މީގެ ކުރިން ޕީޕީއެމް އިދިކޮޅުގައި އޮތް އިރު ބޭއްވި ޖަލްސާއެއްގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު (ފައިލް ފޮޓޯ/ އަވަސް)
ޕީއެންސީގައި ބޯގިނަޔަސް ރައީސް މުއިއްޒަށް އިހުލާސްތެރިއަކު ނެތް: ޔާމީން
ވަޒީފާތަކާއި ސަރުކާރުގެ ނުފޫޒުގެ ސަބަބުން ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުން ކިތަންމެ ގިނަޔަސް، ރައީސް މުހައްމަދު މުއިއްޒަށް އިހުލާސްތެރިވާ މެމްބަރުން މަދު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޔާމީން މިހެން ވިދާޅުވީ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕީއެންސީގައި މެމްބަރުން ގިނަކަމުގެ ވާހަކަ ތަކުރާރުކޮށް ސަރުކާރުން ދައްކާތީ އެކަމަށް ދެއްވި ރައްދުގައި ޔާމީން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގައި މެމްބަރުން ގިނަކުރުމުގެ މަގުސަދަކީ ރައްޔިތުންގެ ތާއީދާ އެކު ވެރިކަމަށް އައުމާ އެކު، ކަންކަން ކޮށްދިނުމުގެ ޔަގީންކަން ދިނުން ކަމަށެވެ.
ބުނީ ކީކޭ؟ - ސަރުކާރުގެ ނުފޫޒާއި ވަޒީފާތަކުގެ ސަބަބުން މިހާރު ޕީއެންސީ އޮތީ ވަރަށް ބޮޑު ޕާޓީއެއްގެ ގޮތުގައި ކަމަށާއި އެކަމަކު ޕާޓީގައި ރައީސް މުއިއްޒަށް އިހުލާސްތެރިކަމެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ސުވާލަކީ ތި ޕާޓީގައި ތިބި މީހުން، ރައީސް [މުއިއްޒަށް] އޮތް އިހުލާސްތެރިކަން ދައްކައިފިހެއްޔޭ [މިދިޔަ އެޕްރީލު މަހު ނެގި] ހިޔާލު ހޯދުމުގެ ވޯޓުގައި. ނުދެއްކިއޭ. އެހެންވީމާ ބޯގިނަވުމަކީ އެއީ އިހުލާސްތެރިވުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.
"ދެން އޮތް ސުވާލަކީ، ތި ޕާޓީ ބޮޑޭ، އެއީ ޝައްކެތް އޮތް ކަމެއް ނޫން، މީސްކޮޅަށް ބަލަންޏާ ހަމަ އެންމެ ބޮޑު ޕާޓީއަކަށް ތިއޮތީ ތި ޕާޓީ. ތި ޕާޓީން [ވެރިކަމަށް] އައި މަގުސަދު ފުއްދައިދީފި ހެއްޔޭ. ރައްޔިތުންގެ ތެރެއިން 10 މީހުން ކުރެ 9 މީހުން މިއަދު ބުނާނެ ރައްޔިތުންނަކަށް ފައިދާވާ އެއްވެސް ކަމެއް [ކޮށެއް ނުދެޔޭ]."
ޔާމީން ވިދާޅުވީ، ޕީއެންސީގެ އާންމު މެމްބަރުންގެ އިހުލާސްތެރިކަން ރައީސް މުއިއްޒާ އެކު ނެތްކަން ހާމަވާ އެންމެ ބޮޑު މިސާލަކީ މިދިޔަ އެޕްރީލުގައި ބޭއްވި ހިޔާލު ހޯދުމުގެ ވޯޓު ކަމަށެވެ. ޕާޓީގެ އާންމު މެމްބަރުން ރައީސް މުއިއްޒާ އެކު ތިބި ނަމަ، އެ ވޯޓުގައި %30އަށްވު ރެ ބޮޑު އެއްޗެއް ލިބުނީސް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޕީއެންސީގެ އާންމު މެމްބަރުންނާއި އަޅުގަނޑާ ވަަރަށް ގާތް. އެބޭފުޅުން އެތިއްބެވީ އަޅުގަނޑަށް ގަބޫލުކުރެވޭ އަޅުގަނޑާ އެކީގައިކަން. އެ ހުރިހާ ބޭފުޅުން ތިއްބެވީ ރައީސް މުއިއްޒާ އެކު ކަމަށް ވަންޏާ މި ދޭތެރެއިން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި %30 ލިބިވަޑައިނުގަތީސް ދެއްތޯ؟،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޕީއެންސީއާ ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އުފެއްދެވި ޕާޓީއާ އެކު ޔާމީން ސަރުކާރާ ދެކޮޅަށް މަސައްކަތް ފެއްޓެވީ، ޕީއެންސީ ވެރިކަމާ ހަވާލުވުމާ އެކުހެން ޕާޓީގެ އެތެރޭގައި އުފެދުނު ހިތްހަމަ ނުޖެހުންތަކަށް ފަހު އެވެ.
އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ދިއުމަށް ފަހު، ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މިފަހުން މަސައްކަތްކުރަން ނިންމެވި ސަބަބުތަކާ ގުޅޭ ގޮތުން ވެސް ޔާމީން ރޭ ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
-
އެމްޑީޕީއާ އެކު މަސައްކަތްކުރަން ފެއްޓެވީ، އެމްޑީޕީ އާއި އެ މީހުންގެ ސިޔާސީ ފިކުރަށް ނުވަތަ އެހެން ވެސް ކަންކަމަށް ތާއީދުކުރެވޭތީކީ ނޫން
-
މި މަސައްކަތްކުރަންޖެހުނީ މިވަގުތު އިދިކޮޅުގައި ތިބީ އެމްޑީޕީ އާއި ޕީއެންއެފް އެކަނި ކަމަށްވާތީ
-
ދެ ނުބައެއް ކުރިމަތީގައި އޮވެ އެއްކަން އިހުތިޔާރުކުރަންޖެހިއްޖެ ނަމަ އިހުތިޔާރުކުރަން އޮންނަނީ އެންމެ ރަނގަޅަށް އޮތް ނުބައި
-
ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް އެދެނީ އެއަށް ވުރެ ބޮޑު ނުބަޔަކަށް ޖާގަނުދޭންވެގެން އަދި ސަރުކާރަށް އެއްވެސް ގޮނޑިއެއް ދޭން ބޭނުންނުވާތީ
ކޮމެންޓް