ބަންޑާރަނައިބު އަހުމަދު އުޝާމް. މާލިއްޔަތު ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި (ފޮޓޯ/ރައީސް އޮފީސް)

ގޮނޑި ގެއްލޭ އިސްލާހު މި މަޖިލީހަށް ވެސް ހިނގާނެ ކަމަށް ކަނޑައަޅަން ދައުލަތުން އެދިއްޖެ

މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކެއް ބަޔާންކޮށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ކަނޑައަޅަން ވެސް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައިވޭ

ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރު އޮތް މަޖިލީހަށް ވެސް ހިނގާނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ އޮފީހުން އެދިއްޖެ އެވެ.

ވީކިހިނެއް؟ - މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ އާ ހާލަތްތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިސްލާހު ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި އޭނާގެ ފަރާތުން ވަނީ އެ ހާލަތްތައް މިހާރު އޮތް މަޖިލީހަށް ނުހިނގާނެ ކަމަށް ކަނޑައަޅައިދޭން އެދިފަ އެވެ.

ސުޕްރީމް ކޯޓުން ބުނީ ބަންޑާރަ ނައިބުގެ އޮފީހުން އަލީގެ މައްސަލައަށް ރައްދު ލިޔުމުން ފޮނުވީ މިއަދު ކަމަށެވެ. އެ ލިޔުން މިހާރު ވަނީ އަލީއަށް ވެސް ފޮނުވައިފަ އެވެ. ލިޔުމުގައި ސޮއިކުރައްވާފައި ވަނީ ވެސް ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.

ތަފްސީލް - ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ތިން ކަމެއް ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އެ ތިން ކަމަކީ:

  • ގާނޫނުއަސާސީގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް

  • މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކެއް ބަޔާންކޮށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް

  • މިހާރު ހިނގަމުންދާ މަޖިލީހަށް ވެސް އެ ހާލަތްތައް ހިނގާނެ ކަމަށް

މިދިޔަ ބުރާސްފަތިދުވަހު ޖަވާބު ފޮނުވަން ދިން މުއްދަތު ހަމަވާން އުޅެނިކޮށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ މުއްދަތު އިތުރުކޮށްދޭން އެދިފަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ޖަވާބު މި ފޮނުވީ، ސުޕްރީމް ކޯޓުން އިތުރުކޮށްދިން މުއްދަތުގެ ތެރޭގަ އެވެ.

މަޖިލިހަށް ބިލް ވެއްދި ދުވަހު ފާސްކޮށް އަދި ރައީސް މުހައްމަދު މުއިއްޒު ހަމަ އެ ދުވަހުގެ ރޭ ތަސްދީގުކުރެއްވި އިސްލާހުގައި މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެ ހަތަރު ހާލަތަކީ:

  • ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން

  • މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

  • މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން

  • އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން

ބުނީ ކީކޭ؟ - މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހު ނުހިނގާނެ ގޮތް ހަދައިދޭން އެދޭ ސަަބަބެއް ކަމަށް މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހުފޫޒް ސައީދު ވިދާޅުވެފައިވަނީ:

  • އެ އިސްލާހު ގެނައި އިރު އެ މެމްބަރަކީ މަޖިލީހަށް ކުރިމަތިލައިގެން ހޮވިފައިވާ މީހަކަށް ވުމުން އޭނާގެ މައްޗަށް އެ އިސްލާހު ހިންގުން އެއީ ކުރެވިގެންވާނެ ކަމެއް ނޫން 

  • އޭނާ މަޖިލީހަށް ހޮވައިދޭށޭ ބުނެ ރައްޔިތުން ކުރިމައްޗަށް ދިޔަ އިރު މި އިސްލާހެއް ނެތް 

  • އޭނާއަށް ވޯޓުދިން ރައްޔިތުން ވޯޓުދިނީ އޭނާއަކީ އެ ރައްޔިތުން ތަމްސީލުކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް މަޖިލީހުގައި އިންނާނެ މީހާ ކަމަށް ބަލައިގެން

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލަ ކުރިއަށް ގެންދަން ނިންމައި، މައްސަލަ ނިމެންދެން ގާނޫނުއަސާސީގެ އިސްލާހަށް އަަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަަށަން ކުޑަތަން ވެފައި ވަނިކޮށް، ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ:

  • ހުސްނުއްސުއޫދު

  • މަހާޒު އަލީ ޒާހިރު

  • ޑރ. އަޒްމިރަލްދާ ޒާހިރު

މިދިޔަ 26 ފެބްރުއަރީގައި ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ފަހު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ގެންދަނީ ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންގެ ތެރެއިން ސުއޫދު ވަނީ މިދިޔަ ހަފުތާ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި މިހާރު ތިއްބެވީ ހަތަރު ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން، ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. ނަތީޖާއަކީ މިހާރު އޮތް މައްސަލަ ކުރިއަށް ނުގޮސް ހުއްޓުމެވެ.

ފާހަގަކޮށްލެވޭ ކަމެއް - ފަނޑިޔާރުން ސަސްޕެންޑްކުރުމުގެ ކުރިއަށް، ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ގެނެސްފަ އެވެ. ބިލު މަޖިލީހަށް ހުށަހެޅިތާ ތިން ދުވަސް ތެރޭގައި މަޖިލީހުން ފާސްކުރި އިރު ބިލު އަދި ތަސްދީގެއް ނުކުރެ އެވެ.

ކޮމެންޓް (2)

ސިކުނޑި

10 މާރިޗު 2025
އުޝާމުދެން އިސްތިއުފާ ދެންވަންވީނު! ހެދޭ ނެހެދޭއެއް ކިޔޭ ނުކިޔޭއެއް މިހާރު ނޭނގޭ ނޫންތޯ؟ ބަންޑާރަ ނާއިބު ތިވަރުގެ ކަމެއްގައި އެދުނީތީ ހިތާމަކުރަން! ސަރުކާރުން ނުފޫޒު ނުފޯރުވާ ޝަރުއީ ނިޒާމުގައި ޢަދުލެއްވެސް އިންސާފެއްވެސް ނެތް! އޮތީ ހަމައެކަނި ބައެއްގެ ކޮށި ވިސްނުން!!
3 0

ތެފައާސާ.

10 މާރިޗު 2025
ހެޔޮނުވާނެއޭ ދައުލަތުން އެދޭގޮތަކަށް ނިންމައި ހުކުމް ޖަހާލަދޭށޭ އެހެން ނޫނީ ބާކީ ތިބި ފަނޑިޔާރުންވެސް ސަލާމަތް ނުވެދާނެޔޭ 22 އަހަރު ކުރިން ފެންބުއިއިރު ބިސްމި ނުކިޔާ މައްސަލައެއް ސުލޫކީ ފެންވަރުގައި ބަލަން ފަށައި ސަސްޕެންޑުކޮށްފާނެޔޭ.
5 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް