ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން. (ފޮޓޯ/ހޯމް މިނިސްޓްރީ)

ބަންގްލަދޭޝް މަސައްކަތްތެރިން ގެންނަން ހުއްދަ ދޭނީ ބިދޭސީންގެ މައްސަލަ ހައްލުކޮށްފައި: އިހުސާން

އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރު ތެރޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ ކަމަށް؛ އެ މައްސަލަ ހައްލުނުކޮށް މަސައްކަތްތެރިން ގެންނަން ހުޅުވާލުމުން މައްސަލަ އިތުރަށް ފުޅާވާނެ ކަމަށް އޭނާ ވިދާޅުވި

ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެންނަން އާންމުކޮށް ހުޅުވާލާނީ ރާއްޖޭގައި މިހާރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުވުމުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިހުސާން މިހެން ވިދާޅުވީ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެކު އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ ކަންކަން މިނިސްޓްރީން ކުރަމުންދަނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - ރާއްޖެއަށް އެންމެ ގިނައިން ބިދޭސީ މަަސައްކަތްތެރިން ގެންނަ ގައުމަކީ ބަންގްލަދޭޝް ކަމަށް ވާއިރު، އެ މަގު ސަރުކާރުން މިހާރު ބަންދުކޮށްފައި އޮތުމުން މިވަގުތު ވަޒީފާގެ ބާޒާރަށް ބޭނުންވާ އަދަދަށް މަސައްކަތްތެރިން ނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިހުސާން ވިދާޅުވި އެވެ.

ނަމަވެސް، ބިދޭސީ މަސައްކަތްތެރިން ގެނައުން މިވަގުތަށް ހިފަހައްޓާފައިވަނީ ރާއްޖޭގައި މިހާރު ތިބި ބިދޭސީންގެ މައްސަލަތައް ހަމައަކަށް އަޅުވަން ކަމަށް އިހުސާން ވިދާޅުވި އެވެ. މިވަގުތު އެތެރޭގައި ހުރި މައްސަލަތައް ހައްލުނުކޮށް ބޯޑަރު ހުޅުވައިފި ނަމަ އަނެއްކާވެސް އެ މައްސަލަތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ގެނެވޭނެ މަގުތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެކަން ނިމުމުން ބޯޑަރު ހުޅުވާލާނެ ކަމަށެވެ.

"އެ މަގުތައް ހޯދި، ރަސްމީކޮށް ހިނގައިގަންނަން ފެށީމާ އަޅުގަނޑުމެން [ބިދޭސީން ގެންނަން] ބޯޑަރުތައް ވެސް ހުޅުވާލާނަން،" އިހުސާން ވިދާޅުވި އެވެ.

ބިދޭސީންނަށް ވަޒީފާ ދޭ ފަރާތްތަކާ އެކު އިސްކަންދަރުކޮށީގައި ހޯމް މިނިސްޓްރީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ހޯމް މިނިސްޓްރީ)

އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ ފެށުމަކީ އެ ބިދޭސީ މީހާ ގަވާއިދާ ހިލާފަށް ރާއްޖެ ގެންނަ ދިވެހި ވިޔަފާރިވެރިޔާ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ފަހު އެކަމަށްޓަކައި ބޮޑު އަދަދުތަކުން ބިދޭސީން އަތުން ފައިސާ ނަގައި އެ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލަނީ ދިވެހި މީހާކަން އިހުސާން ފާހަގަކުރެއްވި އެވެ.

އެކަމުގެ ސަބަބުން ބިދޭސީ މީހާގެ އަތުން ގެއްލިގެންދިޔަ ބޮޑު ފައިސާގެ އަދަދާއި ވީ ގެއްލުން ފޫބައްދަން އެ މީހާ އިހުތިޔާރުކުރަން މަޖުބޫރުވަނީ ގަވާއިދާ ހިލާފު މަގުތައް ކަމަށް އިހުސާން ވިދާޅުވި އެވެ. އެހެންކަމުން، ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ ކަމަކީ އެ މައްސަލަ ފުރަތަމަ ހައްލުކުރުން ކަމަށާއި އެކަމަށް ބިދޭސީން ގެންނަ މީހުންގެ ފަރާތުން އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (1)

ސިކުނޑި

20 އޯގަސްޓު 2024
މޮޅުވާހަކަ ނުދައްކަވާ! އެ ހުއްދަ ދިނީ ކަނޑައެޅިގެން ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމުގެ ނިޔަތުގައިކަން މިހާރު ވަރަށް ސާފުކޮށް އިނގޭ!! ގިނަ ވާހަކަ ދައްކާ ވަރަކަށް ސޯޓު ބޭލުން ނޫންކަމެއް ނުވާނެ! ކުރިން ބަންދު ކުރި ހުރިހާ ތަނެއް މިހާރު އަލުން ހުޅުވައިފި! އަދި ވަގު ވޯކްޕާމިޓާއި ވަގު ލައިސަންސް ހައްދައިދޭ ބިދޭސީ އެޖެންޓުންވެސް އެބަތިބި! މީޑިއާގައި ހޮޅިވާހަކަ ދެއްކުންނޫން ކަމެއްނުވޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް