ޕީއެންސީގެ ހިންނަވަރު ދާއިރާގެ ކެމްޕޭން ޖަލްސާގައި އަހްމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުފް

ޕީއެންސީ

ޕީއެންސީ ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުން 'ކޮންޓްރޯލް' ކުރަން ގޮވާލައިފި

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރު މުވައްޒަފުންގެ ތެރެއިން ޕީއެންސީއަށް އެއްބާރުލުން ނުދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގޮވާލި
13 އޭޕްރީލު 2024

ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންނާއި ވަކިން ހާއްސަކޮށް ފެލިވަރު ކާރުހަނާގައި މަސައްކަތްކުރާ މުވައްޒަފުން 'ކޮންޓްރޯލް' ކުރުމަށާއި އެއްބާރުލުން ނުދީފި ނަމަ އެ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ބޭއްވި ހިންނަވަރު ދާއިރާގެ ޕީއެންސީ ކެންޑިޑޭޓު މުހައްމަދުު އަބްދުއްރަހުމާންގެ ކެމްޕޭން ޖަލްސާގައި އަހްމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުފް (ހަންޓާ އަހުމަދު) ނަމަކަށް ކިޔާ މީހަކު ދެއްކި ވާހަކަތަކަށް ސޯޝަލް މީޑިއާގައި އާންމުން އަންނަނީ ފާޑުކިޔަމުންނެވެ.

އެނގުން މުހިންމު - އަހްމަދު ވަނީ މަޖިލިސް އިންތިހާބު 2024ގައި ކިނބިދޫ ދާއިރާގެ ޕީއެންސީ ޓިކެޓަށް ވާދަކޮށްފަ އެވެ. ނަމަވެސް ޕްރައިމަރީ ކާމިޔާބު ނުކުރެވި،  ޓިކެޓު ލިބޭ ގޮތެއް ނުވި އެވެ.

އޭނާ ވަނީ މީގެ ކުރިން އެމްޕީއެލް އާއި ރީޖަނަލް އެއާޕޯޓްސްގެ ބޯޑު މެމްބަރުކަން ވެސް ކޮށްފަ އެވެ.  

ބުނީ ކީކޭ؟ - ޕީއެންސީގެ ބައެއް ލީޑަރުން ވެސް ބައިވެރިވި އެ ޖަލްސާގައި ވާހަކަދައްކަމުން އަހުމަދު ވަނީ ސަރުކާރާއި ދައުލަތުގެ މުއްސަސާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ޕީއެންސީއަށް އެއްބާރުލުން ނުދޭ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ. އަދި ވަކިން ހާއްސަކޮށް، ފެލިވަރުގައި މަސައްކަތް ކުރާ މީހުން 'ކޮންޓްރޯލް' ކުރެވޭނެ ބާރު ދިނުމަށް ވަޒީރުންގެ ކިބައިން އޭނާ އެދުނެވެ.

"ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް، އިދިކޮޅު ފަރާތްތަކުގެ ބޭފުޅުން ކަމުގައި ވިޔަސް، ސަރުކާރުގެ ފަރާތްތަކުން އެބަ ޖެހޭ ގުޅައިގެން ނަމަވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދޭނެ ވާހަކަ ދަންނަވައިގެން، އަޅުގަނޑުމެންނާ ގުޅިވަޑައިނުގެންފި ކަމުގައި ވަނީ ނަމަ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އެބަ ޖެހޭ އަޅަން،" އޭނާ ބުންޏެވެ.

"މިކަން ކޮށްގެން ނޫނީ މި [މަޖިލިސް އިންތިހާބު] ކާމިޔާބުކުރަން ދަތިތަކެއް އެކުލެވިގެން ހިނގައިދާނެ. އެހެންވީމަ އަޅުގަނޑު މިނިސްޓަރުގެ އަރިހުން ވެސް އެދެނީ، ރައީސަށް ދަންނަވައިގެން ވެސް، ހާއްސަކޮށް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ދީގެން، ވަޒީފާތަކާއި ފުރުސަތުތައް އަޅުގަނޑުމެންނަށް ލިބޭނެ ކަހަލަ ގޮތަކަށް މަގުފަހިކޮށްދިނުން."

އަހްމަދު އެގޮތަށް އެދުނު އިރު ޕީއެންސީގެ ފަރާތުން ހިންނަވަރު ދާއިރާގެ ކެމްޕޭންގެ އިސް ވެރިޔާ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އިންނެވި އެވެ.

މިއީ 'އޯޯކޭ' ކަމެއް ނޫން: ފުއާދު

އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެއްގޮތަކަށް ވެސް 'އޯކޭ ކަމެއް' ނޫން ކަމަށެވެ. އަދި ވީޑިއޯ ހިއްސާކުރި މީހާގެ ފަރާތުން ނެޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ޝަކުވާ ފޯމު ހުށަހަޅަން ވެސް ފުއާދު އެދިވަޑައިގެންނެވި އެވެ.

ފުއާދުގެ އެގޮތަށް ޕޯސްޓު ކުރެއްވުމުން، އިލެކްޝަންސް ކޮމިޝަނަށް އަމިއްލައަށް މިފަދަ މައްސަލަތައް ބެލޭނެ ގޮތެއް ނޯވޭތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ.

އެ ބާރު ނެތް ކަމަށް ވިދާޅުވިި ނަމަވެސް، މިކަމުގެ މައުލޫމާތު ކޮމިޝަނުގެ މެމްބަރުންނާ ހިއްސާކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ސަރުކާރުު މުވައްޒަފުންނަށް ޕީއެންސީން ބިރުދެއްކުމާއި އިދިކޮޅަށް ސަޕޯޓުކުރާ މުވައްޒަފުން ވަޒީފާއިން ކަނޑާކަމުގެ ކަންބޮޑުވުން މީގެ ކުރިން އެމްޑީޕީން ވަނީ ފާޅުކޮށްފަ އެވެ.

އެ ކަންބޮޑުވުމާ އެކު އެމްޑީޕީން ނިންމާފައިވަނީ ވަޒީފާއިން ކަނޑާ މީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށެވެ.

އެކަމަކު ސަރުކާރުން ބުނަނީ އެއްވެސް މީހަކަށް ބިރުދެއްކުމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް