ބިދޭސީންތަކެއް: ރާއްޖޭގައި ވަަޒީފާ އަދާކުރަން ބިދޭސީން ގެންނަ އިރު ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތަކުން އެ ފައިސާ ދައްކާ ހަލާސްކުރަން މިނިސްޓްރީން ވަނީ އަންގާފައި. (ދައުރު ފައިލް ފޮޓޯ /މުޒައްޔިން ނާޒިމް)
ބިދޭސީންނާ ގުޅޭ ފީތަކާއި ޖޫރިމަނާތައް 1.7 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން ދޫކުރާ ހުއްދަތަކަށް، ވަޒީފާދޭ ފަރާތްތަކުން ނުދައްކާ ހުރި 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދެ ހަފްތާ ތެރޭގައި ދައްކާ ހަލާސް ކުރަން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން އަންގައިފި އެވެ.
ވީ ކިހިނެއް؟ - އެ މިނިސްޓްރީން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ވާގޮތުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ގާނޫނާއި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމާ ބެހޭ ގަވައިދުގެ ދަށުން ދައްކަން ޖެހޭ ފީތަކާއި ޖޫރިމަނާތައް ގިނަ އަދަދެއްގެ ބަޔަކު ނުދައްކަ އެވެ. އެގޮތުން:
-
1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނުދައްކާ އެބައޮތް
-
މިއީ 10،000 އަށް ވުރެ ގިނަ ވަޒީފާ ދޭ ފަރާތުގެ ނަންމަތީގައި ރަޖިސްޓްރީ ކޮށްފައިވާ ލައްކައަކަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކާއި ގުޅޭ ގޮތުން މިނިސްޓްރީން ނެރޭ އިއުލާން
— Ministry of Homeland Security & Technology, MV (@HomeMinistrymv) June 4, 2024
https://t.co/2y1f0WFe4L pic.twitter.com/0QVNlznCnf
ބުނީ ކީކޭ؟ - އެހެންކަމުން، 2024 ޖޫން 18 ވަނަ ދުވަހުގެ ކުރިން، ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ވަޒީފާދޭ ފަރާތައް ގާނޫނުން ލާޒިމްކުރާ އެންމެހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް އަންގަމެވެ،" ހޯމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި އެ މުއްދަތުގެ ނިޔަލަށް ފީތަކާއި ޖޫރިމަނާތައް ނުދައްކާ ފަރާތްތައް:
-
އާންމުކޮށް އިއުލާނު ކުރާނެ
-
އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ
-
އެ ފަރާތްތަކަށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލާނެ
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ 1500 އަށް ގުޅައިގެން ނުވަތަ xpat@1500help.mv އަށް އީމެއިލް ކުރުމުން ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.
ގުޅުންހުރި - ގަވައިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން އުޅޭ މައްސަލަ ބޮޑުވެ، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެނައުމާ ގުޅޭ އުސޫލުތައް މުރަޖައާކުރުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
އެ މަސައްކަތުގެ ސަބަބުން، ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރާ ކޯޓާ، ވޯކް ޕާމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫން ވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދޭ މުއްދަތަށް ވުރެ ލަސްވެދާނެ ކަމަށް މިނިސްޓްރީން މިއަދު ބުނެފައިވެ އެވެ.
"އެހެންކަމުން، މިކަމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެމެވެ،" މިނިސްޓްރީގެ ފަރާތުން މިއަދު އެކަމާ ގުޅޭގޮތުން ގެޒެޓުކޮށްފައިވާ އިއުލާނުގައިވެ އެވެ.
"އަދި ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ހިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަން ދެންނެވީމެވެ."