ރައީސް މުހައްމަަދު މުއިއްޒު ލ. ފޮނަދޫގައި ރޭ ވާހަކަ ދައްކަވަނީ: މި ރަށުގައި ވާހަކަފުޅު ދައްކަވަމުން އައްޑޫގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ގޮތުން ވެސް ވާހަަކަ ދެއްކެވި (ފޮޓޯ/ ރައީސް އޮފީސް)
އައްޑޫގެ ކޮންމެ ރަށަކަށް އަމިއްލަ ބަޖެޓެއް ލިބޭނީ ވަކި ކައުންސިލެއް ހެދުމުން: ރައީސް
އައްޑު އަތޮޅު އެއް ސިޓީ ކައުންސިލުގެ ދަށުން ހިންގުމުގެ ބަދަލުގައި ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް ހެދުމުން ކޮންމެ ރަށަކަށް އަމިއްލަ ބްލޮކް ގްރާންޓެއް ލިބޭނެކަން، ރައީސް މުހައްމަދު މުއިއްޒު ރޭ ފާހަގަކުރައްވައިފި އެވެ.
ވީކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު އައްޑޫގެ ތިން ރަށެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގަ އެވެ. ވަކި ރަށު ކައުންސިލެއް އޮތުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަނީ ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ ދެކުނަށް އޮންނަ ފޭދޫގަ އެވެ.
މި ވަގުތު ލ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޮނަދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވަނީ އައްޑު އަތޮޅުގެ ވޯޓަށް އަލިއަޅުއްވާލައިފަ އެވެ.
ބުނީ ކީކޭ؟ - އައްޑޫގެ އެ ތިން ރަށުގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލެއް އުފެއްދުމުގެ ކަންތައްތަކުގައި ހައްލެއް ގެނެސްދިނުމަށް އެދި ރިޔާސީ އިންތިހާބުގެ ތެރެއިން ހުށަހެޅުން އައި ކަމަށް ރައީސް ވިދާޅުވި އެވެ.
އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމީ، އެއީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވައުދުވީ ދާއިމީ ހައްލެއް ގެނެސްދިނުމަށް އަޅުގަނޑު މަސައްކަތްކޮށްދޭނަމޭ. އަޅުގަނޑަށް އެކަން ކުރެވޭނީ ރައްޔިތުންގެ ގާތުގައި އަހައިގެން، ގާނޫނީ ނިޒާމުގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ވަކި ނަތީޖާއެއް ބޭނުން ނުވި ނަމަވެސް ވަކި ކައުންސިލެއް އުފެއްދުމުން ކޮންމެ ރަށަކަށް ވެސް އަންނާނެ ބަދަލު ރައީސް ވިދާޅުވެދެއްވި އެވެ. އެގޮތުން:
-
ފޭދޫ ކައުންސިލަށް ލިބޭނެ އަހަރަކު 25 މިލިއަނެއްހާ ރުފިޔާ
-
ހުޅުދޫ ކައުންސިލަށް ލިބޭނީ ގާތްގަނޑަކަށް 13 ނުވަތަ 14 މިލިއަނެއްހާ ރުފިޔާ
-
މީދޫ ކައުންސިލަށް ލިބޭނީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާ
"މިހާރު އޮންނަނީ މުޅި ސިޓީއަށް އެއް ބަޖެޓް. މިހާރު ވަކިންނެއް ފޭދުއަކަށް ވަކި ބަޖެޓެއް ނޯވޭ. ހުޅުދުއަށް، މީދުއަށް ވަކި ބަޖެޓެއް ނޯވޭ،" ރައީސް ވިދާޅުވި އެވެ.
ވަކި ކައުންސިލެއް ހެދުމުން އަންނާނެ ބަދަލު ވިދާޅުވެދެއްވީ އެއީ އެ މަނިކުފާނުގެ ޒިންމާއެއް ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ސަރުކާރުން މީގައި ވަކި ނަތީޖާއެއް ބޭނުން ނުވާ ހާލަތުގައި ވެސް ނިމިގެންދާ ގޮތަކުން ވާނެ ގޮތް ރައްޔިތުންނަށް ބަޔާންކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް ކަމުގައި ފެންނާތީ ދަންނަވާލީ،" ރައީސްގެ އެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވި އެވެ.
އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ވޯޓު ނަގަނީ ރަށު ކައުންސިލް ހެދުމަށް އެދި ރައީސް މުހައްމަދު މުއިއްޒުއަށް ހުށަހެޅުއްވި ރަށްރަށުގަ އެވެ.
ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، އަންނަ ހޮނިހިރު ދުވަހު އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.
2011ގައި އައްޑޫ ސިޓީ ކައުންސިލް އެކުލަވާލި ގޮތަށް އަދިވެސް ހިންގަމުން ދަނީ މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ކޮމެންޓް (1)
ދިއްދާ