ނިލަންދޫ ރައްްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ސިޔާސީ ވިސްނުން މުހިއްމެއް ނޫން، ބޭނުންވަނީ ހިދުމަތް ދޭން: ރައީސް

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ސިޔާސީ ވިސްނުމެއްގެ ސަބަބުން ރައްޔިތުންގެ ވަޒީފާއަށް އެއްވެސް ނުރައްކަލެއް ނާންނާނެ ކަމަށް

ބޭނުންވަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު ހިދުމަތް ދޭން ކަމަށާއި ރައްޔިތެއްގެ ސިޔާސީ ވިސްނުން މުހިއްމު ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން -  ޕީއެންސީގެ ފަރާތުން ޅ. ހިންނަވަރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންނާއި ވަކިން ހާއްސަކޮށް ފެލިވަރު ކާރުހާނާގައި މަސައްކަތްކުރާ މުވައްޒަފުން 'ކޮންޓްރޯލް' ކުރުމަށާއި އެއްބާރުލުން ނުދީފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލާ ދެއްކި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ތަފްސީލް - އެ ވީޑިއޯއަށް އިޝާރާތްކުރައްވާ، ރޭ ފ. ނިލަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ އެއްވެސް ހާލެއްގައި އެމަނިކުފާނުގެ އަދި އެމަނިކުފާނުގެ ޕާޓީގެ ސިޔާސީ ވިސްނުން ވެސް ނޫން ކަމަށެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގައި ހުއްޓަސް ހަމަހަމަވާނެ. އެމީހަކު ހުރި މަގާމެއް އެމީހަކު އެއީ ސިޔާސީ ކޮން ވިސްނުމެއްގައި ހުރި މީހެއްތޯއެއް ނުބަލާނަން. އެމީހަކަށް ދޭން ޖެހޭ ހިދުމަތެއް ދިނުމުގައެއް،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބޭފުޅަކު ސިޔާސީ ފޯރިއެއްގައި ވިޔަސް، އަދި ޖަޒުބާތެއްގައި ވިޔަސް މި ގޮތަށް މިހާ ސާފުކޮށް [އޮތް] އަޅުގަނޑުގެ ސިޔާސަތަކާ ދެކޮޅަށް، ހިލާފުވާ ގޮތަށް ވާހަކަ ދެއްކުމަކީ އަޅުގަނޑު ހިތާމަކުރާ ކަމެއް."

ރައީސް ވިދާޅުވީ ސިޔާސީ ވިސްނުމެއްގެ ސަބަބުން ރައްޔިތުންގެ ވަޒީފާއަށް އެއްވެސް ނުރައްކަލެއް ނާންނާނެ ކަމަށެވެ.

ހަގީގީ މާނާގައި ހަމަޖެހުން ގެނެވޭނީ އެފަދަ ކަންތަކުން ދުރުވެގެން ކަމަށާއި ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުން ޖަލަށް ލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނުފެންނާނެ މިހާރަކުއެއް ފުލުސް އޮފީހަށް ގެންދާ ތަނެއް އެމީހާ ސިޔާސީ ގޮތުން ދައްކާ ވާހަކައަކާ ގުޅިގެންނެއް. ކުރީގައި ފެނުނުހެންނެއް ނުފެންނާނެ،" ރައީސް ވިދާޅުވި އެވެ.

ކުރިން ވެރިކަން ނިމުމުން އެ ވެރިކަމުގައި ތބި މީހުން ހައްޔަރުކޮށް ޖަލަށްލާތަން ފެނުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަޖެހުން ގާއިމް ކުރަން ބޭނުމޭ. ބަދަލެއް ނުހިފާނަމޭ. އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫނޭ. އެ ވާހަކަ ދެއްކީ ސިޔާސީ ބޭނުމަކު ނޫން. ހަގީގަތުގައި ވެސް މި ގައުމަށް ހަމަޖެހުން ގެންނަން ބޭނުންވާތީ،" ރައީސް ވިދާޅުވި އެވެ.

ގުޅުން ހުރި - ވަކި ފަރުދަކު ފާޅުކުރާ ހިޔާލަކީ އެ ޕާޓީގެ ސިޔާސަތު ނޫން ކަމަށާއި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާ އެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީގެން ކުރިއަށް ދިޔުން ކަމަށް ޕީއެންސީ އިން ވެސް ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް