ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ޕީޕީއެމް)

ރައީސް މުއިއްޒު އިދިކޮޅަށް: 'އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ'

ރައީސް ވިދާޅުވީ ކޮރަޕްޝަން ކަމަށް ބުނެ ދައުރުކުރަމުންދާ ލިޔުންތަކުގައި ހުރީ އެމަނިކުފާނުގެ ރޯހައުސްއިން ކުއްޔަށް ދީފައިވާ ދެ އެޕާޓުމަންޓުގެ ކުލި ކަމަށް

ރައްޔިތުންގެ ހައްގެއްގައި ޖެހިފައި ނޯންނާނެ ކަމަށާއި އެކަހަލަ ތުހުމަތުތައް ކިތަންމެ ވަރަކަށް ކުރިޔަސް، އެފަދައިން ކޮށްފައިވާ އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށް ވިދާޅުވެ، ކޮރަޕްޝަންގެ ތުހުމަތުތަކަށް ރައީސް މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ،  އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުހުމަތުތައް ބަލަން އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން މިއަދު ގޮވާލާފައިވާތީ އެކަމަށް އިޝާރާތް ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ސަރުކާރުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ) މިރޭ މާލޭގައި ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. 

ތަފްސީލް - ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މިރޭ ވިދާޅުވިގޮތުގައި:

  • އެމަނިކުފާނުގެ ރޯހައުސް ކުއްޔަށް ދީފައި ހުންނާނީ ބޭރު ބަޔަކަށް

  • ކޮރަޕްޝަން ކަމަށް ބުނެ ދައުރުކުރަމުންދާ ލިޔުންތަކުގައި ހުރީ އެ ރޯހައުސްއިން ކުއްޔަށް ދީފައިވާ ދެ އެޕާޓުމަންޓުގެ ކުލި

  • ޕޮލިސް އިންޓެލިޖެންސް ރިޕޯޓެއްގެ ގޮތުގައި ފަތުރަމުންދަނީ ތައްގަޑެއް އަދި ތާރީހެއް ނެތް، އިދިކޮޅުން ބޭނުން ގޮތަކަށް ހަދައިގެން ގެންގުޅޭ ޑްރާފްޓެއް

  • ބައްޕާފުޅުގެ ކިބައިން އެމަނިކުފާނަށް ވާރުތަވި މުދާ އެހުރީ އޭގައި ފެންނަން

  • މިދިޔަ ފަސް އަހަރު އޮތީ އެ މީހުންގެ ސަރުކާރު، ގޯސްކޮށް ކަމެއް އޮތް ނަމަ ފެންނާނެ

ބުނީ ކީކޭ؟ - "ގާނޫނާއި ގަވާއިދާ ހިލާފަށް އޭރުގައި ވެސް ކަމެއް ކޮށްފައެއް ނުހުންނާނެ، މިއަދު ވެސް ނުކުރާނަން އަދި ކުރިއަށް އޮތްތާނގައި ވެސް ނުކުރާނަން. އަޅުގަނޑަކީ އިރާދަކުރެއްވީތީ ރައްޔިތުންގެ ހައްގުގައި، މުދަލުގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު ﷲ ސުބުހާނަހޫ ވަތައާލާގެ ކިބައިން ފުއްސެވުމާއި ރުއްސެވުން ލިބުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިހާރު ފަތުރަމުންދާ ވާހަކަތަކަކީ ވެސް އެމަނިކުފާނާ ދެކޮޅަށް ކަމެއް ހޯދަން އުޅެއުޅެ ނުފެނިގެން އިންތިހާބާ ދިމާކޮށް ސަރުކާރުގެ އަގުވައްޓާލުމަށް އިިދިކޮޅުން ދައްކާ "ބުހުތާނު ދޮގު ވާހަކަތަކެއް" ކަމަށެވެ. ރައީސް ވިދާޅުވީ، މީގެ ކުރިން މޭޔަރު އިންތިހާބާ ދިމާކޮށް ވެސް އެފަދަ ތުހުމަތުތައް އަޅުވައި ބަދުނާމު ކުރަން އުޅުނު ކަމަށާއި ޝަރީއަތް ކޮށް ވެސް ހެދި ކަމަށެވެ. އެކަމަކު އޭރު ވެސް އެކަންކަން އިދިކޮޅަށް ކާމިޔާބު ނުކުރެވުނީ އެފަދަ ކަމެއް ކޮށްފައި ނޯންނާނެތީ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމައި ތިބޭފުޅުން ތިގޮތަށް އަޅުގަނޑުގެ ބޮލުގައި ކަމެއް އަޅުވަން އުޅުނަސް، ކުރީގައި ވެސް ނުވި ކަމެއް، ދެނެއް ވެސް ނުވާނެ. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ އެއް ކަމެއް ވެސް ނޯންނާނެ،" ކުރާ ތުހުމަތުތަކާ ގުޅިގެން ކަންބޮޑުނުވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އެނގުން މުހިންމު - ރައީސްއަށް ކުރާ ތުހުމަތުތަކުގެ މައްސަލަ ފެންމަތިވީ، 'ހަސަން ކުރުސީ'ގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ އެކައުންޓަކުން، ކޮރަޕްޝަންއާ ގުޅުން ހުރި ކަމަށް ބުނެ ލިޔެކިޔުންތަކެެއް ރޭ ޕޯސްޓުކުރުމާ ގުޅިގެންނެވެ. 

  • އެ އެކައުންޓުން އާއްމުކުރި ލިޔުންތަކުގެ ތެރޭގައި ފުލުހުންނާއި އެމްއެމްއޭގެ ފައިނޭޝަނަލް އިންޓަލިޖެންސް (ފައިޔޫ)ގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބުނާ ލިޔުންތަކެއް ހިމެނޭ

  • އެ ލިޔުންތަކުން ފެންނަންހުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށް ތުހުމަތުކޮށްފައިވޭ؛ އަދި މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ތުހުމަތު ވެސް ކޮށްފައިވޭ

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް