ދިވެހި ރުފިޔާތަކެއް ކައުންޓަރެއްގެ މަތީ ބަހައްޓާފައި: އެމްއެމްއޭއިން ޕެންޝަން އޮފީހުގައި އޮތް ސަރުކާރުގައި ޓީބިލްތައް ގަތުމަކީ ދައުރުވާ ރުފިޔާ އިތުރުވާނޭ ކަމެއް

އެމްއެމްއޭ

ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ރުފިޔާ ދެނީ: މިވާ ގޮތް ތިލަކޮށް

އެމްއެމްއޭން ހުށަހަޅާފައި ވަނީ ޕެންޝަން އޮފީހުގައި ހުރި ސަރުކާރުގެ ޓީބިލްތައް ފައިސާ ދީ ގަނެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން؛ މިކަމުގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ ރުފިޔާގެ އަގު އިތުރަށް ވެއްޓުމުގެ ފުރުސަތު ބޮޑު
20 އޮކްޓޯބަރު 2025
10

އިގްތިސާދީ އަދި މާލީ ދާއިރާގައި މިހާރު އޮތް އެންމެ ގަދަ އަޑަކީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މަރުކަޒީ ބޭންކް، އެމްއެމްއޭން ޕެންޝަން ފަންޑް މެދުވެރިކޮށް ސަރުކާރުގެ ޓީބިލަކަށް އިންވެސްޓްކުރަން އުޅޭ ވާހަކަ އެވެ. 

އެއް ބަޔަކު ބުނަނީ މިއީ ހަމަ އެމްއެމްއޭން ފައިސާ ޗާޕް ކުރުން ފަދަ ކަމެއް ކަމަށެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ 

ޕެންޝަން ފަންޑުން ސަރުކާރުގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކާލަނީ

މައުލޫމާތު އިނގޭ އިތުބާރުހުރި މަސްދަރުތަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި ސަރުކާރުގެ 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ގަންނަން މަރުކަޒީ ބޭންކް، އެމްއެމްއޭން މިހާރު ވަނީ އެ އޮފީހަށް ހުށަހަޅައިފަ އެވެ. 

މިބާވަތުގެ މުއާމަލާތަށް ކިޔާ އުޅެނީ ކުއަންޓިޓޭޓިވް އީޒިންނެވެ. މިއީ:

  • އިގްތިސާދީ ހަނަފަސްކަމުން ސަލާމަތް ކުރަން ސެކަންޑްރީ ބާޒާރުން ޓީބިލް ފަދަ މާލީ އާލާތްތައް މަރުކަޒީ ބޭންކުން ގަނެ ދައުރުވާ ފައިސާ ނުވަތަ މަނީ ސަޕްލައި އިތުރުކުރުމަށް ގެންގުޅޭ ސިޔާސަތެއް

މިގޮތަށް އަމަލުކުރާއިރު އަސްލު ޓީބީލް ގަނެފައިވާ އަގުގައި ނުވިއްކޭނޭ އެވެ. އެހެންވެ، އެ ވިއްކާ ފަރާތަށް މާލީ ގޮތުން ކޮންމެވެސް ވަރެއްގެ ގެއްލުމަކާ ކުރިމަތިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕެންޝަން ފަންޑުގެ ޗެއާޕާސަން، އިނާޒު ފައިނޭންސް ފޯރަމްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕެންޝަން އޮފީސް)

އެނގިފައިވާ ގޮތުގައި އެގޮތަށް ސެކަންޑްރީ ބާޒާރުގައި ސަރުކާރުގެ ޓީބިލްތައް ވިއްކުމުން ޕެންޝަން ފަންޑަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ވަނީ ގޮތްތަކެއް ހުށަހަޅައިފަ އެވެ. އެ ގޮތްތަކަކީ: 

  • ބައެއް ޓީބިލްތައް މިހާރަށް ވުރެ ބޮޑު ރޭޓެއްގައި ފަސް އަހަރުގެ ބޮންޑަކަށް ބަދަލުކުރުން

  • ބައެއް ކޫޕަން ޕޭމަންޓްތައް ޑޮލަރުން ދައްކަން ފެށުން 

ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކާލިޔަސް އޭގެ ޒާތުގައި މާލީ ގެއްލުމެއް ޕެންޝަން ފަންޑަށް ނުލިބޭނެ އެވެ. ޕެންޝަން ފަންޑަށް މާލީ ގެއްލުމެއް ނުވެ އެ ޓީބިލްތައް ވިއްކާލައިގެން ފައިސާ ލިބޭނެ އެވެ. 

އިންވެސްޓްމަންޓް ފަންޑެއް ކަހަލަ ތަނަކުން ސެކަންޑްރީ މާކެޓުގައި މިކަހަލަ ބޮންޑް ގަނެ މުއާމަލާތް ހިންގުން މައްސަލައެއް ނެތް. އެކަމަކު މަރުކަޒީ ބޭންކުން މިކަން ކުރުން ކަންބޮޑުވުމަކީ 

އިގްތިސާދީ ދާއިރާގެ ބޭފުޅެއް

އެ ޓީބިލްތައް ވިއްކާލައިގެން ޕެންޝަން ފަންޑަށް އެމްއެމްއޭއިން ދައްކާ 2.4 ބިލިއަނެއްހާ ރުފިޔާއަށް ޕެންޝަން ފަންޑުން ހަދާނީ ކިހިނެއް ހެއްޔެވެ؟ މިއީ މި މުއާމަލާތާ މެދު ސުވާލު އުފެދޭ ހިސާބެވެ. 

"އިންވެސްޓްމަންޓް ފަންޑެއް ކަހަލަ ތަނަކުން ސެކަންޑްރީ މާކެޓުގައި މިކަހަލަ ބޮންޑް ގަނެ މުއާމަލާތް ހިންގުން މައްސަލައެއް ނެތް. އެކަމަކު މަރުކަޒީ ބޭންކުން މިކަން ކުރުން ކަންބޮޑުވުމަކީ،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

އެމްއެމްއޭން ދޭ ފައިސާ ޕެންޝަން އޮފީހުން ސަރުކާރަށް

'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2.5 ބިލިއަނެއްހާ ރުފިޔާގެ އާ ޓީބިލަކަށް އިންވެސްޓްކޮށްދޭން ޕެންޝަން ފަންޑަށް ހުށަހަޅާފަ އެވެ. އޭގެ މާނައަކީ ކުރީގެ ޓީބިލްތައް އެމްއެމްއޭއަށް ވިއްކައިގެން ޕެންޝަން ފަންޑަށް ލިބޭ ފައިސާއިން، ސަރުކާރުން ހުށަހަޅާފައިވާ އާ ޓީބިލަށް ޕެންޝަން ފަންޑުން އިންވެސްޓްކުރާނެ އެވެ. 

މިވީ ކިހިނެއް ހެއްޔެވެ؟ ތިލަކޮށް ބުނާ ނަމަ، ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެމްއެމްއޭން ސަރުކާރަށް ދަރަންޏަށް ފައިސާ ދޫކުރަނީ އެވެ. ނުސީދާކޮށް އެކަން ކުރަނީ އެވެ. 

އެނގިފައިވާ ގޮތުގައި އެ ހުށަހެޅުމާ މެދު ޕެންޝަން އޮފީހުގެ ބޯޑުގައި ދެ ފަހަރެއްގެ މަތިން މަޝްވަރާކޮށްފި އެވެ. މި ހަފްތާ ތެރޭ އިތުރަށް މަޝްވަރާކޮށް ބޯޑުން ގޮތެއް ނިންމާނެ އެވެ. އެ ނިންމުމަށް ބޯޑުގެ ގިނަ މެންބަރުން ތާއިދު ކުރެ އެވެ. 

ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓް ދިރާސާކުރިއިރު މެންބަރުން ބަޖެޓް ފޮތް ދިރާސާކުރަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ގާނޫނު ދައްކާ މަގަކީ ކޮބާ؟ 

ދައުލަތުން ހަރަދުކުރުމާއި ދަރަނި ނެގުމުގެ ކަންކަމުގައި ހިފަހައްޓަން ޖެހޭ އުސޫލުތައް ބަޔާންކުރާ ފިސްކަލް ޒިންމާގެ ގާނޫނު (އެފްއާރުއޭ)ގެ 6 ވަނަ މާއްދާގައި ކޭޝްފްލޯ މެނޭޖްކުރަން މަރުކަޒީ ބޭންކަށް ފައިސާ ދޫކުރެވޭނެ ހަމަތައް ބުނެފައިވެ އެވެ. އެއީ: 

  • ވޭތުވެދިޔަ 3 އަހަރު ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ %2.5 އަށްވުރެ އިތުރުނުވާނެ ގޮތަށް ފައިސާ ދެވިދާނެ

  • ގިނަވެގެން 3 މަސް ތެރޭ އެގޮތަށް ނަގާ ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ 

ނަމަވެސް، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ޓީބިލަށް އެމްއެމްއޭން މި އިންވެސްޓްކުރާ އަދަދު ކަމަށްވާ 2.5 ބިލިއަން ރުފިޔާ އަކީ، އެވްރެޖް އާމްދަނީގެ %2.5 އަށްވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ގާނޫނުގައިވާ ގޮތަށް އަމަލުކުރާ ނަމަ އެމްއެމްއޭއަށް އެންމެ ގިނަވެގެން ސަރުކާރަށް ދަރަނީގެ ގޮތުގައި ދެވޭނީ 850 މިލިއަނެއްހާ ރުފިޔާ އެވެ. 

މި ފަހަރު މިދޭ ފައިސާ އަނބުރާ އެމްއެމްއޭއަށް ދައްކަނީ ވެސް ފަސް އަހަރުގެ ބޮންޑަކަށް ބަދަލުކޮށްގެން ކަމަށް ވާތީ، އެ ފައިސާ އަނބުރާ މި ދައްކަނީ 3 މަހަށް ވުރެ ވެސް ދިގު މުއްދަތަކުންނެވެ. 

"އެފްއާރުއޭ ދައްކާ މަގާ މުޅިން ހިލާފު ގޮތެއް މިއީ އެމްއެމްއޭން ފައިސާ ނަގަން ސަރުކާރުން. މީގައި އޮތް ގޮތަކީ ސަރުކާރުން މަޖިލީހަށް ގޮސްގެން ހާއްސަ ހުއްދައެއް ހޯދުން،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފައިލް ފޮޓޯ/ މަޖިލިސް)

އެ ގާނޫނު ބުނާ ގޮތުގައި އެފްއާރުއޭގައިވާ ހަމަތައް ސަސްޕެންޑް ކުރެވޭނެ އޮތީ ވެސް ދެ ހާލަތެއްގަ އެވެ. އެއީ: 

  • ގުދުރަތީ ކާރިސާއެއްގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ އާބާދީގެ މަދުވެގެން %15 އަށްވުރެ ގިނަ މީހުންނަށް ގެއްލުންވުން

  • ދުރާލާ އަންދާޒާކުރެވިފައިނުވާ އިގްތިސާދީ ބޮޑު ޝޮކެއް ކުރިމަތިވުން؛ ޝޮކެއް ކަމަށް މާނަކުރެވޭނޭ ހާލަތްތައް ވެސް އެ ގާނޫނުގައި ބަޔާންކުރޭ

މީގެ އެއްވެސް ހާލަތެއް މިވަގުތަށް އުފަންވެފައެއް ނެތެވެ. އެހެންވެ، އެ ގާނޫނުގެ ހަމަތައް ސަސްޕެންޑް ކުރުމާ މެދުވެސް ސުވާލު އެބަ އޮތެވެ. 

އަނެއްކާ ވެސް ދައުރުވާ ރުފިޔާ އިތުރުވާނެ

މަރުކަޒީ ބޭންކުން ސެކަންޑްރީ މާކެޓުން ޓީބިލް ގަތުމަކީ ބައެއް ހާލަތްތަކުގެ ދުނިޔޭގެ އެކި ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުން ކުރާ ކަމެކެވެ. 

ރާއްޖޭގެ ހާލަތުގައި ސުވާލު އުފެދެނީ މަރުކަޒީ ބޭންކުން ސަރުކާރުގެ ހަރަދުތައް ކުރަން އިތުރަށް ފައިސާ ދޫކުރާ ހާލަތެއް އުފަންވާތީ އެވެ. އަދި ޕެންޝަން ފަންޑުގެ ނަޒަރިއްޔާއިން ބަލާއިރު އިންވެސްޓަރަކަށް މަރުކަޒީ ބޭންކް ވާތީ އެވެ. 

މަރުކަޒީ ބޭންކެއްގެ ދައުރަކީ ރުފިޔާގެ އަގު ހިފަހައްޓައި މާލީ ނިޒާމުގެ ދުޅަހެޔޮކަން ކަށަވަރުކޮށް އިންފްލޭޝަން ހަންމަތަކުރުމެވެ. ސަރުކާރުގެ ހަރަދުތަކަށް ހިފެހެއްޓުމެއް ނެތި ފައިސާ ދޫކުރާ ބައެއްގެ ގޮތުގައި އޮތުމެއް ނޫނެވެ. 

އެމްއެމްއޭން މިދިޔަ އޮގަސްޓް މަހު ބުނެފައި ވަނީ އިގްތިސާދުގައި އިތުރަށް ދައުރުވަމުން ދާ 7 ބިލިއަނެއްހާ ރުފިޔާ މަދުކުރުމަށް ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ކަމަށެވެ. އެގޮތުން އެޅި އެއް ފިޔަވަޅަކީ އެމްއެމްއޭން ބުނި ގޮތުގައި އޯޕަން މާކެޓް އޮޕަރޭޝަން (އޯމޯ) މެދުވެރިކޮށް ބޭންކިން ނިޒާމުގައި ދައުރުވަމުން ދާ އިތުރު ރުފިޔާގެ ތެރެއިން 2.1 ބިލިއަން ރުފިޔާ އެމްއެމްއޭއަށް އަނބުރާ ވެއްދުމެވެ. 

އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާގެ އެކްސެސް ލިކިއުޑިޓީ ނުވަތަ އިގްތިސާދުގައި ހުރި ބޭރު ފައިސާއަށް ވުރެގިނައިން ދައުރުވަމުން ދާ ދިވެހި ރުފިޔާގެ ނިސްބަތް ހުރިވަރު ދައްކައިދޭ ޗާޓެއް 

އޭގެ މާނައަކީ އެމްއެމްއޭން މުއްބާރުކުރުމުގެ މާލީ ސިޔާސަތު ނުވަތަ ކޮންޓްރެކްޝަނަރީ މާލީ ސިޔާސަތެއް ގެންގުޅެން ފެށުމެވެ. އެކަމަކު، ޕެންޝަން ފަންޑުގައި ހުރި ސަރުކާރުގެ ޓީބިލްތައް ފައިސާ ދީ ގަނެ، އިތުރު ރުފިޔާ އިގްތިސާދަށް ދޫކުރުމަކީ އެމްއެމްއޭގެ އެ ސިޔާސަތާ ދިމާ ދެކޮޅު މުއާމަލާތެކެވެ. 

ކުއަންޓިޓޭޓިވް އީޒިންއަކީ އެކްސްޕެންޝަނަރީ ނުވަތަ ހަރަދުކުރަން ބާރު އަޅާ މާލީ ސިޔާސަތު ތަންފީޒުކުރަން ކުރާ ކަމެކެވެ.

"އެމްއެމްއޭން މި އަމަލުކުރާ ގޮތުން އިތުރު ރުފިޔާ އަނެއްކާ ވެސް މި އިންޖެކްޓް ކުރެވެނީ އިގްތިސާދުގެ ތެރެއަށް. އޭގެ ޕްރެޝަރު ބޭރު ފައިސާގެ އަގަށާއި އިންފްލޭޝަން މި ހުރިހާ އެއްޗަކަށް ކުރާނެ،" އިގްތިސާދީ ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ.

މަރުކަޒީ ބޭންކަށް މި ފައިސާ އިންވެސްޓްކުރެވެން އޮންނާނީ ދެ މަގަކުން ހިނގައިގެންނެވެ. އެއީ:

  • ރިޒާވްގައި ހުރި ޑޮލަރު ރުފިޔާއަށް މާރުކޮށްގެން

  • އިތުރު ފައިސާ ޗާޕްކޮށްގެން 

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ 

މިއިން ކޮންމެ ގޮތަކަށް އަމަލުކުރިއަސް ނަތީޖާއަކީ ދައުރުވާ ފައިސާގެ ތެރެއަށް ދިވެހި ރުފިޔާ އިތުރުވުމެވެ. މިއީ އެމްއެމްއޭން ދައުރުވާ ފައިސާގެ ތެރެއަށް ރުފިޔާ ނެރުމެވެ. ރުފިޔާގެ އަގު ވެއްޓި ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމެވެ. 

'މިކަން ކުރަނީ ވައުދާ އެއްގޮތަށް ބިލްތައް ދައްކަން'

މި މަހުގެ 2 ވަނަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނީ މިދިޔަ ސަރުކާރުން ވާރުތަވެފައިވާ އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހިފައި ހުރި ބިލްތައް  ފަސް ހަފްތާ ތެރޭ ދައްކާ ހަލާސްކުރައްވާނެ ކަމަށެވެ. 

މި ދަރަނިތައް އަދާކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް ކުރިއަރައި، ވަޒީފާތައް ނުގެއްލި، އަދި އިގްތިސާދުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ

ފިނޭންސް މިނިސްޓްރީ 

އެމްއެމްއޭގެ މުއާމަލާތް ބަހުސަކަށް ވުމުން، ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އެ މުއާމަލާތުގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންވެފައި ހުރި ފައިސާ ދައްކާ ހަލާސްކުރުމެވެ. އަދި އަހަރުތަކެއް ވަންދެން ދޯދިޔާކޮށް މެނޭޖުކޮށްފައިވާ ދައުލަތުގެ މާލިއްޔަތު ހަރުދަނާ ކުރުމަކީ ވެސް ބޭނުމެއް ކަމަށް ބުންޏެވެ. 

"މަރުކަޒީ ބޭންކަކުން ސެކަންޑަރީ މާކެޓުގައި ބޮންޑު ވިއްކާ ނުވަތަ ދޫކުރާއިރު، އެއީ ސީދާ ގޮތެއްގައި ފައިސާ ޗާޕުކުރުމެއް ނޫން. ނަމަވެސް އެކަމުގެ ސަބަބުން މާލީ ނިޒާމުގައި ފާއިސާ ލިކިއުޑިޓީ އިތުރުވާނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"މަރުކަޒީ ބޭންކުތަކުން ސެކަންޑަރީ މާކެޓުގައި ބައިވެރިވުމަކީ މާލީ ސްޓެބިލިޓީ ދެމެހެއްޓުމަށާއި އިގްތިސާދުގެ ތެރޭގައި އެންމެ އެކަށީގެންވާ ގޮތުގައި ލިކުއިޑިޓީ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އާންމު ވަސީލަތެއް." 

ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފިނޭންސް މިނިސްޓްރީން ދިން ޔަގީންކަމަކީ ދައުރުވާ ރުފިޔާ އިތުރުވުމުން އިގްތިސާދަށް އަންނަ ނޭދެވޭ އަސަރުތައް ކުޑަކުރަން އެމްއެމްއޭން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި ވިޔަފާރިތަކަށް ފައިސާ ލިބުމުން އިގްތިސާދަށް ދިރުން ލިބި އިތުބާރު ބޮޑުވާނޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ގަބޫލުކުރެ އެވެ. 

"މި ދަރަނިތައް އަދާކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ބޭނުންވެފައިވާ ލިކުއިޑިޓީ ލިބި، ވިޔަފާރިތައް ކުރިއަރައި، ވަޒީފާތައް ނުގެއްލި، އަދި އިގްތިސާދުގެ މައްޗަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ. މި ސެކަންޑަރީ މާކެޓް އޮޕަރޭޝަންގެ ތެރެއިން ޒިންމާދާރުކަމާއެކު ދަރަނިތައް އަދާކުރުމާއި މާލީ ހަމަޖެހުން އަލުން ގެނައުމަށް މަގުފަހިވެގެންދާނެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ. 

އެކަމަކު، ސުވާލަކީ ސަރުކާރުގެ ހަރަދު ކުޑަނުކޮށް މިގޮތަށް ދައުރުވާ ރުފިޔާ އިތުރު ކުރާ ނަމަ އިގްތިސާދު އޯވަހީޓްވުމުގެ ނޭދެވޭ އަސަރުތަކުން ސަލާމަތް ކުރެވޭނެ ހެއްޔެވެ؟ 

ކޮމެންޓް (10)

ޙުސައިން

21 އޮކްޓޯބަރު 2025
އެ ސަރުކާރު، މި ސަރުކާރު ކިޔައިގެންނެއް ދައުލަތުގެ މާލީ ކަންކަން ރަނގަޅެއް ނުކުރެވޭނެ. އަޅެ ކީއްތަ ވާނީ އެންމެން ގުޅިގެން ރަނގަޅަށް ކަންކަން ކުރަން އުޅުނިއްޔާ. މިއަދު ކިޔަވާ ޢިލްމެއް ގެ ބޭނުމެއް ނޯވޭ، ހޯދާ ތަޖުރިބާއެއްގެ ބޭނުމެއް ނޯވޭ. ހައްތަހާވެސް ދެއްކުންތެރިކަމަށް. އެ ސަރުކާރަށް ވުރެން މިސަރުކާރު މޮޅުކަމަށް ދައްކަން، އިޚްލާސްތެރިކަމެއް ނެތި އަނގަތެޅިޔަކަސް ނުވާނެ.
4 0

މުއްތޭ

21 އޮކްޓޯބަރު 2025
މި ސަރުކާރަށްވެސް މަޖްލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ، އެމް.ޑީ.ޕީ ހެދިހެން މަޖްލިސް ހުއްދަ ނަގައި ފައިސާ ފަސޭހައިން ޗާޕުކުރެވިދާނެއެވެ. އެހެން ނަމަވެސް އެކަމެއް ނުކުރާނެއެވެ. އެކަން ނުކޮށް ރަގަޅު ސޮލިއުޝަންތަކެއް ހޯދަނީއެވެ. އެމް.ޑީ.ޕީން މިކަންތައް ކުރިނަމަ ފައިސާ ޗާޕުކުރާކަށް ނުޖެހުނީސް
1 12

އސލމ

21 އޮކްޓޯބަރު 2025
ޑްރޯން ނުގަނެ އެއަށް ދިޔަ ފައިސާއިން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ދައްކާލެވުނީސް
5 0

ތެފައާސާ.

21 އޮކްޓޯބަރު 2025
@އސލމ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ޑްރޯން ގަންނަން ޖެހޭނެ. އެއީ ހުއްބުލްވަތަނުގެ ދިފާއުގައި އައްޑަނައަކަށް މޭގަނޑު ނަގައި ހިންމަތުގެ ކަމަރުބަނދެގެން ތިބެން ކޮންމެހެން ކުރާންޖެހޭ ކަމެއް. އެހެންވީމާ ތިކަހަލަ ލާ-ގައުމީ ވާހަކަ ނުދައްކާ!!
8 0

ހިއުޖްބްލަންޑަރ

21 އޮކްޓޯބަރު 2025
ލަންކާ މަގަށް ރާއްޖެ ދާނެ ފުރަތަމަ ފިޔަވަޅަށް ތިވާނީ. ތީ ހުއްޓޭނެ ކަމެއް ނޫން ފެށިއްޖެއްޔާ. ތީ ރިބާގެ ފާސްޓްފޯވަޑް ވައްތަރު. ތީގެ ގެއްލުން ކުރާނީ މަދު ލާރިން ދިރިއުޅުން ހަމަޖައްސާ މީހުނަށް. ތީގެ ފައިދާ ކުރާނީ ލާރި އަކީ އިންފުލުއެންސްކުރަން ޓޫލް އެއްގޮތަށް ބޭނުންކުރާ މީހުނަށް. މިވަރު ނޭގޭ ބަޔަކު ބޯޑުގައި ތިބިނަމަ، އެއީ ވަރަށް ދެރަވަރު. މި "ފޯމިއުލާ" ނެރުނު މީހުން ވަރަށް މޮޅުކަމެކޭ ހީކޮށް މިކަން ކުރަން އުޅެފާނެ. އެކަމަކު ވިސްނާތި، ފްރީ މަނީ އެއް ނޯންނާނެ. ލާރި އަކީ ހަމައެކަނި މުދާ އަގު ކުރަން ބޭނުންކުރާ ފަތިގަނޑެއް. ތިޔަ ކުރެވޭ ކަމަކީ ފަތިގަނޑު އިނގިތަށް ބަހައްޓާ އޭގެ ކުރަހާފަ ހުރި ދޭތެރެ މެދު ފާހަގަކުރަން ރޮނގުތައް ދުރުކޮށްލާފަ، އަދިވެސް ހެދި ނަންބަރު ތައް ބެހެއްޓުން. އެހެރުން ދިމަލެއް ނުވާނެ.
1 0

ސޯ އޯވަރ ދިސް

21 އޮކްޓޯބަރު 2025
@ހިއުޖްބްލަންޑަރ ލަންކާ މަގުން ރާއްޖެދާން އޮތް ކަންތައް ވަނީ ކޮށްފައި، ފިސްކަލް ޒިންމާ ޤާނޫނު ސަސްޕެންޑުކޮށް ފައިސާ ޗާޕުކޮށްފައި ވަނީ. މިސަރުކާރުން އައިފަހުން އަދިވެސް ފައިސާ ޗާޕުކޮށްފައެއް ނުވޭ. ޤާނޫނީ ހަމަތަކުގެ މަތިން ކުރެވެން އޮތް ކަންތައް ކުރަމުން މިދަނީ
0 4

ދޮނަޅަ

20 އޮކްޓޯބަރު 2025
ދޮގާއި މަކަރާއި އޮޅުވާލުން ނޫން ކަމެއް ނެތެވެ. ވެރިކަމަށް އައީ އެ މަގުންނެވެ. ކަށްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް ދިޔައަސް ކަތި ވާނެއެވެ.
4 0

ތެފައާސާ.

20 އޮކްޓޯބަރު 2025
ކުރުގޮތަކަށް ބުނާނަމަ، ސިޔާސީންނަށާއި ޗަރުކޭހަށް ކުރާ ބޭކާރު އިސްރާފު ކުޑަކޮށްގެން ގައުމުގެ މާލީ ހާލަތު ހަމައަކަށް އަޅުވާން އުޅުމުގެ ބަދަލުގައި، ޕެންޝަން އޮފީސް މެދުވެރިކޮށް "ލޭޔާރކޮށްގެން" ފައިސާ ޗާޕުކޮށްގެން އެ ފައިސާ އިގްތިސޯދަށް ނެރެގެން "ކުއިކް ފިކްސް"އެއް ގެންނަ އުޅެނީ. ޑޮލަރު ރޭޓު އިތުރަށް މައްޗަށް އަރައި، ތަކެތީގެ އަގުބޮޑުވެ، މީގެ ހުރިހާ ތަކުލީފެއް ދިގުމުއްދަތުގައި ކުރާނީ އާދައިގެ ރައްޔިތު މީހާއަށް.
8 1

ނޫންޭ

21 އޮކްޓޯބަރު 2025
@ތެފައާސާ. އޭގެ އަސަރު ކުރުމުއްދަތުގައި ތިނެއް ނޫނީ ފަސް އަހަރު ތެރޭ އާދައިގެ ރައްޔިތުންނަށް ކުރާނީ. ދިގުމުއްދަތިގައި ހަމަ އެންމެ ބޮޑު ވިޔަފާރިވެރިޔާ އަށްވެސް ކުރާނެ. ލަންކާ އަށް އަމިއްލަ އަށް އެ ހެދެނީ. ތިކަން ފަށާފިއްޔާ ތިކަން ތަކުރާރުކޮށް، ތިކަން ހުއްޓާނެ މީހަކު ދެން ނާންނާނެ.
1 0

ތެފައާސާ.

21 އޮކްޓޯބަރު 2025
@ނޫންޭ އާދެ، އެހެން. އަޅުގަނޑު އެއްބަސް!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް