ޕެންޝަން އޮފީހުގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި އިނާޒު ފޯރަމެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވަނީ ޕެންޝަން ފަންޑު މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަތުމުގެ މުއާމަލާތާ މެދު ކަންބޮޑުވުންފާޅުކުރައްވާފައި (ފޮޓޯ/ޕެންޝަން އޮފީސް)
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕްކުރުން: ނުރައްކާ ވަރަށް ބޮޑު
ޕެންޝަން ބޯޑުގެ ޗެއާމަން ކުރީގެ ފިނޭންސް މިނިސްޓަރު، އަހުމަދު އިނާޒު އެ މަގާމުން އިސްތިއުފާ ދެއްވީ ޕެންޝަން ބޯޑާއި މަރުކަޒީ ބޭންކް، އެމްއެމްއޭ ބޭނުންކޮށްގެން ސަރުކާރުން ފައިސާ ޗާޕްކުރަން ކުރާ މަސައްކަތާ ދެކޮޅު ހެއްދެވުމުގެ ގޮތުންނެވެ. އޭނާގެ އިސްތިއުފާގެ ސަބަބުތައް ހާމަކުރައްވާ އެކްސްގައި ލިޔުއްވި ގޮތުގައި، "އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަކީ މި ހާލަތުގައި އިގްތިސާދަށް ގެއްލުން ބޮޑު ނިންމުމަކަށް" ވާނެ އެވެ.
އިނާޒު އެ ވިދާޅުވާ އިގްތިސާދީ ބޮޑު ގެއްލުމަކީ ކޮބައި ހެއްޔެވެ؟
ސަރުކާރުން ބޭނުންވަނީ ސަރުކާރުގެ ހަރަދުތަކަށް ފައިސާ ހޯދުމަށް ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައި ހުރި 2.4 ބިލިއަނެއްހާ ރުފިޔާގެ ޓީބިލް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ގަނެ އަނެއްކާވެސް އެ ފައިސާއިން ޕެންޝަން ފަންޑުން ސަރުކާރުގެ އިތުރު ބޮންޑެއް ގަތުމަށެވެ. އިނާޒު، އިންޒާރު އެ ކުރެއްވީ އެ މުއާމަލާތުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތަކަށެވެ.
ސަރުކާރުގެ ދަރަނި މަރުކަޒީ ބޭންކުން ގަނެ އަލުން އާކުރުމުގެ މިފަދަ މުއާމަލާތްތަކަށް އިގްތިސާދީ ގޮތުން ކިޔަނީ ކުއަންޓިޓޭޓިވް އީޒިން ނުވަތަ ކިޔުއީ އެވެ. ކިޔުއީ ފުރަތަމަ ބޭނުންކޮށްފައި ވަނީ 2001ގައި ޖަޕާނަށް ކުރިމަތިވީ އިގްތިސާދީ ހަނަފަސްކަމުން އަރައިގަންނަން އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް ޖަޕާނުންނެވެ.
ސުވާލަކީ ރާއްޖޭގައި މި އޮތީ ކިއުއީ ބޭނުންކުރަން ޖެހޭ ހާލަތެއް ހެއްޔެވެ؟
ސަރުކާރުގެ ހަރަދުތައް މަތިވެ އިގްތިސާދު ދޮންބޮޑުވަނީ
މިވަގުތު ރާއްޖޭގެ އިގްތިސާދުގެ ހާލަތަކީ ސަރުކާރުގެ ހަރަދުތައް އިގްތިސާދުގައި ނެތް ހަކަތައަކުން އިތުރުވެފައިވުމުން ދައުރުވާ ބޭރު ފައިސާ ނުވަތަ ޑޮލަރަށް ވުރެ އިގްތިސާދުގައި ހުރި ދިވެހި ރުފިޔާ ގިނަވެ ރުފިޔާގެ އަގު ރެކޯޑް އަދަދަކަށް ވެއްޓުމެވެ. ނަތީޖާއަކީ، ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން އަންދާޒާތަކަށް ވުރެ ވެސް މައްޗަށް އުފުލެމުން ދިޔުމެވެ.
ސަރުކާރުގެ ހަރަދުތައް ފޫބައްދަން ނަގާ ދަރަނި ބޮޑުވެ އިގްތިސާދީ މަސައްކަތަކަށް ފައިސާ ނެތި ދަރަނި ދެއްކުން ނޫން ކަމެއް ނުކުރެވޭނެ ފަދަ ހާލަތެއް ވަނީ ރާއްޖެއަށް ކުރިމަތިވެފަ އެވެ. މިދިޔަ އަހަރުގެ ބަޖެޓުގެ ހަރަދުތައް ބެލުމުން ފެންނަ ބޮޑު މަންޒަރަކީ އެއީ އެވެ.
އިގްތިސާދީ ދާއިރާގެ ބޭފުޅުންގެ ނަޒަރުގައި މިއީ ސަރުކާރުގެ ބޭކާރު ހަރަދު ހުއްޓައި އިގްތިސާދު ދޮންބޮޑުވުމުން ސަލާމަތް ކުރަންވީ ވަގުތެވެ. ސަރުކާރުން ހަރަދުކުރުމުގައި މުއްބާރު ކުރަންވީ ވަގުތެވެ. ރައްޔިތުންނަށް އެކަމުގެ ތުރާ ކޮންމެވެސް ވަރަކަށް ކުރިމަތިވިޔަސް އެކަން ކުރަން ޖެހެ އެވެ. ސަރުކާރުން ހިތްވަރުކޮށްފައި ހަގީގަތް ބުނެދޭން ޖެހެ އެވެ. އިގްތިސާދު އޮތް ގޮތުން ކުރިމަތިވާ ދަތިތައް ރައްޔިތުންނަށް އިހުސާސްވާން ޖެހެ އެވެ.
ސަރުކާރުން، މަރުކަޒީ ބޭންކް މެދުވެރިކޮށް ޕެންޝަން ފަންޑު ބޭނުންކޮށްގެން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ގަތުމަށް މަސައްކަތް ކުރަނީ، އިގްތިސާދީ އުފެއްދުންތެރިކަން އިތުރުކުރާނޭ މަސައްކަތެއް ކުރާކަށް ނޫނެވެ. ދުވަހުން ދުވަހަށް ކުރަން ޖެހޭ ރިކަރަންޓް ހަރަދު، މިސާލަކަށް މުސާރަ ދިނުން ފަދަ ކަންކަމަށް ބޭނުން ކުރުމަށެވެ.
ސިޔާސީ ބޭނުމަށް މުވައްޒަފުން ނަގައި ކުންފުނިތައް ވަނީ ފުރާލައިފަ އެވެ. ކައުންސިލް އިންތިހާބާ ދިމާކޮށް އިތުރަށް މުވައްޒަފުން ނަގަނީ އެވެ. އުމްރާނީ ތަރައްގީގެ ނަމުގައި، އިގްތިސާދީ މަންފާއެއް އިތުރު ނުވާނޭ އެތައް އާ މަޝްރޫއުތަކެއް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން އެ ގެންދަނީ ސޮއިކޮށް ފަށަން ތައްޔާރުވަމުންނެވެ.
ހަރަދު ކުޑަކުރުމަށް މިދިޔަ އަހަރު އިއުލާންކުރި އެއްވެސް ކަމެއް ސަރުކާރަކުން ނުކުރެ އެވެ. އެންމެ ތަންކޮޅެއް ވެސް ހަރަދު ކުޑަނުކޮށް ސަރުކާރުގެ އަމާޒު ހުރީ ހޯދުނު ތަނަކުން ހޯދުނު ގޮތަކަށް ފައިސާ ނަގައިގެން ހަރަދުތައް ކުރަމުން ދިޔުމަށެވެ. ނަތީޖާއަކީ، އިގްތިސާދަށް ކުރިމަތިވެފައި ހުރި މައްސަލަތައް އިތުރަށް ބޮޑުވުމެވެ.
ޕެންޝަން ފަންޑުގެ ވެރިން އެކަމާ ދެކޮޅު ހައްދަވާ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ. ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް އަނެއްކާވެސް އިގްތިސާދުގެ ތެރެއަށް ރުފިޔާ އިތުރުވާނޭ ގޮތަށް، ޕެންޝަން ފަންޑުން ސަރުކާރުގެ ހަރަދުތައް ކުރުމަށް ވަލު ދޮރާއްޓަކުން ފައިސާ ހޯދައިދޭން އެބޭފުޅުން ބޭނުން ނުވަނީ އެވެ. އިނާޒުގެ އިސްތިއުފާ ގުޅިފައި އޮތީ އެ ބިރާ އެވެ.
ކަންބޮޑުވުންތައް ރައީސް ނޭއްސެވި؛ އެންގެވީ ކަން ކުރައްވަން
އިތުބާރު ހުރި މަސްދަރުތަކުން، 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޕެންޝަން އޮފީހުގެ ވެރިން ފިނޭންސް މިނިސްޓްރީ އާއި ސީދާ ރައީސް މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި މި މުއާމަލާތަށް އެއްބަސްވާނެ ޝަރުތުތަކެއް ހުށަހަޅުއްވަން މަސައްކަތްކުރެއްވި އެވެ. އެއީ:
-
އެކްސްޕޯޓް އިތުރުވާނޭ ފަދަ އިގްތިސާދީ އުފެއްދުންތެރިކަން އިތުރުވާނޭ ކަމަކަށް އެ ފައިސާ ހަރަދުކުރާނޭ ކަމުގެ ޔަގީންކަން ހޯދުން
-
އެ މުއާމަލާތާ އެކު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާނޭ ފިޔަވަޅުތަކާއި ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން އަޅާ ފިޔަވަޅުތަކުގެ ޔަގީންކަން ހޯއްދަވަން މަސައްކަތް ކުރެއްވި
ނަމަވެސް ރައީސް މުއިއްޒު ޕެންޝަން އޮފީހުގެ ވެރިންނާ ބައްދަލުނުކުރައްވައި ފޯނުން ގުޅުއްވައި މުއާމަލާތަށް ރުހުން ދެއްވަން އެދިވަޑައިގަތްކަން ވަނީ އެނގިފަ އެވެ.
އިއްޔެއަށް ތާވަލްކޮށްފައި އޮތް ޕެންޝަން އޮފީހުގެ ބޯޑް ބައްދަލުވުމުގައި އޮތީ އެ މައްސަލައިގައި ގޮތެއް ނިންމުމެވެ. އެކަމަކު، އޭގެ ކުރިން އިނާޒު އިސްތިއުފާ ދެއްވީ އެވެ.
އެ މުއާމަލާތުގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އިނާޒު މަސައްކަތް ކުރެއްވީ ނުރައްކަލުން އިގުތިސާދު ސަލާމަތް ކުރެއްވޭނެ ގޮތަކަށް އެ މުއާމަލާތް ހިނގާނެ މަގެއް މަޝްވަރާއިން ހޯއްދަވާށެވެ. އެކަމަކު އެކަން ސަރުކާރުގެ ތެރޭންނާއި ޕެންޝަން އޮފީހުގެ ބޯޑުގެ ތެރެއިން ނުވާނޭކަން ކަށަވަރުވުމުން އޭނާ އިސްތިއުފާ ދެއްވީ އެވެ.
ބޯޑުގައި ތިއްބެވި އަމިއްލަ ވިޔަފާރިތައް ތަމްސީލްކުރައްވާ ބޭފުޅުންގެ ކިބައިން ވެސް އިނާޒަށް ތާއީދު ލިބިވަޑައެއްނުގެންނެވި އެވެ. ނިންމުމުގެ އިގްތިސާދީ ނުރައްކާ ވިސްނައިދެއްވަން މަސައްކަތް ކުރެއްވި ނަމަވެސް، އެބޭފުޅުން ވެސް ތިއްބެވީ ސަރުކާރުން ބުނިހާ ގޮތަކަށް ދީލައިލައްވައިގެންނެވެ. އެހެންވެ، އިނާޒަށް ޖެހިވަޑައިގެންނެވީ އަމާން ދެއްވާށެވެ. އޭނާގެ ޒަމީރު ގަބޫލުނުކުރާ ކަމެއް ކުރައްވަން ބޭނުންނުވީ އެވެ.
މިއީ ފެށުމެއް، 25 ބިލިއަން ރުފިޔާ މިގޮތަށް ޗާޕް ޖަހާފާނެ
ސަރުކާރުގެ ހަރަދުތަކަށް އެންމެ ގިނައިން ޓީބިލާއި ބޮންޑް ގަނެފައިވާ ފަރާތަކީ ޕެންޝަން ފަންޑެވެ. ގާތްގަނޑަކަށް ސަރުކާރުގެ ޓީބިލްތަކަށް ޕެންޝަން ފަންޑުން 25 ބިލިއަނެއްހާ ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ.
ޕެންޝަން އޮފީހުގެ ވެރިންގެ ކަންބޮޑުވުމަކީ ސަރުކާރުން ހަރަދުކުރުން މަޑުޖައްސާލުމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތްއިރު 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މިގޮތަށް ކިއުއީ އޮޕަރޭޝަނެއްގެ ތެރެއިން ރޯލްއޯވާކުރުމަކީ ފެށުމަކަށް ވެދާނެތީ އެވެ. އެ މުއާމަލާތަށް އާނއެކޭ ބުނެފި ނަމަ، 25 ބިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން އެކަން ތަކުރާރުކޮށްފާނެ އެވެ.
މައުލޫމާތު އެނގޭ ފަރާތަކުން، ނަން ނުޖަހާ ގޮތަށް، ބުނީ އިނާޒަށް އެ މުއާމަލާތަށް އާނއެކޭ ވިދާޅުނުވެވުނު އެއް ސަބަބަކީ އެއީ ކަމަށެވެ. ހަރަދުކުރަން ފައިސާ ހޯދަން ސަރުކާރުން ފެންބޮވައިގެންފައި އޮތް އިރު އެކަން ކޮށްފި ނަމަ، މިއީ ސަރުކާރަށް ފައިސާ ހޯދަން ހުޅުވައިދެވޭ މުޅިން އާ ދޮރެކެވެ.
އިނާޒު އެދިވަޑައިގެންނެވީ ވަލު ދޮރާއްޓެއް ހުޅުވައިގެން ސަރުކާރުގެ ހަރަދުތަކަށް ފައިސާ ނުހޯދާ މާލީ ނިޒާމުގެ ތެރެއިން އާންމު އުސޫލުން ހަރަދުތަކަށް ފައިސާ ހޯއްދެވުމަށެވެ. އެއީ، ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން މަޖުބޫރުކުރާ ފައިސާގެ އަދަދު މަދުކޮށް ޓީބިލާއި ބޮންޑު ބޭންކުތަކަށް ވިއްކައިގެން އާންމު ބާޒާރުން އެ ފައިސާ ހޯދުމެވެ. އެކަމަކު، އެގޮތަށް ވެސް ސަރުކާރަށް އެއްބަހެއް ނުވެވުނެވެ.
ޕެންޝަން ފައިސާގެ އަގު %30-40 ވެއްޓިދާނެ
މިހާރު ސަރުކާރުން ބޭނުންވާ ގޮތަށް 2.4 ބިލިއަން ރުފިޔާގެ ބޮންޑު ޕެންޝަން އޮފީހުން ގަނެފި ނަމަ އެއިން ނިކުންނާނޭ އިގްތިސާދީ ބޮޑެތި މައްސަލަތަކާ އެކު، ޕެންޝަން ފަންޑުގައި ރައްކާކޮށްފައި ހުރި އާންމު މީހާގެ ފައިސާއަށް ނޭދެވޭ އަސަރު ކުރާނެ އެވެ. ފައިސާގެ ބައެއް ގެއްލޭނެ އެވެ. ނުވަތަ އަގު ދަށްވާނެ އެވެ.
ޕެންޝަން ފަންޑުގައި ކޮންމެ މީހެއްގެ ރައްކާކޮށްފައިވާ ފައިސާގެ ގޮތުގައި ހުރީ އެވްރެޖްކޮށް 123،000ރ. އެވެ. މި މުއާމަލާތުގެ ސަބަބުން ކުރިމަތިވާ އިގްތިސާދީ މައްސަލަތަކާ އެކު ދިވެހި ރުފިޔާގެ އަގު ވެއްޓި އެ އަދަދުން %30-40 މަދުވުމުގެ ނުރައްކާ އެބަ އޮތެވެ. އޭގެ މާނައަކީ ކޮންމެ މީހެއްގެ ޕެންޝަން ފަންޑުން 52،000ރ. ގެއްލި، ކޮންެމެ މީހެއްގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު 72،000ރ. އަށް މަދުވުމެވެ.
ގާނާގެ ތަޖުރިބާއިން އިބުރަތް ހާސިލްކުރަން ޖެހޭ
ކޮވިޑްގެ ބަލިމަޑުކަމާ ވިދިގެން 2020ގައި ގާނާގައި ކިއުއީ މުއާމަލާތްތައް މެދުވެރިކޮށް އިގްތިސާދަށް ދިރުން ގެންނަން އެ ގައުމުގެ އިދާރާތަކުން މަސައްކަތްކުރި އެވެ. ނަމަވެސް އޭގެ ނަތީޖާ އެ ގައުމުގައި ފެނުނީ ވަރަށް ހިތިކޮށެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކުން ބަޖެޓު ޑެފިސިޓް ފޫބެއްދުމަށް ކިއުއީ ބޭނުންކުރުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ގާނާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން ވަރަށް ރަނގަޅަށް ބުނެދެ އެވެ.
ދައުލަތުގެ ދަރަނި ބޮޑުވެ ބައިނަލްއަގުވާމީ މާލީ ބާޒާރުތަކުން ފައިސާ ހޯދުމަށް އެގައުމަށް ދަތިވުމުން އެ ގައުމުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް ގާނާއިން ނިންމީ 'މަނިޓަރީ ފައިނޭންސިން' ނުވަތަ ފައިސާ ޗާޕްކޮށް ސަރުކާރުގެ ހަރަދުތަކަށް ފައިނޭންސް ކުރާށެވެ.
މިކަމުގެ ސަބަބުން ބަޖެޓަށް ބޭނުންވާ ފައިސާ ވަގުތުން ލިބުނު ނަމަވެސް، މީގެ ނަތީޖާއަކަށް ވީ ސަރުކާރުގެ ހަރަދުތައް މަގުން ކައްސާލައި މަރުކަޒީ ބޭންކުގެ މަނިޓަރީ ސިޔާސަތުގެ ބާރު ކެނޑިގެން ދިޔުމެވެ. އަދި ސަރުކާރުގެ މާލީ ސިޔާސަތު ބޮއްސުންލުމެވެ. މިކަމުގެ ނަތީޖާއަކަށްވީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމެވެ. އެ ގައުމުގެ ފައިސާގެ އަގު ރާސްލާފައި ވެއްޓުމެވެ. އަދި ބޭރު ފައިސާގެ ރިޒާވް ހީނަރުވުމެވެ.
އެންމެ ފަހުން ގޮތް ހުސްވެ 2023ގައި ގާނާއަށް މަޖުބޫރުވީ އައިއެމްއެފްގެ އިސްލާހީ ޕްރޮގްރާމެއްގައި ބައިވެރިވާށެވެ. ފައިސާ ޗާޕުކުރުން އެއްކޮށް ހުއްޓާލައި ހަރުދަނާ މާލީ ސިޔާސަތަކަށް އެ ގައުމުގެ ސަރުކާރަށް އެނބުރެން މަޖުބޫރުވި އެވެ.
ރާއްޖެ މި އޮތް ދަރަނީގެ ދަންތުރައާ އެކު، ގާނާގެ ހާލަތުން ރާއްޖެ ފިލާވަޅު ނަގަން ޖެހެ އެވެ.
އިނާޒު ނޫނަސް މީގެ ކުރިން ޕެންޝަން އޮފީހުގެ ބޯޑުގެ އިތުރު ދެ މެންބަރަކާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުން ވަނީ ސަރުކާރުން ކުރަން މި އުޅޭ ނުރައްކާތެރި މުއާމަލާތާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވައިފަ އެވެ.
ސަރުކާރުގެ މިސްރާބު ހުރީ ހަރުދަނާ ފިސްކަލް ސިޔާސަތަކާ ދިމާލަކަށް ނޫނެވެ. ސަރުކާރުން ވަނީ އާމްދަނީ އާއި ހަރަދުކުރުމުގެ ސިޔާސަތު ހެދުން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން މަޑުޖައްސާލައިފަ އެވެ. އެކަމަކު، މި ދަނޑިވަޅުގައި ދުނިޔޭގެ މާލީ އިދާރާތަކުގެ އިތުބާރު ހޯދުމަށް އެ ސިޔާސަތު މުހިންމުވެ އެވެ.
ކޮމެންޓް (18)
ޱރ ބޭކާރު
އމނަ
ސަމީރު
ޞަޙްޞަޙް
ައާރިފް
ހަތަރެސްކަން
ރައްޔިތުންނަށް ލިބޭނީ ރައްޔިތުން ބޭނުންވާ ވެރިން
އިޤުތިސާދީ މާހިރު
އަސްލުވާގޮތަކީ
ތެފައާސާ.
އާސާފަތެ.
ތެފައާސާ.
އާސާފަތެ.
މުއްތޭ
ތެފައާސާ.
އޯލް ގުޑް، ބަޓް...
ތެފައާސާ.
ްއޯލް ގުޑް، ބަޓް...