އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް؛ ފޭދޫގެ ނިންމުމަށް ވަރަށް ބޮޑަށް ތައުރީފުކުރެއްވި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފޭދޫގެ ނިންމުން ހިކުމަތްތެރި، ހުޅުމީދޫ އަމިއްލައަށް ކުރިއަރާނެ ކަމަށް ދެކެން: ފައްޔާޒު

އައްޑޫ އެ ގޮތެއްގައި ވަރުގަދަކޮށް ތިބެން ޖެހޭނެ ކަމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ގުޅިގެން ތިބުމުގެ މުހިންމުކަން ވިސްނިގެން ނިންމި ނިންމުމެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވި
25 އޮކްޓޯބަރު 2025

އައްޑު އަތޮޅު ފޭދޫގެ ބޮޑު މެޖޯރިޓީއަކުން، އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ދެމިއޮތުމަށް ނިންމި ނިންމުމަކީ ވަރަށް ހިކުމަތްތެރި ދުރުވިސްނޭ ވިސްނުމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ފޭދޫގެ އިތުރުން، އެ އަތޮޅު ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫއާއި މީދޫގައި ރަށު ކައުންސިލެއް ހެދުމަށް ނެގި ވޯޓު ނިމިގެން ދިޔަ ގޮތަކީ:

  • ފޭދޫގެ ގާތްގަނޑަަކަށް %75 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް

  • މީދޫގެ ގާތްގަނޑަކަށް %85 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް

  • ހުޅުދޫގެ ގާތްގަނޑަކަށް %69 ވޯޓު ލިބުނީ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ކަމަށް

ބުނީ ކީކޭ؟ - މިއަދު ކުރިއަށް ދިޔަ ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން ފައްޔާޒު އެކްސްގައި ލިއުއްވީ އެއްބައިވަންތަ އެއް އައްޑޫއެއް ގޮތުގައި ދެމިތިބުމަކީ މުޅި އަތޮޅުގެ ކުރިމަގަށްޓަކައި އެންމެ ހަމަޖެހޭ، އަދި އެންމެ އެންމީދީ މަގު ކަން ފޭދޫން ގަބޫލުކޮށްފައިވާ ކަމަށެވެ.

"ފޭދޫގެ ރައްޔިތުން ވަރަށް ހިކުމަތްތެރިކަމާއެކު ދުރަށް ވިސްނައިގެން ވިސްނުންތެރިކަމާއެކު ނިންމި ނިންމުމެއް. ވަރަށް ބޮޑަށް މަރުހަބާ،" ފައްޔާޒު ލިއުއްވާފައިވެ އެވެ.

ހުޅުދޫ އާއި މީދޫން ވެސް އެ ދެ ރަށުގައި އަމިއްލަ ރަށު ކައުންސިލެއް އުފައްދައިގެން އަމިއްލަ ނިންމުންތައް ނިންމަން ނިންމި ނިންމުމަށް ވެސް މަރުހަބާ ދަންނަވާ ކަމަށް ފައްޔާޒު ލިއުއްވި އެވެ.

"އެ ދެ ރަށުން ވެސް ދެ ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ދެކެމުން އަންނަ ހުވަފެންތަކުގައި، ރަށުގެ އަމިއްލަ މިނިވަން ޕްލޭނަކާއި ޓާމްތަކުގެ ތެރެއިން، ކުލަޖައްސަމުން ދެވޭނެ ކަމަށް އުންމީދުކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ ސިޓީ ކައުންސިލް މިހާރު މި އޮތް ގޮތަށް އެކުލަވާލީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 9 އޮކްޓޯބަރު 2010ގަ އެވެ. އޭރު ސިޓީއެއްގެ ލަގަބު ދެނީ ރަށެއްގައި ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދެއްގައި މަދުވެގެން 25،000 މީހުން ހަމަވާނަމަ އެވެ.

އޭރު ވެސް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށްފަހު ވެސް، ސިޓީ ކައުންސިލް އެކުލަވާލަން ނިންމީ ވެސް ސިޓީ އެކުލަވާލެވޭ އާބާދީ ހަމަވަނީ މުޅި އަތޮޅު އެއްވެގެން ކަމަށް ވާތީ އެވެ. އޭރުގެ ނަތީޖާއަކީ:

  • ސިޓީ ކައުންސިލެއް ހެދުމަށް އޭރު ތާއީދުކުރީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ހުޅުދޫން

  • އޭރު ސިޓީ ކައުންސިލް ހެދުމަށް ދެކޮޅު ހެދީ ފޭދޫ އާއި މީދޫން

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުވައްމުލަކަށް ސިޓީގެ ލަގަބު ދިނުމަށް، ގާނޫނަށް ގެނައި ބަދަލާއެކު މިހާރު 10،000 މީހުން ރަށެއްގައި ހަމަވާނަމަ ސިޓީގެ ލަގަބު ދެ އެވެ. ނަމަވެސް އައްޑުއަށް ސަރުކާރުތަކުން ބަދަލެއް ނުގެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް