ޅ. ހިންނަވަރުގައި އެމްޑީޕީއިން ބޭއްވި ކެމްޕޭން ޖަލްސާގައި ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)
މި ސަރުކާރު ވެރިކަމުން ދުރުކުރަން ޖެހޭ: ސޯލިހު
މިހާރު މި އޮތީ ވެރިކަމުގައި ބައިތިއްބަން ހެޔޮވާ ވަރުގެ ސަރުކާރެއް ނޫން ކަމަށާއި ވީހާވެސް އަވަހަށް މި ސަރުކާރު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީއިން މިރޭ ހިންނަވަރުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން އާންމު ރައްޔިތުންނަށް އެކި ގޮތްގޮތުން ބިރު ދައްކަމުން އަންނަ ކަމަށެވެ.
ބުނީ ކީކޭ؟ - އެގޮތުން ސޯލިހު އިޝާރާތް ކުރެއްވީ މިފަހުން ހިންނަވަރުގައި ޕީއެންސީއިން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު ކުންފުނިތަކުގައި އުޅޭ މުވައްޒަފުން މަޖިލިސް އިންތިހާބުގައި އެއްބާރުލުން ނުދީފި ނަމަ ފިޔަވަޅު އަޅަން ގޮވާލި ވާހަކަތަކަށެވެ.
"މިތަނުގައި ނޫންތޯ އެ ވާހަކަ ދެއްކީ. ކުންފުނިތަކުގެ ވެރިންނަށް މި އަންގަނީ ތިމަންނަމެންނާ އެކީގައި މަސައްކަތް ކުރަން ނުކުންނަން އަންގާށޭ. ނުކޮށްފިއްޔާ އަޅަންޖެހޭ ފިޔަވަޅު އަޅާށޭ، ވަކި ކުރާށޭ،" ސޯލިހު ވިދާޅުވި އެވެ.
އިއްޔެ ދިއްދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ޕާޓީގެ މެމްބަރުންގެ ގޭބިސީތަކަށް އެކަނި ކަރަންޓު ދޭން ގޮވާލި ވާހަކައަށް ވެސް ސޯލިހު ވަނީ ރައްދު ދެއްވާފަ އެވެ.
"މިއީ އަސާސީ ހިދުމަތެއްގެ ވާހަކަ މި ދައްކަނީ. މިއަދު ކަރަންޓާ ނުލައި ދިރިއުޅުން ފުރިހަމައެއް ނުކުރެވޭނެ. ތިމަންނަމެންނަށް ވޯޓު ދޭ މީހުންގެ ގޭގެއަށް އެކަންޏޭ ކަރަންޓު ދޭންވާނީ. ކޮން ކަހަލަ ވާހަކައެއްތޯ މި ދައްކަނީ؟ މިފަދަ ބަޔަކު ވެރިކަމުގައި ބައިތިއްބަން ހެޔޮނުވާނެ. ރައްޔިތުންނަށް އެކަހަލަ އުނދަގުލާއި ދުއްތުރާ ކުރުމުގެ ވިސްނުން ހުރި ބަޔަކު،" ސޯލިހު ވިދާޅުވި އެވެ.
ވީހާވެސް އަވަހަށް ކުރަންވީ ކަމަކީ [އަޅުގަނޑު ބޭނުންވާ ވާހަކައެއް ނޫން މިއީ] މި ބޭފުޅުން މިކަމުން ދުރުކުރުން. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ނާމާން ބިރުވެރިކަމެއް."
ތަފްސީލު - ދިއްދޫ ޕީއެންސީ ޖަލްސާގައި ދެއްކި ވާހަކަތަކާ ގުޅިގެން ޕީއެންސީއިން ނެރުނު ބަޔާނަށް ވެސް ސޯލިހު ވަނީ ފާޑުވިދާޅުވެފަ އެވެ.
"އެއާ ގުޅިގެން ޕީއެންސީން ކަންނޭނގެ، ބަޔާނެއް މި ނެރެނީ. އެ ހެދީ ދޮގޭ [ކިޔާފައި]. ދޮގު ހަދާނެ ނޫންތޯ އެންމެ އިސް ވެރިއަކަށް ހުންނަ މީހާ ވެސް ތަކުރާރުކޮށް، ތަކުރާރުކޮށް ހަދަމުން ގެންދަނީ ދޮގު،" ސޯލިހު ވިދާޅުވި އެވެ.
"ރޭގަނޑު ހޭލާ އިންނަވައިގެން ވެސް ކުރައްވާ ކަމަކީ މާދަމާ ތިމަންނަ ހަދާނީ ކޮން ދޮގެއްތޯ ވިސްނުން. އެ ނޫން ކަމެއް، ނިދިނުކުރައްވާ، އަވަހާރަފުޅުނުލައްޕަވާ ނުކުރައްވާ. މިއަދު މި ހެދުނު ދޮގާ ދޭތެރޭގައި ވިސްނާފައި މާދަމާ ހަދަން ޖެހޭނީ އެއަށް ވުރެ ބޮޑު ދޮގެއްކަން [އެނގޭ]، އެހެންވެ އެއަށް ތައްޔާރުވަނީ ކޮންމެ ރެއަކު."
ފާހަގަކޮށްލެވޭ ކަމެއް - މަޖިިލިސް އިންތިހާބާ ދިމާކޮށް ސަރުކާރުން ދައުލަތުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް އެމްޑީޕީގެ ކެމްޕޭންގައި ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. ސޯލިހު މިރޭ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެނަމަ އެންމެ ފުރަތަމަ ވެސް އެ ޕާޓީން ކުރާނެ އެއް ކަމަކީ މުވައްޒަފުންގެ ވަޒީފާގެ ރައްކާތެރިކަން ގާނޫނީ ގޮތުން ކަށަވަރުކުރުން ކަމަށެވެ.
"އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅައި، ބޭނުންހާ ގޮތަކަށް މީހުން ވަޒީފާއިން ވަކި ނުކުރެވޭނެކަން ގާނޫނުގައި ލިޔެ، ތަންފީޒުކުރާނަން،" ސޯލިހު ވިދާޅުވި އެވެ.
ކޮމެންޓް (4)
ދޮން އިބުރާހިމް
ސަމީރު
ސައިމާ
ސިޔާމާ