ނިލަންދޫ ރައްްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އާއިލާ މީހަކު ނުކުމެ ހުއްޓަސް ގައުމު އިސްކޮށް ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދީ: ރައީސް

އާއިލީ މަސްލަހަތާއި ރައްޓެހިންނަށް އިސްކަންދޭންވާނީ ގައުމުގެ މަސްލަހަތު އެކަމުގައި އެކުލެވޭ ނަމަ ކަމަށް ރައީސް ވިދާޅުވި

އަންނަ އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އާއިލާއަށް ވުރެ ގައުމު އިސްކޮށް ވޯޓު ދިނުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބުގައި ފުވައްމުލަކުގެ ތިން ދާއިރާއަށް ސަރުކާރު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މިރޭ އެ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަށް މަޖިލިސް ބޭނުންވަނީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ކުރުމަށް ކަމަށެވެ.

ތަފްސީލް - ރައީސް ވަނީ ހިޔާލުތަފާތުވުންތަކާއި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް އެކަންތައް އެއްފަރާތްކޮށް ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފަ އެވެ.

"އިންސާނީ ތޮބީއަތް ވީމާ، އެތައް ޒަމާން ވަންދެން އެކުގައި އުޅެފައި ތިބި މީހުން ވީމާ، އާއިލާ ތެރޭގައި ވެސް، ރަހުމަތްތެރިންގެ ތެރޭގައި ވެސް އެކި ކަހަލަ ގްރޫޕުތަކުގެ ތެރޭގައި ވެސް އެކި ކަހަލަ ކަންކަން ދިމާވެފައި ހުންނާނެ. އެކަންކަމަކީ މި ވޯޓުގެ މެދަށް ވަންނަ ކަމަކަށް ވިޔަ ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މިއީ ހިތްހަމަނުޖެހުންތައް އެއްފަރާތްކުރަން އޮތް ފުރުސަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޮވެދާނެ ވަރަށް ބޮޑު ޒުވާބެއް ވެސް ހިނގާފައި. ދޫކޮށްލައްވާ. އިސްކުރަންވީ ތަރައްގީގެ މަސައްކަތުގައި ފެށިފައި އޮތް މަސައްކަތަށް އެއްބާރުލުން ދިނުމުގެ ވިސްނުން،" ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ތަރައްގީ ބޭނުންވާ ކަމަށާއި އޭގެ ތެރެއަށް އެހެން ކަމެއް ވައްދަން ނުޖެހޭ ކަމަށެވެ.

އެމަނިކުފާނުގެ ސިޔާސަތަކީ ތަރައްގީ އާއި ހަމަޖެހުން އަދި ރައްކާތެރިކަން ކަމަށާއި، ވޯޓު ދޭންވީ އެ ތިން ކަންތަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރޭ ހުރި ހުރިހާ ހިޔާލު ތަފާތުވުންތައް ދޫކޮށްލަން އެބަ ޖެހޭ. އެއީ އާއިލީ ގޮތުން މިސާލަކަށް ހުރެދާނެ އަޅުގަނޑުމެންގެ ކެންޑިޑޭޓު ހުއްޓަސް އަޅުގަނޑުމެންގެ އާއިލާ ތެރެއިން ހުރެދާނެ އަނެއް ޕާޓީ މީހަކު ނުކުމެ. ދޫކޮށްލައްވާ. އާއިލާއެއް ނޫން މިވަގުތު، އެކަހަލަ ހާލަތްތަކުގައި އިސްކުރަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.

"އާއިލާ އިސްކުރަން ޖެހޭ ކަންތައް ހުންނާނެ. އެކަމަކު އެއަށް ވުރެ ބޮޑަށް އިސްކުރަން ޖެހޭ އަޅުގަނޑުމެންގެ ގައުމުގެ ހައްގުގައި އަޅުގަނޑުމެން ނިންމަން ޖެހޭ ނިންމުމުގެ ޒިންމާ،" ރައީސް ވިދާޅުވި އެވެ.

އާއިލީ މަސްލަހަތާއި ރައްޓެހިންނަށް އިސްކަންދޭންވާނީ ގައުމުގެ މަސްލަހަތު އެކަމުގައި އެކުލެވޭ ނަމަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް އެއްބާރުލުން ދީ، ސަރުކާރު ޖަވާބުދާރީ ކުރުވާ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. ގައުމަށް ބޭނުންވަނީ ހަމަޖެހުން ކަމަށާއި ގައުމަށް ބޭނުންވާ ތަރައްގީ ތަރުތީބު ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބާރު ސްޕީޑުގައި އަޅުގަނޑުމެންގެ މެނިފެސްޓޯގައި އަޅުގަނޑު ވެފައި އޮތް ވައުދުތަކުގައި އޮތް ގޮތަށް ކުރިއަށް ދިޔުމަށްޓަކައި މި ގައުމުގައި ހަމަޖެހުން އޮންނަން ޖެހޭ،" މަޖިލީހަކީ ސަރުކާރާ ކޯޅޭ ތަނަކަށް ވެއްޖެ ނަމަ ގައުމު އެއްކޮށް ހުއްޓުމަކަށް އަތުވެދާނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

"ތަރައްގީގެ މި ރާސްތާގައި ބާރު ދުވެލީގައި އަޅުގަނޑުމެން ކުރިއަށް ދާން މި ފަށާފައިވާ ދަތުރުގައި ބާރަށް ހަލުވި ދުވެލީގައި ދިވެހި ރައްޔިތުން އެންމެން އެކައްޗެއް ކިޔާފައި ނިންމުމަކީ އަޅުގަނޑުމެން ކޮންމެ ރައްޔިތެއްގެ ހައްގުގައި، ދަރިންގެ ދަރިންގެ މުސްތަގުބަލަށްޓަކައި ވެސް ނިންމޭނެ އެންމެ ހެޔޮ ނިންމުން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް