އައްޑޫގެ މޭޔަރު އަލީ ނިޒާރު އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި (ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް)

ހުޅުމީދޫ ވަކިވުން ހިތްދަތި، އެކަމަކު ގުޅުން ގޯހެއްނުވާނެ: އައްޑޫ މޭޔަރު

ހުޅުދޫ އާއި މީދޫ ވަކި ރަށު ކައުންސިލްތައް ހިންގަމުން ވެސް އައްޑު އަތޮޅުގެ ގުޅިގެން މަސައްކަތްކުރަން ވާނެ ކަމަށް މޭޔަރު ނިޒާރު ވިދާޅުވި
25 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ އާއި މީދު ވަކިވެގެން ދިއުމަކީ ހިތްދަތި ކަމެއް ކަމަށާއި ނަމަވެސް އަތޮޅުގެ ކުރިއެރުމަށް އެހެން ރަށްރަށާ އެކު ގުޅުން ގޯސްނުކޮށް ބޭއްވުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް، އައްޑޫގެ މިހާރުގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - އެ އަތޮޅު ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫން މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވޯޓުލީ މީހުންގެ އަގުލަބިއްޔަތުން ނިންމީ އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަށެވެ. ހުޅުދޫ އާއި މީދޫގެ އިތުރުން އެ ވޯޓު ބޭއްވީ ފޭދޫގަ އެވެ.

ވޯޓު ނިމިގެން ދިޔަ ގޮތަކީ:

  • ފޭދޫގެ ގާތްގަނޑަަކަށް %75 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް

  • މީދޫގެ ގާތްގަނޑަކަށް %85 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް

  • ހުޅުދޫގެ ގާތްގަނޑަކަށް %69 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް

ބުނީ ކީކޭ؟ - ނިޒާރު ފޭސްބުކްގައި ލިއުއްވީ އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށާއި މިއީ ދެކެން ބޭނުން ވި ހާލަތެއް ނޫން ކަމަށެވެ. ނަމަވެސް އައްޑޫ ހުޅުދޫ އަދި މީދޫގެ ނިންމުމަށް އިހްތިރާމް ކުރައްވަމުން މަރުހަބާ ދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"... އަދި ހުޅުދޫ އަދި މީދޫގެ އިދާރީ ވަކި ވުމަކީ އެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއް ކަމަށް އުއްމީދު ކުރަން،" އައްޑޫ ހިތަދޫއަށް އުފަން ނިޒާރު ލިއުއްވާފައިވެ އެވެ.

ނިޒާރު ވިދާޅުވީ އިދާރީ ގޮތުން ވަކިވެގެން ދިޔަ ނަމަވެސް މުޅި އަތޮޅުގެ ކުރިއެރުމާއި ތަރައްގީއަށް ކުރިއަށް ވުރެ ގަދަކޮށް އެއްކޮށް ނުކުމެ މަސައްކަތް ކުރުމަށް ކަމަށް ގޮވާލައްވާ ކަމަށެވެ.

"އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާއި އަޅުގަނޑުމެންނާ އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަހްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނޫން،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މޭޔަރު ނިޒާރު ވިދާޅުވި އެވެ.

ނިޒާރުގެ މޭޔަރުކަމުގައި މިދިޔަ ފަސް އަހަރުދުވަހުގެ ތެރޭ ވެސް ހުޅުދޫ އާއި މީދޫއާ ރައްޔިތުންނާ މެދު ތަފާތުކުރުމެއް ގެންގުޅެފައި ނޯންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ނުގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ކައުންސިލްގައި ދެމިތިބެން ފޭދޫގެ ރައްޔިތުން ނިންމި ނިންމުމަށް ނިޒާރު ޝުކުރު ދެންނެވި އެވެ.

"ތިޔަ ރައްޔިތުން އައްޑޫ ސިޓީގައި ދެމިތިބުމަށް ތިޔަ ނިންމި ނިންމުމަކީ މި އަތޮޅުގެ ތަރައްގީ އާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި އަދި އުއްމީދު ކުރެވުނު މުހިންމު ނިންމެވުމެއް،" ނިޒާރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ ސިޓީ ކައުންސިލް މިހާރު މި އޮތް ގޮތަށް އެކުލަވާލީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 9 އޮކްޓޯބަރު 2010ގަ އެވެ. އޭރު ސިޓީއެއްގެ ލަގަބު ދެނީ ރަށެއްގައި ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދެއްގައި މަދުވެގެން 25،000 މީހުން ހަމަވާނަމަ އެވެ.

އޭރު ވެސް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށްފަހު ވެސް، ސިޓީ ކައުންސިލް އެކުލަވާލަން ނިންމީ ވެސް ސިޓީ އެކުލަވާލެވޭ އާބާދީ ހަމަވަނީ މުޅި އަތޮޅު އެއްވެގެން ކަމަށް ވާތީ އެވެ. އޭރުގެ ނަތީޖާއަކީ:

  • ސިޓީ ކައުންސިލެއް ހެދުމަށް އޭރު ތާއީދުކުރީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުދޫން

  • އޭރު ސިޓީ ކައުންސިލް ހެދުމަށް ދެކޮޅު ހެދީ ފޭދޫ އާއި މީދޫން

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީގެ ލަގަބު ދިނުމަށް، ގާނޫނަށް ގެނައި ބަދަލާއެކު މިހާރު 10،000 މީހުން ރަށެއްގައި ހަމަވާ ނަމަ ސިޓީގެ ލަގަބު ދެ އެވެ. ހިތަދޫގައި އެކަނި އެ އާބާދީ ހަމަވިއަސް، އައްޑުއަށް މިދިޔަ ސަރުކާރުތަކުން އެއްވެސް ބަދަލެއް ނުގެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް