މަޖިލިސް މެންބަރުން ރައީސް މުއިއްޒުއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު، މެމްބަރު އަހްމަދު ނާޒިމް މުލިއާގެ ބޭރުގައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ނާޒިމް ޕާޓީއަށް ގެއްލުން ދޭން ކުރި ކަމެއް ޕީއެންސީން ނުބުނި

ޕީއެންސީއަށް ގެއްލުންވާ ގޮތަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް އަމަލުކޮށްގެން ކަމަށް ބުނެ ދިއްގަރު ދާއިރާގެ ރައީސް ކަމުން ނާޒިމް ވަކިކުރި ނަމަވެސް ޕާޓީގެ މެންބަރުކަމުން އޭނާ ވަކިކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ
1 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުންނާއި ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން އަހުމަދު ނާޒިމް ވަކިކުރަން ޖެހުނު ސަބަބާއި ޕާޓީއަށް ގެއްލުން ދޭން އޭނާ ކުރެއްވި ކަމެއް ހާމަކުރަން ބޭނުންނުވާ ކަމަށް އެ ޕާޓީގެ ލީޑާޝިޕުން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ސެނެޓް ބައްދަލުވުމުގައި، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުހައްމަދު މުއިއްޒު ވަނީ ނާޒިމް ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކުރިކަން ސެނެޓް މެންބަރުންނަށް އަންގަވައިފަ އެވެ.

ލީޑާޝިޕުން ނާޒިމް ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކުރީ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހަދާފައި އޮންނަ ސެނެޓް ހިންގުމުގެ ގަވާއިދުން ލީޑާޝިޕަށް ދީފައި އޮންނަ ބާރެއް ބޭނުންކޮށްގެނެވެ.

ޕީއެންސީގެ ލީޑާޝިޕުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ ދާއިރާތަކުގެ ރައީސުން ހިމެނޭ ގޮތަށް ޕާޓީގެ ދާއިރާތަކުގެ މަގާމުތަކުގެ އިންތިހާބާއި ޕާޓީގެ ކޮންގްރެސްގެ މައުލޫމާތު ދިނުމަށެވެ. އެ ގޮތުން ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކޮށްފައިވާތީ، އެ ދާއިރާއަށް ވެސް ރައީސަކު އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ތަފްސީލް - ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެސް ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ ދާއިރާ ރައީސަކު ޕާޓީއަށް ގެއްލުންވާ ގޮތަށް އަމަލުތައް ބަހައްޓަމުންދާ ކަމަށް ލީޑާޝިޕަށް ފެނިއްޖެނަމަ އެ ކަން ކުރުމުގެ ބާރު ލީޑާޝިޕަށް ލިިބިގެންވާ ކަމަށެވެ.

"ޕާޓީގެ ހިންގާ ގަވާއިދުގައި މި އޮންނަނީ ޕާޓީއަށް ގެއްލުންވާ ގޮތަކަށް ދާއިރާގެ ރައީސަކު އަމަލުކުރާ ކަމަށް ޕާޓީގެ ލީޑާޝިޕަށް ފާހަގަކުރެވިއްޖެއްޔާ އެ މީހަކާ ދޭތެރޭ ފިޔަވަޅު އެޅުމުގެ އިހުތިޔާރު އަޅުގަނޑުމެންގެ ލީޑާޝިޕަށް ލިބިގެންވެއޭ. އެ މަނިކުފާނުގެ އަމަލުތައް ހުރި ގޮތުން އަޅުގަނޑުމެން ނިންމީ ޕާޓީއަށް ފައިދާ ބޮޑީ ވަކިކޮށްގެން ކަމަށް،" އަބްދުއްރަހީމް ވިދާލުވި އެވެ.

ނާޒިމް ޕާޓީއަށް ގެއްލުން ލިބޭ އަމަލުތަކެއް ހިންގެވި ކަމަށް ވިދާޅުވުމުން ނާޒިމް ޕާޓީގެ މެންބަރުކަމުން ވަކިކުރުމުގެ މަސައްކަތް ހިނގަމުންދޭތޯ ސުވާލުކުރުމުުން އަބްދުއްރަހީމް ވިދާޅުވީ "އަދި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ނުހިނގާ" ކަމަށެވެ.

ޕީއެންސީގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކުރަން ނިންމީ ޕާޓީއަށް ގެއްލުން ލިބޭ ގޮތަށް އަމަލުތަކެއް ކުރެއްވުމުން ކަމަށް ވިދާޅުވުމުން އެއީ ކޮން އަމަލެއްތޯ ސާފުކުރުމަށް އިތުރަށް ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕާއި ލީޑާޝިޕްގެ އިތުބާރު ނެތް ބޭފުޅަކު ދާއިރާގެ ރައީސަކަށް ބަހައްޓަވައިފިނަމަ ޕާޓީއަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ.

އަނެއްކާ ވެސް ނާޒިމްގެ އިތުބާރު ގެއްލެން އޭނާ ކުރެއްވި ކަމެއް ހާމަކުރުމަށް ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ "މި ވަގުތުގައި އަޅުގަނޑު ބޭނުމެއް ނޫން އޭގެ ތަފްސީލަކަށް ދާކަށް،" ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އިތުބާރު ގެއްލެން ދިމާވި ކަންކަން ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅި ގަރާރުގައި ހިމެނޭ ކަމަށެވެ. އެ ގަރާރުގައި ހިމެނޭ ކަންކަމަށް ވުރެ އިތުރަށް ތަފްސީލެއް ދެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ނާޒިމް ވަކިކުރުމުގެ ގަރާރުގައި އޭނާ ކުރެއްވި ކަންކަން ސާފެއް ނޫނެވެ. އެ ގަރާރުގައި އޮތީ:

  • އެމަނިކުފާނުގެ މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި ފިތުނަ އުފައްދައި ވަކި ފަރަތާކަށް ބުރެވެ، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކުރަމުންދާތީ 

  • މަޖިލީހުގެ އެންެމެހައި މަސައްކަތްތަކުގެ ވަކި ސިޔާސީ ފިކުރަކަށްބުރެވެ ތައްސަބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވެފައިވާތީ 

  • އެންމެހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި އިހުމާލުވެފަވާކަމަށް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް