ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބި ބިދޭސީ މަސައްކަތްތެރިންތަކެއް. ރާއްޖޭގައި ލިޔެކިޔުންތައް ނެތި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭ.

މައްސަލަ އުފެއްދީ އަހަރެމެން، އެކަމަކު ހުރިހާ ރުޅިއެއް ބިދޭސީންނަށް

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ގިނަވުމާ އެކު، އެކަމުގެ ސަބަބުން އިތުރު މައްސަލަތައް ދަނީ ނުކުންނަމުން؛ ނަމަވެސް މުގުލުގައިވާ ސަބަބުތައް ނައްތާލަން އަދިވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ

މުހިންމު ނުކުތާތައް

އާންމުންނާއި ސިޔާސީ މީހުންގެ ބަސްމަގު ހުންނަ ގޮތުން ބިދޭސީންނާ މެދު ނުރަނގަޅު ހިޔާލުތައް އުފެދޭ

ބައެއް މީހުންގެ ވާހަކަތަކުން ރާއްޖެއަކީ ނަސްލީ އިމްތިޔާޒު ގެންގުޅޭ ގައުމެއްގެ ސިފަތައް ވެސް ފެނޭ

ބިދޭސީންނަކީ ވެސް އިންސާނުންނަށް ވާތީ އިންސާނީ ކަރާމަތް ރައްކާތެރިކުރުން މުހިންމު

"އަސްލު މައްސަލައަކީ ބިދޭސީ މަސައްކަތްތެރިންނެއް ނޫން. އަސްލު މައްސަލައަކީ އަހަރެމެން. އެކަމަކު އެކަން ގަބޫލުކުރާކަށް އެކަކު ވެސް ބޭނުމެއް ނުވޭ."

މިއީ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން އަޅަމުން އަންނަ ފިޔަވަޅުތަކާއި، އެ ފިޔަވަޅުތަކުގެ ސަބަބުން ފެންމަތިވަމުންދާ ކަންކަމާ ގުޅިގެން ސަރުކާރުގެ އިސް ބޭފުޅުންނާއި އާންމުން ވެސް ދައްކާ ބައެއް ވާހަކަތަކަށް ރައްދެއްގެ ގޮތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ޒުވާނަކު ލިޔުނު ވާހަކައެކެވެ.

ބިދޭސީންނާ ގުޅިގެން މިދުވަސްކޮޅު އާންމުކޮށް ސޯޝަލް މީޑިއާއިން ފެންނަ ގިނަ ވާހަކަތައް ހުންނަނީ، އެއާ ދިމާ އިދިކޮޅަށެވެ. ދިވެހިން ޒިންމާއިން ބަރީއަވެ، ހުރިހާ ކަމެއް ބިދޭސީންގެ ބޮލުގައި އެޅޭ ގޮތަށެވެ. ބިދޭސީންގެ 'އުނދަގޫ ބޮޑު' ވާހަކަ އާއި 'މުޑުދާރު' ވާހަކަ އެވެ. އެމީހުން މި ގައުމަށް އައިސް 'ރާއްޖެ ހަލާކުކުރާ' ވާހަކަ އެވެ.

ބިދޭސީ މަސައްކަތްތެރިން ކާޑު އުފުލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ބައެއް ދިވެހިން ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި ކުށްކުރުން ގިނަވަނީ ވެސް ބިދޭސީންގެ ސަބަބުންނެވެ. ޑޮލަރު ތާށި ވަނީ ވެސް ބިދޭސީންގެ ސަބަބުންނެވެ. ރާއްޖޭގެ ވިޔަފާރިތައް ހަލާކުވެ، އިގްތިސޯދު ފުނޑެނީ ވެސް ބިދޭސީންގެ ސަބަބުންނެވެ. ދިވެހިވަންތަކަމާއި ސަގާފަތް ގެއްލެނީ ވެސް ބިދޭސީންގެ ސަބަބުންނެވެ. ކުރު ގޮތަކަށް ބުނާ ނަމަ، އެ މީހުން ގަބޫލުކުރާ ގޮތުގައި، ގައުމަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ މުގުލުގައި ވަނީ ބިދޭސީންނެވެ. އެހެންވެ، ބިދޭސީން ވަގުތުން ވަގުތަށް މި ގައުމުން ބޭރުކުރަން ޖެހެ އެވެ. 

މިފަދަ ވާހަކަތައް ކޮފީ މޭޒުތަކުންނާއި ސޯޝަލް މީޑިއާއިން ދޭތެރެ ދޭތެރެއިން މީގެ ކުރިން ވެސް ފެންމަތިވެ އެވެ. މިހާރު އެ އަޑުތައް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ އިދާރާތަކުގެ މައިކުތަކުން ވެސް ދަނީ އިވެމުންނެވެ.

އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އާންމު ރައްޔިތުން ވެސް ބިދޭސީ މަސައްކަތްތެރިންނާ މެދު ތައައްސުބުން ފުރިގެންވާ ލޮލަކުން ދެކި، އެއްވެސް ފަސްޖެހުމަކާ ނުލާ އެމީހުން ދަށްކޮށްލާ ވާހަކަދައްކަން އާދަވެފައިވާ އިރު، ބިދޭސީންގެ މައްސަލަ މި ގައުމުގައި މިހާ ބޮޑުވުމުގެ އަސްލަކީ ކޮބައިކަން ވިސްނާލަނީ ކިހާ ދިވެހިންނެއް ހެއްޔެވެ؟

ގެންނަނީ ކާކު؟ އިހުމާލު ވަނީ ކާކު؟

ގާނޫނުތަކާއި ގަވައިދުތައް އޮތް ގޮތުން، ބިދޭސީ މަސައްކަތްތެރިއަކަށް ރާއްޖެ އެތެރެ ވެވޭނެ ހަމައެކަނި ގޮތަކީ، ދިވެއްސަކު އޭނާ ގެނައުމެވެ. ބިދޭސީ މީހާގެ ހުއްދަތަކާއި ފީތަކާއި ވިސާ އަދި އެހެނިހެން ލިޔެކިޔުންތައް ފުރިހަމަ ކުރުމާއި، ވަކި މިންގަނޑަކަށް ފެތޭ ތަނެއް ދިރިއުޅެން ދެއްކުމާއި، ވަޒީފާ އަދާކުރުމުން މުސާރަ ދިނުމާއި، އާ ކުރަން ޖެހޭ ހުއްދަތައް ގަވައިދުން އާކުރުން ފަދަ ހުރިހާ ކަމެއްގެ ޒިންމާ އެޅިފައިވަނީ، އޭނާއަށް ވަޒީފާ ދީ، ރާއްޖެ ގެންނަ ދިވެހި މީހާގެ ބޮލުގަ އެވެ.

ހުޅުމާލޭގައިވާ ހެލްތު ފެސިލިޓީ ހަދަން ބިދޭސީންތަކެއް މަސައްކަތް ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނަމަވެސް ބިދޭސީންގެ މައްސަލައިގެ ވާހަކަ ދައްކާ އިރު، މިއީ ވަޒީފާ ދޭ ފަރާތުގެ ޒިންމާތައް ކަން ގިނަ ދިވެހިންނަށް ނޭނގޭ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް)ގެ ސީނިއަ ލީގަލް ކޯޑިނޭޓަރު އައިޝަތު އަލްސަން ސޯދިގު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، މިއަދު އޮތް ހާލަތަށް މައްސަލަ ގޯސްވެފައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތުން އެމީހުންނާ މެދު އިހުމާލުވެ، ބިދޭސީންނަށް ގަވައިދާ ހިލާފަށް އުޅުން ނޫން ގޮތެއް ނެތް ފަދަ މާހައުލެއް ރާއްޖޭގައި އުފެދިފައިވާތީ އެވެ. ގަވައިދާ ހިލާފަށް ލިޔެކިޔުން ނެތި ބިދޭސީން އުޅުމަކީ އެއް މައްސަލަ އެވެ. އެކަމަކު އެއާ ގުޅިގެން ބަލަން ޖެހޭ އިތުރު ބައިވަރު މައްސަލަ ރާއްޖޭގައި އެބަހުއްޓެވެ.

"އެމީހުން މިތަނަށް އައީ ކިހިނެއްހޭ؟ އެމީހުން މިހާރު އުޅޭ ހާލަތުގައި އެހެން އެ އުޅެނީ ކީއްވެހޭ؟ ކާކުހޭ އެމީހުން އެ ހާލަތަށް ވައްޓާލީ؟" އަލްސަން ސުވާލު އުފެއްދެވި އެވެ.

"ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލާގައި، އަޅުގަނޑު ގަބޫލުކުރަނީ އެއީ ދައުލަތުގެ ޒިންމާއެކޭ އެމީހުން އެހާލަތަށް ދިޔައީ ކިހިނެއްކަން ދެނެގަތުމަކީ. އެއީ، ރާއްޖޭގައި ވަރަށް ފަސޭހަ ކަމެއް، 'ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް'ގެ ގޮތުގައި ކްލެސިފައި ވުމަކީ."

އެކަމުގެ މިސާލުތައް ދައްކަވަމުން އޭނާ އޮޅުންފިލުވައިދެއްވި ގޮތުގައި:

  • ރާއްޖެއަށް ބިދޭސީން ގެންނަނީ ސްޕޮންސާޝިޕް ސިސްޓަމެއްގެ ދަށުން، ވަޒީފާ ދޭ ފަރާތުން ސްޕޮންސާކޮށްގެން، ވަޒީފާ ދޭ ފަރާތުގެ ނަންމަތީގައި

  • ގަވައިދު އޮންނަ ގޮތުން، އެގޮތަށް ގެނެވޭނީ ވަޒީފާގެ ކޮންޓްރެކްޓެއްގައި ބިދޭސީ މީހާ ވެސް ސޮއިކޮށްގެން؛ ނަމަވެސް ގިނަ ބިދޭސީންނަށް އެ ކޮންޓްރެކްޓް ވެސް ނުލިބޭ

  • ވަޒީފާ ދޭނަމޭ ބުނެގެން ގިނަ ބިދޭސީން ރާއްޖެ ގެންނަނީ އޮޅުވާލައިގެން؛ ރާއްޖެ އަންނަ އިރު ލިބެނީ އެމީހުންނަށް ދޭނަމޭ ބުނާ ފެންވަރުގެ ބޯހިޔާވަހިކަމެއް ނުވަތަ ދިރިއުޅުމެއް ވެސް ނޫން

  • ރާއްޖެ އައުމާ އެކު ވަރަށް ގިނައިން ވަޒީފާ ދޭ ފަރާތުން ބިދޭސީންގެ ޕާސްޕޯޓު ހިފަހައްޓާ؛ ގިނަ ބިދޭސީންނަށް އެމީހުންގެ ވިސާއާ ބެހޭ މައުލޫމާތާއި، ވިސާއަށް ލާރި ދައްކާފައި ވާކަން ނޫނީ ނޫންކަން ވެސް ނޭނގޭ

  • ދިރިއުޅުމުގެ ހާލަތު ގޯސްވެގެން ނުވަތަ މުސާރަ ނުލިބޭތީ ނުވަތަ އެހެން ސަބަބުތަކާ ހުރެ ބައެއް ބިދޭސީ މަސައްކަތްތެރިން އެހެން ވަޒީފާއެއް ހޯދަން މަސައްކަތް ކުރޭ؛ ނަމަވެސް އެއީ ވެސް އުނދަގޫ ކަމެއް

  • ވަޒީފާ ބަދަލުކުރަން ބޭނުމިއްޔާ އެކަން ކުރެވެނީ ރާއްޖެ ގެނައި ފަރާތުން އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނެ 'ނޯ އޮބްޖެކްޝަން' ސިޓީއެއް ދިނުމުން؛ އެ ސިޓީ ދޭން ވެސް ގިނަ ފަހަރަށް ވަޒީފާ ދޭ ފަރާތުން ދެކޮޅުހަދާ

  • ބިދޭސީ މީހާ އެހެން ވަޒީފާއެއް ހޯދަން މަސައްކަތް ކުރާކަން އެނގޭ ހިސާބުން، ވަޒީފާ ދިން ފަރާތުން ބަދަލުހިފުމުގެ ގޮތުން ބައެއް ފަހަރު ބިދޭސީ މީހާ ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް ރިޕޯޓު ކުރޭ

  • އެއާއެކު، އެއީ 'ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެއް' ކަމަށް ރަސްމީ ގޮތުން ނިންމާ؛ އެ ނިންމުން ބަދަލު ކުރުމަކީ އެހިސާބުން ވަރަށް އުނދަގޫ ކަމެއް

މުސާރަ ނުދޭ މައްސަލައިގައި ބިދޭސީ މަސައްކަތްތެރިންތަކެއް އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

"އަޅުގަނޑު ގަބޫލުކުރަނީ، މިއަދު އަޅުގަނޑުމެންނަށް މިފެންނަ ގަވައިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީ މަސައްކަތްތެރިންނަކީ އެ ހާލަތުގައި ތިބި މީހުންނޭ. ވަޒީފާ ދޭ ފަރާތުން އެމީހުންނަކަށް ނުލިބޭ ލިބެންވާ މުސާރައެއް، ދިރިއުޅެން އެކަށީގެންވާ ތަނެއް. ދެން އެހެން ގޮތެއް ހޯދަން މަސައްކަތް ކުރީމަ އެމީހުން ރިޕޯޓު ކުރަނީ، ނޫނީ އެމްޕްލޯއިމަންޓް ސްޓޭޓަސް އާކުރަން ނުވަތަ ވިސާ އާކޮށްދޭން ވަޒީފާ ދޭ ފަރާތުން ދެކޮޅު ހަދަނީ،" އޭނާ ހުލާސާ ކޮށްދެއްވި އެވެ.

"މިހާރު އޮންނަ ގޮތުން ވަޒީފާ ދޭ ފަރާތުން ބިދޭސީ މަސައްކަތްތެރިޔާ ދޫކޮށްލަން ބޭނުން ނުވަންޏާ، އެ ބިދޭސީ މީހާއަށް އެހެން އެއްވެސް ގޮތެއް ނޯވޭ. އެހިސާބުން، އަންޑޮކިއުމެންޓް ވެގެން ގަވަައިދާ ހިލާފަށް އުޅޭ ބިދޭސީއަކަށް ވަނީ."

ރާއްޖެ ގެންނަނީ ދިވެއްސެކެވެ. އިހުމާލުވެ، ހައްގުތައް ނިގުޅައިގަނެ، މުސާރަ ހިފަހައްޓަނީ ވެސް ދިވެއްސެކެވެ. އެހެން ގޮތެއް ހޯދައިގެން ދިޔަ ނުދެނީ ވެސް ދިވެއްސެކެވެ. ޕާސްޕޯޓާއި ލިޔެކިޔުންތައް އަތުލައި 'ގަވައިދާ ހިލާފު' ކޮށްލަނީ ވެސް ދިވެއްސެކެވެ. ނަމަވެސް،  ގޯސްވަނީ، އެ ހާލަތު މެދުވެރިވުމުން ދިރިހުރުމަށާއި އާއިލާ ބެލެހެއްޓުމަށް ކޮންމެވެސް ގޮތަކުން މަސައްކަތް ކޮށްގެން ލާރި ހޯދައިގެން އުޅޭ ބިދޭސީންނެވެ.

ފިޔަވަޅު އެޅުމުގައި ވެސް ތަފާތު ކުރުން

ރަނގަޅެވެ. އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް އެތަކެތި ވިއްކިގެން ނުވާނެ އެވެ. ގަވައިދާ ހިލާފަށް ވިޔަފާރިކޮށް، މަސާޖު ޕާލާތަކުގައި ހަށިވިއްކުން ފަދަ ކުށްތައް ކޮށްގެން ނުވާނެ އެވެ. އެފަދަ ތަންތަން ވަގުތުން ވަގުތައް ބަންދުކޮށް، އެކަންކަމުގައި ހަރަކާތްތެރިވާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު ވެސް އަޅަން ޖެހެ އެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްގެ ދަށުންނާއި 'އިމިގްރޭޝަން ވޮޗް' ޕޯޓަލްއަށް ލިބޭ މައުލޫމާތަށް ބިނާކޮށް، ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން އަތުލައިގަންނަން ހާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެ އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީން އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ދަނީ ޑީޕޯޓު ވެސް ކުރަމުންނެވެ. 

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ކޮފީޝޮޕް ހިންގަމުންދިޔަ ބިދޭސީން ހޯދަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއް (ފޮޓޯ/ އިމިގްރޭޝަން)

އެކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެ އެވެ. ނަމަވެސް އެއީ އެކަން ކުރަން އެންމެ ރަނގަޅު ގޮތްތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ.

"ފުރަތަމަ ކަމަކަށް ވަރަށް އާބިޓްރަރީ ޕްރޮސެސްއެއް. ބިދޭސީ މަސައްކަތްތެރިން އުޅެމުންދާ ހާލާއި އެމީހުން އެ ހާލަތަށް ދާން ޖެހުނު ސަބަބެއް އެއްވެސް ވަރަކަށް ބެލުމެއް ނެތި [އެކަން ކުރަމުންދަނީ]،" ސަރުކާރުން އޮޕަރޭޝަންތައް ހިންގަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އަލްސަން ވިދާޅުވި އެވެ.

"ގަވައިދާ ހިލާފަށޭ ކިޔާފައި، އަސްލު ޑިޓެއިން ކޮށް ޑީޕޯޓު ކުރަމުންދަނީ ކޮން އުސޫލެއް ނުވަތަ ގަވައިދެއްގެ ދަށުން ކަމެއް ވެސް ނޭނގޭ... ޑީޕޯޓު ކުރުމުގެ ކުރިން އިމިގްރޭޝަނުން ފުރިހަމަ ކުރާ އިޖުރާއަތްތަކަކީ ކޮބައިތޯ؟ މީހަކު ޑީޕޯޓު ކުރަނީ ކޮން ކަންތައްތަކަކަށް ބަލާފައިތޯ؟ އަދި ބިދޭސީން ރާއްޖެ ގެންނަ މީހުންނާ މެދު އަޅަމުންދާ ފިޔަވަޅަކީ ކޮބާތޯ؟"

ބިދޭސީން ޑީޕޯޓުކޮށް، އަތުލައިގަނެވޭ ބައެއް ބިދޭސީންގެ ވަނަވަރާއި ފޮޓޯ ހާމަކޮށް، ރެއިޑުތަކުގެ ފޮޓޯ އާއި ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި އިމިގްރޭޝަނުން ޕޯސްޓު ކުރަމުންދާ އިރު، މިހާތަނަށް އެކަންކަމުގައި ޝާމިލުވާ އެއްވެސް ދިވެއްސަކާ މެދު ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކުރެވެ އެވެ. އަޅާފައިވާ ނަމަވެސް ސަރުކާރުން އެކަން ހާމަކޮށްފައެއް ނުވެ އެވެ.

ނޫސްވެރިންގެ ފަރާތުން ވެސް އެ ސުވާލު ތަކުރާރުކޮށް އަމާޒުވަމުންދާތީ، އެންމެ ފަހުން މި މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހިންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ. 

ކުރިއަށް އޮތް ތަނުގައި ހިއުމަން ޓްރެފިކިންގެ މައްސަލަތައް ތަހުގީގުކޮށް، ޖޫރިމަނާ ކޮށް، ޕާސްޕޯޓު ހިފެހެއްޓުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް، މިހާ ދުވަސްވީ އިރު އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ، ކުށްވެރިންތަކަކަށް އަދަބު ނުދެވި، އެ ކުށް ތަކުރާރުކުރަން ތަންމިނަށް ފުރުސަތު ހުޅުވާލަދީފައި އޮތުމެވެ. މިއޮއްހާ ދުވަހު ވެސް ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން އޮތީ އެ ފިޔަވަޅުތައް އެޅޭ ގޮތަށެވެ. މައްސަލައަކީ ތަންފީޒު ނުކުރެވުމެވެ. 

އެކަމުގައި ސަރުކާރުތަކުން ފަސްޖެހެނީ، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ސިޔާސީ ބައެއް ބޭފުޅުންނާއި މުއްސަނދި ވިޔަފާރިވެރިން ހިމެނޭތީ ކަމަށް އަލްސަން ގަބޫލުކުރައްވަ އެވެ.

"ބޮޑު ވަރަކަށް ޖޫރިމަނާއެއް ކޮށްލަނީ. އެ ޖޫރިމަނާ އަސްލު ދައްކާ ކަމެއް ވެސް ނޭނގޭ. އެހެންވީމަ ވަރަށް ފަސޭހަ ގޮތަކަށް މި އޮންނަނީ ދިވެހިންނަށް ބިދޭސީ މަސައްކަތްތެރިން ގެނައުން،" އޭނާ ފާހަގަކުރެއްވި އެވެ.

އަލްސަން ދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާ ދޭ ފަރާތްތައް ޒިންމާދާރު ކުރުވައިގެން ބިދޭސީ މަސައްކަތްތެރިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުން މަދުކުރެވިއްޖެ ނަމަ މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ނުކުންނާނެ އެވެ.

އޭގެ އިތުރުން ވެސް، ގެނެވެން ހުރި ބައެއް ބަދަލުތައް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން:

  • ބިދޭސީ މަސައްކަތްތެރިންނަށް ވެސް މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން؛ ގާނޫނުން އެކަން ކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ދީފައިވާ ނަމަވެސް މިހާތަނަށް އެ ވުޒާރާ އިން އެކަން ކަނޑައަޅާފައެއް ނުވޭ

  • ބިދޭސީ މަސައްކަތްތެރިން ގެންނަން ރާއްޖޭގައި މިހާރު އޮތް ސްޕޮންސާޝިޕް ސިސްޓަމް އުވާލުން؛ އެ ސިސްޓަމްގެ ސަބަބުން ބިދޭސީންނަށް ވަޒީފާ ބަދަލުކުރުމުގެ އިހުތިޔާރެއް ނުލިބޭ، އަދި ޓްރެފިކިންއަށް މަގުފަހިވޭ

  • ޕާސްޕޯޓާއި ލިޔެކިޔުންތައް ހިފެހެއްޓުމާއި އިހުމާލުވުމުގެ މައްސަލަތަކުގައި ވަޒީފާ ދޭ ފަރާތާ މެދު ފިޔަވަޅު އެޅުން

  • އިމިގްރޭޝަން އާއި ސަރުކާރުގެ އިދާރާތަކުން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުން

  • ބިދޭސީން ބައިތިއްބާ ޑިޓެންޝަން ސެންޓަރުތަކުގެ ފެންވަރު ރަނގަޅުކޮށް، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ތިބެވޭނެ ރައްކާތެރި އިންތިޒާމުތައް ގާއިމްކުރުން

  • ޕޮލިސީ ނިންމުންތައް ނިންމާ އިރު ބިދޭސީ މަސައްކަތްތެރިންގެ ނަޒަރުން ވެސް މައްސަލަ ދެނެގަތުން

  • ލިޔެކިޔުންތައް ހަމަނުވާކަން އެނގޭ ނަމަ ބިދޭސީ މަސައްކަތްތެރިންނަށް އަމިއްލައަށް ގޮސް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލުވެވި، ގައުމަށް ފޮނުވާލަދޭން އެދެވޭ ގޮތަށް އޮތް ނަމަވެސް އެކަން ކުރުމުގެ ނިޒާމު ގާއިމްކޮށްފައިވަނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ފެސިލިޓީގައި ކަމުން ގިނަ ބިދޭސީން އެތަނަށް ދާން ފަސްޖެހޭ؛ އެ ނިޒާމު އިތުރަށް ރަނގަޅު ކުރެވިދާނެ

ބިދޭސީން ގަވައިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރީ ސަރުކާރުން ހިންގި ހަރަކާތުގައި ބައިވެރިވުމަށް ބިދޭސީން ގަލޮޅުދަނޑުގައި. (ފައިލް ފޮޓޯ)

ނަސްލީ ތަފާތުކުރުމުގައި ރަސްމީ ތައްގަނޑު ޖެހިއްޖެ

އެކަށީގެންވާ ވަރާ ގާތަށް ވެސް ބިދޭސީން ރާއްޖެ ގެނައުމާއި، އެމީހުންގެ ކަންކަން މޮނިޓާ ކުރުން ނުބެލެހެއްޓި، ބޮއްސުންލައިގެން ގޮސް ނުކުމެފައިވާ ހުރިހާ މައްސަލައެއްގައި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ކުށްވެރިކުރަނީ ހަމައެކަނި ބިދޭސީންނެވެ. 

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ދުލުން ވެސް މިހާރު އިވެމުންދަނީ ނަސްލީ ތަފާތު ކުރުމާއި ތައައްސުބުން ފުރިގެންވާ ޒެނޮފޯބިކް ވާހަކަތަކެވެ. އެ ވާހަކަތަކުން ހިތްވަރު ލިބި، ހުޅު ހިފަނީ އާންމުން ރައްޔިތުންގެ މެދުގައި ބިދޭސީންނާ މެދު އުފެދިފައި އޮތް ރުޅިވެރިކަމުގަ އެވެ.

އެ ރުޅިވެރިކަމުގެ އަސަރު މުޖުތަމައުގެ ތެރެއިން މިހާރު ވެސް ފެނެ އެވެ. ބިދޭސީންނާ  ދިމާލަށް އެއްޗިހި ކިޔާ ހަޅޭއްލެވުމާއި، ފުރައްސާރަކުރުމެވެ. ބައެއް ހާލަތްތަކުގައި ގަޔަށް އަތްލާ ޖިސްމާނީ އަނިޔާ ދޭ ހިސާބަށް ވެސް ކަންކަން ގޮސްފައި އެބަ ހުއްޓެވެ.

"ރާއްޖެ މިހާރު ފާ-ރައިޓް ރޭސިސްޓް ގައުމަކަށް ވީތަ؟ މުސްލިމަކަށް ވީތީ ވެސް ހަމްދަރުދީވުމެއް ނޯވޭ. އަހަރެންނަކީ، ބަންގްލަދޭޝް މީހެއް ކަމަށް ހީކޮށް ދިވެއްސަކު އަހަރެން ގައިގައި ޖަހާފައި ހުރި މީހެއް. ޒެނޮފޯބިއާ ރާއްޖޭގައި އަތްނުފޯރާފަށަށް ހިނގައްޖެ،" މިއީ އިމިގްރޭޝަންގެ ޕޯސްޓެއްގެ ދަށުގައި މީހަކު ހިއްސާކޮށްފައިވާ އޭނާގެ އަމިއްލަ ތަޖުރިބާ އެވެ.

ބިދޭސީންނާ މެދު ދިވެހިން ދެކޭ ގޮތަށް ބަދަލު ނާންނަ ނަމަ، ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ދާނީ ގޯހުން ގޯހަށެވެ.

"ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ މީހުން، އާންމު ރައްޔިތުން ހަމަ ކޮންމެ ދުވަހަކު ބަލާ، އަޑުއަހާ އެއްޗިހިތާ އެ ކިޔަނީ. އެހެންވީމަ ތަންކޮޅެއް ސެންސިޓިވްކޮށް މި ވާހަކަ ދައްކަން އެބަ ޖެހޭ. ދަންނަން ޖެހޭ މިއީ [ބިދޭސީންނަކީ] ޓްރެފިކް ކޮށްފައިވާ މީހުން ކަން. އެމީހުން ގަވައިދާ ހިލާފަށް އެއުޅެނީ އަމިއްލައަށް މިތަނަށް އައިސް މިގައުމަށް ވެރިވެގަނެގެންނެއް ނޫން،" އަލްސަން ވިދާޅުވި އެވެ.

"ފިޔަވަޅު އަޅާ އިރު ވެސް އެ ހުރިހާ ކަމަކަށް ރިއާޔަތް ނުކޮށް، މިއީ [ބިދޭސީންނަކީ] ގޯސް ބައެކޭ، މިތަނުން ޑީޕޯޓު ކޮށްލަން ޖެހެއޭ، އެހެން އެ ދައްކާ ވާހަކަ އަކީ، ޒެނޮފޯބިއާއަށް އިތުރަށް މަގުފަހިވެ، އާންމުންގެ މެދުގައި ވެސް ބިދޭސީންނާ މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތައް ފެތުރޭނެ ކަމެއް."

މާލޭގެ މަގުމަތީގައި ބިދޭސީން އުފާފާޅުކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަލްސަން ވިދާޅުވި ގޮތުގައި:

  • އިމިގްރޭޝަނުން ކުރަމުންދާ ގައުމީ ހިދުމަތެއްގެ ގޮތުގައި ރެއިޑްތަކުގެ ވީޑިއޯ ހަދާ ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކަށް އަޕްލޯޑު ކުރަމުންދާ ދިޔުން ހުއްޓާލަން ޖެހޭ

  • އެ ވީޑިއޯތަކުގެ ސަބަބުން ހިއުމަން ޓްރެފިކިން އާއި ބިދޭސީންގެ ހައްގުތައް ނިގުޅައިގަނެވިފައިވާ މައްސަލައަށް އެއްވެސް ހައްލެއް ނުލިބި، އުފެދެނީ 'ބޭކާރު ނެރޭޓިވް' އެއް

  • މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގެންގުޅުއްވާ ބަސްމަގު ބަދަލުކޮށް، ބިދޭސީންނަކީ ވެސް ހައްގުތަކެއް ލިބިގެންވާ އިންސާނުންކަން ދަނެގެން މި މައްސަލާގައި ވާހަކަ ދައްކަވަން ޖެހޭ

  • ބިދޭސީންނަށް ވަޒީފާ ދީ، އެމީހުން ގެނެސް، އިންސާނީ ވަގުފާރި ކުރަމުންދާ ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ ވާހަކަ މިހާރަށް ވުރެ ބޮޑަށް ދައްކަން ޖެހޭ

"ގިނަ ދިވެހިން ވިސްނާ ގޮތުން، ބަންގްލަދޭޝްއިން ނޫނީ އިންޑިއާއިން ނޫނީ ލަންކާއިން މިއަންނަ ބިދޭސީންނަކީ އަހަރެމެންގެ ހިދުމަތުގައި އައިސް ތިބޭ މާ ދަށް ފެންވަރުގެ ބައެއް. އެމީހުންނަކީ ވެސް ހައްގުތަކަކާއި އިހުސާސްތަކެއްވާ އިންސާނުން ކަމުގައެއް ނުވިސްނޭ،" ބިދޭސީންނާ ގާތުން މަސައްކަތް ކުރައްވަމުން އަންނަ އަލްސަން ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މައްސަލަ ފެށޭ ހިސާބަކީ އެއީ. އަހަރެމެންގެ ސަގާފަތާއި އަހަރެމެންގެ ވިސްނުން ހުންނަ ގޮތް. އަހަރެމެން އެމީހުން ކުޑައިމީސްކޮށް، އެއީ އަހަރެމެންނަށް ވުރެ ދަށް ފަންތީގެ ބައެއް ކަމަށް ދެކޭ ގޮތް. އެ ސަގާފަތާއި މީހުން ދެކޭ ގޮތް ބަދަލު ނުކޮށް، މި މައްސަލައަށް ހައްލެއް ގެންނަން ވަރަށް އުނދަގޫ ވާނޭ އަޅުގަނޑު ދެކެނީ."

ކޮމެންޓް (4)

އަހުސަން

27 އޯގަސްޓު 2024
ރާއްޖެ އައް އައްނަ ބިދޭސިންގެ ތެރެއިން އެއްމެފީކަޅާ ބިދޭސިން ނަކީ ބަގުލަދޭޝް މީހުން.ރިސޯޓެއް ގެ ކެންޓީނު ތެރޭގަ ބަލަން ވާ ވަރައް ނުބެލުމުގެ ސަބަބުން ދިވެއްސެއްގެ ގަޔައް ރިހައެޅުމުގެ ސަބަބުން ދެމީހުންގެ ދޭތެރޭ ޒުވާބު ގަދަވެ ހިގި މާރާމާރީ އެއްގެ ތެރެއިން އެކަން ހައްލު ކުރަން ވާހަކަ ދައްކަން ފެށީމަ އެވަގުތު ކެންޓީނު ތެރޭ އެއްވެފަ ތިބި ބަންގާޅިންގެ ތެރެއިން މީހަކު އަހަރެން ގެ ބުރަކަށީގަ ގޮޑި އަކުންޖެހި.އެވަގުތު ތަންކޮޅެއް ދުރުގަ ހުރި މޭޒެއްގަ މެންދުރު ކެއުމުގަ.އަހަރެން ނަކީ އެޗް އާރު އޮފީހުގަ އުޅޭ މީހަކައް ވުމުން މައްސަލަ ހައްލު ކުރަން އުޅުނީ.މީ އަހަރެންނައް ދިމާވި ހާދިސާ.
0 0

ސައިޚް

26 އޯގަސްޓު 2024
ދިވެއްސެއް މެދުވެރި ނުވެ ޓްއަރިސްޓް ވިސާގައަމިއްލަ އަށްވެސް އަންނަނީ، ބަންގަޅިންވެސް ބަންގަޅިން ގެންނަނީ،
1 0

ހާރޫން

26 އޯގަސްޓު 2024
މުޅި ރިޕޯޓު ތިއޮތީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ހައްގުތަކުގެވާހަކަ އެމީހުން އަށް އިހުމާލުވާނަމަ އެކަން ލޭބާރިލޭޝަންއަށް ރިޕޯޓު ކުރެވޭނެ. އޭގެ ބަދަލުގަ އެމީހުންނަށް ކޮންހައްގެއް އޮތީ މިތާ ނަޖީސްކާނާތައްޔާރުކޮށް އިންސާނުންނަށް އޮޅުވާލާއިގެން އެކާންދިނުމުގެ. ބައެއް ބިދޭސީން ރާއްޖެ އެތެރެވެފަ އަމިއްލައަށް ޕާސްޕޯޓު އެބަ އަންދާލާ މިތާ ބޭނުންގޮތަކަށް އުޅެވޭނެ މަގުފަހިވެފައޮތީމަ.
1 0

ހަސަން3243

26 އޯގަސްޓު 2024
ވަރަށް ރަގަޅު ޙަބަރެއް . ބިދޭސީން ޑީޕޯޓު ކުރާއިރު އެކަންތައް ބަލާނެ ބަޔެއްވެސް ނެތް ! ކޮން އުސޫލަކުން ކަމެއް ވެސް އެމީހުން މި ފޮނުވަނީ ، ލީގަލީ ވިސާދައްކާ މީހުންވެސް އެބަ ފޮނުވާ ، އެމީހުން ލައްވާ ކަންތައް ކުރާ ދިވެހިން އަނެއް ބޭރުމީހާ ގެންނަން ހުއްދަވެސް މިދެނީ . އަދި ދިވެހިން ބޭރުމީހުންނާމެދު ވަރަށްވެސް ރޭސިސްޓް ހަމަ ! މިއީ ހަގީގަތް !
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް