ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގެ ރިޔާސަތުގައި (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ އެކައުންޓަށް ފައިސާ ވަތް ކަމަށް ބުނާ މައްސަލަ ބަލަން އެމްޑީޕީ އާއި ޕީއެންއެފް އިން ގޮވާލައިފި

އެ ދެ ޕާޓީން މިގޮތަށް ގޮވާލީ، ރައީސް މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ކޮރަޕްޝަންގެ ފައިސާ ވަދެފައިވާ ކަމަށް ބުނާ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ރޭ އާއްމުކުރުމާ ގުޅިގެން

ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވަނިކޮށް ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުހުމަތުތައް ބަލަން އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފް އިން މިއަދު ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން - މި މައްސަލަ ފެންމަތިވީ، ކާކުކަން ނާންގައި 'ހަސަން ކުރުސީ'ގެ ނަމުގައި އެކްސްގައި ހަރަކާތްތެރިވާ އެކައުންޓަކުން، މި ކޮރަޕްޝަންއާ ގުޅުން ހުރި ކަމަށް ބުނެ ލިޔެކިޔުންތަކެެއް ރޭ ޕޯސްޓުކުރުމާ ގުޅިގެންނެވެ. 

  • އެ އެކައުންޓުން އާއްމުކުރި ލިޔުންތަކުގެ ތެރޭގައި ފުލުހުންނާއި އެމްއެމްއޭގެ ފައިނޭޝަނަލް އިންޓަލިޖެންސް (ފައިޔޫ)ގެ އިންޓެލިޖެންސް ރިޕޯޓެއް ކަމަށް ބުނާ ލިޔުންތަކެއް ހިމެނޭ

  • އެ ލިޔުންތަކުން ފެންނަންހުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ މުއާމަލާތްތަކެއް ކަމަށް ތުހުމަތުކޮށްފައިވޭ؛ އަދި މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ތުހުމަތު ވެސް ކޮށްފައިވޭ

އެނގުން މުހިއްމު - އެ ޑޮކިއުމަންޓްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީ އާއި ޕީއެންއެފް އިން މިއަދު ވަކިވަކިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކެއްގައި ވަނީ މި މައްސަލަ ބަލަން ގޮވާލައިފަ އެވެ.

ތަފްސީލު - މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް މާލެ އަތޮޅުގެ ރަށްރަށަށް ވަޑައިގަތުމުގެ ކުރިން މާލޭ އެއް ނަންބަރު ފާލަމުގައި ހުންނަވައި މިއަދު މެންދުރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންއެފްގެ ވަގުތީ ސެނެޓް މެންބަރު، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ:

  • ރައީސް މުއިއްޒަށް ކޮރަޕްޝަންގެ ތުހުމަތު އަމާޒުވާ ޑޮކިއުމަންޓްތަކަކީ "ސަމާސާއެއް ކަމަށް ދެކިގެން ނުވާނެ" ކަމަށް

  • ސަރުކާރުން އެ ލިޔުންތަކަށް ޖަވާބުދާރީވާން ޖެހޭ ކަމަށް

"އަޅުގަނޑު ގޮވާލަން އެމްޑީޕީ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިދެއްވާށޭ. ހުށަހަޅުއްވައިގެން، އަޅުގަނޑުމެން އިންތިހާބަށް ދިޔުމުގެ ކުރިން މި މައްސަލައާ ބެހޭ ގޮތުން މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައިގެން ވެސް އެބަ ޖެހޭ ބަހުސް ކުރަން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ އިސް ވަކީލު ޖަމީލު ވިދާޅުވި އެވެ.

"މިއީ މަގުމަތީގައި ހުރި މީހަކަށް ކުރެވުނު ތުހުމަތެއް ނޫން. އަދި އޭގައި ހުރީ އާދައިގެ ތުހުމަތުތަކެއް ވެސް ނޫން."

ޕީއެންސީގެ ތާއީދާ އެކު މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ފުރުމުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

ރައީސަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް އެ ލިިޔެކިޔުންތަކުގައި ހުރިކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ، އެއީ "ބެލެވެން ޖެހޭ ކަންކަން" ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި [ރައީސް] މުއިއްޒު އެބަ ޖެހޭ މަގާމުގެ މަސްއޫލިއްޔަތު ނައިބު ރައީސް [ހުސައިން މުހައްމަދު ލަތީފް]އާ ހަވާލުކުރައްވަން. މި ތުހުމަތުތަކުން ބަރީއަވަންދެން އަދި މައްސަލަ ތަހުގީގުކޮށް ނިމެންދެން މަސްއޫލިއްޔަތުން [އެމަނިކުފާނު] އެކަހެރިވާން ޖެހޭ،" ޔާމީންގެ ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.

ހަގީގަތެއް ނަމަ ރައީސް މަގާމުން ވަކިކުރަން ޖެހޭނެ: އެމްޑީޕީ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކެމްޕެއިން ތަރުޖަމާނު އީސަ ވަހަކަ ދައްކަވަނީ (ދައުރު ފޮޓޯ)

ޕީއެންއެފްގެ ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ފަހުން، އެމްޑީޕީ އޮފީހުގައި އެ ޕާޓީން މަޖިލިސް ކެމްޕެއިނާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއައްސަސާތަކަށް ގޮވާލީ، ރައީސަށް ކުރެވޭ ތުހުމަތުތައް ބެލުމަށެވެ.

"މިނިސްޓަރަކަށް ހުންނެވިއިރު، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓަތައް ހިންގި ބޭރުގެ ނުފޫޒުގަދަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ފައިސާ ހާއްސަކޮށް [ރައީސް] މުއިއްޒުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވިކަމުގެ އާންމުވެފައިވާ ތަފްސީލުތަކަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް،" އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ތަރުޖަމާނު، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޒިންމާދާރު ގޮތެއްގައި މިނިވަން މުއައްސަސާތަކުން މި މައްސަލަތައް ބަލައި ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ."

އީސަ ވިދާޅުވީ އެމްޑީޕީގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ވެސް ބަލާނެ ކަމަށެވެ.

"މިވަގުތު ރައީސް މުއިއްޒަށް ޝޯޝަލް މީޑިއާގައި ރައްޔިތުން ކުރަމުންދާ ތުހުމަތުތަކަކީ ހަގީގަތެއް ނަމަ، އެއީ ރައީސް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ލާޒިމް ވާނެ ކަމެއް،" އީސަ އިތުރަށް ވިދާޅުވި އެވެ.

ކޮމެންޓް (4)

profile-image-placeholder

ޕެޕް ގާޑިއޯލާ

17 އޭޕްރީލު 2024
މަށެއް ނުދެނެހުރިން މުއިއްޒު ނަމްބަރު އައިނު އަޅާކަމެއް. އަލަށް ފޮޓޯއެއް ފެނުނީމަ ހަމަ ބުނެލީ.

ހޯހޯ އަހުމަދު ޖަމީލު

17 އޭޕްރީލު 2024
ކަލޯ ކުދިންނޭ ބޭބެއަށް ބަލާދީބަލަ ވެންޓިލޭޓަރުގެ ކަންތަކާ ޒިންމާވާނެ ފަރާތެއްހުރިތޯ. އަދިހަމަ ޝާހިދު ކިއާ ބޭފުޅަކު އިނގިރޭސި ވިލާތުން ގަނެގެން އުޅޭ ގެ ނޫނީފުލެޓް ގަންނަން ފައިސާހޯދިތަނެއް އަދި އަލީވަހީދު ކިޔާ ބޭފުޅަކު މާލޭން ގަނެގެން އުޅޭ ގެ ގަންނަން ފައިސާހޯދިގޮތެއް. ނިހާނު އަށް ލިބުނު ރޮލެކުސް ގަޱި ލިބުނުގޮތެއް ލިސްޓް ވަރައް ދިގު ކުރެވިދާނެ

ސަނައްޓޭ

16 އޭޕްރީލު 2024
އަނެއްކާ މުއީޒު ހައުސިންގް މިނިސްޓަރަކަށް ހުރީ މީގެ ފަސްއަހަރު ކުރިން. ސޯލިހު ސަރުކާރުުގަ އެކަން ނުބެލީ ސޯލިހުގެ ނާގާބިލުކަމުން. ދެން.މިހާރު ތި ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ތިޔަ ހަސަންކުރުސީއަކީ މިހާރު ގައުމަށް ޖެހިފަ އޮތް ވަބާއަކަށް ވެއްޖެ

ޝަރފު

16 އޭޕްރީލު 2024
އަހަރެމެން ހާދަހާވާ ހަދާންބައްޔޭ ދޯ. މި ތުހުމަތުތައް ފުރަތަމަ ކުރިމަތިކުރީ ރިޔާސީ އިންތިޚާބުގަ. އޭރު ޖަމީލު ހުންނެވީ ކޮންތާކުތޯ. އިޚުލާސްތެރި ނަމަ އެދުވަހު އެކަން ބެލުމަށް ގޮވައިނުލާ ހުރެ މިއަދު އިތުރު ކޮންކަމެއް އެކަމުގަ ފާޅުވެގެންތޯ މިއުޅެނީ؟ ބަދަލުވެގެން މިއުޅެނީ އަމިއްލަފުޅު ވިސްނުން ދެއްތޯ. އެހެން ވެއްޖެނަމަ އެބަ ސުވާލުކުރަންޖެހޭ އޭރުގެ ރައީސުންނާވެސް. އަދި ފަހުން އެކަންކަން ބެލުމުގެ ޒިންމާ ރައްޔިތުން މަތިކުރި ފަރާތްތަކާވެސް. އެހެން ނޫންތޯ. ވެރިކަމުގަ އިއްޔެ ތިއްބެވީ ކޮންބައެއްތޯ؟ ހުރިހާ އާރަކާ ބާރެއް އޮވެމެ ކުރެއްވި ކަމަކީ ކޮބައިތޯ؟ ދިވެހި ލޮބުވެތި ރައްޔިތުން ޤަބޫލުކުރަނީ މުއިއްޒުގެ ކަމެއް ވިޔަސް، ޔާމީނުގެ ކަމެއްވިޔަސް، ސާލިޙުގެ ކަމެއްވިޔަސް، ނަޝީދުގެ ކަމެއްވިޔަސް އަދި ކީއްތޯ ޖަމީލުވިޔަސް ބަލަންޖެހޭނެ. އެކަން ކުރަންޖެހޭނީ ތިމާ ބޭނުންވީމަ ބޭނުންވި ވަގުތަކު ނޫން. އެކަމަށް އެއޮންނަ އިޖުރާޢަތެއްގެ ތެރެއިން އެއޮންނަ އުސޫލުގެ ތެރެއިން.

އިތުރު އާޓިކަލް

އިތުރު އާޓިކަލް