ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް

ގޮނޑި ގެއްލުމުގެ ކުރިން ދާއިރާގެ ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަނީ

މެންބަރުކަމުން ވަކިކުރަން ރައްޔިތުންނަށް ނުފެންނަ ކަމަށް ވޯޓުން ނިންމައިފި ނަމަ، އެ މެންބަރަކު ދައުރުގެ ބާކީ މުއްދަތުގައި ހުންނަން ޖެހެނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށް ވެސް އިސްލާހުގައި ބުނޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން ވަކި ކުރުމުން، އެ މެންބަރުގެ ގޮނޑި ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ އާންމު ވޯޓެއް ނުވަތަ ރޯލް ކޯލް ވޯޓެއް ނަގާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.

އެނގުން މުހިންމު - ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހަ ގަޑިއިރު ތެރޭ ގާނޫނުއަސާސީއަށް މިދިޔަ އަހަރު ނޮވެމްބަރުގައި ގެނައި އިސްލާހާ އެކު، މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީ ބަދަލުކޮށްފި ނަމަ/އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީއަކުން އެ މެންބަރު ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނެ އެވެ.  އަދި އެގޮތަށް މެންބަރުގެ ގޮނޑި ގެއްލެނީ އޭނާ އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ 75 މެންބަރުން ޕާޓީން 'ވަކިވެދާނެ ކަމުގެ ބިރަށް' ނުވަތަ 'ބޮޑެތި ވިޔަފާރިވެރިން އެ މެންބަރުންނަށް ރިޝްވަތު ދީގެން ޕާޓީ ބަދަލުކޮށްފާނެ ކަމަށް' އަވަސް އަރުވާލައިގެން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އޮތީ ހުއްޓިފަ އެވެ. އެގޮތުން:

  • އެ މައްސަލަ ނުހިނގައިގެން އުޅެނިކޮށް، އޭރު އިސްލާހުކުރި މާއްދާތަކަށް އިތުރު އަކުރެއް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު

  • މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވަނީ ތާވަލުކޮށްފައި

ތަފްސީލު - ގާނޫނުއަސާސީއަށް އޭރު ގެނައި އިސްލާހުގައިވާ ގޮތުން ހަތަރު ހާލަތެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1-

    ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން

  • 2-

    މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

  • 3-

    މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ އެ މެމްބަރު ޕާޓީން ވަކިކުރުން

  • 4-

    އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި އިސްލާހު ހުށަހެޅުއްވި ޝުޖާއު. (ފޮޓޯ/މަޖިލިސް)

ޝުޖާއުގެ އިސްލާހުގައި ހިމެނީ އެ ހަތަރު ހާލަތުގެ ތެރެއިން  ޕާޓީން އެ މެންބަރަކު ވަކިކުރާ ހާލަތުގައި، އެމީހަކު އިންތިހާބުވި ދާއިރާގެ ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނަގަން ޖެހޭ ގޮތަށެވެ. އަދި މެންބަރުކަން ގެއްލޭނީ، އެ ވޯޓުގައި އޭނާ ވަކިކުރަން އަގުލަބިއްޔަތު ލިބުމުން ކަމަށް އިސްލާހުގައި ބުނެ އެވެ. އެގޮތުން:

  • އެ ވޯޓުން އޭނާ މެންބަރުކަމުން ވަކިކުރަން ނުފެންނަކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުގައި ދެމިހުންނާނީ، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރެއްގެ ގޮތުގައި

  • އޭގެ ފަހުން، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އޭނާގެ މެންބަރުކަން ގެއްލޭނެ

މި އިސްލާހު އެހެން އޮތް ނަމަވެސް، މެންބަރަކު ޕާޓީން އަމިއްލައަށް ވަކިވުމުންނާއި އެހެން ޕާޓީއަކަށް ސޮއިކުރުމުން އަދި އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކޮށްގެން އޭނާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. އެ ހަލާތުގައި ފެންނަ ނުފެންނަ ވޯޓު ނަގަން ބިލުގައި ހިމަނާފައެއް ނުވެ އެވެ.

ގުޅުން ހުރި - ޕާޓީން ވަކިކުރާ ހާލަތުގައި ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާ ގޮތަށް ހަދަން އޭރު އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މީކާއިލް އަހްމަދު ނަސީމް ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް 77 މެންބަރުން ވޯޓާ އެކު އެ ހުށަހެޅުން އޭރު ބޭރުކޮށްލި އެވެ.

ކޮމެންޓް (4)

ސިކުނޑި

16 ނޮވެމްބަރު 2025
ދުސްތޫރަކީ، ގާނޫނު ހަދާ މަޖިލީހުން ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ! ކައިވަތެއް ދުރަށް ވިސްނުން ބަހައްޓަން ނޭނގެންޏާ އިސްތިއުފާ ދީފަ ގެއަށް ދާންއުޅޭ! މިވަރިކަމުގައި ދައުލަތުގެ ކަރާމާތް ނަގާލައި ދިވެހި ދައުލަތަކީ ވަކިމީހަކު މޮޑޭ ފުށްގަނޑަކަށް ހަދައިފި! މީގެ ރަހަ ވަރަށް ހިތިކޮށް ކަރުބުޑުގައި ލާނެ!
2 0

ތެފައާސާ.

16 ނޮވެމްބަރު 2025
އިންތިޚާބުކުރާ ރައްޔިތުންގެ ބަހެއް ނެތި މެމްބަރުންގެ ގޮނޑި ގެއްލުވައިލެވޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ގާނޫނުއަސާސީގައި ބުނާ، ބާރުތައް ފެށި އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށްބުނާ މަހުފޫމާއި އިދިކީލި އިސްލާހެއްކަމަށް އެންމެ ފަހުން އިއުތިރާފުވީކަން ރަނގަޅު. ދެރަކަމަކީ މި މައްސަލައިގައި ހަމަ މިހެން ވަކާލާތުކޮށް ސުޕްރީމްކޯޓަށް ހުށައެޅުމުން އެކޯޓުގެ ބެންޗު "ތަޅާ ތިރިއަރުވާލިކަން". ޔޫ ޓާރން ނެގުމަށް ކިޔާ ދިވެހި މިސާލުބަހެއް އޮންނަނަމަ ކިހާ ރަނގަޅުވީސް؟؟
2 0

ސިކުނޑި

16 ނޮވެމްބަރު 2025
@ތެފައާސާ. ކުރިން ބުނި އެތި ކެންސަލް
0 0

ދުރުމި

16 ނޮވެމްބަރު 2025
ޤާނޫނު ހަދާ މަޖީހުގެ މެމްބަރު ކަމުގެ ސަރުތުގައި އެންމެ ދަށް ވެގެން ޤާނޫނީ ދާއިރާއިން ޑިގްރީ އޮންނަން ޖެހޭނެ ކަމަށް ހަދާބަލަ .
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް