މިއަދުގެ ކެބިނެޓު ބައްދަލުވުން (ފޮޓޯ/ރައީސް އޮފީސް)

އައްޑޫ

އައްޑޫ ކައުންސިލް އޮންނަ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ވޯޓު މި މަހު ނަގަނީ

ކެބިނެޓުން ނިންމީ މި މަހުގެ 24 އަދި 25 ވާ ހަފުތާ ބަންދުގެ ތެރެއިން ދުވަހެއްގައި ވޯޓު ނަގަން

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ނަގާ ވޯޓު މި މަހުގެ ފަހުކޮޅު ނެގުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިއަދު ބުނީ އެ ވޯޓު ނަގަނީ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް ބޭނުންވާ ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ރައީސަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ތަފްސީލް - އައްޑޫ އަތޮޅުގެ ހުރިހާ ރަށެއް ހިމެނޭހެން އެއް ސިޓީ ކައުންސިލެއް އޮތުމާ ގުޅޭ ގޮތުން އައްޑޫގެ ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ގެނެސްދިން 'ރައްޔިތުންނާ އެކު' ޕޮޑުކާސްޓުގަ އެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި، އެ ވޯޓު ނެގުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރަން ނިންމާފައިވާ ކަމަށެވެ.

ކެބިނެޓުން ނިންމާފައިވަނީ:

  • އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫގެ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް

  • އައްޑޫ ހުޅުދު އާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް

މި ވޯޓުގައި އެ ރަށްރަށުގެ ރެޖިސްޓްރީގައިވާ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ހުރިހާ ރައްޔިތުން ބައިވެރިވާ ގޮތަށް ވޯޓު ކުރިއަށްގެންދަން ކެބިނެޓުން ނިންމީ މި މަހުގެ 24 އަދި 25 ވާ ހަފުތާ ބަންދުގެ ތެރެއިން ދުވަހެއްގަ އެވެ.

ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިހުތިސޯޯސަށް އައިސްދާނެ ބަދަލުތައް ދެނެގަތުމަށް ލޯކަލް ގަވަމެންޓު މިނިސްޓްރީން އެކުލަވާލާ ޓީމަކުން އައްޑޫގެ ރަށްރަށުގެ އިހުތިސޯސާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް މިއަދު ވަނީ ނިންމައިފަ އެވެ.

އެނގުން މުހިންމު - އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.

މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.

ފާހަގަ ކުރެވޭ- އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން 'އައްޑޫ ރުޅާލަން' ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް