ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ޕީއެންސީ)

އިދިކޮޅުން ކުރިން ދެއްކީ ޖަވާބުދާރީ ކުރުވާ ވާހަކަ، މިހާރު ބޭނުންވަނީ އަޒުލުކުރަން: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އިދިކޮޅަށް މަޖިލިސް ލިބިގެން އޭގެ ހުރިހާ ގެއްލުމެއް ވާނީ ރައްޔިތުންނަށް ކަމަށް

މަޖިލިސް އިންތިހާބު ކާމިޔާބުކުރަން އިދިކޮޅު ފަރާތްތަކުން ކުރިން ދައްކަމުން އައީ ސަރުކާރު ޖަވާބުދާރީކުރުވާ ވާހަކަ ކަމަށާއި ނަމަވެސް މިހާރު އެ ބޭފުޅުން ދައްކަވަނީ މަޖިލިސް ތެރެއިން އެމަނިކުފާނު އަޒުލުކުރަން ބޭނުންވާ ވާހަކަ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިގޮތަށް ވިދާޅުވީ، ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަފްސީލު - ރައީސް ވިދާޅުވީ ޕީއެންސީ މެންބަރުން ވެސް މަޖިލިސް ތެރެއިން ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ ކުރިން އިދިކޮޅުން ޖަވާބުދާރީކުރާ ވާހަކަ ދެއްކެވި ނަމަވެސް، މިހާރު އެ ވާހަކަތައް ހުރީ އެހެން ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަށް އެއްބާރުލުން ނުދޭނަމޭ، ތިމަންނަމެން ބޭނުންވަނީ މި ސަރުކާރު މަޖިލިސް ތެރެއިން ބަދަލުކުރާށޭ. ކުރިން އެވާހަކަ ނުދައްކާ. ކުރިން ބޭނުން ކުރަމުން ދިޔައީ ވަރަށް ސިމްޕަލް އާދައިގެ ބަހެއް، ޖަވާބުދާރީކުރުން،" ރައީސް ވިދާޅުވި އެވެ.

"މިހާރު އެ ދައްކަނީ އަސްލު އެބޭފުޅުންގެ ހިތުގައި އޮތް ގޮތަށް. ސަރުކާރު ބަދަލުކުރަން، ބަގާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފްޒުތައް. މިއީ ޑިމޮކްރަސީގެ ހަމައެއް ނޫން."

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި:

  • އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، އޭރު ޕީޕީއެމްގެ މެޖޯރިޓީ މަޖިލިސް ތެރޭގައި އޮތް؛ އޭރުވެސް އެމަނިކުފާނު މަޖިލީހަށް ހާޒިރުކޮށް، އެންމެ ގިނައިން ސުވާލުކުރެއްވީ ޕީޕީއެމް މެންބަރުން

  • އެހެންވީމާ ދެން ވެސް ޕީއެންސީގެ ވެރިކަމެއްގައި، ޕީއެންސީ މެންބަރުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ؛ އެކަމަށް އެމްޑީޕީ މެންބަރުން އިންތިހާބު ކުރާކަށް ނުޖެހޭ

ރައީސް ވިދާޅުވީ އިދިކޮޅަށް މެޖޯރިޓީ ލިބި، ސަރުކާރު ބަދަލު ކުރަންވެއްޖެ ނަމަ، ގައުމަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

"މި ހަމަނުޖެހުމުގެ ތެރެއަށް ގައުމު ދޫކޮށްލަން އަޅުގަނޑުމެން ފުރުސަތު ދޭކަށް ނުވާނެ. މި ގައުމަށް ބޭނުންވަނީ ހަމަޖެހުން. ތަރައްގީ މިއޮތީ، އިރާދަކުރެއްވިއްޔާ ތަރުތީބު ކުރެވިފައި،"މި ފަސް މަސް ތެރޭ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގެންނެވީ މަޖިލީހަކީ، ސަރުކާރާ ކޮންމެ ދުވަހަކު "ކޯޅުން ކޯޅި، ހަމަނުޖެހުން ގާއިމްވެ، މުޅި ގައުމު އެއްކޮށް ހުއްޓުމަކަށް ގެންނަ ތަނަކަށް" ވިޔަ ނުދިނުމަށެވެ.

"މި ހީވަނީ ވާ ދަމަން އުޅޭ ހެން. ވަލެއްގައި އެއްކޮޅު މަޖިލިސް، އަނެއްކޮޅުގައި ސަރުކާރު އޮވެގެން ދެކޮޅަށް ދަމަނީ. ވަލަކީ ރައްޔިތުން. ދެން ދަމާ، ދަމާ ވާ ކަނޑައިގެން ދިޔައިމަ ރައްޔިތުންނަށް ނޫންތޯ ބިކަވެ، ހުރިހާ ގެއްލުމެއް ކުރިމަތި މިވަނީ؟ އެހެން ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް (2)

profile-image-placeholder

ތެފައާސާ.

19 އޭޕްރީލު 2024
ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުން އެއީ ބަޢާވާތްކުރުންކަމަށް ދެކޭނަމަ މަނިކުފާނު އަދި ގާނޫނުއަސާސީއަށް ނުފަރިތައީ...

ސިކުނޑި

20 އޭޕްރީލު 2024
@ތެފައާސާ. ނުފަރިތައީކީއެއް ނޫން! ނިކަން ބަލާ ކުރިން ކީހާޅެންތައް! ފަރިއްސަވީ ވެރިކަން ލިބުނީމަ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް