ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ރައްޔިތުންގެ މަޖިލީހުގައި ވާހަަކަ ދައްކަވަނީ (ފޮޓޯ/ މަޖިލީސް)

ފޭދޫ އުތުރު ދާއިރާގެ މެންބަރު ނިޒާރު ތާއީދުކުރައްވަނީ އައްޑޫ ސިޓީން ފޭދޫ ވަކި ނުވުމަށް

އައްޑު އަތޮޅުގައި ގުޅިފައިވާ ރަށްތައް ސިޓީ ކައުންސިލްގައި ވަކިނުވެ އޮތުމަށް ތާއީދުކުރައްވާ ކަމަށް، ފޭދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ނިޒާރު ފޭސްބުކްގައި ލިއުއްވާފައިވޭ
18 އޮކްޓޯބަރު 2025

އައްޑު އަތޮޅުގެ ފޭދޫ ހިމެނޭހެން ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް، އައްޑޫ ސިޓީ ކައުންސިލްގައި ފޭދޫ އޮންނަން ފެނިވަޑައިގަންނަވާ ކަމަށް ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީކިިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު މި ފެންނަ ނުފެންނަ ވޯޓު ނަގަނީ އައްޑޫ ފޭދޫގެ އިތުރުން ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި، އައްޑޫގެ ހަ ރަށުގެ ތެރެއިން މި ތިން ރަށުގައި މި ވޯޓު ނަގަން ނިންމީ އެ ގޮތަށް ބަދަލުކޮށްދިނުމަށް އެދި އެ ރަށްރަށުގެ ބައެއް ފަރާތްތަކުން ސަރުކާރަށް ހުށަހަޅާފައިވާތީ އެވެ.

ތަފްސީލް - އައްޑު އަތޮޅުގެ ކޮންމެ ރަށެއްގައި ވަކި ރަށު ކައުންސިލެއް ހެދުމަށް ނިޒާރު މީގެ ކުރިން ތާއީދުކުރައްވައި ސޮއިކުރައްވާފައިވާ ލިޔުމެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން، ނިޒާރު ފޭސްބުކްގައި ލިއުއްވީ މިހާރު އޭނާ ގަބޫލުކުރައްވާ ގޮތް ބަދަލުވެފައިވާ ކަމަށެވެ.

"އައްޑޫ ކައުންސިލް މިހާރު އެކުލެވިފައިވާ ގޮތް ބަދަލުކުރުމަށް އެދި [ރައީސް މުހައްމަދު މުއިއްޒުއަށް] ފޮނުވި ސިޓީއެއްގައި ސޮއިކުރީ އޭރު ލިބިފައިވާ މައުލޫމާތަކަށް ބުރަވެ ހުރެ،" ނިޒާރު ފޭސްބުކްގައި ލިއުއްވާފައިވެ އެވެ.

ނަމަވެސް މިދިޔަ އަހަރު ދުވަހު ކުރެވުނު ތަޖުރިބާ އާއި ލިބުނު މައުލޫމާތުތަކުގެ އަލީގައި އޭނާ މިހާރު ގަބޫލުކުރައްވަނީ އައްޑޫގެ ގުޅިފައިވާ އަވަށްތައް އެކުގައި ސިޓީ ކައުންސިލްގައި ތިބެން ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އައްޑޫ ސިޓީ މިހާރު އެކުލެވިފައިވާ ގޮތް ބަދަލުވީމައި އެއިން ލިބޭ ކުރިއެރުމާއި ލިބޭނެ ނިކަމެތިކަން އަދި ފެންމަތިވެދާނެ ގިނަ ކަންކަމަށް ރިއާޔަތްކޮށް އަޅުގަނޑު ވާނީ އައްޑޫ ސިޓީ ގުޅިފައިވާ އަވަށްތައް އެކީގައި އޮތުމަށް އަޅުގަނޑަށް ފެންނަ ކަމަށް ދަންނަވާފައި،" އޭނާ ވިދާޅުވި އެވެ.

ގުޅިފައިވާ އަވަށްތައް ކަމަށް ނިޒާރު އެ އިޝާރާތްކުރައްވަނީ އެ އަތޮޅު ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އަދި ފޭދޫއަށެވެ. ތިން ފަސްގަނޑަކަށް އޮންނަ މި ހަތަރު ރަށް އޮންނަނީ ލިންކް ރޯޑްއަކުން ގުޅާލާފަ އެވެ. މަރަދޫފޭދޫއަކީ މަރަދޫއާ އެއްފަސްގަނޑަކަށް އޮންނަ ރަށެކެވެ.

މި ރަށްތަކުގެ ތެރެއިން ވޯޓު މި ނަގަނީ ފޭދޫގައި އެކަންޏެވެ. މަރަދޫފޭދޫއަށް އުފަން ނިޒާރުގެ ޕޯސްޓްގައި ހުޅުދޫ އާއި މީދޫއާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފޭދޫ ވަކިނުވަން ނިޒާރު ތާއީދުކުރެއްވި ނަމަވެސް ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމު ކުރައްވާނެ ކަމަށް ވެސް އޭނާ ލިއުއްވާފައިވެ އެވެ.

ފާހަގަކޮށްލެވޭ - އައްޑޫ ސިޓީ ކައުންސިލުން ފޭދޫ ވަކިނުވުމަށް ނިޒާރު ތާއީދުކުރައްވާއިރު، މަޖިލީހުގައި ދެން ފޭދޫ ތަމްސީލްކުރައްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ (އައިބީ) ތާއީދުކުރައްވަނީ ފޭދޫގައި ވަކި ރަށު ކައުންސިލެއް ގާއިމުކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ނިޒާރު ތަމްސީލްކުރައްވާ ފޭދޫ އުތުރު ދާއިރާއަކީ، މަރަދޫއާ އެއްފަސްގަނޑަކަށް އޮތް ނަމަވެސް ވަކި ރަށެއް ގޮތުގައި ބަލާ މަރަދޫފޭދޫ އާއި ފޭދޫގެ އުތުރު ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ދާއިރާއެކެވެ.

މަޖިލީހުގައި އަމިއްލަ ގޮތުން އިންނަވާ، އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން ވެސް ވަނީ މީދޫގައި ވަކި ރަށު ކައުންސިލެއް ގާއިމުކުރުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރައްވައިފަ އެވެ.

އެނގުން މުހިންމު - އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ. 

މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

ވަކި ސަރަހައްދެއްގައި ވެސް ހިޔާލު ހޯދުމުގެ ވޯޓު ނެގޭ ގޮތަށް ގާނޫނެއް އެކުލަވާލުމަށް ފަހު، މި މަހުގެ 25ގައި އައްޑޫގައި ނަގާ ވޯޓަކީ އެ ގާނޫނުގެ ދަށުން ރާއްޖޭގައި ނަގާ ފުރަތަމަ ވޯޓެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް