ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު އަބްދުﷲ ރަޝީދު ރޭގެ ޖަލްސާގައި ވާހަކަ ދައްކަނީ

ޕީއެންސީ

ޕާޓީގެ ގެތަކަށް އެކަނި ކަރަންޓް ދޫކުރަން ގޮވާލުން ކުށްވެރި ކޮށްފި

ރޭ ހއ. ދިއްދޫގައި ބޭއްވި ޕީއެންސީގެ ކެމްޕޭނު ޖަލްސާ އެއްގައި، ކަރަންޓް ދޫކުރަންވީ ހަމައެކަނި ޕީއެންސީ މީހުންގެ ގޭގެއަށް ކަމަށް ބުނެ ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ދެއްކެވި ވާހަކަ، ސަރުކާރު ހިންގާ ޕީއެންސީ އިން ކުށްވެރިކޮށްފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު، އަޑަށް ބާރުލައްްވާފައި ވިދާޅުވީ އިންތިހާބު ނިމެންދެން ކަރަންޓް ދޫކުރަންވީ ޕާޓީ މީހުންނަށް އެކަނި ކަމަށް ބުނެ އެވެ.

އޭނާ ދެއްކެވި ވާހަކަތަކަކީ ރައީސް މުހައްމަދު މުއިއްޒުގެ އަދި އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

"ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތެއް ކަމުގައި ދަންނަވަން،" ޕީއެންސީ އިން ބުންޏެވެ.

ގުޅުން ހުރި - އަބްދުﷲ ރަޝީދު ސިޔާސީ ޕޯޑިއަމްގައި ދެއްކެވި ވާހަކަ އާ ގުޅިގެން އޭނާ އަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނަންތޯ ޕީއެންސީގެ މީޑިއާ ގްރޫޕުގައި ނޫސްވެރިއަކު ސުވާލު ކުރުމުން އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "އެކަން ބަލައި އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ" ކަމަށެވެ.

ފާހަގަ ކުރެވޭ - ބޭނުންވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ދޭން ކަމަށާއި ރައްޔިތެއްގެ ސިޔާސީ ވިސްނުން މުހިއްމު ނޫން ކަމަށް ރައީސް މުއިއްޒު ވަނީ ފ. ނިލަންދޫގައި ބޭއްވި ޖަލްސާ އެއްގައި ވިދާޅުވެފަ އެވެ.

ރައީސް އެހެން ވިދާޅުވީ އެންސީގެ ފަރާތުން ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންނާއި ވަކިން ހާއްސަކޮށް ފެލިވަރު ކާރުހާނާގައި މަސައްކަތްކުރާ މުވައްޒަފުން 'ކޮންޓްރޯލް' ކުރުމަށާއި އެއްބާރުލުން ނުދީފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލާ ދެއްކި ވާހަކަތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

ކޮމެންޓް (1)

ތެފައާސާ.

15 އޭޕްރީލު 2024
އެކަނި ސަރުކާރު ލިބި މަޖިލިސް މެޖޯރިޓީ ނެތްއިރު ފޮނުއަރުވާވަރު މި ފެންނަނީ. މަޖިލިހާ ސަރުކާރު އެކަށް ލިބިއްޖެއްޔާ އުޑަކު ބިމަކު ނުޖެހޭނެއެއްނު؟
7 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް