ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ޖަލްސާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންތަކަކާއެކު ފޮޓޯއެއް ނަންގަވަނީ

ކޮންމެ ސިކުންތެއް ވެސް ހޭދަކުރައްވާނީ ހުވާގެ މަތީގައި، ތެދުވެރިކަމާއެކުގައި: ރައީސް

ކޮންމެ މަސައްކަތެއް ވެސް ކުރައްވަނީ، ވެރިކަމާ ހަވާލުވެ ވަޑައިގެން ދުވަހު ކުރެއްވި ހުވާގެ މަތީގައި ހުންނަވައި އިހްލާސްތެރިކަމާ އެކުގައި ކަމަށާއި ކޮންމެ ސިކުންތެއް ވެސް ހޭދަކުރައްވަނީ ތެދުވެރިކަމާއެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ހެންވޭރުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ މާލޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ހިންގާ މަޝްރޫއުތަކަށް، އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ:

  • އެހެން ސަރުކާރުތައް އަމަލުކުރާ ގޮތަށް، ރިޔާސީ އިންތިހާބާ ކައިރިކޮށްލާފައި މަޝްރޫއުތައް ހިންގަން ނުފައްޓަވާނެ ކަމަށް. އެ މަނިކުފާނުގެ ވައުދަކީ، މި ފަސް އަހަރު ނިމޭއިރު ދިވެހި ކޮންމެ ރައްޔިތަކަށް ގެއެއް ލިބޭވަރު ކުރުމަށް ވާއިރު، އެކަން ކުރުމަށް ކުރިއާލާ މަސައްކަތް ފަށަން ޖެހޭ ކަމަށް

  • ހަމައެކަނި ހުޅުމާލެ އާއި ގިރާވަރުފަޅާއި ގުޅިފަޅުގެ ބިން ހިއްކައިގެން، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައެއް ހައްލެއް ނާންނާނެ. އެހެންވެ، އެ ބިންތަކުން އިތުރަށް ހިއްކައި، ފުށިދިއްގަރު ވެސް ހިއްކަން ފެށީ ގިނަ ބަޔަކަށް ގޯތި ދޫކުރުމަށް ކަމަށް ވިދާޅުވި

  • އަދި އެއީ، އެއްގޮތަކަށް ވެސް ގިރާވަރު ފަޅާއި ގުޅިފަޅު އަދި ހުޅުމާލެ ދޫކޮށްލާފައި ކުރަން ފެށި ކަމެއް ނޫން ކަމަށް ވިދާޅުވި

"މިއީ ވަރަށް ސާފުކޮށް ފެންނަން ހުރި ކަންކަން. އެކަމަކު ހަމަ އޮޅުވާލައި، އެހެން މީހުންގެ ބޮލުގައި ޒިންމާ އެޅުވުމަކީ ވަރަށް ޣައިރު ޒިންމާދާރުކަމެއް،" މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ކުރާ ކަމެއް ކުރާނީ އިހްލާސްތެރިކަމާއެކުގައި. ކޮންމެ ސިކުންތެއް ވެސް މި ހޭދަކުރަނީ، އަޅުގަނޑު ކުރި ހުވާގެ މަތީގައި، ތެދުވެރިކަމާއެކުގައި."

އެނގުން މުހިއްމު- ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވަރަށް ފަހުން ފާޑުވިދާޅުވެފަ އެވެ.

މިދިޔަ ރޯދަ މަހު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި އިއުލާންކޮށް، ވެރިކަން ނިމުނު އިރު އަމަލީ މަސައްކަތް ވެސް ފަށާފައި ހުރި ބައެއް މަޝްރޫއުތަކަކީ މި ސަރުކާރުގެ މަޝްރޫއުތައް ކަމަށް ދައްކަން ދޮގު ހަދައި، އޮޅުވާލަމުން ގެންދާ ކަމަށެވެ.

ސޯލިހު ވިދާޅުވީ މިހާރު ގުޅިފަޅުގައި ހިއްކަމުން އެ ގެންދަނީ ރައީސް މުހައްމަދު މުއިއްޒު އަލަށް ހިއްކަން ވިދާޅުވި ބިން ކަމަށް ބުނެ މި ސަރުކާރުން ވާހަކަ ދައްކަމުން ގެންދާތީ، އެކަމާ ބެހޭގޮތުން އެމަނިކުފާނާ ވެސް މީހުން ސުވާލު ކުރަމުން އަންނަ ކަމަށެވެ.  

"މިހާރު އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ އެ ވާހަކަ. މާލޭ ރައްޔިތުންގެ މުއިއްޒު، ގުޅިފަޅު ހިއްކައިދޭ ވާހަކަ. ބުހުތާނު ދޮގު. ދޮގުމައްޗަށް ދޮގު. ކައިރީގައި ތިބި ކުޑަކުދިން ލައްވާ ވެސް ދޮގުހަދަން ފަރިތަކުރަމުން އެ ގެންދަވަނީ،" ސޯލިހު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް