ޑރ. ހަސަން ސައީދު: އޭނާ އަންނަނީ އައްޑޫގައި ޓޫރިޒަމްގެ ބިޔަ މަޝްރޫއުއެއް ހިންގަވަމުން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ހަސަން ސައީދު ފޭދޫ ރައްޔިތުންގެ ފަރާތުން އެދެނީ ބައިބައިނުވުމަށް

ބައިބައިނުވެ ރަށާއި އަތޮޅުގެ ތަރައްގީ މުހިންމުކަމުގެ މިސާލު ދެއްކެވީ އޭނާ އިސްވެ ހުންނަވައިގެން ފޭދޫގައި މިހާރު ތަރައްގީކުރަމުން އަންނަ ޓޫރިޒަމް މަޝްރޫއު
19 އޮކްޓޯބަރު 2025
8

އައްޑު އަތޮޅުގެ ފޭދޫ ހިމެނޭހެން ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމުގެ ބަދަލުގައި އެކަމަށް ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ، ބިނާކުރަނިވި ކަންކަމަށް ހޭދަކޮށް، ގުޅިގެން މައްސަލަތަކަށް ހައްލު ހޯދައި، އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދު، ފޭދޫ ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރުދުވަހު ފެންނަ ނުފެންނަ ވޯޓު ނަގަނީ އައްޑޫ ފޭދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، އައްޑޫގެ ހަ ރަށުގެ ތެރެއިން މި ތިން ރަށުގައި މި ވޯޓު ނަގަން ނިންމީ އެ ގޮތަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށްރަށުގެ ބައެއް ފަރާތްތަކުން ސަރުކާރަށް ހުށަހަޅާފައި ވާތީ އެވެ.

ބުނީ ކީކޭ؟ - އެ ވޯޓާ ދިމާކޮށް ހަސަން ސައީދު ވަނީ ފޭދޫ ރައްޔިތުންނަށް އެޑްރެސްކޮށް، ދިގު ސިޓީއެއް ހިއްސާކުރައްވާފަ އެވެ.

އެ ސިޓީގައި އޭނާ މައިގަނޑު ގޮތެއްގައި އަލިއަޅުވާލެއްވީ ފޭދޫގައި އޭނާ އިސްވެ ހުންނަވައިގެން ތަރައްގީކުރަމުން އަންނަ ޓޫރިޒަމް ޒޯނާއި އައްޑޫގައި މިހާރު އަމިއްލަ ފަރާތްތަކުންނާއި  ސަރުކާރުން ހިންގަމުން އަންނަ، ނަމަވެސް ވާނުވާ ނޭނގި ހުއްޓިފައި ހުރި މަޝްރޫއުތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއް ނުވަތަ އަތޮޅެއްގައި ވެސް އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު މަޝްރޫއު ހިންގަނީ އައްޑު އަތޮޅުގަ އެވެ. އެއީ 1،000 ޓޫރިސްޓު އެނދު އުފެއްދުމުގެ މަސައްކަތެވެ.

އެކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަދި އެންމެ ގިނަ ޓޫރިސްޓު އެނދާއި ހިދުމަތް ގާއިމްކުރަން މަސައްކަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ކުރިއަށް އޮތް ވޯޓާ މެދު ހަސަން ސައީދުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.

ފޭދޫގެ އިތުރުން މީދު އާއި ހިތަދޫގެ ޓޫރިޒަމް ޒޯނުގައި ވެސް އޭނާގެ ބައިވެރިން އަންނަނީ ގިނަ އަދަދެއްގެ ޓޫރިސްޓު އެނދާއި ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ބޭރު ގައުމުތަކުން ގަމަށް ސީދާ ފްލައިޓުތައް ގެނައުމުގެ އަމާޒުގައި އަތޮޅުގެ ބެޑް ކެޕޭސިޓީ ދެ ގުނަކޮށް، ގަމަށް އަންނަ ފަތުރުވެރިން ކަނޑާއި ވައިގެ މަގުން ފުވައްމުލަކާއި ހުވަދު އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ގެންދެވޭނެ ގޮތަކަށް ދަތުރުފަތުރުގެ އިންތިޒާމު ހަމަޖައްސަން އަމިއްލަ ކުންފުނިތަކާއި ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ މަސައްކަތަށް ގިނަ ގޮންޖެހުންތަކެއް ހުރިއިރު، ހަސަން ވިދާޅުވީ އެކަންކަމަށް ހައްލު ހޯދަން ދައުލަތުގެ އިދާރާތަކާ ވަރަށް ގާތުން އޭނާ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"މި ބުރަ މަސައްކަތުގައި އުޅޭއިރު ރަށާއި ސިޓީ ކައުންސިލްގެ އިހުތިސާސާއި އިދާރީ އޮނިގަނޑު ބަދަލުކުރުމުގެ ގޮތުން މި މަހުގެ 25 ވަނަ ދުވަހު ބާއްވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެ އެވެ،" އެ ސިޓީގައި އޭނާ ވިދާޅުވި އެވެ.

ތަފްސީލު - ހަސަން ފާހަގަކުރެއްވި މައިގަނޑު ގޮންޖެހުންތަކަކީ:

  • 200 މިލިއަން ރުފިޔާގެ ލޯނު ހުއްޓުން - މިއީ 1،000 ޓޫރިސްޓު އެނދު އުފައްދަން ސަރުކާރާއި ބީއެމްއެލް އާއި ހަސަން ސައީދުމެންގެ ކުންފުނިން ސޮއިކޮށް، އެއްބަސްވެފައިވާ ލޯނެއް ނަމަވެސް ލޯނުގެ ކަންކަން ވަނީ ވަކި ސަބަބެއް ނޭނގި، މަޑުޖެހިފައި

  • ސާވިސް އައިލެންޑުގެ ގޮތުގައި ސަވާހިލި ކުރިއަށް ނުދިއުން: ސަވާހިލި ރާވާފައި އޮތީ ފަތުރުވެރިންނަށް ޕްރައިވެސީއާ އެކު ހިދުމަތް ދެވޭ ސާވިސް އައިލެންޑެއްގެ ގޮތުގައި ހަމަޖައްސަން ނަމަވެސް އެކަން އޮތީ ހުއްޓިފައި؛ ފޭދޫ ޓޫރިޒަމް ޒޯނު އޮތީ ރަށުގެ ފުއްޓަރު ފަރާތުގައި، ބީޗެއް ވެސް ނެތް ސަރަހައްދެއްގައި ކަމަށް ވުމާ އެކު ސަވާހިލި ތަރައްގީނުވާ ނަމަ ޓޫރިޒަމް ޒޯނާއި ގެސްޓުހައުސްތައް ހިންގަން ގޮންޖެހުންތަކެއް ކުރިމަތިވާނެ

  • ޓޫރިޒަމް ޒޯނުގެ ފެނާއި ނަރުދަމާ - ފޭދޫ ޓޫރިޒަމް ޒޯނުގެ ބައެއް ހިދުމަތްތައް އަންނަ ފިތުރު އީދަށް ހުޅުވަން ތައްޔާރުވާއިރު ފެނާއި ނަރުދަމާގެ ހިދުމަތް ނެތްއިރު، އެ މަސައްކަތް ކުރާނެ މާލީ ހާލަތު ފެނަކައިގައި ނެތްކަން އެ ކުންފުނިން ވަނީ އަންގާފައި؛ އެހެންވެ ސިޓީ ކައުންސިލާއި ހަސަން ސައީދުމެންގެ ކުންފުނި ގުޅިގެން އެ މަސައްކަތް ކުރަން އެއްބަސްވެފައި އޮއްވާ ފޭދޫ ވަކި ތަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެ މަޝްރޫއު މެދުކެނޑޭނެ

  • ޓޫރިޒަމް ޒޯނުގެ އިންފާރު - ފޭދޫ ޓޫރިޒަމް ޒޯނާއި ރަށާ ގުޅިފައި އޮންނާތީ އެ ތަނުގެ ސަލާމަތަށް އިންފާރެއް ރާނަން ޖެހޭ؛ އެކަން ކުރަން ވެސް ސިޓީ ކައުންސިލާ އެކު އެއްބަސްވެފައިވާއިރު، ފޭދޫ ވަކިން ހިންގާ ތަނަކަށް ހަދައިފި ނަމަ އެ މަޝްރޫއު ވެސް މެދުކެނޑޭނެ

  • ކުއްޔަށް ދީފައިވާ ޓޫރިޒަމް ބިންތަކުގެ އިހްތިސާސް އޮތީ ސިޓީ ކައުންސިލްގައި - އެހެންކަމުން ފޭދޫ ވަކި ތަނެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އާ އެއްބަސްވުންތަކެއް ހަދަން ޖެހި، އެ އެއްބަސްވުންތައް ވުމުގެ ކުރިން މާލީ އެއްވެސް އިދާރާއަކުން އެ ޒޯނާ ގުޅޭ ކަމަކަށް ލޯނު ނުދޭނެ؛ މިއީ ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމެއް

  • ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލީގައި ބީޗު ތަރައްގީކުރަން ނިންމާފައި އޮތްއިރު، އެކަމަށްޓަކައި ހެދި އީއައިއޭ ރިޕޯޓު އޮތީ ބަދަލުކުރަން ޖެހިފައި؛ ފޭދޫ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފި ނަމަ އެކަން ވެސް މަޑުޖެހޭނެ

  • އިންވެސްޓަރުންގެ އިތުބާރު ގެއްލުން

އައްޑޫ ސަވާހިލި މަތިން. (ފޭސްބުކް ފޮޓޯ/އަލީސް ކެޕްޗާ)

އެއީ "އަތޮޅުގެ އަދުގެ ހަގީގަތް" ކަން ފާހަގަކުރައްވައި، އަތޮޅުގެ ތަރައްގީއަށް ބަޔަކު ބޮޑެތި ގުރުބާނީތަކެއް ވަމުން އަންނައިރު، ގުޅިގެން ހައްލު ހޯދުމުގެ ބަދަލުގައި އަވަށާއި މީހުން ޖެހި، ޒުވާބުކޮށް، މާރާމާރީ ހިންގާ ހިސާބަށް ގެންދަން އުޅެނީ ކޮން ކަމެއް ނުވެގެންތޯ ހަސަން ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިއަދު ބައިބައިވުމަށް އަޅުގަނޑުމެން ތި ހޭދަކުރާ ވަގުތާއި ފައިސާ އާއި ހަކަތަ ބިނާކުރަނިވި ކަންކަމަށް ހޭދަކުރަމާތޯ އެވެ؟" ފެންނަ ނުފެންނަ ވޯޓާ މެދު ހަސަންއަށް ފެނިވަޑައިގަންނަވާ ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ، ވަތަނީ، ޒާތީ ތައައްސުބު އެއްކިބާކޮށް، މި މަހުގެ ފަހުކޮޅު ރައީސް މުހައްމަދު މުއިއްޒު އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ބަންދުކޮށްފައި ހުރި ރިސޯޓުތައް ހުޅުވުމުގައި އެހީތެރިވެދިނުމަށާއި ގެސްޓުހައުސްތަކަށް އެއްބަސްވި ލޯނު އަވަސް ކޮށްދިނުމަށާއި ސާވިސް އައިލެންޑެއްގެ ގޮތުގައި ސަވާހިލި ހަމަޖެއްސުމުގެ ހުއްދަ ދެއްވުމަށާއި ބޭރުން ގަމަށް ފްލައިޓް ގެނައުމުގައި އެއާލައިންތަކަށް ބޭނުންވާ ލުއިތައް ދިނުން ފަދަ ކަންކަމަށް އެދެމާތޯ އެވެ؟"

އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދު އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.

މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، މި މަހުގެ 25ގައި އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

ކޮމެންޓް (8)

މަރިޔަމް ދީދީ

20 އޮކްޓޯބަރު 2025
ހަސަންސައީދުމެން، ކުއްޓި ނަޝީދުމެން، ކިޔަވައިގެން ތިބި މީހުންގެ ފިނޑިކަމު މި ހާލަތަށް ވެއްޓުނީ. ޕްރައިވެޓް ޕްރެކްޓިސް ތެރެއަށްގޮސް ފިލީމާ ގައުމު މި ހާލަތަށް ދިޔައީ. އެއްވެސް ވާހަކައެއް ދައްކާނެ ޖާގައެއް ނެތް.
1 1

މުހައްމަދު ވަހީދު

20 އޮކްޓޯބަރު 2025
މި ވޯޓު ނަގާތީ އެންމެ ކަންބޮޑުވާ ކަމަކަށް ފެނުނީ ވިޔަފާރިއަށް ގެއްލުންވުންތަ؟ އައްޑޫ ބައިބައިކޮށްގެން އަޑޫގެ ރައްޔިތުންގެ ހައްގުގައި ސަރުކާރާ ނެގޯޝިއޭޓްކުރާނެ ބާރު ކަންޑުވާލަން އުޅޭތީ ކަންބޮޑެއް ނުވޭތަ؟ ބައިބައިކޮށްގެން ލޯކަލް ކައުންސިލް އިންތިހާބުގައި ނުފޫޒުފޯރުވަން ފަސޭހަވާނެހެން މަގުފަހިކުރަން އުޅޭތީ އެއްޗެކޭ ނުބުނާނަންތަ؟ ދިވެހިރާއްޖޭގައި ސިޔާސީ ދާއިރާއިން އެންމެ ކުރިން، އެންމެ ރަނގަޅަށް ކިޔަވައިގެން ހުރި، އެންމެ ތަޖުރިބާ ގިނަ އެކަކު ހަސަންސައީދަކީ. ސަޗް އަ ޑިސަޕޮއިންޓްމަން.
4 0

ހަސަނާ@

20 އޮކްޓޯބަރު 2025
ތިޔަ ހަސަނަކީ، ތިޔަބުނިހެން މައުމޫނު ވެރިކަމުން ބާލަންވެގެންވެސް ދޮގާ އޮޅުވާލައިގެން އުޅުނު ދޮގުހަދާ މީހެއް. އަނެއްކާ އެއުޅެނީ، އޭނަގެ ވިޔަފާރިއަށް ބުުރުލެއްއަރާފާނެތީޔޯ؟ އެކަމަކު ސަރުކާރަކުން ހަސަންސައީދުކިޔާ މީހަކާ އަޅައިގަނެގެނެއް ނޫޅޭ. އެދެން ކާކުމިހާރު. މީހަކަށް ނޭނގެ އޭނައުޅޭކަމެއްވެސް
2 5

އަސްލަމް ޝާކިރު

20 އޮކްޓޯބަރު 2025
ކޮންސްޓިޓިއުޝަނަލް ލޯ އާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޕީއެޗްޑީ ތީސިސް ފޯކަސްކުރެއްވި، ދިވެހިރާއްޖޭގެ ބަންޑާރަނައިބުކަން ކުރައްވި، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައިވާފައިވާ ބޭފުޅަކު، ކޮންކްރީޓު ތަރައްގީއާއި، އަމިއްލަ މަސްލަހަތުއޮތް ވިޔަފާރިއަށް ބުރުއަރާނެއޭ ވިދާޅު ރައްޔިތުން ކައިރީ އާދޭސްކުރީމައި، ވަރަށް ލަދުވެތި އިނގޭތޯ.
3 3

ކޯޕަރޭޓް ހަސަނު

19 އޮކްޓޯބަރު 2025
އިދާރީ އޮނިގަނޑާއިގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލުހޯދުމަކީ ވިޔަފާރިވެރިންގެ ވިޔަފާރި ހުއްޓެންޖެހޭ ސަބަބެެއްނޫން! ޑީލު ކަޓަނީބާ؟؟؟
6 5

ސޯބެ

19 އޮކްޓޯބަރު 2025
މީ މިހާރު ކޮންތަނަކުން ފާޅުވެގެން އުޅޭމީހެއް. އަނގަ ހުޅުވަން ލަދެއް ނުގަނޭތަ.
5 5

ޙަސަނާ

19 އޮކްޓޯބަރު 2025
ތިޔައީ އަމިއްލަ އެދުމުން ފުރިގެންވާ ވާހަކަތަކެއް. ފޭދޫގެ ރައްޔިތު މީހާގެ ވިސްނުމެއްނޫން ތިޔައީކީއެއް. ފޭދޫ ރައްޔިތު މީހާއަށް ފައިދާވާނެ ގޮތަކީ ފޭދޫގެ ކަންކަން ފޭދޫ ކައުންސިލުން ނިންމުން. ބޯދުވަރު ތިއީ ހަސަނާ. މިވަރު ސާފް ކަމެއްގަ ހޮޅިވާހަކަ ތިދައްކަނީ ޕީއެޗްޑީ ފާހަށްވެސް ހުތުރު
6 6

ފަންޖާސަރާ

19 އޮކްޓޯބަރު 2025
ޙަސަން ސައީދު މައުމޫނު ވެރިކަމުން ބާލަންވެސް ތިފަދަ ދޮގުތައްހެއްދެވި. އަމިއްލަ މަސްލަހަތު އިސްތިކުރަައްވަނީ، ފާހަގަކުރެއްވި ކަންކަން ހަމަ ރަށުކައުންސިލެއް އޮވެގެންވެސްވާނެ.
3 8

އިތުރު އާޓިކަލް

އިތުރު އާޓިކަލް