އެޓާނީ ޖެނެރަލް އޮފީހުގައި ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އަހުމަދު އުޝާމް

ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނަނީ ދޮގެއް؛ ދިން މުއްދަތުގައި ޖަވާބުދާރީވިން: އުޝާމް

ސުޕްރީމް ކޯޓުގެ އެންގުމަކާ އެއް ގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށް އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅަައި އޭނާއަށް ފިޔަވަޅު އަޅައިދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސައިން ވަނީ އެދިފައި. ނަމަވެސް އުޝާމް ވަނީ އެކަން ދޮގުކުރައްވާފައި

ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ޖަވާބުދާރީ ވެވަޑައިގަތް ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ އެންގުމަކާ އެއް ގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށް އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅަައި އޭނާއަށް ފިޔަވަޅު އަޅައިދޭން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސައިން ވަނީ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

ސުޕްރީމް ކޯޓަށް ގާނޫނުއަސާސީގެ މައްސަލަ ވެސް ހުށަހެޅުއްވި އޭނާ އެވެ.

އަލީ ހުސައިން އެދިވަޑައިގަތީ ކޯޓުން އަންގާ އެންގުންތަކަށް އަމަލުނުކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަން، ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، އެ މާއްދާގެ ދަށުން ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅިގެން އުޝާމް މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް ފިޔަވަޅު އަޅަން މައްސަލައެއް ހުށަހެޅީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.

"ތިޔަ ބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ވާނީ ކޮށްފައި،" އުޝާމް ވިދާޅުވި އެވެ.

"އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން."

އަލީ ހުސައިން ފަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްމީ ބަންދު ދުވަސް ނުހިމެނޭ ގޮތަށް ގުނައިފި ނަމަ އެ މައްސަލައިގައި ޖަވާބުދާރީވާން ދިން މުއްދަތު މިއަދު ރަސްމީ ގަޑީގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

އެ މުއްދަތު 28 ފެބްރުއަރީއަށް ހަމަވާނީ ރަސްމީ ބަންދު ދުވަސްތައް ހިމެނޭ ގޮތަށް މުއްދަތު ގުނުމުންނެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވޭ ގޮތަށް ހުއްޓުވީ ތިން ފަނޑިޔާރަކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސަސްޕެންޑްކޮށްގެންނެވެ.

ބަންޑާރަ ނައިބު އުޝާމާއި ސަރުކާރު އިސް ބޭފުޅުން ވެސް ތިއްބަވާ ކޮމިޝަނުން ފަނޑިޔާރުން ސަސްޕެންޑްކުރީ ވެސް، މަޖިލީހުގެ ގޮނޑި ގެއްލޭ އިޖުރާތަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފެށުމަށް ކުޑަ ތަން ވެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގައި މިހާރު ސަސްޕެންޝަނުގައި ނެތް ފަނޑިޔާރުންގެ އަދަދަކީ ހަތަރެކެވެ. ކޯޓުތަކުގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކަށެވެ.

ސަސްޕެންޑްކުރި ފަނޑިޔާރުންނަކީ އަޒްމިރަލްދާ ޒާހިރު، މަހާޒު އަލީ ޒާހިރު އަދި ހުސްނުއްސުއޫދެވެ. ސުއޫދު ވަނީ މިދިޔަ އަންގާރަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ވެސް ދެއްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް