ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް. ނާޒިމް ވަނީ މަޖިލީހުގެ ނައިބު ރައީސަކަށް އިންތިހާބުވެފައި (ފޮޓޯ/މަޖިލިސް)
ނައިބު ރައީސްކަމުން ވަކިވި ފަހުން ނާޒިމް އަލަށް މަޖިލީހަށް ވަޑައިގެންފި
މަޖިލީހުގެ ނައިބު ރައީސް ވަކިކުރަން ހުށަހެޅުމުން އަމިއްލައަށް އެ މަގާމުން އިސްތިފުފާ ދެއްވި ފަހުން، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާއެއްގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށް ތުހުމަތުކޮށް، ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ފަރާތުން ހުށަހެޅުއްވީ މިދިޔަ 14 މެއިގަ އެވެ. އެގޮތުން:
-
އެ މައްސަލަ ހުށަހެޅަން ތައްޔާރުވެފައިވަނިކޮށް، 13 މެއިގެ ރޭގަނޑު ނާޒިމް ވަނީ މެލޭޝިއާއަށް ފުރާވަޑައިގެންފައި
-
ވަކިކުރުމުގެ މައްސަލަ ތާވަލްކޮށްފައި އޮތް ޖަލްސާ ފެށުމަށް ކުޑަ ވަގުތުކޮޅެއް އޮއްވާ، ނާޒިމް ވަނީ އެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވައި ތުހުމަތުތައް ދޮގު ކުރައްވައި 31 މެއިގައި މަގާމުން އިސްތިއުފާ ދެއްވާފައި
ތަފްސީލު - 13 މެއިގައި ރާެއްޖެއިން ފުރާވަޑައިގެންެވި ގޮތަށް ނާޒިމް މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފައެއްނުވެ އެވެ. ނަމަވެސް ދެ މަސްދުވަސް ފަހުން، މިއަދުގެ ޖަލްސާގައި އޭނާ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިއަދު މަޖިލީހުގައި ނެގި ދެ ވޯޓުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެ އެވެ. އެއީ:
-
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުނި މެނޭޖް ކުރުމުގެ ބިލު މަޖިލީހުން ބަލައިގަތުގެ ވޯޓާއި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު ކޮމިޓީން ނިންމި ގޮތަށް ފާސް ކުރުމާ ގުޅޭ ވޯޓު
-
އެ ދެ ވޯޓުގައި ވެސް އޭނާ ވޯޓު ދެއްވީ ޕީއެންސީގެ ސްޓޭންޑާ އެއްގޮށް އެ ދެ ބިލަށް ތާއީދުކުރައްވާ
ފާހަގަކޮށްލެވޭ ކަމެއް - ނާޒިމް ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ އެއް ދުވަސް ކުރިން، 13 މެއިގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު މެންބަރުންނަށް އިރުޝާދު ދެއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލައްވާފަ އެވެ.
އޭގެ އިތުރުން، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސް ކަމުން މިދިޔަ ޖޫން މަހު އޭނާ ވަކިކޮށްފައިވެ އެވެ. އަދި މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ އެޕްރީލްގައި އޭނާ ވަކިކޮށްފައިވެ އެވެ.
މަސްލަހަތު ގެއްލުވާލުމަށް ނާޒިމް ކުރެއްވީ ސީދާ ކޮން ކަމެއް ކަމެއް ޕީއެންސީން ހާމައެއް ނުކުރެ އެވެ. އެ ސުވާލު ރައީސް މުއިއްޒުއާ އަދި ޕީއެންސީގެ އެހެން އިސް ބޭފުޅުންނާ ނޫސްވެރިން ކުރުމުން ވެސް ސީދާ އެ ސުވާލަށް ޖަވާބެއް ދެއްވާފައެއްނުވެ އެވެ.
ކޮމެންޓް