ދައުލަތުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކުގައި އެންމެ އިިސްކޮށް އުޅުއްވި ސަރުވަޝް އާދަމް؛ ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ޕެންޝަން އޮފީސް

ބޮންޑުގެ ނަތީޖާއަކީ ފައިސާ ޗާޕިުކުރުން، މިއީ ގައުމަށް ދޭ ބޮޑު ގެއްލުމެއް: ސަރުވަޝް

އެމްއެމްއޭން ޕެންޝަން އޮފީހަށް 2.4 ބިލިއަން ރުފިޔާ ދީގެން ސަރުކާރު ޓީ-ބޮންޑެއް ގަތުމަށް ހިންގާ މުއާމާލަތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް ސަރުވަޝް ވިދާޅުވި
22 އޮކްޓޯބަރު 2025
5

އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަން ހިނގާ މުއާމަލާތުގެ ނަތީޖާއަކީ ފައިސާ ޗާޕުކުރުމުން ކަމަށާއި މިއީ އިގުތިސޯދަށް ބޮޑު ނުރައްކަލެއް ކަމަށް މިއަދު ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެ އެވެ.

ވީިކިިހިނެއް؟ - މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމާފައިވެ އެވެ.

އެ ނިންމުމުގެ ސަބަބުން ޕެންޝަން ފަންޑުގެ މެންބަރުންނާއި ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާނެ ކަމަށް ގަބޫލު ކުރެއްވޭތީ، އިސްތިއުފާ ދެއްވީ އެ ނިންމުމާ އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް ސަރުވަޝް ވަނީ ވިދާޅުވެފަ އެވެ.

ތަފްސީލް - ރައީސް މުހައްމަދު މުއިއްޒަށް ސަރުވަޝް ފޮނުވި އިސްތިއުފާ ސިޓީގައި އޭނާ ވިދާޅުވީ، އެމްއެމްއޭ މެދުވެރިވެގެން އެ މުއާމަލާތް ހިންގާތީ، ސްކީމަށް ބޮޑެތި ނުރައްކާތައް ހުރި ކަމަށެވެ. އަދި ޕެންޝަން އޮފީހާ ދޭތެރޭ ރައްޔިތުންގެ ތަސައްވުރު ކިލަނބުވާނެ ކަމަށް ސިޓީގައި ލިއުއްވާފައިވެ އެވެ.

މަރުކަޒީ ބޭންކުން ނޫން ގޮތެއްގައި އެ ފައިސާ ހޯދައިގެން މި މުއާމަލާތް ކުރިއަށް ގެންދިއުމުގައި ސަރުވަޝްގެ އިއުތިރާޒެއް ނެތް ކަމަށެވެ. އެގޮތުން:

  • ބޮންޑަށް އިންވެސްޓްކުރަން ބޭނުންވާ ފައިސާ، ބާޒާރުން ނުވަތަ ހަގީގީ އިންސްޓިޓީއުޝަނަލް އިންވެސްޓަރުންގެ ފަރާތުން ހޯދިދާނެ

  • ޕެންޝަން ފަންޑޫގެ އަމިއްލަ ލިކުއިޑިޓީ ބޭނުންކޮށްގެން ބޮންޑަށް އިންވެސްޓްކުރުމުގެ މުއާމަލާތް ކުރިއަށް ގެންދެވިދާނެ

  • އޭރަށް ޑޮލަރުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިވާއިރު، ދިމާވާނެ ހިރާސްތަކާއި ގޮންޖެހުންތައް ވެސް ކުޑަވާނެ

ނަމަވެސް މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭ، ރާއްޖޭގެ އިގުތިސޯދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާނެ މުއާމަލާތެއް ކަމަށް ވިދާޅުވި އެވެ.

މިހާރު މުއާމަލާތް ހިންގަން ނިންމި ގޮތުގެ ސަބަބުންނާއި ހުރިހާ ކަމަށް ބެލުމުން، ހަގީގަތުގައި މުއާމަލާތުގެ މެދުވެރިއަކަށް ވަނީ ޕެންޝަން އޮފީސް ކަމަށެވެ. އެއީ:

  • ފިނޭންސް މިނިސްޓްރީގެ ފަރާތުން ފޮނުވި ނޯޓުގައި ވެސް މުއާމަލާތުގެ އެއް ބޭނުމެއް ކަމުގައި ލިޔެފައިވަނީ ބަޖެޓަށް ފައިސާ ހޯދުން ކަމަށް

  • ބަޖެޓަށް ފައިސާ ހޯދަން ޕެންޝަން އޮފީހަށް ޓީ-ބޮންޑެއް ވިއްކަން ހުށަހެޅިއިރު، ޕެންޝަން އޮފީހުގައި އެ މިންވަރަށް ލިކުއިޑިޓީ ނުވަތަ ފައިސާއެއް ނެތް

  • ދެން އެ ފައިސާ އެމްއެމްއޭން ހޯދައިގެން ސަރުކާރު ބޮންޑުގައި އިންވެސްޓްކުރުމުން، އެ ވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް އެމްއެމްއޭއިން ސަރުކާރަށް ފައިސާ ދިނުމުގެ މުއާމަލާތަކަށް

  • މި މުއާމަލާތުގެ ނަތީޖާއާއި ހަމަ އެމްއެމްއޭން ސީދާ ސަރުކާރަށް ދޫކުރުމާ އެއްވެސް ތަފާތެއް ނެތް

ބުނީ ކީކޭ؟ - ސަރުވަޝް ވިދާޅުވީ މި ގޮތަށް ފައިސާއެއް ދޫކުރަން ވާނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައިވާ ހުދޫދުތަކުގެ ތެރެއިން ކަމަށެވެ. މިހާރު ސަރުކާރުން ހިންގާ މުއާމަލާތަކީ އެ ގާނޫނު ފޫއަޅުވައިލުމަށް ފަހު ކުރިއަށް ގެންދަން ރާވާފައި ކަމެކެވެ.

"މަރުކަޒީ ބޭންކުން ފައިސާ ހޯދައިގެން މި މުއާމަލާތް ހިންގާނަމަ މި ކަން ކުރެވޭނީ ރުފިޔާގެ ސަޕްލައި އިތުރުކޮށްގެން ނުވަތަ ފައިސާ ޗާޕުކޮށްގެން ނުވަތަ ރަސްމީ ރިޒާވްގައި ހުރި ޑޯލަރު މާރުކޮށްގެން،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށް، ރުފިޔާ ސަޕްލައި އިތުރުނުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ވެސް ހިލާފު ކަމެއް ކަމަށެވެ.

"މީގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެ، ޑޮލަރުގެ އަގަށް ނޭދެވޭ ބަދަލުތަކެއް އައުމަކީ އޭގެ ނުރައްކާ ބޮޑު ހިރާހެއް. މީގެ ސަބަބުން އަންނަ އިންފްލޭޝަން އިތުރު %0.11 ޕޮއިންޓުން މަތިވެއްޖެނަމަ މިއީ ޕެންޝަން ފަންޑަށް ލިބޭ ރިއަލް ރިޓާން އެއްކޮށް ގެއްލޭނެ ކަމެއް،" ސަރުވަޝް ވިދާޅުވި އެވެ.

ރައްޔިތުންނާ ގުޅުން ހުރި ދައުލަތުގެ ތިން މުއައްސަސާއަކުން ކުރާ ކަމަކަށްވެފައި، މި މުއާމަލާތުގެ ތަފުސީލްތައް ދެފުށްފެންނަ ގޮތަކަށް ހާމަކުރަމުން ނުދިއުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (5)

ސިންމާ

25 އޮކްޓޯބަރު 2025
ސަރުވަސް ކުރިން ކޮބާ؟ ސަރުވަސް މޮޅުވަނީ އަމިއްލައަށް. ތީ ސަރުވަސްގެ އަގުވައްޓާލަން އަމިއްލައަށްކުރާކަމެއް. އެންޑީޕީގެ ވަސްވާހުގަ ޖެހިގެން. ފައިސާ ޗާޕުކުރިއިރުވެސް ސަރުވަސް ހުރި ފިނޭންސްގެ ބަޖެޓު ހެދުމުގަ. އޭރު ރަނގަޅު
0 0

ތެފައާސާ.

22 އޮކްޓޯބަރު 2025
މި މުއާމަލާތުގެ ތެރެއަށް ޕެންޝަން އޮފީސް މި ވައްދާ ހަމައެކަނި ސަބަބަކީ އެ އޮފީސް 'ވެހިކަލް' އެއް ގޮތަށް ބޭނުންކޮށްގެން ލޭޔާރ ކޮށްގެން މި ކުރާ ކަމުގެ އަސްލު އޮޅުވާލުން. އަސްލަކީ އިގްތިސޯދުގައި ނެތް ފައިސާ އެމްއެމްއޭއިން ސަރުކާރަށް ދީގެން އިންޖެކްޓް ކުރުން. އެއަށް ކިޔަނީ ފައިސާ ޗާޕުކުރުމޭ. ދެން އެކަން ކުރަން ކޮންމެހެން ޖެހިއްޖެކަމަށް ފެންނަނަމަ، އެމްޑީޕީއިންވެސް ކުރިހެން މަޖިލީހަށް ފޮނުވައިގެން ފާޅުގައި ފިރިހެން ކަންކަންކުރާހެން ކުރީމާ އެވީއެއްނު؟ މާ ނޫންނޫން އޮޅުވާލައިގެން ލޭޔާރކޮށްގެން ކުރިއަސް އެންމެންނަށްވެސް މި ވާނުވާ އެނގޭ!!
10 2

ކަލަމިންޖާ

23 އޮކްޓޯބަރު 2025
@ތެފައާސާ. މިއީ އޮޅުވާލައިގެން ކުރާ ކަމެއް ނޫން. ޕެންޝަނުގެ ޤާނޫނުންވެސް އަދި އެމްއެމްއޭ ޤާނޫނުންވެސް ހުއްދަކުރާ ކަމެއް. ޤާނޫނާއި ޚިލާފަށްވެސް ކުރާ ކަމެއް ނޫން. މިކަންކަން ކުރުމުގެ ބަދަލުގައި އެމްޑީޕީން ޚިޔާރުކުރީ ކަންނެތް ގޮތް. ފިސްކަލް ޒިންމާ ޤާނޫން ސަސްޕެންޑުކޮށް ފައިސާ ޗާޕުކުރީ. މިއީ ފައިނޭންޝަލް ސޮލިއުޝަންތަކަކީ.
1 2

ރެހެންދި

23 އޮކްޓޯބަރު 2025
@ކަލަމިންޖާ ފައިސާ ޗާޕު ނުކުރަމޭ ކިޔަކިޔާތިބެ ފައިސާ ޗާޕު ކުރުމަކީ އޮޅުވާލައިގެން ކުރާކަމެއް ނޫނޯ؟؟ ހަހަހަހަ
2 0

ބިރުވެރި

22 އޮކްޓޯބަރު 2025
ވަރަށް ތިލަ ވެއްޖެ މި ލިޔުން ކިޔާލީމަ. ވަރަށް ޓެކްނިކަލް ވާހަކަ އެކަމު ވަރަށް ތިލަކޮށްދީފަ މިއޮތީ. އެބުނާ ގޮތަށް ރިއަލް ރިޓަރން ދަށްވެއްޖެނަމަ، ބޯޑުން އެ ނިންމީ ބޯޑުގެ ޒިންމާއާ ދިމާ އިދިކޮޅަށް. ޒިންމާ ނަގަން ޖެހޭނެ. ފައިސާގެ އަގު ވައްޓާލުމަކީ ސީދާ ނިކަމެތި ރައްޔިތުންގެ ޖީބުން ލާރި ނެގުން ކަހަލަ ކަމެއް.
10 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް