އައްޑޫ ސިޓީ ސްކޮޔާ މަތިން ފެންނަ ގޮތް: އައްޑޫގެ ހުޅުދޫ، މީދޫ އަދި ފޭދޫ ވަކިވުމުގެ ވޯޓް މި މަހު 25ގައި އަހާނެ.

އައްޑޫ ވޯޓަކީ ނުރައްކާ ފެށުމެއް: މުޅި ރާއްޖެ ބައިބައިވުމުގެ ރޫހަކަށް

ޒަމާނުއްސުރެ ހުޅުދޫ އާއި މީދޫގެ ބައެއް ރައްޔިތުން އައްޑޫ ސިޓީން ވަކިވުމުގެ ރޫހެއް ގެންގުޅުނު ނަމަވެސް ސަރުކާރުންތަކުން އެގޮތަށް ދީލައިލާފައި ނުވަނީ އެއީ ބޮޑު މަސްލަހަތު އެކަމުގައި އޮތީ އެގޮތަށް ނުވާތީ ކަމަށް
12 އޮކްޓޯބަރު 2025
6

މި މަހުގެ 25 ވަނަ ދުވަހު އައްޑޫގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ނަގާ ވޯޓަކީ އާދައިގެ ކުޑަ ވޯޓެއް ނޫނެވެ. މި ސަރުކާރުން އަލަށް ވުޖޫދުކުރި، އާންމުންގެ ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ވެސް ނަގާ ވޯޓުން ނިކުންނަން އޮތް ނަތީޖާ ވަރަށް ނުރައްކަލެވެ. 

މި ވޯޓަކީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކިވެގަތުމުގެ ރޫހެއް އުފައްދައިދޭނޭ ވޯޓަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"ދެން އަނެއް ދުވަހު ހުޅުމާލޭން ބަޔަކު ބުނެފާނެ އަހަރުމެން ދެން މާލޭގެ ދަށުގައި އޮންނާކަށް ބޭނުމެއް ނޫނޭ. ވޯޓަކަށް އަހައިދޭށޭ. ވަކި ރަށެއްގެ ގޮތުގައި ވަކި ކައުންސިލެއް އޮންނާށޭ އަހަރެމެން ބޭނުން ވަނީ،" ކަންބޮޑުވުން ފާޅުކުރި ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

"ދެން އެކި ސަރަހައްދުތަކުގައި ވަކިވެ ގަތުމުގެ ވޯޓްތަކެއް ނަގަން ޖެހިދާނެ. މި ވޯޓް މިސާލަކަށް ބަލައިގެން." 

އައްޑޫގެ ހުޅުދޫ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ)

ވަޒީރުންގެ މަޖިލީހުން ނިންމައިގެން ސަރުކާރުން ވޯޓަށް މި އަހަނީ އައްޑޫގެ ތިން އަވަށް އެ ސިޓީން މުޅިން ވަކިވެ ތިން ރަށެއްގެ ގޮތުގައި އޮތުމަށެވެ. އެ ވޯޓުގެ ނަތީޖާ ނުކުންނަ ގޮތަކުން: 

  • އައްޑޫ އެއް ބައްރަކަށް އޮންނަ ފޭދޫ ވަކި ރަށަކަށްވެ ވަކި ކައުންސިލެއް އުފެދިދާނެ 

  • ހުޅުމީދޫ ވެސް އައްޑޫން ވަކިވެ އަދި ހުޅުދޫ، މީދޫ ވެސް ވަކި ދެ ރަށަކަށް ވެދާނެ

ވަކިން އޮންނަ ހުޅުމީދޫ އައްޑޫގެ ގުޅިފައިވާ ރަށްތަކާ އެކު އައްޑޫގެ ބައެއްގެ ގޮތުގައި އޮންނާތީ އެކަމާ މެދު އެ ދެ ރަށުގެ މީހުންގެ މެދުގައި އަބަދު ވެސް ޝަކުވާ އޮވެ އެވެ. އަދި އެއްބައްރަކަށް އޮތް ނަމަވެސް ހުޅުދޫ އާއި މީދޫ އަކީ ވެސް ވަކި ދެ ރަށުގެ ގޮތުގައި ބޭއްވުމަށް ވެސް ބައެއް މީހުން ތާއީދު ކުރެ އެވެ. 

އެކަމަކު، ބޮޑު މަސްލަހަތު އޮތީ އައްޑޫގެ ހުރިހާ ރަށެއް ސިޓީއެއްގެ ގޮތުގައި އޮތުމުގެ މައްޗަށް ކަމަށް ބަލައި ސަރުކާރުތަކުން އެކަމަށް އޮތީ މިހާތަނަށް ޖާގަ ނުދީ އެވެ. 

ބައިބައިކޮށްލަނީ ހީލަތްތެރި ރޭވުމެއްގައި

އައްޑޫއަށް ނިސްބަތްވާ، ސޯޝަލް މައްސަލަތަކުގައި ވަކާލާތުކުރައްވާ އެކްޓިވިސްޓެއް ކަމަށްވާ މިދުއަމް ސައުދު ވިދާޅުވި ގޮތުގައި، ހުޅުމީދޫ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅަން އެ ހިސާބުގެ ގިނަ މީހުން ބޭނުންވާ ނަމަ އެކަމަށް ޖާގަ ދިނުން އެއީ އޭގެ ޒާތުގައި މުޅިން ގޯސްކަމެއްނޫނެވެ.

އެކަމަކު، އެއްފަސްކޮށް އޮންނަ ފޭދޫ ވަކިވާން ވޯޓަށް އެހުމަކީ އައްޑޫގެ އަސްލުވަންތަކަން ގެއްލިގެން ދިޔުން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެކަމުން ފައިދާ ލިބުމަށް ވުރެ މުސްތަގުބަލުގައި އައްޑޫގެ ރައްޔިތުންނަށް ގެއްލުންތަކާ ކުރިމަތިވެދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެއްކޮށް އޮތުމަކީ އައްޑޫ މި އައްޑޫއަކަށް މިވާ ގޮތް. ވަކިވަކިވެ ގަތުމަކީ އައްޑޫގެ ތޮބީއީ ސިފަ ގެއްލިގެން ދިޔުން. ހަގީގަތުގައި އައްޑޫއޭ މި ކިޔެނީ މިހުރިހާ ތަނެއް އެއްވެގެން. މިހެން ބައިކުރީމާ މިވާ ގޮތަކީ ލިންކް ރޯޑް މިސާލަކަށް ބަލަންޏާ ފޭދޫ ވަކިވީމާ ފޭދޫ ފަރާތުގައި އޮންނަ އެ މަގުގެ ބައި ބަލަހައްޓާނީ ކޮން ބައެއްހޭ؟ މިކަހަލަ ކަންކަން ނިކުންނާނީ. ދެން އެ ހިސާބުން މައި ސަރުކާރުން މިފަދަ ކަންކަމާ ހަވާލުވާތަން އަންނާނީ،" މިދުއަމް ވިދާޅުވި އެވެ. 

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

މުޅި އައްޑޫގެ ގުދުރަތީ މުއްސަނދިކަމާއި އެހެން ވެސް ބޮޑެތި އިދާރީ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އަންނަ މިވަރުގެ ވޯޓެއް ނަގާއިރު ހަމައެކަނި އައްޑޫގެ އެންމެ ބައެއްގެ މެދުގައި ވޯޓެއް ނެގުމަކީ ވެސް އިންސާފެއް ނޫނެވެ. މިއީ މުޅި އައްޑޫ ސިޓީގެ މަސްލަހަތު އޮތް ކަމެކެވެ. އެހެން ވީމާ މުޅި ސިޓީގެ ބައިވެރިވުން ވެސް އޮންނަން ޖެހެ އެވެ.

މި އުޅެނީ ސިޓީ ކައުންސިލްގެ ބާރުވެރިކަން ދުއްވާލާފައި ސަރުކާރުން މި ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަގައިގެން އެ ބޭފުޅުންނަށް ސިޔާސީ ގޮތުން ފައިދާވާ ގޮތަށް ކުރިއަށް ގެންދަން.

އިބްރާހިމް ޝިނާޒް / އައްޑޫ ކައުންސިލް މެންބަރު 

އައްޑޫ ކައުންސިލްގައި ހިތަދޫ ކޮރަވަށް ދާއިރާ ތަމްސީލްކުރައްވާ އިބްރާހިމް ޝިނާޒް ވިދާޅުވި ގޮތުގައި، އައްޑޫ ބައިބާކޮށްލަން މަސައްކަތް ކުރުމުގައި ނުބައި ރޭވުމެއް އެބަ އޮތެވެ. އެއީ އައްޑޫ އެއްކޮށް ބާއްވައިގެން ސިޓީ ކައުންސިލެއްގެ ދަށުން ހިންގާ ނަމަ، އައްޑޫގެ ގުދުރަތީ މުއްސަނދިކަމާއި އެހެން ވެސް މުހިންމު ކަންކަމަށް މައި ސަރުކާރަށް ބާރު ފޯރުވަން އުނދަގޫވާނެތީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

ބޭނުމަކީ، ޝިނާޒް ވިދާޅުވި ގޮތުގައި، އައްޑޫގައި ހިއްކާފައިވާ ބިންތަކާއި އާ ރަށްތައް ފަދަ ކަންކަމަށް ސަރުކާރުން ޑިވަލޮޕްމަންޓް އޮފީހެއް ހަދައިގެން ބޭނުން ގޮތެއް ހެދުމެވެ. 

އައްޑޫ ހުޅުމީދޫ (ފޮޓޯ/ދައުރު)

"މި އުޅެނީ ސިޓީ ކައުންސިލްގެ ބާރުވެރިކަން ދުއްވާލާފައި ސަރުކާރުން މި ހުރިހާ ކަމެއްގެ ކޮންޓްރޯލް ނަގައިގެން އެ ބޭފުޅުންނަށް ސިޔާސީ ގޮތުން ފައިދާވާ ކޮންޓްރޯލް ނަގައިގެން ކުރިއަށް ގެންދަން،" ޝިނާޒް ވިދާޅުވި އެވެ.

ހައްލަކީ ވަކިވެ ގަތުމެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާންގެ ވިސްނުމުގައި ވެސް ވަކިވެ ގަތުމަކީ އެއް ގޮތަކަށް ވެސް ހައްލެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ޒަމާނުއްސުރެ އައްޑޫގެ ވެރިކަން ކުރާ ރަށަކީ ހިތަދޫ ކަމަށްވުމާ އެކު އިދާރީ އިންތިޒާމުތައް ގާއިމްވެފައި ހުރި ގޮތުން އެހެން އަވަށްތަކުގެ މީހުންނަށް ދަތިތަކާއި ކަންބޮޑުވުން ކުރިމަތިވާކަމީ ހަގީގަތެކެވެ. 

ނަމަވެސް އެ ކަންކަމަށް ހައްލެއް ގެނައުމުގައި އަޒާން ގަބޫލުކުރައްވަނީ ބައިބައިވާން ނުޖެހޭ ކަމަށެވެ. އެކަތިގަނޑެއްގެ ގޮތުގައި ތިބެ އެކަންކަމަށް ހައްލު ހޯދޭނޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. 

"އެންމެން މިހާރު ވެސް ތިބި ގޮތަށް، އެކަތިގަނޑެއްގެ ގޮތުގައި ތިބެ، ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ރާވާފައި ހުރި ގޮތްތަކަށް ބަދަލުތަކެއް ގެނެސްގެން ކުރިއަށްދެވޭނެ،" އެ ބަދަލުތައް ގެންނަން މަޝްވަރާކުރަން ތައްޔާރުކަން ފާހަގަ ކުރައްވައި އަޒާން ވިދާޅުވި އެވެ.

އައްޑޫ ލިންކް ރޯޑް ހިމެނޭ ސަރަހައްދުގައި ބަޔަކު

ކުރިން ވެސް ވާހަކަ ދެއްކެވި ޝިނާޒް ވެސް ގަބޫލުކުރައްވާ ގޮތުގައި ވަކިވެ ވަގުތަކީ ތަރައްގީއަށް ވެސް އެކަމުން ހުރަސް އެޅޭނޭ ކަމެކެވެ. އަދި ސިޓީން ވަކިވެ، ވަކި ރަށަކާއި ކައުންސިލެއް ވުޖޫދު ކުރި ނަމަވެސް އެކަމުން ނަތީޖާ ނުނެރެވޭނޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބްލޮކް ގްރާންޓް ނުވަތަ ސަރުކާރުން ދޭ ފައިސާގެ ނިސްބަތް އޭރުން ވަކި ރަށަކަށް ބޮޑުވި ނަމަވެސް އެ ފައިސާއިން ކުރަން ޖެހޭ އިދާރީ ހަރަދުތައް ބޮޑުވެ އޭގެއިން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރާނޭ ފައިސާ ބޮޑުވުމެވެ. 

ޝިނާޒް ވިދާޅުވި ގޮތުގައި، މުޅި އައްޑޫ ސިޓީ ކައުންސިލަށް ލިބޭ އާމްދަނީގެ %65 އަންނަނީ ހިތަދޫއިންނެވެ. އެހެންވެ، ހިތަދޫއިން ލިބޭ އާމްދަނީ ސިޓީގެ ހުރިހާ އަވަށްތަކުގެ ކަންކަމަށް މިހާރު ހަރަދުކުރެވެ އެވެ. ނަމަވެސް ވަކި ރަށްތަކެއް ހަދައިފި ނަމަ އެ ފައިދާ ނޯންނާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭރުން ވަކިވަކި ރަށްރަށަށް މިހާރު ލިބޭ ވަރަށް ތަރައްގީގެ ކަންކަމަށް އާމްދަނީ ނުލިބޭނޭ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"އާބާދީއެއް އޮވެގެން ތަރައްގީއެއް ވާނީ. ވަކިވެ ގަތީމާ އިހުތިސާސް ވެސް އެ ކުޑަވީ. 12 މިލިއަން ރުފިޔާއިން 40 މިލިއަން ކުރޮސް މި ކުރަނީ މިހާރު އައްޑޫ ސިޓީގެ އާމްދަނީ. އާމްދަނީއެއް ލިބިގެން ކަމެއް ކުރެވޭނީ. އެއްކޮށް ތިބީމާ މިކަން މި ހާސިލްވަނީ. ވަކި ވީމާ ދެން ރަށްރަށަށް ލިބޭނީ ކުޑަ އެއްޗެއް،" ޝިނާޒް ވިދާޅުވި އެވެ. 

ވަކިވެގަނެގެން ތަރައްގީއެއް ލިބޭނޭ ކަމަށް ބެލުމަކީ ވަރަށް ހަނި ވިސްނުމެކެވެ.

އައްޑޫގެ މޭޔަރު ނިޒާރު (ވ) އާއި ރައީސް މުއިއްޒު (ކ) (ފޮޓޯ/ ރައީސް އޮފީސް)

ވޯޓް ނަގަނީ ދޮގުތަކެއްގެ މައްޗަށް

އައްޑޫ ވޯޓް ނެގުމަށް ތާއީދު ކުރާ ފަރާތްތަކުން ފާހަގަކުރާ އެންމެ ބޮޑު ކަމަކީ ހިތަދޫގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ހުރުމުން ހިދުމަތްތައް ހޯދުމަށް އުނދަގޫވުމެވެ. އަދި ހިތަދޫއަކީ އެންމެ އާބާދީ ބޮޑު އަވަށަށްވުމުން އެ އަވަށަށް ނިސްބަތްވާ ކައުންސިލަރުންގެ އަގުލަބިއްޔަތު ސިޓީ ކައުންސިލްގައި އޮތުމަކީ އެހެން އަވަށްތައް ވަރަށް ގިނަ ކަންކަމުން މަހުރޫމްކުރުވާ ކަމެއް ކަމަށެވެ.

އެކަމަކު، ކަން ހަގީގަތުގައިވާ ގޮތަށް ބަލާއިރު ހުޅުމީދޫ މީހުން ހިދުމަތްތައް ހޯދުމަށް ހިތަދޫއަށް އަންނާކަށް ނުޖެހެ އެވެ. ސިޓީ ކައުންސިލްގެ ހުރިހާ ހިދުމަތެއް އެ ތަނުން ލިބޭނޭ މަގު އޮންނަނީ ފަހިކޮށްދީފަ އެވެ. ޝިނާޒް ވިދާޅުވީ އީގަވް ޕޯޓަލްގެ ތެރެއިން އޮންލައިންކޮށް ހުރިހާ ހިދުމަތެއް ލިބޭނޭ މަގު ވެސް ވަރަށް އަވަހަށް ފަހިވާނޭ ކަމަށެވެ. 

"ސިޓީ ކައުންސިލްގެ ހިދުމަތް ހޯދަން އެއްވެސް އަވަށަކުން އަންނާކަށް ނުއެއް ޖެހޭނޭ ކައުންސިލަކަށް. ޑެސްކްތައް އަވަށު އޮފީހުން އެ ހިދުމަތްތައް ލިބެން ހުންނާނެ. އެހެން ވީމާ މިއީ ވަކިވެ ގަންނަން ދައްކާ ހަމަ ބަހަނާއެއް. އޭގައި ހަގީގަތް އޮތްކަމެއް ނޫން،" ޝިނާޒް ވިދާޅުވި އެވެ.

އެއްކޮށް އޮތުމަކީ އައްޑޫ މި އައްޑޫއަކަށް މިވާ ގޮތް. ވަކިވަކިވެ ގަތުމަކީ އައްޑޫގެ ތޮބީއީ ސިފަ ގެއްލިގެން ދިޔުން. ހަގީގަތުގައި އައްޑޫއޭ މި ކިޔެނީ މިހުރިހާ ތަނެއް އެއްވެގެން.

މިދުއަމް ސައުދު

ހިތަދޫއަށް ނިސްބަތްވާ ކައުންސިލަރުންނަށް ކައުންސިލްގައި މެޖޯރިޓީ ލިބެނީ މޭޔަރުގެ ވެސް ވޯޓާ އެކު އެވެ. ވޯޓް އެއްވަރު ވެގެން ނޫން ގޮތަކަށް މޭޔަރަކަށް ކަންކަމުގައި ވޯޓެއް ނުދެވެ އެވެ. މިހާތަނަށް އެގޮތަށް ވޯޓް ދޭން ޖެހިފައި އޮތީ ދެފަހަރު އެވެ. އެ ދެފަހަރު ވެސް މޭޔަރު ވޯޓް ދެއްވާފައި އޮތީ ހިތަދޫގެ މަސްލަހަތާ ދެކޮޅަށެވެ.

އައްޑޫ ސިޓީ ކައުންސިިލުން ބޭއްވި ބައްދަލުވުން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

މީގެ އިތުރަށް ހިތަދޫގެ މަސްލަހަތު ވަރަށް ގިނަ ކަންކަމުގައި ކައުންސިލްގައި ކަންކަން ނިމިފައި ހުރީ ހިތަދޫގެ މަސްލަހަތުތަކާ ދެކޮޅަށެވެ. 

"މިއީ ހަގީގަތް ފެންނަން އޮތް ގޮތަކީ. ގިނައީ ދޮގު ވާހަކަ ވޯޓް ނަގަން މި ދައްކާ ވާހަކައިގައި. މިއީ ވަކި ބަޔަކު އެ މީހުން ބޭނުންވާ ގޮތަށް ކައުންސިލްގެ ތެރެއިން ކަންކަން ނުވީމާ އެކަމާ ރުޅި އައިސްގެން ކުރަން އުޅޭ ކަމެއް. އެ މީހެއްގެ އަމިއްލަ ކަމެއް ނުވެގެން ކުރަން އުޅޭ ކަމެއް،" ޝިނާޒް ވިދާޅުވި އެވެ. 

ކޮމެންޓް (6)

ސައީދު

20 އޮކްޓޯބަރު 2025
ނާއިފުގެ މި ލިއުމުގައި ހަގީގަތެއް ނެތް. ޣައިރުގާނޫނީ ގޮތުންއައްޑޫ ސިޓީ ކައުންސިލް އުފެއްދި ފަހުން ރަށްރަށަށް ލިބުނު ކުރިއެރުމެއްނެތް. ރަށްރަށުގެ އިދާރީ ހިންގުން އަޅުވެތިވެ ތަރައްގީގެ ހުއްޓިއްޖެ. ސިޓީ ކައުންސިލެއްގެ ދަށުގައި ނެތް ރާއްޖޭގެ ކުދިކުދި ރަށްރަށް ކުރިއަށް ދެމިލައިފި. ހިތަދޫގެ އަޅުވެތިކަމުގެ ދަށުގައި އަބަދު ތިބޭކަށް ނުޖެހި ފޮޅާލަން ޖެހޭނީ. ރަށުގެ ބާރު ދޭންވީ ރަށުގެ ރައްޔިތުންނަށް.
0 0

ހައްޕު

14 އޮކްޓޯބަރު 2025
މިއީ މޯލްޑިވެސް 2.0 އަށް ރަނގަޅަށް ފައްކާކުރުމަށް ކުރާ ކަމެކޭ. އައްޑޫ ރައްޔިތުން ބައިބައި ވާނެބާ! ހިޔެއްނުވޭ!
1 0

ހުޅުމާލޭ ބޮޑުމީހާ

12 އޮކްޓޯބަރު 2025
އެޗް.ޑީ.ސީ ގެ މުށުން ހުޅުމާލޭގެ މުނިސިޕަލް ކަންކަން އުނިކޮށް ރަށްވެހިކަމުގެ ރޫހުއަންނަ ގޮތަށް “ހުޅުމާލޭ ސިޓީ” އުފެއްދުން ނުހަނު މުޙިއްމު!!!
9 1

ހުސެން

12 އޮކްޓޯބަރު 2025
އައްޑޫ ގައި ކުރަން އުޅޭ ކަމަކީ ކޮންމެ ރަށެއްގައިވެސް އެރަށް ހިންގާނެ ކައުންސިލް އުފައްދައި ގާތުން ހިދުމަތްދީ ފަސޭހަކޮށްދިނުން. އައްޑޫ ބައިބައިކޮށް ވަކިވެގަތުން ކަމަށް ލިޔެ މީގެ މާނަ ނުބައިކޮށް ލިޔެ ނެގުމަކީ ހަގީގަތުގައި ނުބަޔަކީ އަދި ފިތުނައަކީ. އައްޑޫގައި ކުރަން އުޅޭ ކަމަކީ ބައިބައިވެ ވަކިވުމެއް ނޫން.
7 14

ކޮޔާ

12 އޮކްޓޯބަރު 2025
އައްޑޫގެ ކޮންމެ ރަށެއްގައި އެރަށެއްގެ ކައުންސިލުން ހުރިހާ ކަމެއް ނިންމުމުގެ ހައްގު އެ ކައުންސިލަކަށް އޮތުމަކުން އައްޑޫ އަށް ލިބޭނެ ގެއްލުމެއް އަދި ވަކިވުމެއްވެސް ނެތް. މި ލިޔުމުގައިވެސ ހުރީ ހުސް ޚިޔާލީ މައްސަލަތައް. ހަގީގަތާ އެއްގޮތަށް ކަންކަން ގެންދިއުން ރަނގަޅު. އައްޑޫ އޮންނާނީ އައްޑޫ ހަމަ އޮތްގޮތަށް. އެބައިބައިވެ ވައްކެއް ނުވާނެ. ހަމައެކަނި ކުރަން އުޅޭ ކަމަކީ ރަށު ކައުންސިލް ރަށަށް ގެނައުން. އެއީ ހިދުމަތް ގާތުން ހޯދައި ފައިދާ ހުރި ގޮތަށް ކަންކަން އެ ރަށެއްގައި ނިންމުން.
7 13

ޣަލހި

13 އޮކްޓޯބަރު 2025
@ކޮޔާ ކޮންމެހެން މުޅު ވާހަކަ ދައްކާނަ ކަމައްނެއް، ވަކި ވީމެއި އެ ވީ ވަކި
4 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް