ދިވެހި ރުފިޔާ ބަންޑެލިތަކެއް ކައުންޓަރެއްގެ މަތީ ބަހައްޓާފައި.

ޕެންޝަން

2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަންނަން ޕެންޝަން ބޯޑުން ރުހުން ދީފި

އެ މުއާމަލާތާ ދެކޮޅު ހައްދަވައި، ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމުން ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒު މިދިޔަ އާދީއްތަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައި؛ އެނގިފައިވާ ގޮތުގައި، އެ މުއާމަލާތަށް ރުހުން ދިނީ ވަގުތީ ޗެއާޕާސަނެއް އައްޔަންކޮށްގެން
3 ފެބްރުއަރީ 2026
1

ފިނޭންސް މިނިސްޓްރީގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓު ކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް، ޕެންޝަން ބޯޑުން އެކަމަށް ރުހުން ދީފައިވާކަން، އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ތަފްސީލު - އެ މުއާމަލާތުން ލިބޭ އިގްތިސާދީ ގެއްލުން ބޮޑުވާނެތީ، އެކަމާ ދެކޮޅު ހައްދަވައި ޕެންޝަން ބޯޑުގެ ޗެއާމަން، ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެ މުއާމަލާތް ހިންގަނީ މާލިއްޔަތު ގާނޫނާއި ޕެންޝަން އޮފީހުގެ އެތެރޭގެ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ވިދާޅުވެ، އެ ތަނުގެ ބޯޑުގައި އިންނެވި އަހުމަދު ސަރުވަޝް އަދި ސީއެފްއޯގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ ވަނީ އޭގެ ކުރިން އިސްތިއުފާ ދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ޕެންޝަން ބޯޑުން އެކަމަށް ރުހުން ދިނީ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރުމަށް ފަހު އެވެ. ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލިއިރު، ވަގުތީ ޗެއާއަކަށް ހުންނެވީ ކޮން ބޭފުޅެއްކަން އެނގިފައެއްނުވެ އެވެ.

އެނގުން މުހިންމު - ސަރުކާރުގެ ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން ފަންޑް ބޭނުންކުރަން އެ އޮފީހުގެ ބޯޑުން ނިންމީ އެމްއެމްއޭއިން 2.4 ބިލިއަން ރުފިޔާ ހޯދައިގެންނެވެ.

ޕެންޝަން ފަންޑުގައި އެ މިންވަރަށް ފައިސާ ނެތްއިރު، އެމްއެމްއޭއިން ފައިސާ ހޯދައިގެން މިކަން ކުރާ ނަމަ ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށް މީގެ ކުރިން ޕެންޝަން ބޯޑުގައި ހުންނެވި ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ބޭނުންވަނީ ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށް ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ގަނެ އަނެއްކާވެސް އެ ފައިސާއިން ޕެންޝަން ފަންޑުން ސަރުކާރުގެ އިތުރު ބޮންޑެއް ގަތުމަށެވެ.

ކޮމެންޓް (1)

އަމި

4 ފެބްރުއަރީ 2026
މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އިސްލާމް ދީނަށް ލޯބިކުރާ އަދި އެދީނުގައިވާ ގޮތަށް އަމަލުކުރާނެކަމަށް ވިދާޅުވާ ބޭފުޅެއް. ވީމާ ބޮންޑާއި ޓީބިލް ވިއްކުން ހުއްޓާލަންޖެހޭ. އެއީ ރިބާގެ މުޢާމަލާތްތައް. ދީނީ އިލްމުވެރިންވެސް ސަރުކާރުން މި ހިންގާ ރިބާގެ މުޢާމަލާތްތައް ހުއްޓާލުމަށް ރައީސްއަށް ނަޞޭޙަތްތެރިވާންޖެހޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް