މާލޭ ނީލަން ފިހާރަ ސަރަހައްދުގައި 9 ޖެނުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާ: ހާލުގައި ޖެހުނު ބިދޭސީން (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
ކުރަނގި: އަޑި ނޭނގޭ، އަދަދެއް ނޭނގޭ، ބިދޭސީން ހޯދޭނޭތަ؟
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ފާހަގަކުރެއްވީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ ސީދާ އަދަދެއް ސަރުކާރުގެ އެއްވެސް މުވައްސަސާއެއްގައި ރަސްމީކޮށް ފެންނާކަށް ވެސް ނެތެވެ. ފިލައިގެން އުޅޭ އެތައް ސަތޭކަ ބިދޭސީންނެއް ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.
ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކުރެވޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމްލޭންޑް ސެކިޔުރިޓީ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 'ކުރަނގި' ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި މި އޮޕަރޭޝަނުގެ ފުރަތަމަ މަންޒިލަކީ ކ. ހިންމަފުއްޓެވެ. މި އޮޕަރޭޝަނުގެ ދަށުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ އެމީހުންގެ މައުލޫމާތު އެއްކޮށް ދަފުތަރެއް އެކުލަވާލާނެ އެވެ. ޖުމްލަ ތިން އަހަރުން ނިންމާލަން އަމާޒު ހިފާފައިވާ މި އޮޕަރޭޝަނުގެ ދަށުން:
-
ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެމީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ މަސައްކަތް ކުރަނީ ކޮން ތަނަކުންތޯ ދެނެގަނެވޭނެ
-
ދެން އަންނަ ދެ އަހަރު ތެރޭގައި ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނެއް ހަދާ، ފޮޓޯ އައިޑެންޓިޓީ ހަދާނެ
-
ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދާ އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެމީހަކު ފޮނުވާލާނެ
އޮޕަރޭޝަން 'ކުރަނގި' ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހުސާނު ވިދާޅުވީ މަސައްކަތް ނިމޭއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ސަބަބުތަކާ ހުރެ އެކި ކަންކަމަށް، އެކި މީހުންގެ ނަމުގައި، އެކި ކުންފުނިތަކުގެ ނަމުގައި އެތެރެވެފައި ތިބި މީހުންގެ ތެރެއިން ފިލައިގެން އުޅޭ މީހުން ވެސް ދެނެގަނެވޭނެ ކަމަށެވެ.
އެކަކުގެ ނަމުގައި ރާއްޖެ ގެނެސްފައި ތިބޭ ބިދޭސީން އެހެން މީހަކަށް މަސައްކަތް ކޮށްދިނުމަކީ ރާއްޖޭގެ އުސޫލުތަކަށް ބަލާއިރު ގަވައިދާ ހިލާފު ކަމެކެވެ.
"ވަރަށް ގިނަ ފަރާތްތަކުން ދާއިމީ ގޮތެއްގައި އެކަން އެގޮތަށް އެބަ ކުރޭ. މިކަމުގެ ސަބަބުން ނުކުންނަ އިޖުތިމާއީ މައްސަލަތައް އެހާ ބޮޑު. ހަމައެއާ އެކު ދައުލަތަށް ކުރިމަތިވަމުން އަންނަ ސެކިޔުރިޓީ މައްސަލަ އެހާ ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މައްސަލަ މި ނަގަނީ ގައުމީ ސަލާމަތަށް އޮތް ސެކިޔުރިޓީ ކޮންސާންއެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެން މި މައްސަލަ ހައްލުކުރަން ވެސް މި މަސައްކަތް ފަށަނީ."
މި އޮޕަރޭޝަނާ ގުޅޭ ގޮތުން 'ދައުރު'އާ ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމަށް ތިން ގޮތަކުން މައުލޫމާތު އެއްކުރައްވާނެ ކަމަށެވެ.
"އުސޫލުގެ ތެރެއިން ރާއްޖެ އެތެރެވެ މަސައްކަތް ކުރާ މީހުންގެ ޑޭޓާ ހުންނާނެ ސިސްޓަމް ތެރޭ. އެމީހާގެ ފިންގާ ޕްރިންޓު ޖައްސާލީމާ، އެމީހާގެ މައުލޫމާތު އަޅުގަނޑުމެންގެ އަތުގައި ހުރި ނަމަ ދިއްލޭނެތާ ސިސްޓަމުން. އެއީ އެއްގޮތް. އަނެއްގޮތަކީ އެމީހާގެ ފިންގާ ޕްރިންޓު ނެތިއްޔާ ފޮޓޯއެއް އަޅުގަނޑުމެން ކޮމްޕެއާ މިކުރަނީ. ފޮޓޯ އިން ވެސް ނުފެނިއްޖެ ނަމަ އޭނާގެ އައިޑެންޓިޓީއެއް އޮވެއްޖެ ނަމަ އެ ޕާސްޕޯޓެއް ނޫނީ ކުރީގައި ދޫކޮށްފައި އޮތް ވޯކް ޕާމިޓެއް އޮތް ނަމަ އެއިން ޓްރޭސް ކުރާނީ. އެއިން އެއްވެސް އެއްޗަކުން އެމީހާ ނުފެނިއްޖެ ނަމަ އޭނާއަކީ މިވަގުތު އަންޑޮކިޔުމެންޓެޑް [ލިޔެކިޔުން ނެތް] މީހެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޑޭޓާ ބޭސްއަށް އެންޓާ ކުރާނީ،" އިހުސާން ވިދާޅުވި އެވެ.
އަޅުގަނޑުމެން މި މައްސަލަ މި ނަގަނީ ގައުމީ ސަލާމަތަށް އޮތް ސެކިޔުރިޓީ ކޮންސާންއެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެން މި މައްސަލަ ހައްލުކުރަން ވެސް މި މަސައްކަތް ފަށަނީ
މިނިސްޓަރު ވިދާޅުވީ ލިޔެކިޔުންތައް ހުރި ބިދޭސީންގެ ތެރެއިން އޭނާ އަސްލު ރާއްޖެ ގެނައި މީހާ ނުވަތަ ކުންފުނި ނޫން އެހެން ތަނެއްގައި މަސައްކަތް ކުރާ މީހެއް ނަމަ، އެމީހާ މިހާރު މަސައްކަތް ކުރާ މީހާއާ ޖާމިނު ކުރުވާ، ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންތައް ފުރިހަމަ ކުރުމުން ވަގުތުން ވަގުތަށް އެ ބިދޭސީ މީހާ ލީގަލައިޒް ކޮށްދެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
"އޭލިއަންއެއްގެ ގޮތުގައި [ލިޔެކިޔުން ނެތް، ކާކުކަން ޔަގީންނުވާ] ގޮތަށް ހުރި މީހެއް ނަމަ، އޭނަ އައިޑެންޓިފައިކޮށްފައި، ރާއްޖޭން ފޮނުވާލަން ޖެހޭ މީހުން ފޮނުވާލާނެ. އެއްގޮތަކަށް ވެސް އައިޑެންޓިފައި ނުކުރެވޭ މީހުން އެމީހަކު ބުނާ ބަހަކަށް އެ މީހާ ނިސްބަތްވާ ގައުމުގެ އެމްބަސީއާ ގުޅިގެން އެމީހާ ރާއްޖޭން ފޮނުވާލާނެ،" އިހުސާން ވިދާޅުވި އެވެ.
އެގޮތަށް ފޮނުވާލާނީ އެއްވެސް ކަހަލަ ލިޔެކިޔުމެއް ނެތް މީހުން، ސިސްޓަމްގެ ތެރެއިން ވެސް ދެނެނުގަނެވޭ ނަމަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް މީހުން އެބަ ތިބި ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުން. އޭނާގެ އެއްވެސް މައުލޫމާތެއް ނުހުންނާނެ އަޅުގަނޑުމެންގެ ވޯކް ވިސާ ސިސްޓަމްގައި. އެކަހަލަ މީހުންގެ ޕާސްޕޯޓު ގެއްލި، އޭނާ މަގުމަތިވެއްޖެ ނަމަ އޭނާ ވާނީ އޭލިއަންއަކަށް. އޭނާގެ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ނުހުންނާނެ. ދެން އޭނާ މި ބުނަނީ ތިމަންނައަކީ ބަންގްލަދޭޝް މީހެކޭ. އެހެން ނަމަ ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް އޭނާގެ އައިޑެންޓިޓީ އެސްޓެބްލިޝް ކުރުމުގެ މަސައްކަތް ކުރަނީ."
އެ މަސައްކަތް ކުރާއިރު ބިދޭސީ މީހާ ހުންނާނީ ޑިޓެންޝަނުގައި ކަމަށް އިހުސާން ވިދާޅުވި އެވެ.
"އައިޑެންޓިޓީ ލިބުނީމާ އޭނަ ފޮނުވާލާނީ ގައުމަށް،" އިހުސާން ވިދާޅުވި އެވެ.
އެގޮތަށް ގައުމަށް ފޮނުވާލަން ޖެހޭ މީހުންގެ ލިޔެކިޔުންތައް ހޯދުމުގައި އެމީހުން ނިސްބަތްވާ ގައުމުތަކުގެ އެމްބަސީތަކުން އެއްބާރުލުން ލިބޭ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ދެނެގަނެ އެމީހުން ރާއްޖޭން ފޮނުވާލުމަށް އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން މިހާރު ވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށެވެ. އެފަދަ އޮޕަރޭޝަންތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެވިއްޖެ ނަމަ ވަގުތުން ގައުމަށް ފޮނުވާލާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން:
-
މި އޮޕަރޭޝަނުގެ ތެރެއިން މިދިޔަ މާޗު މަހުގެ 8 އާއި ހަމައާށް 817 މީހަކު ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ވިދާޅުވި
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ޓޫރިސްޓު ވިސާގައި އައިސް ފިލައިގެން އުޅޭ މީހުންގެ މައްސަލަ ހައްލުކުރުމަށް މިހާރު ސިސްޓަމްގެ ތެރެއިން ފިޔަވަޅުތަކެއް އަޅާފައިވާކަން އިހުސާން ފާހަގަކުރެއްވި އެވެ.
"ބަންގްލަދޭޝް މީހަކަށް ޓޫރިސްޓެކޭ ކިޔާފައި ރާއްޖެ ވަދެވޭނީ ވަރަށް އުނދަގުލުން މިހާރު. އޭނާގެ ހޮޓެލް ގެރެންޓީ ކުރަން. އޭނާ އަތުގައި އެބުނާ މުއްދަތަކަށް ދުވާލަކަށް އެވްރެޖުކޮށް 100 ޑޮލަރުގެ ރޭޓުން ސްޕެންޑު ކުރާނެ ލާރި ހުރިތޯ ޔަގީން ކުރަން. އޭގެ އިތުރުން އޭނާއާ ވަރަށް ޗެލެންޖިން އިންޓަވިއުއެއް ކުރަން،" އިހުސާން ވިދާޅުވި އެވެ.
މިހާރު ބޯޑާ ކޮންޓްރޯލު ސިސްޓަމާ މެދު ބޮޑު ޔަގީންކަމެއް އެބަ އޮތްކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު މީގެ ކުރިން ވަދެފައި ތިބި މީހުންނާ، އެ ތިބި އަދަދަކާ އެއްޗެހި އަންދާޒާ ކުރާކަށް ނޭނގެ އަދި،" އިހުސާން ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އުސޫލާ އެއްގޮތަށް ގަވައިދުން އުޅޭ ބިދޭސީންގެ އަދަދު ދެނެގަތުމަށް ވޯކްޕާމިޓު ދޫކޮށްފައި ހުރި އަދަދާއި ބޯޑަ ކޮންޓްރޯލު ސިސްޓަމުން ލިބެން ހުރި މައުލޫމާތު އަޅާބަލާ އަންދާޒާއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ދެނެގަތުމަށް ފެށި އޮޕަރޭޝަން މުޅި ރާއްޖޭގައި ކުރިއަށް ގެންގޮސް އަހަރެއް ތެރޭ އެ މައުލޫމާތު އެއްކުރެވޭނެ ކަމަށް މިނިސްޓަރު ލަފާކުރައްވަ އެވެ. ކޮންމެ ރަށެއްގައި އުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ފަހު އެ ދަފްތަރުގެ މައުލޫމާތު ރަށު ކައުންސިލާ ހަވާލުކުރާނެ އެވެ.
ބިދޭސީންގެ މައުލޫމާތުގެ ކޮންޓްރޯލު މިނިސްޓްރީގެ އަތުން ގެއްލުނަ ނުދިނުމަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ދޭތެރެދޭތެރެއިން އެ ރަށެއްގައި ތިބޭ ފުލުހުންނާއި ކައުންސިލުން ބިދޭސީން ހާޒިރުކޮށްގެން ނޫނީ ދިމާވެގެން ވެރިފައި ކުރާނެ އެއީ މިރަށުގައި ހުންނަން ޖެހޭ މީހެއްތޯ،" އިހުސާން ވިދާޅުވި އެެވެ.
އެ މަސައްކަތް އަބަދު ކުރިއަށްދާ ނަމަ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
މީގެ އިތުރުން މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް، ހާއްސަ ޑިވައިސްތަކެއް ވެސް ގެންނާނެ އެވެ. އެގޮތުން ފޯނުން ބިދޭސީ މީހާގެ ފޮޓޯ ނެގުމުން އޭނާއަކީ ކާކުކަން އެ ސިސްޓަމުގެ ތެރެއިން އެނގޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މިސާލަކަށް ހިންމަފުށީގައި ހުންނަ ފުލުހަކު ނޫނީ ކައުންސިލަރަކު، އޭނާގެ ފޯނުން އެ ބިދޭސީ މީހާގެ ފޮޓޯ ނެގީމާ ދައްކާނެ އޭނާއަކީ ހިންމަފުށީގައި ހުންނަން ޖެހޭ މީހެއްތޯ ނޫނީ ނޫންތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން އާންމުންގެ އެއް ޝަކުވާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ އިރު އެއްވެސް ފިޔަވަޅެއް ނޭޅުމެވެ. އެކަމަށް ހައްލެއް ގެނައުމަށް އިކޮނޮމިކް މިނިސްޓްރީ އިން ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއާ އެކު އެކަމަށް ވެސް ހައްލު އަންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ހަށިވިއްކާ ތަންތަން ބަންދު ކުރުމާ، ގަވައިދާ ހިލާފަށް ބިދޭސީން ކައުންޓަރުގައި ތިބެގެން ވިޔަފާރިކުރާ ތަންތަން ބަންދު ކުރުމާ، ބިދޭސީ މީހުންގެ އެކައުންޓަށް ލާރި ޖަމާވާ ގޮތަށް ކުރާ ވިޔަފާރިތައް ބަންދުކުރުން ވެސް ކުރިއަށް ދާނެ،" އިހުސާން ވިދާޅުވި އެވެ.
މިހާރު އުސޫލު އޮންނަ ގޮތުން ފިޔަވަޅު އެޅެނީ ބިދޭސީ މީހާއަށް ކަމަށާއި ވިޔަފާރިކުރާ ތަން ނޫނީ ވިޔަފާރި ބަންދު ކުރުމުގެ އުސޫލެއް ނެތް ކަން އިިހުސާން ފާހަގަކުރެއްވި އެވެ. ނަމަވެސް އާ އުސޫލުގެ ތެރެއިން ވިޔަފާރިތައް ވެސް ބަންދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް މީގެ ކުރިން 2019 ވަނަ އަހަރު ވެސް މަސައްކަތް ފެށި އެވެ. ވަކި ހިސާބަކުން އެކަން މަޑުޖެހުނު އިރު އޭރުގެ ސަރުކާރުން ބުނެފައިވަނީ 63،000 ބިދޭސީން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭނެ ކަމަށެވެ.
ކޮމެންޓް (3)
އާލަމް
މަހުދީ
އަލްމާ