ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައާ ބެހޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޯމް މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/ ހޯމް މިނިސްޓްރީ)
މިހާތަނަށް 2،000އަަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްފި
ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ނުވަތަ ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 2،000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަން އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެކަން ހާމަކޮށްފައިވަނީ، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ހޯމް މިނިސްޓްރީން ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު އެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި، ޖޮއިންޓް ޓާސްކްފޯސްގެ ދަށުން ކުރި މަސައްކަތުން، ވަރަށް ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންދާ ކަމަށެވެ. އެގޮތުން، އޮޕަރޭޝަންތަކުގެ ދަށުން މައިގަނޑު ގޮތެއްގައި އަތުލައިގަންނަނީ:
-
ރާއްޖޭގައި އަމިއްލައަށް، ދިވެއްސަކާ ނުގުޅި ވިޔަފާރި ކުރަމުންދާ ފަރާތްތައް
-
ސީރިއަސް ކުށްތަކަށް އަރައިގަންނަ ފަރާތްތައް
އެގޮތުން، 17 ނޮވެމްބަރުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް މިފަދަ މައްސަލަތަކާ ގުޅިގެން 2،013 ބިދޭސީއެއް ޑީޕޯޓުކޮށްފައިވާ ކަމަށް ޝައްމާން ވިދާޅުވި އެވެ.
"މީގެ ތެރޭގައި ހިމެނޭ މިދެންނެވި ފަދައިން ވަރަށް ސީރިއަސް މައްސަލަތަކުގައި ރާއްޖޭގެ އެކި އެކި ދިމާލުގައި އިންވޯލްވް ވަމުންދާ ފަރާތްތައް. މިފަރާތްތައް މިހާރު ވަނީ ރާއްޖެއިން ބޭރު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ޝައްމާން އިތުރަށް ވިދާޅުވި ގޮތުގައި:
-
މާރުކޭޓު ގޮޅިތަކުގައި ގަވައިދާ ހިލާފަށް ބިދޭސީން ތިބޭ މައްސަލައިގައި އަދި މިފަހުން ހިންގާފައިވާ ރެއިޑް އޮޕަރޭޝަންތަކުގައި ވެސް ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފައިވޭ
-
120 ބިދޭސީން މިހާރު ވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެބަތިބި
-
އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް އިމިގްރޭޝަން އިން ދަނީ ކުރަމުން
މި މައްސަލަތަކާ ގުޅިގެން ތަފްސީލީ މައުލޫމާތު ދިނުމަށް މި ހަފްތާގައި އިތުރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ޝައްމާން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެންޓި-ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުގެ ހެޑް، ޗީޕް އިންސްޕެކްޓަރު އުސްވަތު އަހުމަދު ވިދާޅުވީ، އިމިގްރޭޝަންއާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަންތަކުގައި މިވަގުތު މައިގަނޑު ގޮތެއްގައި ޓާގެޓު ކުރަމުންދަނީ:
-
ހަށިވިއްކާ ތަންތަނަށް
-
ޓޭކަވޭ ކޮފީ ތަންތަނަށް
-
ބިދޭސީން ހިންގާ ކުދި ވިޔަފާރިތައް
-
ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ކަމަށް ޝައްކު ކުރެވޭ ކަންކަން
މިއަހަރު އެމެރިކާ އިން ނެރުނު ޓްރެޕިކިން އިން ޕާސަންސް (ޓިޕް) ރިޕޯޓުގައި ރާއްޖެ ހިމަނާފައި ވަނީ ޓިއާ 2ގެ ވޮޗްލިސްޓުގައިކަން ފާހަގަކުރައްވައި އުސްވަތު ވިދާޅުވީ، ވޮޗްލިސްޓުން ރާއްޖެ ނެގުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާ ކަމަށެވެ.
އެގޮތުން، އިންސާނީ އަދި ޖިންސީ ވަގުފާރިއާ ގުޅޭ މައްސަލައެއްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަންކަން ބަލަމުންދާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖޮއިންޓް ޓާސްކްފޯސްގެ ފަރާތުން ހިންގަމުންދާ އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.