ތިން ވުޒާރާއިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަނޫފް ޖުނައިދް)

ހަށިވިއްކުން

މިއަދުން ފެށިގެން ހަށިވިއްކުވާ ދިވެހިން ޖޫރިމަނާކޮށް، ޕާސްޕޯޓް ހިފަހައްޓާނަން: މިނިސްޓަރު

ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާ ނަމަ 50،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ. އަދި ހަށިވިއްކުވާ ނަމަ އެއީ ހިއުމަން ޓްރެފިކިން މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ
22 އޯގަސްޓު 2024

އިންސާނީ ވަގުފާރި އާއި ޖިންސީ ވަގުފާރިކޮށް، ބިދޭސީންެ ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވަމުންދާ ދިވެހިންނާ މެދު މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ބިދޭސީންގެ މައްސަލަ އާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މައްސަލައާ ބެހޭގޮތުން ތިން ވުޒާރާއެއް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފާހަގަކޮށްލެވޭ - ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެކުލަވާލާފައިވާ ޓާސްކްފޯސް އިން ދަނީ މަސާޖު ޕާލާތައް ބަލާފާސްކޮށް، ހަށިވިއްކާ ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކުރަމުންނެވެ.

ނަމަވެސް މިހާތަނަށް އެފަދަ ވިޔަފާރިތައް ހިންގާ، އިންސާނީ ވަގުފާރި ކުރަމުންދާ އެއްވެސް ދިވެއްސަކާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ބުނީ ކީކޭ؟ - އެފަދަ ކަންކަން ކުރަމުންދާ ދިވެހިންނާ މެދު އަޅަމުންދަނީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ މިއަދުން ފެށިގެން އެފަދަ ކޭސްތަކުގައި އެކަމުގައި އިސްކޮށް އުޅޭ ދިވެހިންނާ މެދު ވެސް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އިހުސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި:

  • މީހުން ދިރިއުޅޭ ރަށްރަށުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަނީ ސެލޫންގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށްގެން ހިނގާ މަސާޖު ޕާލާތަކުގައި؛ މިއަދުން ފެށިގެން ޓާސްކްފޯސް އަށް ފާހަގަކުރެވޭ އެފަދަ ކަމެއް ހިންގާ ކޮންމެ ތަނެއް ބަންދުކުރާނެ

  • ހަށިވިއްކުން ކަހަލަ ކަމެއް ކުރާކަމަށް ވެއްޖެއްޔާ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ

  • ހުއްދަ ނެތި ނުވަތަ ގަވައިދާ ހިލާފަށް ކުރަމުންދާ ވިޔަފާރިއަކަށް ވާތީ މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅުތައް އަވަސްގޮތެއްގައި ޓާސްކްފޯސް މެދުވެރިކޮށް އަޅަމުންދާނެ

މިނިސްޓަރު ވިދާޅުވީ ބިދޭސީން ލައްވާ ގަވައިދާ ހިލާފަށް މަސައްކަތް ކުރުވާކަން ނޫނީ ބިދޭސީން އެކްސްޕްލޮއިޓްކޮށް، އެމީހުންގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަން ފާހަގަކުރެވިއްޖެ ނަމަ، އެކަމާ ވެސް ދިވެހިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އޭގެ ފިޔަވަޅުތައް މިއަދުން ފެށިގެން އަޅުގަނޑުމެން އަޅަން ފަށާނަން. އެއީ 50،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމާއި ޕާސްޕޯޓް ހިފެހެއްޓުމުގެ ކަންކަން." މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް