފައި މިއޮތީ އަންނަ އަހަރު އެއާޕޯޓުން [އާ ޕެސެންޖާ ޓާމިނަލް] އިން ފުރިހަމަ އަށް ހިިދުުމަތް ދޭން ފަށަން،" ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނާއި އުތުރުގައި ވެސް އެއާޕޯޓުތައް ތަރައްގީކުރަމުން އަންނަ ކަމަށާއި މިހާރު އެންމެ މުހިއްމީ އެއާޕޯޓުތަކުން ރިސޯޓުތަކަށް ރަނގަޅު ކަނެކްޓިވިޓީ ނުވަތަ ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ. އެކަމަށް އިންވެސްޓުމެންޓުތައް ބޭނުންވާ ކަމަށާއި އެ ފުރުުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ވެސް އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ރާއްޖޭގެ މި ނާޒުކުކަން ދަންނަ އިންވެސްޓަރުން ގެންނަން. އިގްތިސޯދަށް ރާއްޖޭން ގެންނަން ބޭނުންވާ ބަދަލުތައް ދަންނަ، ރާއްޖޭން ބޭނުންވާ ތަރައްގީ ދަންނަ އިންވެސްޓަރުން ގެންނަން. ބައިނަލްއަގުވާމީ މުޖުތަމައާ އެކު މި މަސައްކަތް ކުރަނީ އެގޮތަށް،" ޒަމީރު ވިދާޅުވި އެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވެސް ވިދާޅުވީ އާ ޓާމިނަލް ފުރިހަމަކޮށް 'ފުލީ އޮޕަރޭޓު' ކުރަން ފެށޭނީ އަންނަ އަހަރު ކަމަށެވެ.

"އެއީ މިހާރަށް ވުރެ ފުރިހަމަކޮށް ހިންގާނެ ޓާމިނަލްއެއް،" އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް 10 އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާ ނިސްބަތަށް ކޭޓާކުރެވޭނެ އާ ޓާމިނަލުން. ސުޕަ ޕީކް ސީޒަނުގައި މިހާރު ފަސިންޖަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު އެންމެ ފުރިހަމައެއް ނޫން. އެހެން ނަމަވެސް އާ ޓާމިނަލްއާ އެކު ޓޫރިޒަމް ސީޒަނުގައި ފަތުރުވެރިންނަށް ފުރިހަމަ ހިދުމަތެއް ދެވޭނެ."

މިހާރު ވީއައިިއޭގައި އިންޓަނޭޝަނަލް އެރައިވަލްސް ޓާމިނަލުން އެންމެ ފުރިހަމައަށް ހިދުމަތް ދެވެނީ ދުވާލަކު 2،700-3،000 ފަސިންޖަރުންނަށެވެ. ނަމަވެސް ޓޫރިޒަމް ޕީކް ސީޒަނުގައި ދުވާލަކު 12،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް އެ ޓާމިނަލުން ހިދުމަތް ދެ އެވެ.

ފާހަގަކުރެވޭ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ހިދުމަތްތައް ފުރިހަމަކޮށް ދޭން ފެށޭނީ އަންނަ އަހަރު ކަމަށް ފޮރިން މިނިސްޓަރު ޒަމީރާއި ޝަރީފް ވިދާޅުވި އިރު މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށޭއިރު އާ ޓާމިނަލުން ހިދުމަތް ދޭން އަމާޒު ހިފާފައިވާ ކަމަށެވެ.

އަަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެހެން ތަރައްގީކުރާ އާ ޓާމިނަލްއާ އެކު ޓޫރިޒަމް ސީޒަނާ ދިމާކޮށް އެއާޕޯޓުގައި ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ އެވެ.

މީގެ އިތުރުން ފްލައިޓުތައް އިތުރުކޮށް ހިދުމަތް ދޭ ފަސިންޖަރުންގެ އަދަދު އިތުރުކުރުމަށް މިވަގުތު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ވެސް މައި އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އެވެ.

ކޮމެންޓް (2)

ވިންޑްސް

19 ސެޕްޓެމްބަރު 2024
ރައީސް ސޯލިހު ދެއްވި ތާރީޚްގައި މިހުޅުވެނީ. ސްލޯއޭ ގޮވާފަ އައި މީހުން މިއީ. 8 މަހުން ހިއްކަންބުނި ރަސްމާލެ އޮތީ ކަނޑުން ގޯތި ދޫކުރެވޭހެން އަދިވެސް.
0 0

ޓިޔަރަ

19 ސެޕްޓެމްބަރު 2024
ރާއްޖެއަށް މި ވަގުތު މުހިންމީ ވެއްޓެމުންދާ އޮކިއުޕަންސީ މަތި ކުރުން. ދަތުރުފަތުރުން އެކަނި މިކަން ޙައްލު ނުވާނެކަން ބައެއް ގައުމުތަކުގައި ހަދާފައިވާ ބޮޑެތި އެއަރޕޯޓްތައް ހުސްކޮށް އޮންނަ އޮތުމުން ދަލީލުކޮށްދޭ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް