އައްޑޫގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފާސްކުރުމަށް ބޭއްވި ކެބިނެޓު ބައްދަލުވުން (ފޮޓޯ/ރައީސް އޮފީސް)
މަރަދޫ އާއި މަރަދޫފޭދޫގައި ވޯޓު ނުނަގަނީ އެ ރަށްރަށުން އެ ކަމަށް ނޭދޭތީ
އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ނަގާ ވޯޓުގައި ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫ ނުހިިމަނަނީ އެ ރަށްރަށުން އެ ގޮތަށް ނޭދޭތީ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ވީކިހިނެއް؟ - ރައީސް އޮފީހުން ރޭ ނެރުނު ލިއުމުގައާއި ރައީސް މުހައްމަދު މުއިއްޒު ކުރެއްވި ޕޯސްޓްގައިވާ ގޮތުން ވެސް ވަކި ރަށު ކައުންސިލެއް ހަދަން ވޯޓު ނަގަނީ އައްޑު އަތޮޅު ފޭދޫ، މީދޫ، އަދި ހުޅުދޫގަ އެވެ.
އެހެންވެ ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫގައި އެ ވޯޓު ނުނަގަނީ ކީއްވެގެންތޯ ސޯޝަލް މީޑިއާގައި ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
ތަފްސީލް - ސަރުކާރުގެ އިސް އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމިއިރުގައި އައްޑޫގެ ތިން ރަށެއްގައި ވޯޓު ނުގަނަން ނިންމީ އެ ރަށްރަށުން އެ ކަމަށް ސަރުކާރުގައި އެދިފައި ނުވާތީ ކަމަށެވެ.
"ރަށު ކައުންސިލް ހަދަން ވެގެން ސަރުކާރުގައި ރިކުއެސްޓްކޮށްފައިވަނީ ފޭދޫ، މީދޫ، ހުޅުދޫން،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.
މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.
ފާހަގަ ކުރެވޭ - އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން 'އައްޑޫ ރުޅާލަން' ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް (3)
ސިކުނޑި
ސިކުނޑި
އެނީ