ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ އަބްދުﷲ ސޯދިގުގެ ކެމްޕެއިން ނިންމާލުމަށް ރޭ އައްޑޫގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ފޮޓޯ/ އެމްޑީޕީ)
ސަރުކާރު ދޫކޮށްލަން ޕީއެންސީ މަޖިލިސް މެމްބަރުންތަކެއް ތައްޔާރަށް އެބަތިބި: ސޯލިހު
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެތީ ޕާޓީން ވަކިވާން ނުކެރިފައި ތިބި ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންތަކެއް އެބަތިބި ކަމަށާއި، ޕާޓީން ވަކިވެ އިދިކޮޅާ ގުޅުމުން ގެއްލޭ މަޖިލީހުގެ ގޮނޑި އަނބުރާ ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ދެވޭ ނަަމަ ޕީއެންސީ ދޫކޮށް، އިދިކޮޅާ ގުޅެން އެ މެމްބަރުން ތައްޔާރަށް ތިބި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެމްބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން، މަޖީލީހަށް އެ މެމްބަރަކު އިންތިހާބުވާ ދައުރުގެ ތެރޭގައި ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މި ސަރުކާރުން ވަނީ އިސްލާހު ގެނެސްފަ އެވެ. އެހެންވެ، ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ވެސް އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ އެެވެ.
ބުނީ ކީކޭ؟ - މާދަމާ ބާއްވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީ ކެމްޕެއިން ނިންމާލުމަށް ރޭ އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ، މިވަގުތު އިދިކޮޅަށް ކުރަންޖެހިފައިވާ އެންމެ ބޮޑު މަސައްކަތަކީ ރައްޔިތުންގެ މަޖިލިސް ސަލާމަތްކުރުމުގެ މަސައްކަތް ކަމަށެވެ.
ޕާޓީން ވަކިވުމުން ގޮނޑި ގެއްލޭ ގޮތް ހަދާފައިވާތީ، ޕީއެންސީގެ މެމްބަރުން މިއަދު ތިބީ މަޖިލީހުގައި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކޮށްދެވޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށް ސޯލިހު ވިދާޅުވި އެވެ. އެކަމަކު، އެ ގޮނޑި ނުގެއްލޭނެ ނަމަ ސަރުކާރާ ދެކޮޅުވާން ތައްޔާރަށް ތިބި އެތައް މެމްބަރުންނެއް ޕީއެންސީގައި އެބަތިބި ކަމަށް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑަށް މީގެ ދެ ދުވަސް ކުރިން ޕީއެންސީގެ މަޖިލިސް މެމްބަރެއް ގުޅުއްވި. [ވިދާޅުވީ] ތިމަންނައާ އެކު އެބަތިއްބޭ އެތައް މިތަށް މެމްބަރުން. މިއީ ހަމަ ސަރީހަ ތެދު ވާހަކައެއް އަޅުގަނޑު މިދައްކަނީ. މިވަގުތު ވެސް މިތިބީ ޕީއެންސީ ދޫކޮށްފައި ނުކުމެ، މި ސަރުކާރު ޖަވާބުދާރީކުރުވަން މަސައްކަތްކުރަން ތައްޔާރަށޭ، ޔަގީންކަން ދެއްވާށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ، އެ މެމްބަރުން އެދިވަޑައިގަތީ ޕާޓީ ދޫކޮށްލާފައި ނުކުތުމުން، އެ މެމްބަރުންގެ ގޮނޑި އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ކަމަށެވެ. އެ މަނިކުފާނާއި ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން ގުޅިގެން ކުރައްވާ މަސައްކަތުގެ ތެރެއިން އެކަން ކޮށްދެވޭނެ ކަމުގެ ޔަގީންކަންދީ، އެކަމަށް މިއަދު އެއްބަސްވިޔަސް ސަރުކާރާ ދެކޮޅަށް ނުކުންނަން ތައްޔާރަށް ތިބި ކަމުގެ ޔަގީންކަން އެ މެމްބަރުން ދީފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) މަޖިލީހަށް ހޮވުމާ އެކު، އެ މަސައްކަތް ފެށޭނެ ކަމަށާއި ކުރިއަށް އޮތް އަހަރު ތެރޭ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.
"ތިލަފަތަށް ބަރުވަމުން މިއަންނަނީ އެނގޭތޯ. ތިލަފަތަށް ބަރުވަމުން މި އަންނަނީ. އިރާދަކުރެއްވިއްޔާ ސޯބެ، މިއަންނަ ހޮނިހިރު ދުވަހު ތިބޭފުުޅުން ހޮވާނެ މަޖިލީހަށް. އެއާ އެކީގައި މި ދެންނެވި އެތައް ބަދަލުތަކެއް ރައްޔިތުންގެ މަޖިލީހަށް އެބަ އާދޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ރައީސް ނަޝީދު ވިދާޅުވާހެން، އިރާދަކުރެއްވިއްޔާ މިއަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު އަޅުގަނޑުމެން ޖަވާބުދާރީކުރުވާނެ ނޫނީ އެ މަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަން ދޫކޮށްފައި ވަޑައިގަންނަވަން."
ޕާޓީ ބަދަލުކުރުމުން މަޖިލިސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލަށް ރޭ ސޯލިހު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން، އެ މަނިކުފާނު ވިދާޅުވީ:
-
ސަރުކާރުން މަޖިލީހަށް ބިލެއް ފޮނުވިޔަކަސް އެ އޮތް ގޮތަށް ފާސްކުރާކަށް ނުޖެހޭ؛ ފާސްކުރަންޖެހޭނީ ރަނގަޅަށް ދިރާސާކޮށް، ރައްޔިތުންގެ ފައިދާއަށް ބަލައިގެން
-
ޕާޓީއަކުން ކުރިމަތިލާ މެމްބަރަކު ކުރިމަތިލާނީ މެނިފެސްޓޯއަކާ އެކު އެ މީހެއްގެ ދާއިރާއަށް ކަންތައްތަކެއް ކޮށްދޭން ވައުދުވެގެން
-
އެކަންކަން ސަރުކާރުން ނުކޮށްދީ، އެ ވައުދުތަކާ ހިލާފުވާ ނަމަ ޕާޓީން ވަކިވުމުގެ ފުރުސަތު އޮންނަންޖެހޭނެ
-
ފަސް އަހަރު މެމްބަރުން ތަޅު އަޅުވައިގެން ގެންގުޅުމަކީ މި ސަރުކާރުން ގެނެސްފައިވާ ވަރަށް ނުރަނގަޅު ބަދަލެއް
ކޮމެންޓް