ބިދޭސީންގެ ޑޭޓާ އެއްކުރަން 'ކުރަނގި' ނަމުގައި ފެށި ޕްރޮގްރާމް ހިންމަފުށީގައި މިއަދު ކުރިއަށް ދަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)
ބިދޭސީން ގަވައިދަށް ފައްތަން ފަށައިފި، ތިން އަހަރުން ނިމޭނެ
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ބިދޭސީންގެ އައިޑެންޓިޓީ ދެނެގަނެ، އެމީހުންގެ މައުލޫމާތު އެއްކުރުމަށް އޮޕަރޭޝަން 'ކުރަނގި' ފަށައިފި އެވެ.
ވީ ކިހިނެއް؟ - ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އާއި ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން މިއަދު ފަށާފައިވަނީ ކ. ހިންމަފުށިންނެވެ.
ތަފްސީލް - ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގެ ފުރަތަމަ ބައި އަހަރެއް ތެރޭ ނިމޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް އެއްކޮށް ނިންމަން ތިން އަހަރު ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ އެއް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކުރަން ނިންމާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޭރު މީހުންގެ ތެރެއިން ގަަވަައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މީހުން އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށް، ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެކި ސަރަހައްދުތަކުގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން، މި އޮޕަރޭޝަނުގެ ތެރެއިން، ރަސްމީ ނިޒާމުގެ ތެރެއަށް ވައްދާނެ އެވެ.
އޮޕަރޭޝަން މިއަދު ހިންމަފުށިން ފެށީ އެ ރަށުގައި މަސައްކަތް ކުރާ ހުރިހާ ބިދޭސިންގެ އިނގިލީގެ ނިޝާނާއި ފޮޓޯއާ އެކު އެމީހުންގެ ބަޔޯމެޓްރިކް ޑޭޓާ ސަރުކާރުގެ ސެންޓްރަލް ސިސްޓަމަށް ނަގައިގެންނެވެ.
"މި މަސައްކަތް ނިމޭއިރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެކި ސަބަބުތަކާ ހުރެ އެކި ކަންކަމަށް، އެކި މީހުންގެ ނަމުގައި، އެކި ކުންފުނިތަކުގެ ނަމުގައި އެތެރެވެފައި ޖެހުނު ކޮންމެވެސް މައްސަލައަކާ ހެދި އެމީހާ ފިލައިގެން ނުވަތަ ހާވިޔާވެގެން ބަދަލުވެގެން އައިސް ހިންމަފުށީގެ ކޮންމެވެސް މަސައްކަތެއް ކުރަން ހުރި މީހެއްކަން އަޅުގަނޑުމެންނަށް އެނގިގެންދާނެ މި ސިސްޓަމުގެ ތެރެއިން،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިންމަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތާއި ކެއްކުމާއި ކުނިކެހުން ފަދަ މަސައްކަތްތައް ކުރަން ގަވައިދާ ހިލާފަށް ބިދޭސީން އެބަ އުޅޭ ކަމަށެވެ.
އެކަކުގެ ނަމުގައި ރާއްޖެ ގެނެސްފައި ތިބޭ ބިދޭސީން އެހެން މީހަކަށް މަސައްކަތް ކޮށްދިނުމަކީ ރާއްޖޭގެ އުސޫލުތަކަށް ބަލާއިރު ގަވައިދާ ހިލާފު ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް ގިނަ ފަރާތްތަކުން ދާއިމީ ގޮތެއްގައި އެކަން އެގޮތަށް އެބަ ކުރޭ. މިކަމުގެ ސަބަބުން ނުކުންނަ އިޖުތިމާއީ މައްސަލަތައް އެހާ ބޮޑު. ހަމައެއާ އެކު ދައުލަތަށް ކުރިމަތިވަމުން އަންނަ ސެކިޔުރިޓީ މައްސަލަ އެހާ ބޮޑު،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މައްސަލަ މި ނަގަނީ ގައުމީ ސަލާމަތަށް އޮތް ސެކިޔުރިޓީ ކޮންސާންއެއްގެ ގޮތުގައި. އެގޮތަށް އަޅުގަނޑުމެން މި މައްސަލަ ހައްލުކުރަން ވެސް މި މަސައްކަތް ފަށަނީ."
އިހުސާން ވިދާޅުވީ؛
-
މަސައްކަތުގެ ފުރަތަމަ އަހަރު ނިމޭއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބީ ކޮން ގައުމުތަކަކަށް ނިސްބަތްވާ، ކިތައް ބިދޭސީންތޯ އަދި އެމީހުން މިހާރު މަސައްކަތް ކުރަނީ ކާކު ސްޕޮންސާ ދީގެންތޯ ނުވަތަ މަސައްކަތް ކުރަނީ ކޮން ތަނަކުންތޯ ދެނެގަނެވޭނެ ކަމަށް
-
ދެން އަންނަ ދެ އަހަރު ތެރޭގައި ރަސްމީ ލިޔެކިޔުން ނެތް މީހުންނަކީ ކާކުކަން ދެނެގަނެ ބަޔޮމެޓްރިކްސް އައިޑެންޓިފިކޭޝަނެއް ހަދާ، ފޮޓޯ އައިޑެންޓިޓީ ހަދާނެ.
-
ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޭނާގެ އެއްވެސް މައުލޫމާތެއް ނެތް ނަމަ އޭނާ ބުނާ ބަހަށް، އޭނާގެ ގައުމުގެ އެމްބަސީއާ ގުޅިގެން އަސްލު ލިޔެކިޔުންތައް ހޯދާ އޭނާއަކީ ކާކުކަން ދެނެގަނެ ރާއްޖޭން އެމީހަކު ފޮނުވާލާނެ
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އަންސްކިލްޑް ލޭބާ ރިކުއަމެންޓެއް އެބަ އޮތް ކަމަށެވެ. ހާއްސަކޮށް މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަށާއިރު އެފަދަ މަސައްކަތު މީހުންނަށް އޮންނަ ޑިމާންޑު ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
"ގަވައިދާ އެއްގޮތަށް މަސައްކަތް ކުރާ އަންސްކިލްޑް ލޭބަރުން ރާއްޖޭގައި ތިބުމަކީ ކޮންމެހެން ބޭނުން ކަމެއް،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސިން ހިފާ ހައްޔަރުކޮށް ފޮނުވާލުމަކީ އެ އޮޕަރޭޝަންގެ ބޭނުމެއް ނޫން ކަމަށެވެ.
"މިވަގުތު އޮޕަރޭޝަންގެ ފުލް ފޯކަސްއަކީ މީހުން ދެނެގަނެ، ކާކު ހުރީ ކޮން ތާކުތޯ ދެނެގަނެ ކީއްކުރަނީތޯ އެމީހާ، އެމީހާގެ އައިޑެންޓިޓީއަކީ ކޮބައިތޯ. މި ކަށަވަރު ކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މިއަދު ފެށި މަސައްކަތުގެ ތެރެއިން، ގަވައިދާ ހިލާފަށް އުޅޭ މީހުންް ސިސްޓަމްގެ ތެރެއަށް ވަގުތުން ވެއްދޭ ހާލަތްތަކުގައި އެމީހަކު އެގޮތް ބޭނުންވާ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.
"މާނައަކީ ފިލައިގެން އުޅޭ މީހަކު މިހާރު ބަދަލުވާން ބޭނުންވަނީ މިރަށުގައި ހުރި މީހެއްގެ ނަން މައްޗަށް. ބަދަލުވާން ބޭނުން ނަމަ ދައުލަތަށް ދައްކަން ޖެހޭ ފައިސާ އާއި އެމީހަކު އަދާކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކުރުމަށް ފަހު ވަގުތުން އެމީހާއަށް ވޯކްޕާމިޓް އިޝޫކޮށްދެވޭ ކަމަށް ވަންޏާ އަޅުގަނޑުމެން އެކަން ކުރާނަން ހަމަ މިތަނުގައި،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި އޮޕަރޭޝަނުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެ މަސައްކަތް ހިނގަމުން ދާއިރު ވެސް ގާނޫނުގެ ތެރެއަށް ގެނެވެން ތިބި މީހުންނަށް އެކަން ފަހިކޮށްދިނުން ކަމަށެވެ.
ކޮންމެ ރަށެއްގައި ތިބޭ ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ފަހު އެ މައުލޫމާތު ކައުންސިިލާ ވެސް ހިއްސާ ކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ބިދޭސިންގެ މައުލޫމާތުގެ ކޮންޓްރޯލު މިނިސްޓްރީގެ އަތުން ގެއްލުނަ ނުދެދޭން ވެސް މަސައްކަތް ކުރައްވާނެ އެވެ.
"ދޭތެރެދޭތެރެއިން މި ރަށުގައި ތިބޭ ފުލުހުންނާއި ކައުންސިލުން ބިދޭސީން ހާޒިރުކޮށްގެން ނޫނީ ދިމާވެގެން ވެރިފައި ކުރާނެ އެއީ މިރަށުގައި ހުންނަން ޖެހޭ މީހެއްތޯ،" އިހުސާން ވިދާޅުވި އެެވެ.
އެ މަސައްކަތް އަބަދު ކުރިއަށްދާ ނަމަ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލު އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެނގުން މުހިންމު - ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައި، އެ މީހުންގެ ރެކޯޑްސްތައް ބަލަހައްޓަން ކުރީގެ ސަރުކާރުން ވެސް ވަރަށް ބޮޑު ޕްރޮގްރާމެއް ފެށި އެވެ.
އެގޮތުން ސަރުކާރުގައި ރަޖިސްޓްރީވެ، ގަވާއިދާ އެއްގޮތަށް އުޅެން ހުޅުވާލި ފުރުސަތުގައި ބައިވެރިވާން އެއްވި މީހުންތަކުން 5 އޮކްޓޯބަރު 2019ގައި ގަލޮޅު ދަނޑު ފުރުނެވެ. އެފަހަރު ރަޖިސްޓްރީގެ ކަންތައް ގަލޮޅު ދަނޑަށް ބަދަލުވީ އެހެން އޮފީހެއްގައި ފެށުމުން އެއްވި ބިދޭސީން ގިނަވެ، އޮބިނޯވެގެންނެވެ.
ކޮމެންޓް (3)
ޙުހު
ހޯހޯ އަހުމަދު
ހިތަދު 2