ނާރެސް ޕޯޓަލް އިފްތިތާހުކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިހުސާން(ފޮޓޯ/ ރައީސް އޮފީސް)

ތިން އަހަރުގެ ތެރޭ ބިދޭސީންގެ މައްސަލަތައް އެއްކޮށް ހައްލުކުރާނަން: އިހުސާން

އިހުސާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެެނެގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަަހަރު ދުވަސް ކަމަށް، އެއަށްފަހު އެ މީހުން ގާނޫނީ އިމަށް ވެއްދުމުގެ މަސައްކަތް ފަށާނެ ކަމަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ކުރިއަަށް އޮތް ތިން އަަހަރު ދުވަސްތެރޭ އެއްކޮށް ހައްލުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - އިހުސާން މިހެން ވިދާޅުވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އާއި ކައުންސިލްތަކާ އެއް ވިއުގައަކުން ގުޅާލަައި، 'ނާރެސް ޕޯޓަލް' އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެެނެގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަަހަރު ދުވަހެވެ.

"ޖެހިގެން އަންނަ ދެވަނަ އަހަރާއި ތިން ވަނަ އަހަރަކީ މިގޮތުން ދެނެގަނެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކުރާނެ ދެއަހަރު ދުވަސް. ﷲގެ އިރާދަފުޅާ އެކު ރައީސްގެ އިރުޝާދާ އެކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތިން އަހަރު ތެރޭގައި ރާއްޖޭގައި މިއޮތް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ގެނައުން،" އިހުސާން ވިދާޅުވި އެވެ.

ނާރެސް ޕޯޓަލް އިފްތިތާހުކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު،(ކ)، ހޯމް މިނިސްޓަރު އިހުސާން(ވ) (ފޮޓޯ/ ރައީސް އޮފީސް)

އިހުސާން ވިިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ކުރަމުން އަންނަ އެ މަސައްކަތުގައި ރޭ އިފްތިތާހުކުރި ނާރެސް ޕޯޓަލް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އެގޮތުން، 10 އިނގިލީގެ ނިޝާން އެއްފަހަރާ ނެގޭނެ މެޝިންތަކެއް ކައުންސިލްތަކާ ހަވާލު ކުރާނެކަން ރޭގެ ހަފްލާގައި އިއުލާންކޮށްފައިވެ އެވެ.

އިހުސާން ވިދާޅުވީ، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާރު ފަށާފައިވާ 'ކުރަނގި' އޮޕަރޭޝަންތަކުގައި އެ މެޝިންތައް، ބޭނުންކުރާނެ ކަމަށެވެ. އަދި އެ މެޝިންތަކުގެ ބޭނުންކޮށްގެން ރަށްރަށުގައި ދިރިއުޅޭ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި، އެމީހުންގެ މައުލޫމާތު ރައްކާކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އޭރުން:

  • ކައުންސިލްތަކަށް އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އޮޓޯއިން ލިބިގެންދާނެ 

  • އެ ދަފްތަރުގެ ސަބަބުން ގަވާއިދާ ހިލާފަށް ރަށްރަށުގައި އުޅޭ ކަމަށް ޝައްކުރެވޭ ބިދޭސީން ފަސޭހައިން ދެނެގަނެވޭނެ 

  • އޭރަށް ކައުންސިލް މެމްބަރަކު ގޮސް އެ ބިދޭސީއެއްގެ ފޮޓޯ ނަގާލާ ހިސާބުން އެ ބިދޭސީއަކީ ކީއްކުރާ މީހެއްކަން، ކޮން ކުންފުންޏެއްގެ ނަމުގައި އައިސްފައި ހުރި މީހެއްކަން، އެންމެ ފަހުން ވިސާ ދެއްކީ ކޮން އިރަކު ކަން އެނގިގެންދާނެ 

  • ނުވަތަ އެމީހާ ކައުންސިލަށް ހާޒިރުކޮށް ފިންގަޕްރިންޓް ނެގުމުން ވެސް އެ މައުލޫމާތު އެނގިގެންދާނެ

  • އަދި ފޮޓޯއެއް ނަގާލައިގެން ފުލުހުންނަށް ވެސް އެ ބިދޭސީއަކީ ކާކުކަން ދެނެގަނެވޭނެ

"މިއީ އަޅުގަނޑުމެން [ކުރަނގި އޮޕަރޭޝަންގެ] ފޭސް 1ގައި ކުރި މަސައްކަތް. އަދި ފޭސް 2ގައި މި ބާރުވެރިކަން ދިނުމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމުގެ ފުރަތަމަ ބައި ނިމުނީ." އިހުސާން ވިދާޅުވި އެވެ.

އެނގުން މުހިންމު - ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ނުވަތަ ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން 'ކުރަނގި' ނަމުގައި ހާއްސަ އޮޕަރޭޝަނެއް އަންނަނީ ހިންގަމުންނެވެ.

އެންމެ ފަހުން އިމިގްރޭޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ވާގޮތުން، މި އޮޕަރޭޝަންތަކުގައި މިހާތަނަށް 2،000އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފަ އެވެ.

ކޮމެންޓް (2)

އިހުސާނޫ

21 ޖުލައި 2024
ކޮއްޔާ އިހުސާނޫ، ތަންކޮޅެއް ކުރިން ރާއްޖޭގަ ހިންގި ސާފުކުރާ ދުވަސްތަކެއް. ގޮވާލަން ވީނޫން ދުވަހެއް ކަނޑައަޅާފަ މުޅި ރާއްޖޭގަ އެއްދުވަހެއްގަ ޤަވާއިދާ ޙިލާފަށްއުޅޭ މީހުން ތިޔަވުޒާރާއާ ހަވާލުކުރާދުވަހުގެ ގޮތުގަ އެދުވަހު އެމީހަކު ހުރިތަނަކުން ހިފަހައްޓާނީ އަދި ހަމައަންގަންވާނެ ހުރިހާވަހުތެއްގަވެސް ސައްހަ ވޯކުޕާމިޓް ކާޑު އަތުގަ އޮންނަން ޖެހޭނެ ކަމަށް ނެތިއްޔާ ހިފަހައްޓާނެ ވާހަކަ.
0 0

މަގޭބުނީ

20 ޖުލައި 2024
'ނާރެސް ޕޯޓަލް' ނޫން ކޮންމެ އެއްޗެއް ހެދިޔަސް ތަންފީޒީ އިދާރާތަކުގެ ވާޖިބު އަދާކޮށްގެންނޫނީ ނުވާނެ ހައްލެއް، މިހާރުވެސް މިއުޅެނީކީ ރަށްރަށުގެ އުޅޭ ޤަވައިދާޚިލާފް ބޭރުމީހުން ނޭނގިގެންނެއްނޫން، ރާއްޖޭގެ ރަށްރަށުގަ ތިބި މީހުން ދެނެގަންނަން 24 ގަޑިއިރުވެސް ނުނަގާނެ، ދެން އެމީހުން އެނގުނިއްޔާ ކިހިނެތް ހަދަނީ..؟؟؟
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް