އައްޑޫ ސިޓީއަށް ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި އާންމުންނާ ސަލާންކުރައްވަނީ (ފޮޓޯ/ޕީއެންސީ)

ރައީސް މުއިއްޒަށް މިއީ ސިޔާސީ ވަރުގަދަ ކެމްޕޭނެއް

ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ނުލިބި ގައުމަށް ތަރައްގީ އާއި ހަމަޖެހުމާއި ސުލްހަ ނުގެނެވޭނެ ކަމަށް ތަކުރާރުކޮށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުން
20 އޭޕްރީލު 2024
4

އެއްކޮޅުން އޮތީ ސަރުކާރުގެ ދިފާއުގައި ބަސް އިއްވުމެވެ. ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ނުލިބިއްޖެ ނަމަ ގައުމު ހިންގަން ދެން ދިމާވާނެ ހުރަސްތަކެވެ. ރައްޔިތުންގެ މަޖިލިހުން ކަންކަން ހުއްޓުވުމުގެ ބިރެވެ.

އެ މައުލޫއުގައި ދެއްކެވި އެއް ވާހަކާގައި ވިދާޅުވީ:

"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަށް އެއްބާރުލުން ނުދޭނަމޭ، ތިމަންނަމެން ބޭނުންވަނީ މި ސަރުކާރު މަޖިލިސް ތެރެއިން ބަދަލުކުރާށޭ."

އަނެއްކޮޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ދިގުލައިގެން ދިއުމާ މެދު އުފެދިފައި އޮތް ނުތަނަވަސްކަމުގައި ޕީޕީއެމް/ޕީއެންސީގެ އެތެރެއިން އުފެދޭ ހިޔާލު ތަފާތުވުން މައިތިރިކުރުމެވެ. 

ހައި ކޯޓުގައި އޮތް ޔާމީންގެ ހުކުމް އިއްވުމުގެ ޝަރީއަތަށް ހުރަސްއަޅުއްވަނީ ސީދާ ރައީސްކަމަށް ޔާމީންގެ ފަޅިން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ވިދާޅުވީ:

"މާދަމާ އެމަނިކުފާނު މިނިވަން ވުމަކީ އަޅުގަނޑު ވަރަށް އުންމީދުކުރާ ކަމެއް. އެއަށް ފަހު ދެން ފެންނާނީ ރާއްޖޭގައި ހުރިހާ ރައީސުން ވެސް، ކުރީގެ ރައީސުން މިނިވަންކަމާ އެކީ އުޅެމުންދާތަން."

ހުޅުމާލޭގައި އޮތް ކެމްޕެއިން ޖަލްސާއެއްގައި ގައުމީ ސަލާމަށް އަތް ނަގައިގެން

ދެން އޮތީ އެމަނިކުފާނަށް ސީދާކޮށް ކުރަމުން އަންނަ ކޮރަޕްޝަންގެ ތުހުމަތުތަކެވެ. އެކަމާ މެދު ވެސް ދޭތެރެ ދޭތެރެއިން ވާހަކަފުޅު ދައްކަވަ އެވެ. އޭގެ އެއް މިސާލަކީ؛

"އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ."

މިއީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިންގައި ރައީސް މުހައްމަދު މުއިއްޒުގެ ކުރިފުޅުމަތީގައި އޮތް ތަފާތު އެކި ގޮންޖެހުންތައް އަންގައިދޭ މިސާލުތަކެކެވެ. ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ދޭން ރައްޔިތުންނަށް ވިސްނައިދެއްވަން ހަމައެކަނި ވާހަކަފުޅު ދައްކަވައިގެން، މި ކެމްޕެއިން ފުރިހަމައެއް ނުވެ އެވެ. އިދިކޮޅު އެމްޑީޕީ އާއި މިހާރު އިދިކޮޅަށް ނުކުންނަވައިގެން ހުންނެވި ޔާމީންގެ ފަޅިންނާއި ސޯޝަލް މީޑިއާއިން އަމާޒުކުރާ 'ވިހައިގެ ތީރުތަކަށް' ރައްދުނުދެއްވައި ހުންނެވޭނެ ގޮތެއް ވެސް ނެތެވެ.

މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޔާމީން އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންގައި ކުރިމަތިވި ފަަދަ ހާލަތެއް ނޫނެވެ. ތިން ދިމާލަކުން 'ހަނގުރާމައެއް' ކުރައްވަން އެ ބޭފުޅުންނަކަށް ޖެހިވަޑައެއް ނުގަތެވެ.

މިދިއަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނަށް ވެރިކަން ހޯދައިދިން މައިގަނޑު ވޯޓު ގުޅިފައި އޮތް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވިއްސިވިހާލިވިޔަ ނުދޭން މަސައްކަތްކުރައްވަމުންނެވެ. މި ތަޖުރިބާ ކުރީގެ ތިން ރައީސުންނަށް ކުރައްވާކަށް ޖެހިވަޑައެއް ނުގަތެވެ. އެ ބޭފުޅުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ނުކުންނެވީ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެކަތިގަނޑަކަށް ބާއްވައިގެންނެވެ.

ޔާމީނުގެ ސަޕޯޓަރުންނާ ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން ބޮޑަސް ރައީސް މުއިއްޒު ވަނީ ޕީޕީއެމް/ޕީއެންސީ ރަނގަޅަށް ކޮންޓްރޯލްކުރައްވައިފަ އެވެ. އެކަމަކު އެ ހިސާބުން އަދި ނުފުދެ އެވެ. އެހެންކަމުން ޖުމްލަކޮށް ރައްޔިތުންނަށް އެމަނިކުފާނު ގެންދަވަނީ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުވާ ސަބަބުތައް ކިޔައިދެއްވަމުންނެވެ.

އެއް ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދޭން ވެވަޑައިގެންނެވި ވައުދަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހަކުން ހުރަސްއަޅާނެ ކަމަށެވެ. ފުރަތަމަ ކަމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ލޯނު ނަގަން ޖެހޭ އިރު މަޖިލިހުގެ ރުހުން ހޯދަން ހުށައެޅުމާ އެކު ބަލައިނުގަތުމުގެ ބިރު އޮތުމެވެ. އެމަނިކުފާނުގެ ބަހުން ނަމަ އިދިކޮޅުގެ މެޖޯރިޓީއެއް އޮންނަ މަޖިލިހަކުން އެކަމާ ސީދާ ދެކޮޅުހަދާނީ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާއަށް ރައީސް މުއިއްޒު އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދސު އަސްލަމް ވަޑައިގަންނަވަނީ (ފޮޓޯ/ މަޖިލިސް)

މިހާރު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން މިދިއަ ފަސް މަސްދުވަހު އަމަލްކުރި ގޮތުން ވެސް އެކަން ކަށަވަރުކަމަށް ވިދާޅުވި އެވެ.

"...އަނެއްކާވެސް އެމީހުންނަށް ދޭންވީތޯ ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑާ، ސަރުކާރާ މި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައި އެޔަށް ހުރަސް އަޅަން؟ މާލޭގެ ރައްޔިތުން ނިންމަންވީ މައްސަލައެއް މިއީ... ވަރަށް ސާފު މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ބިޒީ ކެމްޕެއިންގައި ދައްކަވާ ވާހަކަފުޅުތަކާ ބެހޭ ގޮތުން ރައީސްގެ އަރިސް ބޭފުޅުން ވިދާޅުވަނީ މަޖިލިހުގެ މެޖޯރިޓީ ހޯދަން ރައީސް ބޭނުންފުޅުވަނީ ތިން ސަބަބާ ހެދި ކަމަށެވެ: ތަރައްގީ، މިނިވަންކަން، ހަމަޖެހުން، މި އެވެ.

ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ ގައުމަށް ތަރައްގީގެ ފަސް އަހަރު ނޫން އެއްޗެއް ބޭނުންފުޅު ނުވާ ކަމަށެވެ. އެމަނިކުފާނާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތު އަޅުވަނީ ވެސް، އެ ތަރައްގީއަށް ހުރަސްއަޅަން ކަމަށް ވިދާޅުވެ އެވެ.

"ގާނޫނާއި ގަވާއިދާ ހިލާފަށް އޭރުގައި ވެސް ކަމެއް ކޮށްފައެއް ނުހުންނާނެ، މިއަދު ވެސް ނުކުރާނަން އަދި ކުރިއަށް އޮތް ތާނގައި ވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި، މުދަލުގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ ސުބުހާނަހޫ ވަތައާލާގެ ކިބައިން ފުއްސެވުމާއި ރުއްސެވުން ލިބުން،" ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު އަމިއްލަ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރިކަމުގެ ލިއުންތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްފައި ވާތީ، އެކަމަށް އިޝާރަތްކުރައްވާ ރައީސް ވިދާޅުވި އެވެ. 

އައްޑޫގައި އޮތް ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުން: މާދަމާ މުޅި ރާއްޖޭގައި ވޯޓު ލާނެ (ފޮޓޯ/ޕީއެންސީ)

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ ހުޅުމާލޭގައި ހުރި އަމިއްލަ ރޯހައުސްއެއް ކުއްޔަށް ދީގެން ލިބިވަޑައިގެންނެވި އާމްދަނީ އެވެ.

އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު އެފަދަ މައްސަލައެއް ނުނެގުނީ ގޯސްކޮށް ކަމެއް ކުރައްވާފައި ނެތުމުން ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެންވީމާ ތިބޭފުޅުން ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅުނަސް، ކުރީގައި ވެސް ނުވި ކަމެއް، ދެނެއް ވެސް ނުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ."

ރައީސް ވަނީ މި ކެމްޕެއިންގައި އެކި ރަށްރަށަށް ޒިޔާރަތްކުރައްވައިފަ އެވެ. މަލޭގައި ދޮރުންދޮރަށް ހިންގަވައިފަ އެވެ. ނުރުހުންތެރިކަމާ އެކު ބައެއް މީހުން މަގުމަތިން ކުރި ސުވާލުތަކަށް ބައެއް ފަހަރަަށް ޖަވާބު ވެސް ދެއްވަައިފަ އެވެ.

އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒު ޖެހިލުންވެވަޑައިގަންނަވާނެ އެއްވެސް ކަމެއް ނެތެވެ. އެއަށް ވުރެ އެމަނިކުފާނު ހުންނެވީ ވަރުގަދަކޮށް، ސާބިތުކަމާ އެކުގައި ކަމަށާއި ބޭނުންވަނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީއާ އެކު ތަރައްގީގެ ފަސް އަހަރު ދިވެހިންނަށް ދައްކަވަން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ރައީސް މުއިއްޒު ވިދާޅުވަނީ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ މުހިންމު ކަމަށް (ފޮޓޯ/ މަޖިލިސް)

ރައީސްގެ ހާއްސަ މުޝީރު އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލިހުގެ މެޖޯރިޓީ ރައީސް މުއިއްޒު އާއި ސަރުކާރަށް މުހިންމުވާ ސަބަބު، އޭނާގެ ނަޒަރުން، ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެއްވޭނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންނެވެ.

"މީިހަކާ މަސްއޫލިއްޔަތެއް ހަވާލުކޮށްފިއްޔާ އެ މީހާއަށް އެ މަސްއޫލިއްޔަތު އަދާކުރުމުގެ އިހްތިޔާރު ދޭން ވާނެ،" ކެމްޕެއިން ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އޭރުން އެ ބޭފުޅަކަށް އެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ."

މިދިއަ ދެ މަސް ދުވަސް އެ މާޒީވީ މާދަމާ އޮންނަ އިންތިހާބުގެ ކެމްޕޭނަށް މުޅި ސަރުކާރު ނުކުމެގެންނެވެ. އިދިކޮޅުން ބުނާ ގޮތުގައި ހުރިހާ ދިމާލަކުން ގެންދަނީ ނުފޫޒު ބޭނުންކުރަމުންނެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތައް ވެސް ވަނީ، މި ކެމްޕޭނަށް ވަދެފައި ކަމަށް، އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

މިއީ އާ ގާނޫނުއަސާސީގެ ދަށުން އިންތިހާބު ބާއްވަން ފެށި ފަހުން ކޮންމެ އިންތިހާބަކާ ދިމާކޮށް ވެސް އޮންނަ ޝަކުވާ އެވެ. އެއްވެސް ސަރުކާރަކުން އެ ނުފޫޒުތަކުން އެއްކިބާވެފައެއް ނުވެ އެވެ. މާދަމާގެ އިންތިހާބަކީ އެ ޝަކުވާތަކަށް އިތުރުވި ސިލްސިލާގެ ބައެކެވެ.

އެނގެން މި އޮތީ ދިވެހިންނަށް ރައީސް މުއިއްޒު އާދޭސް ދަންނަވައިފި ކަމެވެ. ކުރިމަގުގެ އުއްމީދުތައް ފުރިހަމަވުން އޮތީ އެމަނިކުފާނަށް އިތުބާރުކޮށް، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބިގެން ކަމެވެ. ހުރިހާ ވެސް މަގުސަދަކީ ނަތީޖާ ނެރުންކަމެވެ.

"ބާރު ސްޕީޑުގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފެންވަރަށް ހުރިހާ ކަމެއް އަޅުގަނޑު ވައުދުވީ ގޮތަށް ކޮށްެދޭނަން މި ފަސް އަހަރު. އެހެންވީމާ އަޅުގަނޑުމެންގެ 93 ކެންޑިޑޭޓުން ހޮވައިދޭންވީ ރާއްޖޭގެ ހުރިހާ ދާއިރާތަކަކުން. އޭގެ ނަތީޖާ ރަނގަޅުވާނެ،" ރޭ އޮތް ޖަލްސާއެއްގައި ރައީސް ވިދާޅުވި އެވެ.

މީގެ ތިން ދުވަސް ކުރިން އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވީ އެމަނިކުފާނުގެ އިހުލާސްތެރިކަމާ ބެހޭ ގޮތުންނެވެ.

"އަޅުގަނޑު ކުރާ ކަމެއް ކުރާނީ އިހްލާސްތެރިކަމާ އެކުގައި. ކޮންމެ ސިކުންތެއް ވެސް މި ހޭދަކުރަނީ، އަޅުގަނޑު ކުރި ހުވާގެ މަތީގައި، ތެދުވެރިކަމާ އެކުގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަގުތު މި އޮތީ ޖެހިފަ އެވެ. ރައީސް މުއިއްޒު އެވަނީ އެމަނިކުފާނުގެ ވިސްނުންފުޅު  ހިއްސާކުރައްވައިފަ އެވެ. ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އާދޭހާ އެކުގަ އެވެ.

ކޮމެންޓް (4)

profile-image-placeholder

ސިކުނޑި

20 އޭޕްރީލު 2024
ރައީސް މުއީޒް ކޮންމެ ވާހަކައެއް ދެއްކިޔަސް ހިތަށް ސިފަވަނީ، ހަމަ ހުސް ގޮނޑިއެއް! ކުރިޔަށް އޮތަނުގައި މިސާލު ބަހެއްގެ ގޮތުގައި ބޭނުން ކުރާނެ! "ވަށަފަރު މުއީޒުގެ ވެރިކަން ހޯދުން" - (އޮޅުވާލައިގެން ކަންކަން ހާސިލުކުރުން)

ޙެކި

20 އޭޕްރީލު 2024
މޫސަމެން ދެފުށް ދެގޮތްކަން. ކޮންމެ މީހަކު ރައީސްކަމު ހުއްޓަސް އޭނަ ކުރި ގޯސްކަމެއް ނެތް ކަމަށް ދައްކުވައިދޭ ގޮތަށް ނޫސްވެރިން ލިޔެގެން ނުވާނެ. މަނިޓަރީ އޮތޯރިޓީއަކީ ދައުލަތުގެ އިދާރާއެއް. މޫސަ ނިކަން އެ ނިކުތް ރިޕޯޓުގެ ވާހަކަ ގެނެސްބަލަ

ފީލިންގ

20 އޭޕްރީލު 2024
ސަރުކާރުން ރަށްރަށުގެ ތަރައްގީގެ ޕުރޮޖެކްޓު ހިންގުމަށް މި ސޮއިކުރައްވާ އެމްއޯޔޫތަކުން އެނގެނީ ކޮންމެހެން ކަންތައްތައް ކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަކަށް ބޭނުން ނުވާކަމެވެ. ފުށިދިއްގަރު ފަޅާ، ރަށްރަށުގެ މަގުހެދުމާ ، ބިންހިއްކުމާ އަދި އެއަރޕޯޓް އަޅައި ދިނުންފަދަ މެގަ ޕުރޮޖެކްޓު ތައް އިއުލާނުކޮށް ފައްޓަވައި އެހިންގަވަނީ މަޖިލީހުގެ އަޣުލަބިއްޔަތެއް ނެތިއެވެ. ވީމާ ސަރުކާރު ކެންޑިޑޭޓަށް ވޯޓު ހޯދަބް އެދައްކާ ހުއްޖަތެއް ބަލައެއް ނުގަނަވެއެވެ. މެޖޯރިޓީ ހޯދަނީ ކުރާ ރަނގަޅު ނޫން ކަންތައް ފޮރުވުމަށް ކޮށާ މަގެއްކަމުގައި ބެލެވެއެވެ. މަޖިލީހަށް ވައްދަންވީ ރަނގަޅު މީހާއެވެ.

ަޖެނެޖ

20 އޭޕްރީލު 2024
@ފީލިންގ ބުނަން ބޭނުންވާ ހުރިހާ ވާހަކައެއް ނުބުނެވޭނެކަން ޤަބޫލުކުރަންޖެހޭ. ރާއްޖޭގައި ވެރިކަމަށް ދެން ވާނެ ގޮތެއް ނޭނގޭތީ އިންވެސްޓަރުން އެތިބީ އިމްބެސްޓު ކުރަން ނުކެރިފަ. އިންވެސްޓު ކުރަން ފަށާތަނުން ސަރުކާރު ވައްޓާލަފާނެ. މިކަހަލަ ރިސްކެއް ނުނަގާނެ ބަޔަކު. އެހެން ޤައުމުތަކުގެ އެހީ ވެސް ލިބިގެން ކަންކަން ވާނީ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް