މުހައްމަދު ސަރުވަޝް މީގެ ކުރިން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވާއިރު އަރިހުގައި ޕެންޝަން ފަންޑުގެ ޗެއާމަން އަހުމަދު އިނާޒް - ފޮޓޯ/ވޯލްޑް ބޭންކް

ޕެންޝަން އޮފީސް

ސަރުކާރުގެ ބޮންޑް މައްސަލައިގައި ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދީފި

އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި
22 އޮކްޓޯބަރު 2025
4

މަރުކަޒީ ބޭންކް، އެމްއެމްއޭން ފައިސާ ދީގެން ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި ހިތްހަމަ ނުޖެހި އެ ބޯޑުގައި އިންނަވާ އަހުމަދު ސަރުވަޝް އާދަމް ބޯޑުން އިސްތިއުފާ ދެއްވައިފި އެވެ. 

ވީ ކިހިނެއް؟ - އޭނާ އެކަން ހާމަކުރެއްވި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 

"އެމްއެމްއޭން ފައިނޭންސް ކުރާ ބޮންޑް ކުރިއަށް ގެންދިއުމަށް ނިންމުމާ ގުޅިގެން އަޅުގަނޑު ޕެންޝަން ބޯޑުން އިސްތިއުފާ ދީފީން،" ސަރުވަޝް އެކްސްގައި ވިދާޅުވި އެވެ. 

ތަފްސީލް - ސަރުވަޝް މިއަދު އެކްސްގައި ކުރެއްވި އެ ޕޯސްޓްގައި އިތުރަށް ވިދާޅުވީ އެ ބޮންޑް ގަތުމުގެ މުއާމަލާތަކީ ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ނިންމުމެއް ކަމަށް އޭނާއަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި ވިދާޅުވީ:

  • މަގާމުން އިސްތިއުފާ ދެއްވީ ތެދުވެރިކަމާއި ނަޒާހަތްތެރިކަން އަދި މުއައްސަސާގެ މިނިވަންކަމުގެ އުސޫލުތައް ދެމެހެއްޓުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށް  

އެނގުން މުހިންމު - އެމްއެމްއޭން ހުށަހަޅާފައި ވަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ ސަރުކާރުގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭން ސެކަންޑްރީ ބާޒާރުގައި ގަނެ ފަސް އަހަރު ދުވަހުގެ ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލު ކުރާށެވެ. އަދި ނިންމާފައި ވަނީ:

  • އެ ބޮންޑު ގަންނަން، އެމްއެމްއޭން ދައްކާ ފައިސާއިން 2.4 ބިލިއަން ރުފިޔާގެ ސަރުކާރުގެ އާ ބޮންޑެއް ގަންނަން ޕެންޝަން ފަންޑުން އިންވެސްޓްކުރަން

މި ބާވަތުގެ މުއާމަލާތަށް ކުއަންޓިޓޭޓިވް އީޒިންއޭ ކިޔަ އެވެ. އެކަމުގެ ކަންބޮޑުވުމަކީ މަރުކަޒީ ބޭންކުން އެ މުއާމަލާތް ކުރުމުން އިގްތިސާދުގައި ދައުރުވާ ރުފިޔާ އިތުރުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި އެކަމުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ބޮޑުވާނެތީ އެވެ. 

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެކަން ކުރަނީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ނުދެއްކި ގިނަ ދުވަސްވެފައި ހުރި ބިލްތައް ދައްކާ ހަލާސްކުރުމަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނޭ އިގްތިސާދީ މައްސަލަތަކަށް އެމްއެމްއޭން އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދީފައިވެ އެވެ. އެ މިނިސްޓްރީން ގަބޫލުކުރަނީ:

  • ކުންފުނިތަކަށް ނުދެވި ހުރި ފައިސާ ދިނުމުން ވަޒީފާތައް ރައްކާކުރެވި އިގްތިސާދީ ވިލުންތެރިކަން އިތުރުކުރެވި ހަމަޖެހުން ގެނެވޭނެ ކަމަށް

ކޮމެންޓް (4)

ހާލަތު

22 އޮކްޓޯބަރު 2025
ރައީސް މީހާ ބުނަނީ ރުފިޔާ ޗާޕު ނުކޮށް ބިލުތަކަށް ފައިސާ ދެނީއޭ! ދޮގާއި މަކަރާއި އޮޅުވާލުން ނޫން ކަމެއް ނެތެވެ. ޕެންޝަން ބޯޑުގެ ޗެއަރމަނަކީ ކުރީގެ ފިނޭންސް މިނިސްޓަރެކެވެ. އެމްއެމްއޭ ބޯޑުގެ ޗެއަރމަނަކީވެސް ކުރީގެ ފިނޭންސް މިނިސްޓަރެކެވެ. ތައުލީމީ ދެ ޒުވާނުންނެވެ. ސުވާލަކީ މިފަދަ ނިންމުމެއް މިދެ ބޭފުޅުން އިސްކޮށްތިބެ ނިންމެވީ ކޮންފަދަ މަޖުބޫރު ކަމަކާ ހެދިތޯއެވެ. މުއައްސަސާތަކުގެ ހާލަތު ހުރިގޮތް.
0 0

ޖުހާ

22 އޮކްޓޯބަރު 2025
ސީދާ އެމްޑީޕީގެ ފިކުރަށް ގޮސް އަޅުވެތިވީމަ މިފަދަ ދެއުޅިއެއްނުވާ އިސްތިއުފާ މި އަންނަނީ. ރަނގަޅު ލަފައެއް ދޭން ނޭނގުނީމަ ހަދާނެގޮތް ނޭނގި ޖަޒުބާތުވެ ޕާޓީ ބޮޑުންގެ ރުހުން ހޯދަން މިފަދަ މީހުންނަށް މުހިންމުވަނީ. ސީދާ ކޮމްޕިޓެންސްީ ގެ މައްސަލައެއް.
0 2

ހަތަރެސްކަން

22 އޮކްޓޯބަރު 2025
@ޖުހާ ކެރެކްޓާރ އަށް އެޓޭކް ނުކޮށް ދީފައިއޮތް ލަފަޔާއިމެދު އެއްޗެކޭ ބުނެލިނަމަ ދޯ؟ ލަފާގައި ގޯހީ ކޮންކަމެއް ކިހިނެތްވެގެންތޯ ބުނެލިނަމަ ދޯ؟
2 0

ތެފައާސާ.

22 އޮކްޓޯބަރު 2025
ސަރުވަޝްއާއި އެއްކޮށް ދުވަސްކޮޅަކަށް މީރާގެ ސީނިއާރ މެނޭޖްމަންޓުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނު، އޭރުވެސް ސަރުވަޝް ފާހަގަކުރެވުނީ ސީދަލަށް ބަސްބުނަންވާތަނުގައި ބުނަންވާބަސް ބުނަން ފަސްނުޖެހޭ، ނަޒާހާތްތެރި މީހެއްގެ ގޮތުގައި. މި ސިފައަކީ އަދު މި ގައުމުގައި ވަރަށް ތަދު އެއްޗެއް. ވެލް ޑަން ސަރުވަޝް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް