ޕީއެންސީގެ ޖަލްސާއެއްގައި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވާހަކަ ދައްކަވަނީ
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީން އުޅުމުން، އެ މަގާމުން އިސްތިއުފާ ދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ވަކިކޮށްފި އެވެ.
ވީކިިހިނެއް؟ - 'ދައުރު'އަށް ޔަގީންކުރެވިފައިވާ ގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ސެނެޓް ބައްދަލުވުމުގައި، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުހައްމަދު މުއިއްޒު ވަނީ ލީޑާޝިޕްގެ އެ ނިންމެވުން ސެނެޓަށް ހިއްސާކުރައްވައިފަ އެވެ.
ތަފްސީލް - ސެނެޓްގެ ބައެއް މެންބަރުން 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ލީޑާޝިޕުން ނާޒިމް ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކުރީ، ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހަދާފައި އޮންނަ ސެނެޓް ހިންގުމުގެ ގަވާއިދުން ލީޑާޝިޕަށް ދީފައި އޮންނަ ބާރެއް ބޭނުންކޮށްގެނެވެ.
ނަމަވެސް ނާޒިމް އެ މަގާމުން ވަކިކުރި ސަބަބެއް ނޭނގެ އެވެ.
ލީޑާޝިޕުން ދާއިރާގެ ރައީސަކު ވަކިކުރިއިރު، މިހާރު އެ ޕާޓީގެ އުސޫލުތައް އޮންނަ ގޮތުން ދާއިރާގެ މަޖިލިސް މެންބަރަކީ ޕީއެންސީގެ މެންބަރެއް ނަމަ އިންތިހާބަކާ ނުލާ ދާއިރާގެ ރައީސްކަން ލިބެނީ މަޖިލިސް މެންބަރަށެވެ. ނާޒިމަށް ވެސް ދިއްގަރު ދާއިރާގެ ރައީސްކަން ލިބެނީ، ދާއިރާގެ މަޖިލިސް މެންބަރަށް ވާތީ އެވެ.
އެނގުން މުހިންމު - ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އޭނާއަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ މިދިޔަ މަހު 13ގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ މައްސަލަ ވައްދާފައިވަނިކޮށް ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހު 31ގަ އެވެ.
ޕީއެންސީން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް އޭނާ ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ. ނަމަވެސް ނާޒިމަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވައި އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، އޭނާ އެ މަގާމަށް އިންތިހާބުކުރެއްވި މެންބަރުން އޭނާ ވަކިކުރައްވަން ހުށަހަޅުއްވާފައިވާތީ އެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ހުށަހެޅުމުގެ ކުރިން، ރައީސް މުއިއްޒާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ ބޭރުކޮށްލައްވައިފަ އެވެ. އެ ގްރޫޕުގެ އެޑްމިންއަކަށް ވެސް އިންނަވަނީ ރައީސް މުއިއްޒު އެކަންޏެވެ.
ކިޔާލަން
ގުޅުން ހުރި - މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރުމުގެ މައްސަލައާ ގުޅުވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އޭނާ ވަކިކުރަނީ ޕީއެންސީގެ މެންބަރުންތަކަކާ ގުޅިގެން ރައީސް އަޒުލުކުރަން ވެގެން ރާވަމުން ދިއުމުން ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައިވަނީ އިދިކޮޅާ ގުޅެން ޕީއެންސީގެ މެންބަރުންތަކެއް ތައްޔާރަށް ތިބި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައިވަނީ ރައީސްގެ އަރިހުގައި އެ މަނިކުފާނަށް އިހުލާސްތެރި މެންބަރަކު ނެތް ކަމަށެވެ.
ކުރީގެ ތިން ރައީސުން ގުޅިވަޑައިގެން، އިދިކޮޅު ސިޔާސީ ހަރަކާތެއް ވެސް ވަނީ ފައްޓަވައިފަ އެވެ. އަދި އެ ހަރަކާތަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި ޔާމީން ލީޑްކުރައްވާ ޕީއެންއެފްގެ ކައުންސިލުން ވެސް ވަނީ ރުހުން ދީފަ އެވެ.
ކޮމެންޓް