ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. (ފޮޓޯ/އެމްއޭސީއެލް)

އެއާޕޯޓްގެ އާ ޓާމިނަލްގެ ކުރެހުންތައް ދައްކާލައިފި؛ ނިންމުން ޑިސެމްބަރު 2023ގައި

މިއީ އާ ޓާމިނަލްގެ ކުރެހުންތަކެއް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރު
19 އޭޕްރީލު 2022

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދަމުން އަންނަ ޒަމާނީ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ތްރީޑީ ކުރެހުންތައް އެ އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު އާންމުންނަށް ދައްކާލައިފި އެވެ.

ވީ ކިހިނެއް؟ - މިހާރު ބޭނުންކުރާ ޓާމިނަލްގެ ދެކުނު ފަަރާތުގައި، 78،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދަމުން އަންނަ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުންތައް އާންމުކޮށް ދައްކާލާފައި ވަނީ ވީއައިއޭގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށެވެ. އެގޮތުން، އެ ޓާމިިނަލްގެ އެތެރޭގެ ބައެއް ކުރެހުންތަކާއި ބޭރުން ފެންނާނެ ގޮތް ދައްކާލާފައިވެ އެވެ. 

ތަފްސީލް - މިއީ އާ ޓާމިނަލްގެ ކުރެހުންތަކެއް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ. ސައުދީގެ ބިން ލާދިން ގްރޫޕާ ހަވާލުކޮށްގެން ހަދާ ޒަމާނީ ޓާމިނަލްގެ ކުރެހުންތަކުން ފެންނަ ގޮތުގައި:

  • ޓާމިނަލްގެ ބޭރު ހުންނަނީ ހުދު ކުލައިގެ ދިވެހިވަންތަ ރާޅުބާނިތައް ރަމްޒުކޮށްދޭ ޑިޒައިނަކަށް 

  • މިސްކިތްތަކުގެ ވަޑާމުގައި ބޭނުންކޮށްފައި ހުންނަ ޑިޒައިންތައް ވެސް އާ ޓާމިނަލްގައި ބޭނުންކޮށްފައިވޭ 

  • ކޮންމެ ދިމާލަކުން ވެސް ބޭރު ފެންނަ ގޮތަށް އަދި ގުދުރަތީ އަލި އެތެރެއަށް ވަންނާނެ ގޮތަށް ޓާމިނަލްގެ ވަށައިގެން ހުންނަނީ ބިއްލޫރި ޖަހާފައި

ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. (ފޮޓޯ/އެމްއޭސީއެލް)

އެ ފޮޓޯތަކާ ގުޅޭ ގޮތުން ހިޔާލު ފާޅުކުރި ގިނަ މީހުން ބުނެފައި ވަނީ އާ ޓާމިނަލްގެ ފޮޓޯތައް ވަރަށް ހިތްގައިމު ކަމަށެވެ. އަދި ބައެއް މީހުން ވަނީ އާ ޓާމިނަލް ނިމޭއިރު، އެ ފޮޓޯތަކުގައި ހުންނަ ގޮތަށް ޓާމިނަލް ހުންނާނެތޯ ވެސް ސުވާލު އުފައްދައިފަ އެވެ. އަނެއް ބަޔަކު ބުނީ ޓާމިނަލްގެ މަސައްކަތް މިހާރު ވެސް ދިގުލައިގެން ގޮސްފައިވާ ކަމަށާއި އަވަހަށް ނިންމަން ޖެހޭ ކަމަށެވެ.

އެއާޕޯޓްގެ އާ ޓާމިނަލް:

  • 1-

    ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި

  • 2-

    350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ

  • 3-

    7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް

  • 4-

     40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު

  • 5-

    ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ

ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. (ފޮޓޯ/އެމްއޭސީއެލް)

މަސައްކަތް ނިންމާލެވޭނީ ޑިސެމްބަރު 2023އަށް

އެއާޕޯޓްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާ ޓާމިނަލްގެ މަސައްކަތް މި ފަހުން މަޑުޖެހުނު ނަމަވެސް މިހާރު އެ މަޝްރޫއު އަނެއްކާ ވެސް ވަރަށް ބާރު ދުވެލީގައި ކުރިއަށް ދާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ އިމާރާތުގެ ސްޓްރަކްޗާ ނިމި މިހާރު ކުރިއަށް ދަނީ އެތެރޭގެ ފާރުތައް ރޭނުމާއި އެތެރޭގައި ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އަދި އެއަށް ފަހު ކުރިއަށް ދާނީ ޓާމިނަލްގެ ވަށައިގެން ބިއްލޫރި ޖެހުމާއި ޓާމިނަލް އެއްކޮށް ހިޔާކުރުން ފަދަ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރަށް ޓާމިނަލް ނިންމުން،" އޮފިޝަލް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް. (ފޮޓޯ/އެމްއޭސީއެލް)

އެނގުން މުހިންމު -  ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 1،400އަށް ވުރެ ގިނަ ދަގަނޑު ހޮޅި ޖެހުމުގެ މަސައްކަތް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، ބިންލާދިން ގްރޫޕުން އޮތީ ފަށައިފަ އެވެ.

އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް، މަސައްކަތް ލަސްވެފައި ވަނިކޮށް ސަރުކާރު ބަދަލުވުމާ އެކު މަޝްރޫއު ހުއްޓުނެވެ.

ނަމަވެސް، 27 ޖޫން 2019ގައި މި ސަރުކާރުން ޓާމިނަލްގެ މަސައްކަތް އަލުން ފެށި އެވެ. ޓާމިނަލްގެ މަސައްކަތް އަލުން ފެށީ ޑިޒައިނަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ބުނީ މި އަހަރުގެ ތެރޭގައި ޓާމިނަލް ނިންމޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް