މަޖިލިސް ކެމްޕޭނަށް އެމްޑީޕީން އއ.ބޮޑުފުޅަދޫއަށް ކުރި ދަތުރުގެ ތެރެއިން(ފައިލް ފޮޓޯ/އެމްޑީޕީ)

އެމްޑީޕީ

ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން އެމްޑީޕީން ދެނީ

ފައްޔާޒު ވިދާޅުވީ 100 އަށް ވުރެ ގިނަ އެމްޑީޕީއަށް ތާއީދުކުރާ މީހުން ސަރުކާރުގެ ކުންފިނިތަކުން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ވަކިކޮށްފައިވާ ކަމަށް

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދަނިކޮށް ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްޑީޕީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ، މިދިޔަ ސަރުކާރަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ކަންބޮޑުވުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވަނީ ފާޅުކުރައްވައިފަ އެވެ.

އޭނާ މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވާގޮތުން:

  • 100 އަށްވުރެ ގިނަ އެމްޑީޕީއަށް ތާއީދުކުރާ މީހުން ސަރުކާރުގެ ކުންފިނިތަކުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވަނީ ވަކިކޮށްފައި

  • ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމްއާ އެކު އިއްޔެ އއ.މާޅޮހަށް ކުރެއްވި ދަތުރުގައި ސްޓެލްކޯގެ މެނޭޖަރު އަހްމަދު ލަތީފް މަރުހަބާކިޔުމަށް ބައްދަލުކުރުމުން ވަނީ ވަޒީފާއިން ވަކި ކޮށްފައި 

  • ލ. މައިބާދޫ ސްޓޭޝަން މެނޭޖަރު ހަސަން ޝައުގީ ވެސް ވަނީ އެއްވެސް ހައްގަކާނުލާ ވަޒީފާއިން މިއަދު ވަކިކޮއްފައި 

  • އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ ދިމާކޮށް އެމްޑީޕީ ކެންޑިޑޭޓުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ވެސް އޭނާ ވަނީ ކުށްވެރިކުރައްވާފައި

އެކްސްގައި މިކަންބޮޑުވުން ފައްޔާޒު ފާޅުކުރައްވާފައިވަނިކޮށް، އެމްޑީޕީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ، އެގޮތަށް ވަޒީފާއިން ވަކިކުރާ މީހުންގެ މައުލޫމާތު އެ ޕާޓީގެ އީމެއިލް މެދުވެރިކޮށް ހިއްސާކުރުމަށް އެދިފަ އެވެ.

ބުނީ ކީކޭ؟ - އެގޮތުން އެމްޑީޕީން ބުނީ، އެފަދަ ކަމެއް ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ހިނގާ ނަމަ އެ މައުލޫމާތު ހިއްސާކުރުމުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ވަޒީފާގެ ބިރު ދައްކަމުންދާކަމުގެ މައުލޫމާތު ވަނީ އެކިއެކި މީހުން އެ ޕާޓީއާ ހިއްސާކޮށްފައި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ ދިމާކޮށް، ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގައި އިދިކޮޅު އެމްޑީޕީގެ ކެމްޕެއިންތަކުގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމުގެ ތުހުމަތު އެމްޑީޕީން ކޮށްފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު ވަނީ ސިޔާސީ ވަކި ޕާޓީއަކަށް ތާއީދުކުރާތީ ވަޒީފާތަކުން މުވައްޒަފުން ކެނޑުމުގެ ސިޔާސަތު ނުގެންގުޅޭނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް