5 ފެބްރުއަރީ 2024: ރައީސް މުއިއްޒު (ވ) ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައި ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއާ ސަލާން ކުރައްވަނީ (ފޮޓޯ/ މަޖިލިސް)

ސަރުކާރު ހިންގަން އަޅުގަނޑަށް ދީފައި، މަޖިލިސް އިދިކޮޅަށް ދިނުން ދެކޮޅެއް ނުޖެހޭ: ރައީސް

ރައީސް ވިދާޅުވީ ސަރުކާރާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހަވާލުކުރުމަށް ފަހު އެކަމާ ދެކޮޅު ހަދާ މަޖިލީހެއް ރައްޔިތުން ހޮވުމުން ކަންކަން ކޮށްނުދެވޭނެ ކަމަށް

ވެރިކަމަށް އެމަނިކުފާނު އިންތިހާބު ކުރުމަށް ފަހު، ގާނޫނުތައް ހަދަން އޮންނަ ރައްޔިތުންގެ މަޖިލިސް އިިދިކޮޅަށް ދިނުމުން ސަރުކާރަށް ކަންކަން ނުކޮށްދެވޭނެ ކަމަށާއި އެއީ ދެކޮޅު ޖެހޭނެ ގޮތެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ ސަރުކާރުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު (އިބުޓީ) މިރޭ މާލޭގައި ބޭއްވެވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަފްސީލް - ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އެއްބާރުލުންދޭނެ ބަޔަކު މަޖިލީހަށް އިހުތިޔާރުނުކޮށެއް، ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ އެއް ތަން ހޯދާދިނުމަށް އެމަނިކުފާނު ވެފައިވާ ވައުދުގެ ޔަގީންކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަމުގައި "ރިސްކެއް" ނަގަން ޖެހޭނެ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރުކޮށްލައި، ގެދޮރުވެރިކަމުގެ މަޝްރޫއުއެއް ހިންގަން ބޭރުގެ އެހީއަކަށް މަޖިލީހުން ހުއްދަ ހޯދަން އަހަންޖެހޭއިރު އެކަން އެޖެންޑާ ނުކޮށް ޖެއްސުން ކުރާ މީހުންނަށް މަޖިލިސް ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - "މިކަން ކުރި ބަޔަކު މަޖިލީހުގައި ތިއްބައި އަނެއްކާވެސް އެމީހުންނަށް ދޭންވީތޯ ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑާ، ސަރުކާރާ މި ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން ހަވާލުކޮށްފައި އެޔަށް ހުރަސް އަޅަން؟ މާލޭގެ ރައްޔިތުން ނިންމަންވީ މައްސަލައެއް މިއީ. ތިން ދުވަސް ބާކީ އޮތީ. ވަރަށް ސާފު މައްސަލައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ:

  • މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރަޓީ އޮވެ، އެ ޕާޓީގެ ސަރުކާރެއް އޮވެމެ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުދިން ކަމަށް

  • ރައްޔިތުން ވެރިކަން ބަދަލުކުރަން ނިންމީ އެކަންކަން ނުކޮށްދިނުމުން އެ މަޖިލީހަށާއި ސަރުކާރަށް އޮތް އިތުބާރު ގެއްލުމުން ކަމަށް

  • އެހެންކަމުން އާ ސަރުކާރަކާ މަސައްކަތް ހަވާލުކޮށް، އެކަމަށް ދެކޮޅު ހަދާ ބަޔަކު މަޖިލީހަށް ލާންވީތޯ އެއީ މާލޭ ރައްޔިތުން ވިސްނަންޖެހޭ މައްސަލައެއް ކަމަށް

"އެހެންވީމައި މި [ގެދޮރުވެރިކަމުގެ] މައްސަލަ ހައްލުކުރަން ސަރުކާރަށް، އަޅުގަނޑަށް ފުރުސަތު ރައްޔިތުން ދީފައި އެޔަށް ހުރަސް އަޅަން މަޖިލިސް އެމީހުންނަށް ދިނީމައި ދެކޮޅެއް ނުޖެހޭ. ދެކޮޅެއް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ތަރައްގީގެ ނަތީޖާ ނެރެން ކަމަށާއި އެ ނަތީޖާ ނެރެ ދައްކައިދެވޭނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ 17 ގޮނޑި ސަރުކާރަށް ދީގެން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެހާ ފަރުވާކުޑަކޮށް މާލޭ ރައްޔިތުންނާ މެދު އަމަލުކުރި ބަޔަކަށް އިތުރު ފަސް އަހަރު މަޖިލީހުން ވެސް ދޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ މައިގަނޑު ހުރިހާ ކަމެއްގައި އެންމެ ބޮޑު އެއްބާރުލުމެއް ދޭން ޖެހޭ އެއް ތަނަކީ މަޖިލިސް ކަމަށާއި ރިޔާސީ އިންތިހާބުގައި ބަދަލަކަށް އެދިގެން އެމަނިކުފާނަށް ވޯޓުދިނުމަށް ފަހު، މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނާ ދެކޮޅަށް ރައްޔިތުން ގޮތް ނިންމާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (4)

profile-image-placeholder

ޙަސަނާ

17 އޭޕްރީލު 2024
ބަލަ ކަލޭ ކުރިމަތިލީ ވެރިކަމަކަށް ނޫންތަ؟

އިސްތިރި

17 އޭޕްރީލު 2024
ސަރުކާރުން ރަށްރަށުގެ ތަރައްގީގެ ޕުރޮޖްކްޓު ހިންގުމަށް މި ސޮއިކުރައްވާ އެމްއޯޔޯތަކުން އެނގެނީ ކޮންމެހެން ކަންތައް ކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކެއް ސަރުކާރަކަށް ބޭނުން ނުވާކަމެވެ. ފުށިދިއްގަރު ފަޅާ، ރަށްރަށުގެ މަގުހެދުމާ ، ބިންހިއްކުމާ އަދި އެއަރޕޯޓް އަޅައި ދިނުން ފަދުގެ މެގަ ޕުރޮޖެކްޓު ތައް އިއުލާނުކޮށް ފައްޓަވައި އެހިންގަވަނީ މަޖިލީހުގެ އަޣިލަބިއްޔަތެއް ނެތިއެވެ. ވީމާ ސަރުކާރު ކެންޑިޑެޓަށް ވޯޓުދޭން އެ ދައްކާ ހުއްޖަތެއް ބަލައެއް ނުގަނެވެއެވެ. މެޖޯރިޓީ ހޯދަނީ ކުރާ ރަނގަޅު ނޫން ކަންތައް ފޮރުވުމަށް ކޮށާ މަގެއްކަމުގައި ބެލެވެއެވެ. މަޖިލީހަށް ވައްދަންވީ ރަނގަޅު މީހާއެވެ.

އަތަރުލާ

20 އޭޕްރީލު 2024
@އިސްތިރި ބަލަ ލޯނެއް ނެގެނީ މަޖިލިސް ހުއްދަ ލިބިގެން. އެވާހަކަ ރައީސް އެ ކިޔަނީ. ލޯނު ނެގުން ހުއްޓުވީމަ ދެން ކހިނެތް ހަދަނީ. ތަންކޮޅެއް އެނގިގެން ވާހަކަ ދައްކަބަލަ

ތެފައާސާ.

17 އޭޕްރީލު 2024
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަންވާނީ ގާނޫނު އަސާސީގައި ބާރުތަކުގެ އިންފާރު ކަނޑައަޅައި ވަކިކޮށްފައި އޮންނައޮތުމުގެ މަހުފޫމް ރަނގަޅަށް އެނގި ރުހި ގަބޫލުކޮށްގެންހުރެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް