ބިދޭސިންތަކެއް މާލޭ މަގުމަތީ (ދައުރު ފައިލްފޮޓޯ)
ގަވައިދާ ހިލާފު ބިދޭސިން ފޮނުވާލުން: ކޮންމެހެން ވެސް ކުރަން ޖެހިފައި އޮތް ކަމެއް
ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު ޔަގީންކަމާ އެކު ބުނަން ސަރުކާރުގެ އެއްވެސް އިދާރާއަކަށް ނޭނގެ އެވެ. ސަބަބަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދު ނޭނގުމެވެ.
ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލައާ މެދު އަޅާނުލައި ނޫނީ މާބޮޑު ސަމާލުކަމެއް ނުދެވި އޮވެ މިހާރު އޮތީ ހައްދުން ނެއްޓިފަ އެވެ. ގައުމުގެ އިގްތިސޯދަށް މީގެ ނޭދެވޭ އަސަރު ކުރިމަތިވެފައި އޮންނަތާ ވެސް އެތައް އަހަރެއް ވެއްޖެ އެވެ.
މީގެ ކުރިން 'ދައުރު'އާ ވާހަކަ ދައްކަވަމުން ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ބައެއް މީހުން ޓޫރިސްޓު ވިސާގައި އައިސް ފިލައިގެން އުޅޭ މައްސަލަ ހައްލުކުރުމަށް ނިޒާމުގެ ތެރެއިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
"ބަންގްލަދޭޝް މީހަކަށް ޓޫރިސްޓެކޭ ކިޔާފައި ރާއްޖެ ވަދެވޭނީ ވަރަށް އުނދަގުލުން މިހާރު. އޭނާގެ ހޮޓެލް ގެރެންޓީ ކުރަން. އޭނާ އަތުގައި އެ ބުނާ މުއްދަތަކަށް ދުވާލަކަށް އެވްރެޖުކޮށް 100 ޑޮލަރުގެ ރޭޓުން ސްޕެންޑު ކުރާނެ ލާރި ހުރިތޯ ޔަގީން ކުރަން. އޭގެ އިތުރުން އޭނާއާ ވަރަށް ޗެލެންޖިން އިންޓަވިއުއެއް ކުރަން،" އިހުސާން ވިދާޅުވި އެވެ.
މިހާރު ބޯޑާ ކޮންޓްރޯލު ސިސްޓަމާ މެދު ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މީގެ ކުރިން ވަދެފައި ތިބި މީހުންނާއި އެ ތިބި އަދަދަކާ އެއްޗެހި އަންދާޒާ ކުރާކަށް ނޭނގެ އަދި،" އިހުސާން އޭރު ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަަދަދު ދެނެގަންނަން ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީ އިން ވަނީ 'ކުރަނގި'ގެ ނަމުގައި އޮޕަރޭޝަނެއް ފަށައިފަ އެވެ. ތިން އަހަރަށް ދެމިގެންދާނެ އެ އޮޕަރޭޝަނުގެ ދަށުން:
-
ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެ މީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ މަސައްކަތް ކުރަނީ ކޮން ތާކުތޯ ދެނެގަނެވޭނެ
-
ދެން އަންނަ ދެ އަހަރު ތެރޭގައި، ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނެއް ހަދައި ފޮޓޯ އައިޑެންޓިޓީ ހަދާނެ
-
ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ، އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދައި އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެ މީހަކު ފޮނުވާލާނެ
އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކާ މީގެ ދެތިން އަހަރު ކުރިން ދެކެވުނު ވާހަކައެއްގެ ތެރެއިން އޭނާ ފާހަގަ ކުރި އެއް ކަމަކީ، އެ ރަށުގެ ވަލުތެރޭގައި ގެ އަޅައިގެން ބިދޭސީން އުޅޭ ވާހަކަ އެވެ. ވަލުތެރޭ ހުންނަ ރުއްރުކުގައި އަޅާ ކުރުނބަޔާއި ވެއްޓޭ ކާއްޓަކީ އެ ބިދޭސީންގެ މިލްކަކަށް ވެފައިވާ ވާހަކަ އެވެ. ފަތްކެޔޮ ހައްދައިގެން، މާލޭގައި ތިބޭ އެ މީހުންގެ ރައްޓެހިން ލައްވާ އެ ވިއްކާ ވާހަކަ އެވެ. ރާއްޖޭގަައި ހެދޭ ކާބޯތަކެތީގެ މާކެޓުގެ ބޮޑު ކޮންޓްރޯލެއް މިފަދަ ބިދޭސިންގެ އަތުގައި އޮންނަ ވާހަކަ އެވެ. އަދި އެގޮތަށް އުޅޭ މީހުންނާ މެދު ރަށުގެ ކައުންސިލުން ވެސް މާބޮޑު އަޅައެއްނުލާކަން އޭނާ އޭރު ފާހަގަކުރި އެވެ.
ބައެއްފަހަރު އެކި ކުންފުނިތަކުގެ ނަމުގައި މަސައްކަތު ގެންނަ ބިދޭސީ މުވައްޒަފުން، އިންސާނީ ހައްގުތަކުން މަހުރޫމްކޮށްގެން، ނުވަތަ އެހެން ގޮތެއް އެބައޮތްކަން ރައްޓެހިންގެ ކިބައިން އެނގިގެން، އެ މީހުން ގެންނަ މީހާގެ ކައިރިން ފިލައިގެން ދެ އެވެ. މިގޮތަށް ފިލައިގެން ދާ މީހުން ހޯދަން އެ މީހުން ގެންނަ ވިޔަފާރިތަކުން ނޫނީ މީހުން އިއުލާނު ވެސް ކޮށްފައި ހުރެ އެވެ. މިފަދަ ބައެއް މީހުން އެކި މަސައްކަތްކޮށްގެން ބޮޑެތި މަހުޖަނުންނަށް ވެފައި އެބަތިއްބެވެ. އެ މީހުންގެ އާއިލާތަކަށް ކޮންމެ މަހަކު ފައިސާ ފޮނުވަ އެވެ. އެކަމަކު އެއީ ގަވައިދާ އެއްގޮތަށް ފޮނުވާ ފައިސާއެއް ނޫނެވެ. ގާތް މީހަކު ނޫނީ ދަންނަ މީހަކު ގައުމަށް ދާއިރު އެ މީހަކާ ހަވާލު ކޮށްފައި ވެސް ފައިސާ ފޮނުވަ އެވެ.
ބަންގްލަދޭޝްގެ ބޭންކަކާ ހަވާލާދީ އެ ގައުމުގެ ނޫހެއްގައި ބުނެފައިވާގޮތުން ފާއިތުވި މާލީ އަހަރުގެ ތެރޭ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހުން އެ ގައުމަށް ރެމިޓެންސްގެ ގޮތުގައި 31.69 މިލިއަން ޑޮލަރު (489 މިލިއަން ރުފިޔާ) ފޮނުވާފައިވެ އެވެ. މިއީ ހަމައެކަނި ގަވައިދާ އެއްގޮތަށް އުސޫލުގެ ތެރެއިން ފޮނުވާފައިވާ ފައިސާގެ އަދަދެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރާއްޖޭން ބޭރުކުރާ ފައިސާގެ އަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވެ އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން އުޅޭ މައްސަލަ އިހުސާނު ފާހަގަކުރެއްވީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. އެ މައްސަލަ އަށް ހައްލެއް ގެނައުމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓްރީ އާއި އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން މިހާރު ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ފާހަގަކުރެއްވި ގޮތުގައި، 17 ނޮވެމްބަރުން ފެށިގެން 11 ޖުލައި 11އާ ހަމައަށް، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް އުޅޭ 2،003 މީހަކު ވަނީ ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލައިފަ އެވެ. އޭގެ ތެރޭގައި ހަށިވިއްކުން ފަދަ ގާނޫނާ ހިލާފު ބޮޑެތި ކުށްތަކުގައި ޝާމިލުވާ މީހުން ހިމެނޭކަން ޝަމްއާން ފާހަގަ ކުރެއްވި އެވެ.
ފާއިތުވި ދެ ހަފްތާއެއްގެ ތެރޭ ވެސް، ގަވައިދާ ހިލާފަށް އުޅޭ އެތައް ބައިވަރު ބިދޭސީންނެއް އަތުލައިގަނެފައިވެ އެވެ. މިއިން އެއްވެސް މީހަކަށް ދެވަނަ ފުރުސަތެއް ދިނުމަކާ ނުލާ ރާއްޖޭން ޑީޕޯޓުކުރާނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
މީގެ ކުރިން 'ދައުރު'އާ ވާހަކަ ދައްކަވަމުން ޝަމްއާން ވިދާޅުވިގޮތުގައި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި އަތުލައިގަންނަ ގިނަ މީހުން ނިސްބަތްވަނީ ބަންގްލަދޭޝްއަށެވެ. އޭރު ވެސް އެފަދަ 120 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ތިބި ކަމަށާއި އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
މިގޮތަށް އަތުލައިގަންނަ މީހުންގެ ތެރޭގައި ގިނައީ އަމިއްލަ ވިޔަފާރުކުރާ ބިދޭސީންނެވެ. ޓޭކްއަވޭތަކާއި ކެފޭތައް ހިންގާ މީހުންނާއި ރީޓެއިލް ވިޔަފާރި ކުރާ ބިދޭސީން ވެސް މި ރެއިޑުތަކުގައި އަތުލައިގަނެފައިވެ އެވެ.
ރާއްޖޭގެ އިގްތިސޯދުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވައި އެފަދަ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ރަނގަޅު ނަތީޖާތަކެއް ފެންނާނެ ކަމެކެވެ. ހާއްސަކޮށް އެފަދަ މީހުން ރާއްޖޭން ބޭރުކުރާ ބޭރު ފައިސާގެ އަދަދު މަދުވެ، އޭގެ ހެޔޮ އަސަރު ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އެވެ. މިގޮތަށް ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތަކުން ޓެކުހުގެ ގޮތުގައި ދިވެހި ދައުލަތަށް އެންމެ ބައި ލާރިއެއް ވެސް ނުވަންނާނެ އެވެ. އެ ވިޔަފާރި ކުރާ މީހާގެ ޖީބަށް މަހެއްގެ މައްޗަށް ވަންނަ އެތަކެއް ހާސް ރުފިޔާގެ ތެރެއިން ބޮޑު ބައެއް ރާއްޖޭގެ އިގްތިސޯދުގައި ދައުރުވުމުގެ ބަދަލުގައި ފޮނުވާނީ އެ މީހާގެ އުފަން ގައުމަށް، އޭނާގެ އާއިލާ އަށެވެ.
ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަނެ އެ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް ވެސް މިހާރުން މިހާރަށް ކުރަންޖެހިފައި އޮތް މުހިއްމު ކަމެކެވެ. މިއާއެކު، ރާއްޖެ އެތެރެވާ ބިދޭސީން ފިލައިގެން އުޅުމުގެ ފުރުސަތެއް އެއްވެސް ގޮތަކުން އޮތް ނަމަ އެކަން ވެސް ނައްތާލަން ޖެހެ އެވެ. މި މައްސަލައަށް ފުރިހަމަ ހައްލެއް ލިބޭނީ އޭރުންނެވެ.