ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ދުރުން ފެންނަން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އާ ޓާމިނަލްގެ ރީތި މަންޒަރު އެންމެ ފަހުން ފެންނަން ފަށައިފި

އެމްއޭސީއެލް އިން ބުނަނީ މަސައްކަތް މިހާރު ކުރިއަށް ދަނީ ވަރަށް ބާރު ސްޕީޑްގައި ކަމަށް

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާ ޒަމާނީ ޓާމިނަލްގެ އޮނިގަނޑު ލޯމައްޗަށް ފެންނަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ކުރިއަށް ދާ ޓާމިނަލްގެ މަސައްކަތް މިހާރު ނިމޭނެ ކަމަށް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ދޭ ތާރީހަކީ 2025 އެވެ.

ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ)އަށް ސައުދީގެ ބިންލާދިން ގްރޫޕަށް ދީގެން 2016ގައި ފެށި އެންމެ ޒަމާނީ ފެންވަރުގެ މި ޓާމިނަލްގެ މަސައްކަތް މިދިޔަ ދެ ތިން މަހެއްހާ ދުވަހު ފެނުނީ ވަރަށް ބާރަށް ކުރިއަށް ދާ ތަނެވެ. އެހެންވެ މިހާރު އެ ތަނުގެ އަސްލު މަންޒަރުތައް ފެންނަން ފަށައިފި އެވެ.

ރާއްޖޭގެ މިސްކިތްތަކުގެ ވަޑާމުގައި ބޭނުންކޮށްފައި ހުންނަ ކަހަލަ އިސްލާމީ ފަރުމާތަކާއި ރާޅު ބާނި ރަމްޒުކޮށްދޭ ގޮތަށް ހަދަމުން އަންނަ ޓާމިނަލްގެ އެ ސިފަތައް، ބޭރަށް ފެނެ އެވެ. އެހެންކަމުން މިއީ ރާއްޖެއަށް ބޭނުންވެފައި އޮތް މުހިންމު އިމާރާތެއް ލިބެން އުޅޭކަމުގެ އިހުސާސް ކުރެވޭނެ ބަދަލެކެވެ. 

އާ ޓާމިނަލްގެ ބޭރުގެ ބޮޑު ބައެއްގައި މިހާރު ވަނީ ބިއްލޫރި ޖަހާ ނިމިފައި. (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އާ ޓާމިނަލްގެ ޓައިމްލައިން:

  • 21 މޭ 2016 - ޓާމިނަލް އަޅަން ސައުދީގެ ބިން ލާދިން ގްރޫޕާ އެކު ސޮއިކުރި

  • 1 ނޮވެމްބަރު 2016 - ޓާމިނަލް އަޅަން ބިން ލާދިން ގްރޫޕުން ސާވޭ މަސައްކަތް ފެށި

  • 6 އޮގަސްޓް 2018 - އާ ޓާމިނަލްގެ މަސައްކަތް ފަށައި ޝީޓް ޕައިލް ކުރަން ފެށި

  • 27 ޖޫން 2019 - އާ ޓާމިނަލްގެ ޑިޒައިންއަށް ބަދަލު ގެނެސް ބިންލާދިންއާ އެކު އަލުން ސޮއިކުރި

  • 17 ޑިސެމްބަރު 2019 - މަސައްކަތް އަލުން ފަށައި ފައުންޑޭޝަންގެ މަސައްކަތް ނިންމި

  • 20 އެޕްރީލް 2022 - އާ ޓާމިނަލްގެ ފަރުމާތައް ދައްކާލި

ފެންނަ މަންޒަރަށް ބަލާއިރު ޓާމިނަލް ޑިޒައިންގައި ހުރި ގޮތަށް، ރާޅުބާނީތައް ރަމްޒުކޮށްދޭ ބައިތައް ޓާމިނަލް ބޭރުގައި ހަރުކޮށް މިހާރު ކުރިއަށް ދަނީ ބިއްލޫރި ޖެހުމުގެ މަސައްކަތެވެ. އެ މަސައްކަތާ އެކުއެކީ، އިސްލާމީވަންތަ ފަރުމާކުރުންތަކަކަށް ތަފާތު ޑިޒައިންތަކަށް ހަދާފައި ހުރި ގޮޅިތަކެއް ހިމެނޭ ބޭރު ފަށަލަ ވެސް އަންނަނީ ހަރުކުރަމުންނެވެ. ޓާމިނަލްގެ ބޭރުގެ ރީތިކަން ގުޅިފައި އޮތީ އެ ފަށަލައާ އެވެ.  

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ކުރަން ބޭނުންކުރާ ކެރޭނުތައް ދުރުން ފެންނަން. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

"ސްޓްރަކްޗާގެ މަސައްކަތްތައް މިހާރު ވަރަށް ބާރަށް އެބަދޭ ކުރިއަށް. މިހާރު ހަމަ ފުރާޅު ވެސް އެ ހުރީ ނިމިފައި. އެތެރޭގެ މަސައްކަތްތައް ވެސް އެ ދަނީ ކުރިއަށް. މަސައްކަތްތައް އެ ދަނީ މިހާރު ވަރަށް ބާރަށް ކުރިއަށް،" އެމްއޭސީއެލްގެ މެނޭޖާ ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ޝަމްއާން ޝާކިރު ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އޭނާ ވިދާޅުވީ ކޮވިޑާ ގުޅިގެން އައި މެދުކެނޑުމަށް ފަހު، އަލުން ފަށައިގަތް ނަމަވެސް މީހުން މަދުވުން ފަދަ ކަންކަމާ ހުރެ އެންމެ ބޭނުންވާ ހަލުވި މިނުގައި ކުރިއަށް ނުގޮސް ޓާމިނަލްގެ މަސައްކަތަށް ލަސްކަމެއް އައި ކަމަށެވެ. ނަމަވެސް ގެއްލުނު ބައި ފޫބެއްދުމަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ބޭރުން ފެންނަ މަންޒަރުތަކުގެ އިތުރުން ޓާމިނަލްގެ އެއިރޯ ބްރިޖްތަކުގެ ޓަވަރުތައް މައި ޓާމިނަލްއާ ގުޅާލުން ފަދަ އެތެރޭގައި ކުރަން ޖެހޭ މުހިންމު މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމްއާން އަދި ވިދާޅުވި ގޮތުގައި ޓާމިނަލްގެ ބޭރުގެ މަސައްކަތްތައް ލަސްތަކެއް ނުވެ ނިންމާލެވޭނެ އެވެ.

"ބޮޑަށް އެތެރޭގައި ކުރަން ޖެހޭ އިންޓީރިއާ މަސައްކަތް ފަދަ ކަންކަމަށް ވަގުތު ނަގާނީ. ބޭރުގެ ބައިތައް ލަސްތަކެއް ނުވެ މިހާރުގެ ޓައިމްލައިނާއެއްގޮތަށް ނިންމާލެވޭނެ" އޭނާ ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް (ފޮޓޯ/އެމްއޭސީއެލް)
ވީއައިއޭގެ އާ ޓާމިނަލް ނިމުމުން ބޭރުން ފެންނާނެ ގޮތުގެ ކުރެހުމެއް (ފޮޓޯ/އެމްއޭސީއެލް)

ޓާމިނަލް އެއްކޮށް ނިންމާލުން ލަސްވަނީ އެތަނުގެ އެތެރޭގައި ބޭނުންކުރާ ބައެއް ސާމާނަކީ ކުރިން އޯޑަރުކޮށްގެން ހަދަން ޖެހޭ ތަކެއްޗަށް ވާތީ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެގެޖް ބެލްޓްތަކާއި މިކަހަލަ އެއްޗިހި ބޭރުން މިޖެހެނީ އޯޑަރުކޮށްގެން ގެންނަން. ކަސްޓަމްމޭޑްކޮށް ތައްޔާރުކުރަންޖޭހޭ ބައިތައް ގިނަވާނޭ. އެއި ވަގުތު ނަގާނެ ކަމެއް،" ޝަމްއާން ވިދާޅުވި އެވެ.

އެއާޕޯޓްގެ އާ ޓާމިނަލް:

  • ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި

  • 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ

  • 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް

  • 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު

  • ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ

މިދިޔަ ޑިސެމްބަރު ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އާ ޓާމިނަލް މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން، ބިންލާދިން ގްރޫޕުން ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖް ހެދި ޗައިނާ ކޮމިޔުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ އެއް ކަމަށްވާ، ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ. 

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއާޕޯޓް ތަރައްގީކުރަން ފެށި މަޝްރޫއުގެ ދަށުން ހެދި އާ ރަންވޭ މިިދިޔަ އަހަރު ފަހުކޮޅު ހުޅުވި ނަމަވެސް އާ ޓާމިނަލް ނުނިމި ދިގުލައިގެން ދާތީ އެއާޕޯޓުން އެކަށީގެންވާ ހިދުމަތެއް ނުދެވޭ ކަމުގެ ޝަކުވާ ބޮޑެވެ. އާ ރަންވޭ އާއި އާ ޓާމިނަލްއަކީ އެކުއެކީގައި ބޭނުންކުރަން ފަށަން ޖެހޭ ދެ ބައި ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ. މ

މިހާރުގެ ޓާމިނަލް ކުޑަވެ، ތޮއްޖެހުމުގެ މައްސަލައަކީ ޓޫރިޒަމް އިންޑަސްޓްރީން އެއާޕޯޓާ މެދު އޮންނަ އެންމެ ބޮޑު ޝަކުވާ އެވެ.

ޓާމިނަލްގެ މަޝްރޫއު ނުނިމި ލަސްވަމުން ދިޔުމާއި ޑިޒައިނަށް ގެނައި ބަދަލުތަކާ އެކު، 300 މިލިއަން ޑޮލަރުގެ ފެށި މަޝްރޫއުގެ އަގު މިހާރު ވަނީ 348 މިލިއަން ޑޮލަރު (5.4 ބިލިއަން ރުފިޔާ)އަށް ބޮޑުވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓް މުވައްޒަފުން ހަރަކާތްތެރި ވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އާ ޓާމިނަލް ނިމެމުން އައުމަކީ ބޮޑު އުއްމީދެއް ހަގީގަތަކަށް ވުމެވެ. 

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކުރިން މިހާރު މި އޮތް ތާރީހަށް ޓާމިނަލް ނިންމާލެވޭނެ ކަމުގެ،" ޝަމްއާން ވިދާޅުވި އެވެ.

ކޮމެންޓް (2)

ޔާންޓޭ

15 މޭ 2023
ޝުކުރިއްޔާ ރައީސް ޔާމީން
8 0

ސިކުނޑި

15 މޭ 2023
ކޮވިޑް 2 އަހަރު ކަނޑާލީމާ އިސްޕީޑު ގޯހެއްނޫން! އެކަމަކު ޑިޒައިން ބަދަލުކުރަންޖެހޭ ހަމަ އެންމެ ސަބަބެއް އޮތީ .... އެދެން މިހާރު މީހަކު ބުނަންޖެހޭ ކަހަލަ ވާހަކައެއްވެސް ނޫން!!
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް